Support Us

ކޮލަމް: ދޭހަ

ކޮލަމް ދޭހަ: ބިމާ ބެހޭ ގޮތުން އަމަލުކުރާ ސިޔާސަތާ މެދު ވިސްނަންވެއްޖެ

ސަރުކާރުން ބިމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތާ މެދު ދެވަނަ ވިސްނުމަކަށް ދިއުމުގެ ފުރުޞަތު އަތުވެއްޖެއެވެ. މިހާރު ބިމާ ބެހޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރާއްޖޭގެ ދުރު މުސްތަޤްބަލަށް ބަލާފައި އެކުލަވާލެވިފައި އޮތް ސިޔާސަތެއް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ބިމާ ބެހޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިންމާ ނިންމުންތަކަށް ބަލާއިރު ބިމާ ބެހޭގޮތުން ޤައުމީ ސިޔާސަތެއް އޮންނަ ކަމަށް ޤަބޫލުކުރަން ވެސް އުނދަގުލެވެ. ބިމަކީ ރާއްޖޭގައި ރަނަށްވުރެ އަގުބޮޑު އެއްޗެކެވެ. އަދި އެހާ ތަދު އެއްޗެކެވެ. ބިން ހޯދުމަށް އެތައް އުނދަގުލެއް އުފުލަންޖެހެއެވެ. އަދި ބައެއް މީހުން އެތައް އަހަރެއްގެ ދިގު އިންތިޒާރެއް ކުރަންޖެހެއެވެ. އަނެއް ބަޔަކުގެ މުޅި ދިރިއުޅުން ނިމިގެންދަނީ އެ އިންތިޒާރުގައި ތިބެއެވެ.

ތެދުފުޅެކެވެ. ޤަދީމީ ޒަމާނުއްސުރެ ރާއްޖެ އިން ގޯއްޗަށް އެދޭ ކޮންމެ މީހަކަށް ބޭނުން ވަރަކަށް ގޯތި ދިނުމަށް ރާއްޖޭގެ ރަށްރަށުގައި ބިން އޮތެވެ. އެއިރު ރާއްޖޭގައި އޮތީ ވަރަށް ކުޑަ އާބާދީއެކެވެ. ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން ވަރަށް ކުޑައެވެ. ޒަމާނީ ބޭސްފަރުވާ ކުރެވެން ނެތުމާއި، ލިބެން ހުންނަ ކާނާގެ ޒައީފްކަމުން ވަރަށް ޒުވާން އުމުރުގައި ރާއްޖޭގައި މީހުން މަރުވިއެވެ. ވަރަށް ގިނަ ރަށްރަށުގައި، އެ ރަށެއް އުފެދުނީއްސުރެ ލިބުނު ބިމުން ރައްޔިތުންގެ ބޭނުންތަކަށް ފުއްދާލެވެއެވެ. ރާއްޖޭގައި ގޯތި ދޫކުރަމުން ގެންދިޔައީ ހިލެއެވެ. އެ ޒަމާނުގައި މާލޭގެ ބައެއް ގޯތިތަކުގައި ކުނިކަހާނެ މީހަކު ނުވެގެން އަވަށު އޮފީހުން ބައެއް މީހުންނާ ބޮޑެތި ގޯތި ހަވާލުކުރަން އުޅުނުކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެމީހުންނަށް ކުނިނުކެހޭނެ ކަމަށް ބުނެ ބައެއް މިހުން ގޯއްޗާ ހަވާލު ނުވެއެވެ. މާލޭގައި ސަރުކާރުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ގޯތި، އެ ޒަމާނުގައި އެހާ ބޮޑުވެފައި އޮތީ، އެބޭފުޅުންގެ ގޯތިތަކުގައި ކުނިކަހާނެ މީހުން ލިބިވަޑައިގަންނަވާތީވެއެވެ. އަތޮޅުތަކުން އަންނަ މީހުން ލައްވައެވެ. ގިނަ ފަހަރަށް އެއްވެސް މުސާރައަކާ ނުލައެވެ. ކާންދީފައި ނިދާނެތަނެއް ދައްކައިގެންނެވެ. ނުވަތަ އެމީހަކު ބޭނުންވާ ކޮންމެވެސް ކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމުންނެވެ.

މިހާރު މިއޮތީ ޒަމާން ބަދަލުވެފައެވެ. ރާއްޖޭގެ ވަރަށް މަދު ރަށެއްގައި ނޫނީ ބިމުގެ ދަތިކަން އިންތިހާދަރަޖަ އަށް އޮވެއެވެ. ބައެއް ރަށްރަށުން ބޭނުންވާ ވަރަށް ބިން ނުލިބުމުން ބިން ހިއްކަނީއެވެ. ހިއްކި ބިމާއި ޤުދުރަތީ ގޮތުން ރަށަށް ލިބިފައި އޮންނަ ބިމާ ވަރަށް ތަފާތެވެ. ބިން ހިއްކަނީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިން ޚަރަދުކޮށްގެންނެވެ. ލޯނު ނަގައިގެން ބިން ހިއްކާއިރު ވެސް، އެ ފައިސާ ލޯނު ނެގި ތަނަކަށް ދައްކަންޖެހެއެވެ. ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ނުސީދާ ގޮތުންނާއި ސީދާގޮތުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. މިހެން މިކަން އޮތް އިރު ސަރުކާރުން ހިއްކާ ބިމުން އަމިއްލަ މީހުން ގެދޮރުއެޅުމަށް ހިލޭ ބިން ދޫކުރުމަކީ ބޮޑު ބަހުސެއް ކުރެވިދާނެ މައްސަލައެކެވެ. ހުޅުމާލެއިން ބޮޑު އަގުގައި ބިން ވިއްކަނީ އެވެ. މާލޭ މީހުންނޭ ކިޔާފައި ވަކި ބަޔަކަށް ހުޅުމާލެ އިން ބިން ހިލޭ ދޫކުރުމަކީ އިންސާފްވެރި ނިންމުމެއް ކަމަށް ނުވާނެ ކަމަށް ދެއްކިދާނެ ބައިވަރު ހެކި އެބަހުއްޓެވެ. ރާއްޖޭގެ އަތޮޅުތަކުގައި ވެސް ބިން ދޫކުރަނީ ހިލޭ ކަމަށްވާތީވެ އެއްގޮތަކަށް ނިންމުންތައް ނިންމުމަށް އެގޮތަށް ކަންތައްކުރަނީ ކަމަށް މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެކަމަކު އެއީ ބޮޑު މައްސަލައިގެ ހައްލެއް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ.

ފަތުރުވެރިކަމުގެ ޞިނާއަތު ފުޅާވެފައި އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ބިން ހިއްކައިގެން ގޯއްޗަށް، ހިލޭ ބިން ދޫކުރަނީއެވެ. ބައެއް ރަށްރަށުގައި މިގޮތަށް ދޫކުރެވޭ ބިމުގައި އެ ބިން ދޫކުރެވޭ ފަރާތް އަމިއްލަ އަށް ދިރި ނުއުޅޭނެކަން ޔަޤީނެވެ. ދިރިއުޅެން ބޭނުންވިޔަސް މި، ޚަރަދު ބޮޑު ޒަމާނުގައި އަމިއްލަ އަށް ގެދޮރުއަޅައިގެން އެ ބިމުގެ ބޭނުން ކުރެވޭނީ ކިތައް މީހުންނަށް ތޯއެވެ؟ އެ ބިން ބޭނުން ކުރެވޭނީ ވިޔަފާރީގެ މަސައްކަތަކަށެވެ. ގެސްޓުހައުސް ވިޔަފާރި އަށް ނުވަތަ ދެވަނަ މީހަކަށް އެ ބިން ކުއްޔަށް ދީގެންނެވެ. މިއީ ރައްޔިތުންގެ ފައިސާ އިން ސަރުކާރުން ހިއްކާ ބިން ދޫކުރުމަށް އޮންނަންވީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ އެންމެންގެ ފައިސާއިން ހިއްކާ ބިން ވަކި މީހަކަށް ހިލޭ ދިނުމަށް ހަމަ ގައިމު އަޅުގަނޑު އެއްބަހެއް ނުވާނަމެވެ.

ތެދުފުޅެކެވެ. ބިމާ ބެހޭގޮތުން ނިންމޭ ނިންމޭ ނިންމުންތަކުގައި ފަހު ބަސް ވިދާޅުވެވޭ ފެންވަރުގެ ބޭފުޅަކު ވިދާޅުވި ފަދައިން ބިމުގެ މައްސަލާގައި ސިޔާސީ ކަންތައްތަކެއް އެބައޮތެވެ. އިންތިޚާބުތަކެއް ކުރިމަތިވެފައި އޮތް ދުވަސްވަރެއްގައި ބިމާ ބެހޭގޮތުން އާ ގޮތްތަކެއް ނިންމައިފި ނަމަ އެއީ އިންތިޚާބީ ބަހުސްތަކުގައި ނެގޭ ހޫނުގަދަ މައްސަލައަކަށް ވެސް ވެދާނެއެވެ. ހުޅުމާލޭގައި އުސް އިމާރާތްތަކެއް ކުރުމަށް ފަހު ބެލި ބެލުންތަކުންނާއި ކުރި ހިސާބުތަކުންނާއި ދިރާސާތަކުން ދެއްކި، ގެދޮރު ނެތިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އުސް އިމާރާތްތަކުން ފުލެޓް ކުއްޔަށް ދޫކުރިއެވެ. އެހެންނަމަވެސް މިގޮތަށް ދޫކުރެވުނު ވަރަށް ގިނަ ފުލެޓްތަކުގައި ދިރިއުޅޭ މީހުންނަކީ ކުއްޔަށް އުޅޭ މީހުންނެވެ. އަދި އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ ޤަވައިދުން ކުލި ނުދައްކާ މީހުން ކަމުގައި ވެއެވެ. ކޮންމެހެން ފައިސާ ނުލިބިގެނެއްވެސް ނޫނެވެ. ސަރުކާރުން ކުއްޔަށް ދޫކުރާ ތަންތަނަށްވުމުން ހީވެފައި އޮންނަނީ ހަރުކަށި ފިޔަވަޅު އަޅަން ނުކެރޭނެ ކަމަށެވެ. ފިޔަވަޅެއް އެޅުމާ އެކު އެ ފިޔަވަޅެއް ހުއްޓުވުމަށް، ނުވަތަ ލަސްކުރުމަށް، ދާއިރާގެ މެމްބަރުންނާއި، ނުވަތަ، އެމީހަކު ދަންނަ ނުފޫޒު ގަދަ ފަރާތްތަކާ ގުޅައިގެން ކުރިއަށްދެވޭނެ ކަމަށް ބެލެވޭތީއެވެ.

ފުލެޓް ދޫކުރެވުނު ގެދޮރު ނެތް މީހާ އެތަން ކުއްޔަށް ދީފައި އޭނާ ދިރިއުޅެނީ އެހެން ތަނެއްގައެވެ. މިހާރު އުފެދޭ ސުވާލަކީ ދިރާސާތަކުންނާއި ހިސާބުތަކުން ދެއްކި ގެދޮރު ނެތް މީހާއަކީ މި ގިންތީގެ ތެރޭގައި ފުލެޓް ދިނުމަށް އެންމެ ޙައްޤު މީހާތޯއެވެ؟ ދިރިއުޅުމަށް ދޫކުރެވޭ ގޯތިތަކުގައި ދިރިނުއުޅޭ މީހުންނާ މެދު އެޅޭނީ ކޮންފިޔަވަޅެއްތޯއެވެ؟ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އެ ފިޔަވަޅު ވެސް ލިޔެފައި އޮވެދާނެއެވެ. އެހެންނަމަވެސް އެކަން ތަންފީޒުކުރަން ބޭނުންވިޔަސް ބައިވަރު ސިޔާސީ ހުރަސްތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ކޮންމެ ފަސް އަހަރެއްގެ ތެރޭގައި މަޢާފުގެ ދެ މޫސުމް އަންނަހެންނެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި ޢާއްމު އިންތިޚާބުގެ ދުވަސްވަރެވެ. ކުށްކުރާ މީހުންގެ ޖޫރިމަނާ ފަދަ ކަންތައްތައް، ކޮންމެވެސް ބަހަނާއެއްގައި އެ ދުވަސްވަރު މަޢާފްވެގެންދާނެއެވެ. އެފަދަ ކަންތައްތައް ނިމިގެންދަނީ ކަމާ ބެހޭ ދާއިރާތަކުން ފިޔަވަޅު އެޅި މީހުން ކުރި ބޭކާރު މަސައްކަތެއްގެ ގޮތުގައެވެ.                         

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ހިއްކި ބިމުން ގޯތި ދޫކުރުމާ މެދު ސަރުކާރުން ގެންގުޅެނީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު، ޒަމާނާއި ދުވަސްވަރާ މުނާސަބު ނޫން ޤަދީމީ ވިސްނުމެކެވެ. ރާއްޖޭގައި ގޯތި ދޫކުރުމާ މެދު ޤައުމީ ސިޔާސަތެއް ނެތެވެ. މިހާރު ޤައުމީ ސިޔާސަތެއް އޮންނަން ޙާލަތު މަޖުބޫރުކޮށްފިއެވެ.

ރާއްޖޭގައި ހިއްކިބިމުން ވިޔަސް ނުވަތަ ގުދުރަތީ ގޮތުން ރަށަށް ލިބިފައި އޮތް ބިމުން ވިޔަސް ދިރިއުޅުމަށް ދޫކުރެވޭ ގޯތީގެ އެއް މިނެއް އޮންނަންވެއްޖެއެވެ. ސަބަބަކީ ރާއްޖެ އަކީ ބިން މަދު ޤައުމަކަށް ވުމާއެކު މިއީ މުސްތަޤްބަލުގައި ނުކުމެދާނެ ހައްލު ނުކުރެވޭނޭ ފަދަ ބޮޑު މައްސަލައަކަށް ވެދާނެތީވެއެވެ.

ދާދި ފަހުން އަތޮޅުތަކުން ކުރި އިޢްލާނުތަކަށް ބަލާއިރު ބައެއް އަތޮޅުތަކުން ހިއްކި ބިމުން ދެ ހާސް އަކަފޫޓުގެ ގޯތި ދޫކުރަން ނިންމާފައި ވެއެވެ. އަނެއްބައި އަތޮޅުތަކުން ދޫކުރަން ނިންމާފައި ވަނީ ބާރަ ސަތޭކަ އަކަފޫޓާއި ފަނަރަ ސަތޭކަ އަކަފޫޓާ ދެމެދުގެ އަދަދަކަށެވެ. ފުޅާކޮށް ފަތުރުވެރިކަމުގެ މަސައްކަތް ހިނގާ ރަށްރަށުގައި މި ބިން ބޭނުންކުރެވޭނީ ފަތުރުވެރިކަމުގެ މަސައްކަތުގައި ކަމާމެދު ޝައްކެއް ނެތެވެ. ކުރީ ޒަމާނުގައި ގިފިލި ހެދުމަށް ވެސް ގޯތިން ބޮޑު ޖާގައެެއް ބޭނުންވެއެވެ. މި ޒަމާނުގައި އެ މައްސަލައެއް ނުނުކުންނާނެއެވެ.

ހިއްކި ބިމަކީ ބޮޑު ހޭދައެއް ކޮށްގެން، ދިރިއުޅުމަށް އުފައްދާފައި އޮތް ބިމަކަށް ވުމާއެކު ދިރިއުޅުން ފިޔަވައި އެހެން މަސައްކަތެއް އެ ބިމުގައި ކުރާނަމަ އެ މަސައްކަތަކުން އެހެން ޤާނޫނެއްގެ ދަށުން، ދައްކަންޖެހޭ ފައިސާގެ އިތުރަށް، ބިމުގެ ކުއްޔެއް ނެގޭ ގޮތަށް އޮތުން އިންޞާފްވެރިއެވެ. ނޫންނަމަ މުނިސިޕަލް ނުވަތަ އިޖްތިމާޢީ ގެދޮރުއެޅުމުގެ މަޝްރޫޢުއެއްގެ ދަށުން ގެދޮރުއެޅުމަށް ފަހު ސަރުކާރުން ކުއްޔަށް ދޫކުރަންވީއެވެ.

ސަރުކާރުގެ ކުންފުނިތަކުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ފުލެޓް ދިނުމުގައި މިހާރު އޮންނަ ސިޔާސަތަށް ވެސް ބަދަލެއް ގެނެވެންވީއެވެ. ސަރުކާރުގެ ކުންފުނިތަކުގައި ނުވަތަ އިދާރާތަކުގައި ހުންނަނީ ވެސް ރައްޔިތުންގެ ފައިސާއެވެ. އެ ކުންފުނިތަކުގައި ނުވަތަ އެ އިދާރާތަކުގައި މަސައްކަތްކުރާ މީހުން އެ ތަންތަނުގައި ދިގު މުއްދަތުގައި ބޭތިއްބުމުގެ ނިޔަތުގައި ދިރިއުޅޭނެ ތަނެއް ދޭނަމަ އެތަންތަން ދޫކުރެވެންވީ މަސައްކަތުގައި ދެމިހުންނަ މުއްދަތަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވަޒީފާ ބަދަލުވުމާ އެކު ނުވަތަ ވަޒީފާ އިން ވަކިވުމާ އެކު އެތަނެއް ދޫކުރަންޖެހޭ ގޮތަށެވެ. މިއީ ރާއްޖޭގައި ވެސް އާ ކަމެއް ނޫނެވެ. ކުރީ ޒަމާނުގައި ސިފައިންގެ ކޮށީގައި މި ދެންނެވުނު ގޮތަށް ސިފައިންގެ ޢާއިލާތައް ދިރިއުޅުނެވެ.

އަޅުގަނޑުވެސް އެއްބަސްވަމެވެ. ރާއްޖޭގެ ސަރުކާރުތަކުގެ ސިޔާސަތަކީ ދާޚިލީ ގިނަ ކަންކަމުގައި ލިއުމުން ސިޔާސަތެއް ނެތުމެވެ. ސިޔާސަތެއް އޮތްކަމުގައި ވިއަސް އެ ސިޔާސަތަށް އަމަލުކުރުމުގައި ލިޔެފައި އޮންނަ އެއްޗަކަށް އަޅާލުމެއް ނެތި، އެ އިރެއްގައި ވެރިއަކަށް ހުންނެވި ބޭފުޅަކަށް ފެނިވަޑައިގެންނެވި ގޮތަކަށް ކަންތައް ކުރެއްވުމެވެ. ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް އޮވެެއްޖެ ނަމަ އަޣްލަބިއްޔަތުގެ ޚުދުމުޚްތާރު ވެރިކަމަކަށް ތަބަޢަވުމެވެ. މިހެން ކަން އޮތްކަމުގައި ވިޔަސް، ދަރަންޏަށް ފައިސާ ހޯދައިގެން، ފަޅުން ބިން ހިއްކަމުންދާ ޒަމާނެއްގައި، ހިއްކޭ ބިން ބޭނުންކުރުމާ ބެހޭގޮތުން ހަރުދަނާ ސިޔާސަތެއް ނެތުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.