Support Us

މުވައްޒަފުންނަށް ބިރުދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ ފަލްސަފާއެއް ނޫން: ފެނަކަ

މުވައްޒަފުންނަށް ބިރުދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ ފަލްސަފާއެއް ނޫން ކަމުގައި ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިހެން ބުނީ މިހާރަކަށް އައިސް، ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައް އުފައްދައި ޝާއިޢު ކުރަމުން ދާކަށް ބުނެ މިއަދު ނެރުނު ބަޔާނެއްގައެވެ.

"ފެނަކަ އަކީ ރާއްޖޭގެ އުތުރުން ދެކުނަށް، ރައްޔިތުންގެ އިތުބާރު ހޯދައިފައިވާ މަޤްބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ޙީލަތްތެރި އުކުޅެއްގެ ގޮތުގައިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެކަމަށް ސަމާލުވެލެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުން، އެ ފަރާތްތަކާއި މުޖުތަމަޢަށް ފައިދާ ހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަޞީލަތްތައް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ." ފެނަކަގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި "2018 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން މި ކުންފުނިން ވަނީ، ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައި ބަލައިގަނެ، މުވައްޒަފުންނަށް ބިރުފިލައި ތިބެ ހާސްކަމެއް ނެތި ވަޒީފާ އަދާކުރެވޭނެ ފަހި މާޙައުލެއް ޤާއިމްކޮށްދީ، އަނެކުންގެ މިނިވަންކަމާއި ޙައްޤުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ޙައްޤުތައް ފުރިހަމައަށް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ހުޅުވައިދީ ކަށަވަރު ކޮށްދީފައެވެ. އަދި އެއްވެސް ޙާލެއްގައި އެ ޙައްޤުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރުދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ، ނުވަތަ ބޭނުންކުރާ ފަލްސަފާއެއް ނޫންކަން މި ފުރުޞަތުގައިވެސް ހުރިހާ ފަރާތްތަކަށް ޔަޤީންކޮށް އަރުވަމެވެ. ހަމަ އެހެންމެ، ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅުކުރާ ޚިޔާލާއި ޝުޢޫރާއި ބުނާ ބުނުމަކީ، ކުންފުނީގެ މެނޭޖްމަންޓުގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫންކަން ފާހަގަކުރަމެވެ."

"ވުމާއެކު، އެއްވެސް އަސްލެއް އަސާސެއް ނެތި، ކުންފުނީގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި ނަން ކިލަނބުކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް، އެފަދަ އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ. އަދި ފެނަކައިގެ ނަން ބޭނުންކޮށްގެން ފައިދާ ހޯއްދެވުމަށް ވިސްނަވާނަމަ، ރިވެހި އަޚްލާޤާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯއްދެވުމަށް ވެސް ދަންނަވަމެވެ."