Support Us

ކޮލަމް ކަލާވެހި: ޢާންމު ރައްޔިތުންގެ އެންމެން ތިޔަބޭފުޅުންހާ މޮޅަށް "ޑިޖިޓަލް" ވާނޭ ކަމަށް ނިންމެވީމައި…

އަޅުގަނޑުމެންގެ ކަރަންޓު ކުންފުނި 'ސްޓެލްކޯ’ގެ ފަރާތުން ފެނުނު ކަމެކެވެ. މިވެނި ބާވަތެއްގެ މަސައްކަތެއް މިވެނި ސަރަޙައްދެއްގައި ކުރާތީ، މިވެނި މަގުތަކާއި ގޯޅިތަކާ ގުޅިފައި ހުރި މިވެނި ހިސާބުތަކުން މިވެނި ދުވަހެއްގެ މިވެނި ގަޑިން ފެށިގެން ހަމަ އެދުވަހުގެ މިވެނި ގަޑިޔަކަށް ކަރަންޓު ކެނޑިދާނޭ ކަން އިޢުލާންކުރެއްވީއެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނޭ ދަތިތަކަށްޓަކައި ޚިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކުގެ މަޢާފަށްވެސް އެދިލެއްވީއެވެ. މީޑިޔާއިންނެވެ. އަދި ކަރަންޓު ކެނޑިދާނޭކަމަށް އެ ބުނުއްވާ ސަރަޙައްދުގައި ހުންނަ ކަރަންޓު މީޓަރުތަކާ ގުޅޭ އެކައުންޓުތަކުގެ ވެރީން ގެންގުޅޭ ފޯނުތަކަށް ފޮނުއްވި އެސް.އެމް.އެސް މެސެޖު ތަކަކުންވެސް މެއެވެ.

އަޅެ ކިހައި ރީތިތޯއެވެ؟ ޓީ.ވީ އަޑުއަހައިލައި، ނޫސްތައް ބަލައިލައި، އަމިއްލަ ފޯނަށް އަންނަ މެސެޖުތައްވެސް ކިޔައިލައި އުޅޭ މީހުންނަށް ކިހައި ފަސޭހަތޯއެވެ؟ ދެތިން ދުވަހެއް، ނުވަތަ އަވަސް ކަމެއް ނަމަ ދެންވެސް އެއް ދުވަސް ނަމަވެސް ދެއްވައިފައި އެ އަންގަވާ އެންގެވުން އެންގެވީމައި، ޢާންމު ކަންކަމުގައި ކަރަންޓު ބޭނުންކުރާ މީހުންނަށް ދުރާލައި ތައްޔާރުވާންވެސް އެނގޭނެ ނޫންތޯއެވެ؟ އަދި ޚާއްޞަ ކަންކަމުގައި ކޮންމެހެން ހިންގާން ޖެހޭ އެކި ބާވަތުގެ އާލާތް ބޭނުންކުރާ މީހުންވެސް އެހެން ގޮތްގޮތް ހޯދައި މަތިކުރާން އެނގޭނޭ ނޫންތޯއެވެ؟ ކުންފުނީގެ ނަން މިތާނގައި މިދެންނެވީ މިހެންވެގެންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ޢާންމު ޚިދުމަތެއް ދޭ ފަރާތަކުން ކަންކުރާންވީ ގޮތުގެ ނަމޫނާ އެ ދައްކަވަނީ 'ސްޓެލްކޯ’އިންނެވެ! އެ ފަރާތަށް ޝުކުރިއްޔާއެވެ!

އެހެންނަމަވެސް، ބައެއް އެހެން ފަރާތްތަކުން ކަންކުރައްވަނީ ހަމަ އެހެން ތޯއެވެ؟ އެ ރޫޙުގައި ތޯއެވެ؟ ހިތާމަޔާއެކު ދަންނަވަން ޖެހެނީ ނޫނެކޭއެވެ! ތަކުރާރުކޮށްވެސް ދަންނަވަން ޖެހެނީ ނޫނެކޭއެވެ!

މިސާލެއް ދަންނަވާނަމެވެ.

ޢާންމުން ދިރިއުޅޭ ތަނެއްގައި މަދަނީ ގޮތުން ބޭނުންވާނޭ ތަފާތު އެކި ޚިދުމަތްތައް ދިނުމާއި، އެތަނެއްގައި އިންސާނުންނަށް ހަމަޖެހިގެން ދިރިއުޅެވޭނޭ ސިފަތަކެއް އެތަނަކާ އެކަށީގެންވާ ޞައްޙަ މަގަކުން ދެމެހެއްޓުމަކީ އެތަނެއްގެ މަދަނީ ކަންކަން ހިންގައި ބެލެހެއްޓުން ބޮލަރުވައިގެން ތިބޭ މީހުންނާއި މުއައްސަސާތަކުގެ މައްޗަށް ލާޒިމުވާނޭ ކަންކަން ކަން ކަށަވަރެވެ. ކަރަންޓާއި، ފެނާއި، މުވާޞަލާތީ ގުޅުންތަކުގެ ވިޔުގަތައް އަޅައި، ހިންގައި، ބަލަހައްޓައި، ދެމެހެއްޓުމަކީ މީގެ ތެރޭގައި ހިމެނޭނޭ ކަންކަމެވެ. ހަމަ އެހެންމެ، ތަނުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ވެށީގެ ދުޅަހެއުކަމާއި މި ހުރިހައި ކަމަކީވެސް ހަމަ އޭގެ ތެރޭގައި ހިމެނޭނޭ ކަންކަމެވެ. ތަނުގައި ހިމެނޭ ގޯތިގެދޮރުގައި ދިރިއުޅޭ ބަޔަކަށް ކާރިސާއެއް ދިމާވެގެން އަވަހަށް އެތަންތަނުން ނިކުންނާނޭ މަގު ބަންދުނުވެ ހުޅުވިފައި އޮތުމާއި، ޚާއްޞަ ޙާލަތެއް ކުރިމަތިވެގެން އެމްބިޔުލަންސެއް ގާތްކުރާން ވެއްޖެނަމަ އެކަމަށްވެސް ހުރަސް ނުއެޅޭނޭ މަގުން ތަން ހަމަ އަބަދުމެ ދެމެހެއްޓުމަކީވެސް އޭގެ ތެރޭގައި ހިމެނޭނޭ ކަންކަމެވެ. އަދިވެސް އެކަހަލަ އެހެން ކަންކަން ހުންނާނެއެވެ. ވިސްނި ކޮންމެ މީހަކަށް އެޒާތުގެ ކަންކަމުގެ ފުރިހަމަ ލިސްޓެއް ވަރަށް ފަސޭހައިން ހަދައިލެވޭ ގޮތަށެވެ.

'ސްޓެލްކޯ' ކުންފުނިން މުހިންމު ކަމަކު ކަރަންޓު ކަނޑުއްވައިލައްވަން ވީމައި ދުރާލައި އެ އަންގަވާ ގޮތަށް، ބައެއް އެހެން ޚިދުމަތް ދެއްވާ ބައެއް ފަރާތްތަކުން އެ ގޮތަށް ނުއަންގަވާ ކަން ތިޔަ ބޭފުޅުންނަށް ފާހަގަކުރެއްވޭތޯއެވެ؟ އަދި އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ކަރަންޓު ހިނގައްޖެނަމަ ގުޅާނޭ، އަދި ގުޅާއިރަށް ނިސްބަތުން އަވަހަށް ފޯނުނަގާ، އަދި ވެގެން އޮތް އުޅޭ ގޮތެއް ބުނެދިނުމާއެކު ހަމަ އެހައި އަވަހަށް މައްސަލަ ޙައްލުވެސް ކޮށްދޭ '104′ އެއް ކޮންމެކޮންމެ ފަރާތަކުން އެންމެނަށް އެނގޭގޮތަށް އިޢުލާން ކުރައްވައިގެން ނުގެންގުޅުއްވާކަން ފާހަގަކުރެއްވޭތޯއެވެ؟

ދިވެހި ރައްޔިތުންކުރެ ތިމަންބޭފުޅުން ނޫން ދެން އެހެން އެންމެންނަކީ ހުކުރުހޮނިހިރު ދެދުވަހު ހައްދަވައިގެން މަސައްކަތެއް ނުކޮށް ގޭގައި އަޗާތަޅަށް ނޫނީ ދެފައިދަމައިފައި ނިދާން ތިބޭ ބަޔެކޭ ބައެއް ތަންތަން ހިންގަވަން ތިއްބަވާ ބޭފުޅުންނަށް ހީފުޅުވާ ކަހަލައެވެ. އަދި ހަފުތާބަންދުގެ އެ ދެ ދުވަސް ފިޔަވައި ދެން އެ އޮންނަ ފަސް ދުވަހުވެސް އާދައިގެ މީހާ މަސައްކަތު ދާނީ ހެނދުނު އަށެއް ޖަހައިލާ އިރުއޭ، ލަސްވެގެން އިރުއޮއްސޭއިރު ގެޔަށް ވަންނާނެޔޭވެސް އެ ބޭބޭފުޅުން ހީފުޅުކުރައްވާ ކަހަލައެވެ. އަދި ހަމަ އެހެންމެ، މިދެންނެވި ޒާތުގެ ޢާންމު ރައްޔިތުންނަކީ މެންދަމު ބާރަޖެހީމައި ނިދާފައި ފަތިސްނަމާދަށް ތެދުވީމައި އެ ލިބޭ ހަތަރުފަސް ގަޑިޔެއްގެ ނިދިން ފުދި ބާކީވެސް ވާ ބަޔެކޭވެސް ހީފުޅުކުރައްވާ ކަހަލައެވެ. އަދި ދަންނަވަންތޯއެވެ! ދެރަ ނިކަމެތި ޢާންމު ރައްޔިތުންގެ ތެރޭގައި އުޅޭ މީހުންގެ ތެރެއިން ޑިޔުޓީޔަށް މަސައްކަތު ނިކުންނަ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިފައިންނާއި، ފުލުހުންނާއި، ތަންތަނުގައި ރޭފާރަޔަށް ހޭލައި އެ ތިބޭ ވޮޗަރުން ފަދަ މީހުން މަތީން މި ދެންނެވި ޒާތުގެ ބޭބޭފުޅުން ހަނދުމަފުޅެއްވެސް ނުހުންނަ ފަދައެވެ.

ޢާންމުން ދިރިއުޅޭ ތަނެއްގައި މަދަނީ ގޮތުން ބޭނުންވާނޭ ތަފާތު އެކި ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް، ހަމަ އެއްވެސް ކަހަލަ އެންގުމަކާނުލައި ޓަސްލައިފައި އެ ކަނޑައިލަނީ އެހެންވެ ނޫންތޯއެވެ؟

މިދޭތެރެޔަކުން އަޅުގަނޑަށް ދިމާވި ކަމެކެވެ. އެ ރެޔަކު، މެންދަމާ ވަރަށް ގާތްވެފައި ހުއްޓައި، ކުރީން މި ދެންނެވި، ޢާންމުން ދިރިއުޅޭ ތަނެއްގައި މަދަނީ ގޮތުން ބޭނުންވާނޭ ތަފާތު އެކި ޚިދުމަތްތަކާއި ސިފަތަކުގެ ތެރެއިން ކަމެއް ހަމަ ޓަސްލައިފައި ކެނޑިއްޖެއެވެ. ދުރައިލައި އެންގުމެއް، އަހައިލުމެއް ކަހައިލުމެއް ނެތިއެވެ. އެކަމުގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާޔަށް އެތަކެއް ތަކުލީފުވެސް އުފުލާން ޖެހުނެވެ. އެކަމާ ވިދިގެން ދެންވީ ގޮތް އައްސަވާށެވެ!

ވީ އެއްޗެއް ވީ، އެހެންނޫންތޯއެވެ؟ އެހެންކަމުން އަޅުގަނޑުމެންނަށް ދިމާވި މައްސަލަ އެވަގުތަށް އޮތް އެންމެ ފަސޭހަ ގޮތަކަށް، މިހައިރުގެ އެންމެ "ހިޓު" ގޮތަށް އަމިއްލަ ފަރުދީ ޒިންމާގެ ދަށުން ޙައްލުކޮށްފައި، މި ވެގެން އުޅޭ ގޮތެއް ބަލައިލާން އަޅުގަނޑު މަގުމައްޗަށް ނިކުމެއްޖައިމެވެ. އަދި، ނަސީބު ރަނގަޅުކަމުންވެސް ކަންނޭނގެޔޭ، ކަމާ ރަސްމީގޮތުން ޙަވާލުވާން ޖެހޭ ފަރާތުގެ ދެތިން މީހަކާވެސް އަޅުގަނޑާ މަގުމަތީން ދިމާވެއްޖެއެވެ. އަދި މި ދެންނެވި މީހުންނަކީ އަޅުގަނޑު ދެކެފަރިތަ، ސަލާންގަލާން ކޮށްލައި އުޅެވޭ ވަރުގެ، ރައްޓެހީންވެސް މެއެވެ. އެހެންކަމުން، މި ވީ ކިހިނެއްތޯ އަޅުގަނޑު އެމީހުން ގާތު އަހައިލައިފީމެވެ. އަދި އެމީހުން ކޮށްގެން އެ އުޅޭ ވަރުގެ ކަމެއް ކުރާން ރާވާއިރު، އެ ހިސާބުގަނޑުގައި އުޅޭ މީހުންނަށް އެކަން ދުރާލައި އަންގައިލާނޭ ނަމަ ކިހައި ރަނގަޅުހޭވެސް އަހައިލެވިއްޖެއެވެ.

އަސްތާ، އަޅުގަނޑަށް އެ ބުނެވުނީ ބުނެގެން ނުވާނޭ އެއްޗެކޯލައެވެ. އަދި އެހެން ބުނުމާ ވިދިގެން އެ މީހުން އަޅުގަނޑަށް ބުނެދިނީ އަޅުގަނޑަކީ ގަމާރެއް ކަން އަމިއްލަޔަށް ޤަބޫލުކުރާށޭއެވެ. އެމީހުން އަޅުގަނޑަށް އަންގައިދިނީ އަޅުގަނޑަކީ ނުކިޔަވާ ހުރި މީހެއް ކަމެވެ. އަޅުގަނޑަކީ ޒަމާނަށް ނުފެތޭ، ބޮލުރޮދި ކެނޑިފައި ހުރި ގަބިޔާއެއް ކަމެވެ. އެންމެ މިހައިރުގެ ޑިޖިޓަލް ޓެކްނޯލޮޖީ  އެމީހުން ދަސްކޮށްގެން އެ ތިބަ ވަރަށް ދަސްކޮށްގެން ނޫނީ ދެން މި ރާއްޖޭގައި އަޅުގަނޑަށް ދިރިނުއުޅެވޭނޭ ކަމަށާއި، ކޮންމެވެސް ނާތަހުޒީބު ޤައުމަކަށް ހިޖުރަކުރާށޭވެސް ބުންޏެވެ. ދުނިޔޭގެ ތަންތަނަށް ޖެހޭ އޮޔާއި ވައި އަޅުގަނޑަށް ޢަމުދުން ނޭނގެންޏާ އަނގަހިމޭނުންލައިގެން މަޑުން ހުންނާށޭވެސް ބުންޏެވެ. ދެން މިހެންގޮސް، އަޅުގަނޑުގައި ހުރި އުނި އެތައް ކަމެއް އެ މީހުން އަޅުގަނޑަށް އަންގައިދީ، ކަންކުރާންވީ ގޮތްތައްވެސް ބުނެދީފިއެވެ. އެ މީހުން އެހެން އެ ބުނީ އެ މީހުން ކުރާން އުޅޭ ކަންތައް އޭގެ ހަ ގަޑިއިރު ކުރީން ޢާންމުކޮށް އިޢުލާން ކޮށްފައި އޮންނާނެތިއްޔޯލައެވެ! އަދި އަޅުގަނޑު އެ އިޢުލާނު ނުބަލައި ހުރިކަން އެއީ އަޅުގަނޑުގެ ކުށް ކަމަށް ވާތިއްޔޯލައެވެ!

އެ މީހުން އެ ބުނި އިޢުލާނެއް ޝާއިޢު ކުރީ ކޮންތާކުތޯ، އެންމެނަށް އެނގޭގޮތް ހެދީ ކޮން ވަޞީލަތަކުންތޯ އަހައިލީމައި އެ މީހުން ބުނީ އިޢުލާނުކުރީ އެމީހުންގެ ވެބްސައިޓުގައި އެކަނި ކަމަށެވެ. އަދި މީޑިޔާގައި އެ އިޢުލާނު އޮންނާން ނުޖެހޭ ކަމަށެވެ. އަދި އެސް.އެމް.އެސް ވެސް ނުފޮނުވާނޭ ކަމަށެވެ. އަދި އެގޮތަށް ކަން ކުރުން އެއީ މިހައިރު "ހަމަޖެހިފައި އޮންނަ ޒަމާނީ ގޮތް" ކަމަށެވެ!

އެ މީހުން ކަން އެ ކުރަނީ ހަމަޖެހޭ ގޮތަކަށް ކަމަށް ވަންޏާ، އަދި އެއީ ރާއްޖޭގެ ކަމުވޮށިގެންވާ ފަރާތްތަކުން ޞައްޙަ ކަމަށް ޤަބޫލުކުރައްވާ ގޮތް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް މިހައިރު މި ޖެހެނީ، ކުރީން ދެންނެވި ފަދަ، ޢާންމުން ދިރިއުޅޭ ތަނެއްގައި މަދަނީ ގޮތުން ބޭނުންވާނޭ ތަފާތު އެކި ޚިދުމަތްތަކާއި ސިފަތައް ދެމެހެއްޓުން އެ މުއައްސަސާތަކެއްގެ މައްޗަށް ލާޒިމުވާ އެކި ވަކި މުއައްސަސާގެ ވެބްސައިޓުތައް ހަމަ އަބަދާ އަބަދު ބަލަބަލައި ތިބޭން ދެއްތޯއެވެ! އެހެން އެއްވެސް މަސައްކަތެއް ނުކޮށް، ނިދިފިޔައެއްވެސް ނުޖަހައި، އަރުތެރެޔަށް ފެންފޮދެއް ފަނިފޮދެއް އަޅައިލާންވެސް ދުރަށް ޖެހިނުލައި، އެތައް ވެބްސައިޓެއް ބަލައިލަބަލައިލައި ތިބޭން، އެހެންނޫންތޯއެވެ! އަޖާޢިބެއް ފަހެ ނުވާނޭ ތޯއެވެ!

ދެން އެހެންވެއްޖިއްޔާ، ކީއްކުރާ މީޑިޔާއެއްތޯއެވެ؟ ކީއްކުރާ ފޯނެއް ތޯއެވެ؟ ޚިދުމަތަކަށް އެދޭއިރު ފުރާން ޖެހޭ ބޮޑެތި ދިގު ފޯމުގައި ފުރިހަމަ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރާއި އީމެއިލް އެޑްރެހަށް ދާންދެން ޖަހަން މަޖުބޫރުކުރުވަނީ ހަމަ މަޖަލަކަށްތޯއެވެ؟

އަދި ދަންނަވަންތޯއެވެ! އެހެން އެ ބުނާ ގިނަ ފަރާތްތަކުގެ ވެބްސައިޓުތައް ހުންނަނީވެސް އިނގިރޭސިބަހުންނެވެ. ނުވަތަ ދިވެހިބަހާއެކު ފަރުމާކޮށްފައި ހުއްޓަސް، 'ޑީފޯލްޓް' އިން އިނގިރޭސި ބަހުން 'ލޯޑް' ވެފައި، ކޮންމެވެސް ތާކު ލެޓިން އަކުރުން ލިޔެފައި އޮންނަ DHIVEHI 'ލިންކް' އަކަށް ފިތައިގެން ދިވެހިބަހުގެ ބައި ހޯދާން ޖެހޭ ގޮތަށެވެ. ޙައިރާނެއް ފަހެ ނުވާނޭތޯއެވެ! އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި އުޅޭ ހަމަ އެންމެންނަކީ އިނގިރޭސިބަހާއި ލެޓިން އަކުރަށް ހަމަ އެހައި ފަރިތަ ބަޔަކީތޯއެވެ؟

ނޫނެކެވެ! ތަކުރާރުކޮށް މިދަންނަވަނީ ނޫނެކޭއެވެ! އަޅުގަނޑަށް ފެންނަ ގޮތުގައި 'ސްޓެލްކޯ’އިން ކަން އެކުރައްވަނީ ރަނގަޅަށެވެ. އަޅުގަނޑުމެން ކަހަލަ ރާއްޖެޔެއްގައި ކަންކުރާން އޮންނަ، ކުރެވޭންވެސް އޮންނަ ރީތި ގޮތަށެވެ. އެހެން ފަރާތްތަކުން އެގޮތަށް ކަން ކުރައްވާނޭ ނަމަ….

އެ ނޫން ގޮތްގޮތަށް ކަން ކުރާ ފަރާތްތަކުގެ ވެބްސައިޓުތަކަށް އަބަދު ވަދެ އިންނާން، ނޫނީ ޓުވިޓަރަށް އަބަދު ލޮގުވެގެން އިންނާން، ފޭސްބުކް ލައިވްތައް ސައުވީސް ގަޑިއިރު ބަލައި، ވައިބަރު ކަފާސްވަންދެން ގުރޫޕްތަކުގައި އުޅެ، ކުލަބުހައުސް ގައި ވައިއަނގަތަޅާން އިނދެ، ވަޓްސެޕުން ފަނިގިރައިގެން ބޮއި، މިހެން އުޅުމަކީ ދައުލަތެއްގެ ފަރާތުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއް ދޭން ޙަވާލުވެފައިވާ ފަރާތަކުން އެ ފަރާތުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މަޖުބޫރު ކުރެވިގެންވާނޭ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެން އަދި އެހައި ހިސާބަކަށް ނުދަމެވެ. އަދި ދުނިޔޭގައި އެކަން އެގޮތަށް އޮންނަ އެހެން ޤައުމެއްގެ ވާހަކައެއްވެސް އަޅުގަނޑަކު ވާ ނުއަހަމެވެ.

ނޫނެކެވެ! ޢާންމު ރައްޔިތުންގެ އެންމެން ތިޔަބޭފުޅުންހާ މޮޅަށް "ޑިޖިޓަލް" ވާނޭ ކަމަށް ނިންމަވާ ބޭފުޅުންނަށް ތިޔަ ހެއްދެވެނީ ގޯހެކެވެ. އެކަން ޤަބޫލުފުޅު ކުރައްވާށެވެ! އަޅުގަނޑުމެން، ނިކަމެތި ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަކީ އިންޓަނެޓާ އެހައި ރައްޓެހި މީހަކަށް ނުވެ ހިނގައިދާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ކޮމްޕިޔުޓަރު ބޭނުންކުރާން ނޭނގޭ އެތައް އެތައް ރައްޔިތުންނެއް އެބަ ތިއްބެވެ. އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ގަންނާނޭ ފައިސާ ކޮންމެވެސް ގޮތަކުން ޗަލުވައިލައިގެން  އަތަށް އަރުވާން ނޭނގުމުން، ނުވަތަ އެ ނޫން ސަބަބަކަށްޓަކައި ނަމަވެސް ބައްތިފޯނު ގެންގުޅޭ މީހުންވެސް އަދި އެބައުޅެއެވެ. އެކަމަކު އެމީހުންގެވެސް މަދަނީ ޙައްޤުތައް ތިޔަ ބޭފުޅުންގެ މަދަނީ ޙައްޤުތަކަށް ވުރެ ހަމަ އެންމެ ތަންފުކެއްވެސް މަދެއް ނުވާނެއެވެ. ކުޑައެއްވެސް ނުވާނެއެވެ. އެކަން ޤަބޫލުފުޅު ކުރައްވާށެވެ. އަދި 'ސްޓެލްކޯ’އިން ކަންކުރައްވާ ގޮތް ބައްލަވައިގެން އެހެން ހައްދަވައިލައްވާށެވެ! ފައިދާވާނީ ހަމަ އެންމެންނަށެވެ.