Support Us

ކީރިތި ރަސޫލާ ބިރުފުޅުގަންނަވާ ދިހަ އާފަތެއް

ربُّ العزة سبحانه އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ކައު މުޞްޠަފާ ސިފަކުރައްވައިފައި ވަނީ ((لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ [1])) މި ބަސްފުޅުންނެވެ. މާނައަކީ ((ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.))

އެކަލޭގެފާނު މި އުންމަތް ރައްކައުތެރިކުރެއްވުމަށް ޓަކައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް  ވަނީ ބަޔާންކޮށްދެއްވައިފައެވެ. މި އުންމަތާ  ކުރިމަތިވެދާނެ ބޮޑެތި އާފަތްތަކެއް ބަޔާންކޮށްދެއްވުމަށްފަހު މި އާފަތްތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ.މި އާފަތްތައް މިހާރު ދަނީ ފާޅުވަމުން ފެންނަމުންނެވެ.

ކީރިތި ރަސޫލާ ﷺ ފާހަގަ ކުރައްވައިފައިވާ ދިހަ އާފަތަކީ:-

  • ލޫޠު ޤައުމުގެ މީހުންގެ ކުޅި: މިއީ މި ޒަމާނުގައި އަލުން އާލާވަމުންދާ ބަދުއަޚްލަޤީ ފާޙިޝް ޢަމަލެކެވެ. ޝަޚްޞީ މިނިވަންކަމުގެ ނަމުގައި މިއަދު ފިރިހެނުންނާއި ފިރިހެނުން ، އަންހެނުންނާއި އަންހެނުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގައެވެ.ލޫޠު ޤައުމުގައި އުޅުނު  ފިރިހެނުން އެއް ޖިންސުން ޖިންސީ ގުޅުންތައް ހިންގައިފައިވާ ކަން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ޙަދީސްފުޅުތަކުން އެނގެއެވެ. އެމީހުންނަށް މާތްﷲ ދެއްވި ޢަޒާބުގެ ވާހަކަތައް ޤުރްއާނުން އެނގެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنّ أخوَفَ ما أخافُ على أمَّتي عَملُ قومِ لوطٍ [2]– ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ އުންމަތަށް އެންމެ ބޮޑަށް ބިރުފުޅު ގަންނަ ކަމަކީ ލޫޠު ޤައުމުގެ ޢަމަލެވެ.)) ކީރިތި ރަސޫލާ ﷺ އިތުރަށް ޙަދީސްކުރެއްވިއެވެ. ((مَن وجَدْتُموه يعمَلُ عمَلَ قومِ لوطٍ فاقتُلوا الفاعلَ والمفعولَ به [3]– ލޫޠު ޤައުމުގެ ޢަމަލު ހިންގާ މީހަކު ތިޔަބައިމީހުންނަށް ފެނިއްޖެނަމަ އެ ޢަމަލު ހިންގާ ދެ މީހުން މަރާށެވެ!))

ލޫޠު ޤައުމުގެ މީހުން ފިރިހެނުން ފިރިހެނުންނާއެކު ޖިންސީ އަރާމު ޙާޞިލުކުރުމުގެ ބަދުއަޚްލާޤީ ޢަމަލު އީޖާދު ކުރިއެވެ. ލޫޠުގެފާނު އެމީހުންނަށް މާތްﷲއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމަށް ގޮވައިލެއްވިއެވެ. މި ފާޙިޝް ޢަމަލުތަކާ ދުރުހެލިވުމަށް އެންގެވިއެވެ.އެމީހުން އުޅުނު ސަރަޙައްދުގެ ނަމަކީ ސަދޫމެވެ. އެމީހުން މި ބަދުއަޚްލާޤީ ފާޙިޝް ޢަމަލު ހިންގަމުން ގޮސްފައިވަނީ އެމީހުންގެ ނާދީތަކުގައި އެންމެންގެ ތާއީދާއެކުގައެވެ. ވެރިކަމުގެ ފަރާތުން ވެސް އެކަމަށް ހިތްވަރު ލިބިގެންނެވެ. މާތް ﷲ އެ ރަށް ބަންޑުން ޖައްސަވާ ހަލާކު ކުރެއްވީ  ޖިބްރީލުގެފާނު ފޮނުއްވައެވެ. މިއަދު އެ ސަރަޙައްދު ފެންނަން އެ އޮތީ މަރުވިކަނޑުގެ ގޮތުގައެވެ. އެއީ އެއްވެސް ދިރޭ އެއްޗެއް ނޫޅޭ ލޮނު ރަހަ އިންތިހާއަށް ގަދަ ކަނޑެކެވެ. މި ފާޙިޝް ޢަމަލު މުސްލިމުންގެ ތެރޭގައި ފެތުރިގެން ދިޔުމަކީ ލޮބުވެތި ރަސޫލާ އެކަމާމެދު ބިރުފުޅުގަންނަވާ ކަމެކެވެ. މި ޒަމާނުގައި މި ޢަމަލު ކުރާމީހުންނަށް ﷲގެ ކޯފާ ފޮނުއްވައިފައި ވަނީ އެއިޑްސް ބަލީގެ ގޮތުގައެވެ. އަދިވެސް ވަނީ މި ބައްޔަށް ފަރުވާއެއް ނުފެނިފައެވެ.

  • ﷲއަށް އަޅުކަންކުރުމާއި ކިޔަމަންގަތުމުގައި ކަންނެތްވުން: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ މާތް ﷲ ރުއްސުންލެއްވި މުޢާޛު ބިން ޖަބަލަށް ޙަދީސްކުރެއްވިއެވެ. ((من لقيَ اللهَ لا يشرِكُ بهِ شيئًا دخَلَ الجنَّةَ فقال يا رسولَ اللهِ أفلا أبشِّرُ النّاسَ قال إنِّي أخافُ أن يتَّكِلوا[4]– ﷲއާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރާ ޙާލު ﷲއާ ބައްދަލުވާ މީހާ ސުވަރުގެ ވަންނާނެއެވެ. އެ ކަލޭގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑު މީސްތަކުންނަށް މި ހެޔޮ ޚަބަރު ދެންތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުން ބިރުފުޅު ގަންނަނީ އެބައިމީހުން ކަންނެތްވެ ފަރުވާކުޑަކޮށްފާނެތީއެވެ.))
  • ދުނިޔޭގެ އަރާމުތަކަށް ޓަކައި ވާދަވެރިވުން: މާތްﷲ ރުއްސުންލެއްވި ޢުޤްބަތު ބިން ޢާމިރުގެ އަރިހުން ރިވާވެގެން ވެއެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ ބޭރަށް ނުކުމެވަޑައިގެން އުޙުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުންގެ މައްޗަށް ކަށުނަމާދު ކުރާ ގޮތަށް ނަމާދު ކުރެއްވިއެވެ. އެއަށްފަހު މިންބަރަށް އަރައިވަޑައިގެން ޙަދީސް ކުރެއްވިއެވެ. ((إني فَرَطٌ لكم، وأنا شهيد عليكم، وإني والله لَأنظر إلى حوضي الآن، وإني أُعطِيتُ مفاتيح خزائن الأرض- أو مفاتيح الأرض- وإني والله ما أخاف عليكم أن تشركوا بعدي، ولكن أخاف عليكم أن تنافسوا فيها [5]– ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ތިމަންކަލޭގެފާނު ވަޑައިގަންނަވާނަމެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ހެކިވެރިޔަކީމުއެވެ. މާތް ﷲ ގަންދެއްވާ ޙަދީސް ކުރައްވަމެވެ. ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ފެންއާރުކޮޅަށް މިހާރު ބައްލަވަމުން އެބަ ގެންދަވަމެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ބިމުގެ ޚަޒާނާތަކުގެ ތަޅުދަނޑި ލިބިވަޑައިގަތްފިއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ﷲއަށް ތިޔަބައިމީހުން ޝަރީކުކޮށްފާނެތީ ބިރުފުޅެއް ނުގަނެއެވެ. އެހެނަސް ތިމަންކަލޭގެފާނު ބިރުފުޅުގަންނަނީ ދުނިޔޭގެ އަރާމަށް ޓަކައި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް އަރާރުން ވެދާނެތީއެވެ.)) ކީރިތި ރަސޫލާ ﷺ މި ބަސްފުޅުގައި މި އިޝާރާތް ކުރައްވަނީ އިސްލާމީ ދައުލަތް ފެތުރި ފުޅައުވެގެންދިޔުމަށެވެ. ޤައުމުތައް ފަތަޙަވެގެން ދިޔުން ސިފަކުރައްވައިފައި މިވަނީ ޚަޒާނާތަކުގެ ތަޅުދަނޑިތައް ކަމަށެވެ. ބިންތައް ފަތަޙަވުމުގެ ސަބަބުން އިސްލާމީ ދައުލަތުގެ ތަނަވަސްކަމާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުވުމަށެވެ. މިއީ ރަސޫލާގެ މުޢުޖިޒާތީ ބަސްފުޅުތަކުގެ ތެރޭގައި ހިމެނޭ ބަސްފުޅެކެވެ. އެކަލޭގެފާނު ބިރުފުޅުގަންނަނީ މި ތަނަވަސްކަމާއި މުއްސަނދިކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި މުދަލަށް ޓަކައި ވާދަވެރިކަން ބޮޑުވެގެންގޮސް މުސްލިމުންގެ މެދުގައި ތަޅައިފޮޅުންތައް ފެށިދާނެތީއެވެ.
  • މަގުފުރައްދާ އިމާމުން: ކީރިތި ރަސޫލާ ﷺ ބިރުފުޅުގަންނަ ކަންތައްތަކުގެ ތެރޭގައި ޢިލްމާއި މަޢުލޫމާތުނެތި ފަތުވާދީ މީސްތަކުން މަގުފުރައްދާ އިމާމުން ވެއެވެ.މާތް ﷲ ރުއްސުންލެއްވި ޘައުބާން ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّمَاأَخَافُ عَلَى أُمَّتِي الأئِمَّةَ المُضِلِّينَ [6]– ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިމަންކަލޭފާނުންގެ އުންމަތުގެ މައްޗަށް ބިރުފުޅުގަންނަނީ މަގުފުރައްދާ އިމާމުންނާ ހެދިއެވެ.)) މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުންގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((تأتي على النّاسِ سَنواتٌ خدّاعاتٌ يُصَدَّقُ فِيها الكاذِبُ، ويُكَذَّبُ فيها الصّادِقُ، ويُؤْتَمَنُ فيها الخائنُ ويُخَوَّنُ فيها الأمِينُ، ويَنْطِقُ الرُّوَيْبضة قيلَ: يا رسولَ اللهِ وما الرُّوَيْبضةُ؟ قالَ: الرَّجلُ التّافِهُ يتَكَلَّمُ في أمرِ العامَّةِ [7]– މީސްތަކުންނަށް އޮޅުވައިލެވޭ އަހަރުތަކެއް އަންނާނެއެވެ. މި ދުވަސްތަކުގައި ދޮގުހަދާ މީހާގެ ބަސް ތެދުކުރާނެއެވެ.ތެދު ބުނާ މީހާގެ ބަސް ދޮގު ކުރާނެއެވެ. ޚިޔާނަތްތެރިޔާ އަމާނަތްތެރިއަކަށް އަދި އަމާނަތްތެރިޔާ ޚިޔާނަތްތެރިއަކަށް ހަދާނެއެވެ. އަދި ރުވައިބިޟާއިން ބަސްކިޔާން ފަށާނެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! ރުވައިބިޟަކީ ކާކު ތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އެއީ ޢާންމުންގެ ކަންތައްތަކާބެހޭގޮތުން ވާހަކަ ދައްކާ ހަދާ ދޭސީ މީހާއެވެ.))
  • ދޫ ހިނގާ މުނާފިޤު: ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުންގެ އުންމަތުގެ މައްޗަށް ބިރުފުޅުގަންނަ ކަންތައްތަކުގެ ތެރޭގައި ދޫ ފަށުވި، ބަސް ރިވެތި  ދެފުށް ދެ ގޮތް މީހާ ވެއެވެ.އޭނާއަށް  ލިބިފައިވާ ފަޞާޙަތްތެރިކަމާއި ބަސްމަގު ރިވެތިކަމުން އޭނާ މީސްތަކުންނަށް މަގުއޮޅުވައިލައި ވައުވައްދަތެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިނުލް ޚައްޠާބު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنّ أخوَفَ ما أخافُ على أمَّتي كلُّ مُنافقٍ عَليمِ اللِّسانِ [8]– ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ އުންމަތުގެ މައްޗަށް އެންމެ ބިރުފުޅު ގަންނަނީ ދޫހިނގާ މުނާފިޤު މީހާ ދެކެއެވެ.)) އޭނާގެ  ވާހަކަ ރީތިކަމާއި ފަށުވިކަމުން އާދައިގެ މީހާގެ މައްޗަށް ބާރުފޯރުވުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުންނާނެތީއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((يَخْرُجُ فِي آخِرِ الزَّمَانِ رِجَالٌ يَخْتِلُونَ الدُّنْيَا بِالدِّينِ، ‏‏‏‏‏‏يَلْبَسُونَ لِلنَّاسِ جُلُودَ الضَّأْنِ مِنَ اللِّينِ، ‏‏‏‏‏‏أَلْسِنَتُهُمْ أَحْلَى مِنَ السُّكَّرِ، ‏‏‏‏‏‏وَقُلُوبُهُمْ قُلُوبُ الذِّئَابِ، ‏‏‏‏‏‏يَقُولُ اللَّهُ عَزَّ وَجَلَّ:‏‏‏‏ أَبِي يَغْتَرُّونَ أَمْ عَلَيَّ يَجْتَرِئُونَ، ‏‏‏‏‏‏فَبِي حَلَفْتُ لَأَبْعَثَنَّ عَلَى أُولَئِكَ مِنْهُمْ فِتْنَةً تَدَعُ الْحَلِيمَ مِنْهُمْ حَيْرَانًا [9]– ފަހު ޒަމާނުގައި ބަޔަކު އަންނާނެއެވެ. އެބައިމީހުން ދުނިޔެއަށް ޓަކައި ދީން އޮޅުވައިލާނެއެވެ. އެބައިމީހުން އެއީ ޒާހިދުންކަން ދެއްކުމަށް ޓަކައި ކަންބަޅީގެ ކެހެރި ފޭރާން ލާނެއެވެ. އެބައިމީހުންގެ ބަސްތައް ހަކުރަށްވުރެ ފޮނިވާނެއެވެ. އެބައިމީހުންގެ ހިތްތައް ހަރުކަށިކަމާއި ރުޅިވެރިކަމުގައި މިނިކާ ކުއްތާގެ ހިތްތަކާ އެއްފަދަވާނެއެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރައްވާނެއެވެ. އެބައިމީހުން ތިމަން ރަސްކަލާނގެ ވަޖްހުފުޅަށް ހެއްލުންތެރިވަނީ ހެއްޔެވެ؟ ނުވަތަ އެބައިމީހުން ތިމަންރަސްކަލާނގެއަށް ޖެހިލުންކުޑަކޮށްލަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ ޒާތުފުޅު ގަންދެއްވާ ވަޙީކުރައްވަމެވެ. އެބައިމީހުންގެ މައްޗަށް ގަދަފަދަ ފިތުނައެއް ފޮނުއްވަވާ ހުށީމެވެ. މި ފިތުނައިގެ ސަބަބުން އެބައިމީހުންގެތެރޭގައި ހުރި ޙިލްމުވެރިޔާ ވެސް ޙައިރާންވެގެންދާނެއެވެ.)) މާތްﷲ ރުއްސުންލެއްވި އަލްޢައްބާސް ބިން ޢަބްދުލްމުއްޠަލިބުގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((يَظهَرُ الدِّينُ حتى يُجاوِزَ البِحارَ، وتُخاضَ البِحارُ في سَبيلِ اللهِ، ثمَّ يأتي مِن بَعدِكم أقوامٌ يَقرَؤونَ القرآنَ، يقولونَ: قد قَرأْنا القرآنَ، مَن أقرأُ مِنّا؟ ومَن أفقَهُ مِنّا؟ ومَن أعلَمُ مِنّا؟ ثمَّ التَفَتَ إلى أصحابِه فقال: هل في أولئكَ مِن خَيرٍ؟! قالوا: لا. قال: أولئكَ منكم، مِن هذه الأُمَّةِ، وأولئكَ هم وقودُ النارِ [10]– ކަނޑުތައް ހުރަސްކޮށް ﷲގެ މަގުގައި ޖިހާދު ކުރުމުގެ ސަބަބުން ދީން ފާޅުވެގެންދާނެއެވެ. ދެން ތިޔަބައިމީހުންގެ ފަހުން އަންނަ މީހުން ޤުރްއާން ކިޔަވާނެއެވެ. އަދި ބުނާނެއެވެ. އަހުރެމެން ޤުރްއާން ކިޔަވައިފީމެވެ. އަހުރެމެންނަށްވުރެ މޮޅަށް ޤުރްއާން ކިޔަވަން އެނގޭ ބަޔަކު އެބަ ތިބިހެއްޔެވެ؟ އަހުރެމެންނަށްވުރެ ފިޤްހުވެރި ބަޔަކު އެބަ ތިބިހެއްޔެވެ؟ އަހުރެމެންނަށްވުރެ ޢިލްމުވެރި ބަޔަކު އެބަ ތިބި ހެއްޔެވެ؟ އެއަށްފަހު އެކަލޭގެފާނު އެކަލޭގެފާނުންގެ އަޞްޙާބުންނާ ދިމާއަށް އެނބުރިވަޑައިގެން ޙަދީސްކުރެއްވިއެވެ. އެމީހުންގެތެރޭގައި ހެޔޮ ލަފާ މީހަކު އެބަ ހުރިހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެބައިމީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން ވާ ބައެކެވެ. މި އުންމަތުގެ ބައެކެވެ. އެބައިމީހުންނަކީ ހަމަ ނަރަކައިގެ ދަރެވެ.))
  • ރިބާ: މުސްލިމުންގެ ތެރޭގައި ރިބާގެ މުޢާމަލާތުތައް ފެތުރިގެން ހިނގައިދާނެތީ ކީރިތި ރަސޫލާ ﷺ ބިރުފުޅުގަތެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވާ ގޮތުގައި އެއީ ބަރަކާތް ނައްތައިލާ ކަމެކެވެ.އެއީ ޤައުމުތަކުގެ އިޤްތިޞާދު ހަލާކުކޮށް އިނދަޖައްސައިލާ ކަމެކެވެ. މިއަދުގެ ދުނިޔެއިން އެކަން ދަނީ ވަރަށް ސާފުކޮށް ފާޅުވަމުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((لا تبيعوا الدِّينارَ بالدِّينارينِ ولا الدِّرْهمَ بالدِّرْهمينِ ولا الصّاعَ بالصّاعينِ إنِّي أخافُ عليْكم الرَّما والرَّما الرِّبا[11] – ތިޔަބައިމީހުން ދެ ދީނާރަށް ދީނާރެއް ދެ ދިރްހަމަށް ދިރްހަމެއް ދެ ޞާޢަށް ޞާޢެއް ނުވިއްކާށެވެ. ތިޔަބައިމީހުންގެ މައްޗަށް ރަމާ ވެރިވެގަތްފާނެތީ ބިރުފުޅު ގަނެއެވެ. ރަމާއަކީ ރިބާއެވެ.)) ރިބާއަކީ ކީރިތި ޤުރްއާނުގެ ނައްޞުން ޙަރާންކުރައްވައިފައިވާ މުޢާމަލާތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٧٥﴾‏ يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ [12]– رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.  الله،  رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ.))
  • ރާއްސަށް ވާރޭ ވެހުން ނިސްބަތްކުރުމާއި ޙާކިމާގެ އަނިޔާވެރިކަމާއި ޤަޟާޤަދަރު ދޮގުކުރުން: މާތްﷲ ރުއްސުންލެއްވި ޖާބިރު ބިން ސަމްރަތުގެފާނުންގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((ثَلاثٌ أخافُ على أُمَّتي: الاستِسقاءُ بالأنواءِ، وحَيْفُ السُّلطانِ، والتَّكذيبُ بالقَدَرِ [13]– ތިމަންކަލޭގެފާނުންގެ އުންމަތުގެ މައްޗަށް ތިން ކަމަކާހެދި ބިރުފުޅު ގަންނަމެވެ. އެއީ ވާރޭވެހުން ރާއްސަށް ނިސްބަތްކުރުމާއި ޙާކިމާގެ އަނިޔާވެރިކަމާއި ޤާޟާޤަދަރު ދޮގުކުރުމެވެ.))
  • ކަންދެއްކުން: ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنّأخْوَفَ ما أخافُ عليكم الشِّركُ الأصغَرُ، قالوا: يا رسولَ اللهِ، وما الشِّركُ الأصغَرُ؟ قال: الرِّياءُ، إنّ اللهَ يقولُ يومَ تُجازى العِبادُ بأعمالِهم: اذْهَبوا إلى الذين كنتُم تُراؤون بأعمالِكُم في الدنيا، فانظُروا هل تَجِدون عِندَهم جَزاءً [14]– ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބޮޑަށް ބިރުފުޅުގަންނަ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކު ވެއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ކަންދެއްކުމެވެ. ހަމަކަށަވަރުން އަޅުތަކުން ކުޅަ ޢަމަލުތަކަށް ޖަޒާދެއްވާ ދުވަހުން ﷲ ވަޙީކުރައްވާނެއެވެ.ދުނިޔެމަތީގައި ތިޔަބައިމީހުން ކުޅަ މަސައްކަތްތައް އެ މީހުންނަށް ދެއްކި މީހުންގެ ގާތަށް ދާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތަކަށް އެމީހުންގެ ކިބައިން ޖަޒާއެއް ލިބޭތޯ ފަހެ ބަލާބަލާށެވެ!))
  • ޢިލްމުވެރީންގެ ބަސްއޮޅުންތަކާއި އަނިޔާވެރި ނިޔާއާއި ހަވާނަފްސަށް ތަބާވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنِّي أخافُ على أمَّتي من بعدي من أعمالٍ ثلاثٍ قالوا: ما هيَ يا رسولَ اللهِ؟ قال: زلَّةُ عالِمٍ، أو حُكْمٌ جائرٌ، أو هوًى متَّبعٌ[15] -ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ތިމަންކަލޭގެފާނުންގެ އުންމަތުގެ މީހުން ކުރާނެ ތިންކަމަކާމެދު ބިރުފުޅު ގަންނަމެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ޢިލްމުވެރިޔާގެ ބަސްއޮޅުމާއި   އަނިޔާވެރި ނިޔާއާއި ހަވާނަފްސަށް ތަބާވުމެވެ.
  • ދައްޖާލު: ކީރިތި ރަސޫލާ ﷺ ވަނީ ދައްޖާލުގެ ފިތުނަވެރިކަމުގެ ޚަބަރު ދެއްވައިފައެވެ. ދައްޖާލަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ. ދައްޖާލާ ދިމާވެއްޖެނަމަ ކަހްފު ސޫރަތް ފެށޭ އާޔަތްތައް ކިޔެވުމަށް އަންގަވައިފައި ވެއެވެ.

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ދައްޖާލު ފިޔަވާ އެހެން ހުރިހާ ޢަލާމާތްތަކެއް މިހާރު ވަނީ ފާޅުވެފައެވެ. އެކަންކަން ވަނީ އުންމަތާ ކުރިމަތިވެފައެވެ. އެ ކަންތައްތައް ދަނީ ހިނގަމުންނެވެ. މި އާފަތްތަކުން އަޅަމެން ސަލާމަތް ކުރައްވާށިއެވެ! އާމީން!

 

[1]  – التوبة: 128

[2]  – أخرجه الترمذي (١٤٥٧)، وابن ماجه (٢٥٦٣)، وأحمد (١٥٠٩٣)

[3]  – أخرجه أبو داود (٤٤٦٢)، والترمذي (١٤٥٦)، وابن ماجه (٢٥٦١)، وأحمد (٢٧٣٢)

[4]   – أخرجه البخاري (١٢٩) ومسلم (٣٠)

[5]  – صحيح الجامع  ( 2456  )

[6]  – أخرجه أبو داود (٤٢٥٢) والترمذي (٢٢٢٩)، وأحمد (٢٢٣٩٣)

[7]  – أخرجه ابن ماجه (4036) وأحمد (7912)

[8]  – أخرجه أحمد (١٤٣) ، وعبد بن حميد (١١)، والبزار (٣٠٥)

[9]  – أخرجه الترمذي (٢٤٠٤) وابن المبارك في «الزهد والرقائق» (٥٠)، وهناد في «الزهد» (٢/٤٣٧).

[10] – أخرجه ابن المبارك في «الزهد» (٤٥٠)، وأبو يعلى (٦٦٩٨)، وأبو بكر الشافعي في «الفوائد» (٢٨٤)

[11]  – أخرجه أحمد (٥٨٨٥) والطبراني (١٣/١٩٦) (١٣٩٠٦)

[12]  –  البقرة : 275 – 276

[13]  – أخرجه أحمد (٢٠٨٦٤)، والبزار (٤٢٨٨)، وأبو يعلى (٧٤٦٢)

[14]  – أخرجه أحمد (٢٣٦٣٦) والبيهقي في «شعب الإيمان» (٦٨٣١)، والبغوي في «شرح السنة» (٤١٣٥)

[15]  – ذخيرة الحفاظ ٢‏/١٠٠٨

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *