Support Us

ފެނާއި ނަރުދަމާއާ ބެހޭ ދެ ކޯހެއް ސްޓެލްކޯގެ 89 މުވައްޒަފުން ފުރިހަމަކޮށްފި

ފެނާއި ނަރުދަމާއާ ބެހޭ ދެ ކޯހެއް ސްޓެލްކޯގެ 89 މުވައްޒަފުން ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީއާ ގުޅިގެން ހިންގި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި 66 މުވައްޒަފުން އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނެންސްގައި 23 މުވައްޒަފުން ބައިވެރިވެ ސެޓްފިކެޓް ހޯދި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"މި ޕްރޮގްރާމްތައް ހިންގުމުގެ މަގުސަދަކީ ސްޓެލްކޯގެ މުވައްޒަފުންނަކީ ދާއިރާތަކުން އެމްކިއުއޭއިން ކަނޑައަޅާފައިވާ މިނިމަމް ކޮލިފިކޭޝަން ހާސިލްކޮށް، އިލްމީ އަދި ފަންނީ ގޮތުން ގާބިލް އަދި ހުނަރުވެރި މުވައްޒަފުންތަކެއް ސްޓެލްކޯގައި ބިނާކުރުން،" ސްޓެލްކޯގެ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ރަސްމީޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއަކީ ޔުޓިލިޓީ ހިދުމަތުގެ ދާއިރާގެ އެންމެ މުހިއްމު އަދި ޓެކްނިކަލީ އެއާ އެއްވަރުގެ އެހެން ކުންފުންޏެއް ނެތް ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިއްމު އަމާޒެއް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް އެންމެ ޒަމާނީ އިލްމާއި، ތަޖުރިބާ ހޯދައިދިނުން. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވަރަށް ބޮޑު އަމާޒެއް، އަދި ޓާގެޓެއް ރާއްޖޭގައި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެއްދުން. އެކަމުގައި އަޅުގަނޑުމެން ސްޓެލްކޯގެ ދައުރު އަދާކުރުމަށްޓަކައި ކުރާ މަސައްކަތެއް މި މަސައްކަތަކީ، އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތްތެރިންނަކީ ހުނަރުވެރި، ގާބިލް އަދި އެންމެ ޒަމާނީ މައުލޫމާތާއި، ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި ހުނަރުވެރިން އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ. މި ފުރުސަތުގައި، މޯލްޑިވްސް އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ޝަރީފު ވިދާޅުވިއެވެ. "ފެނާއި ނަރުދަމާ އަކީ ސްޓެލްކޯއަށް އަދި އާ ދެ ޔުޓިލިޓީ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ދެވަނައެއް ނެތް ކުންފުންޏެއް. ކަރަންޓުގެ ހިދުމަތުގައި. ކަރަންޓު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނާއި، އެއްހަމަޔަކަށް އާދެވޭނެ ބަޔަކު ރާއްޖޭގައި ނެތް. އަޅުގަނޑުމެންގެ މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖީނިއަރުންނާއި އެއް ލެވެލްއެއްގައި މަސައްކަތް ކުރެވޭނެ މަސައްކަތްތެރިންނެއް ރާއްޖެއަކު ނުތިބޭނެ. އެހެން ނަމަވެސް ފެނާއި ނަރުދަމާއަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތް. މައުލޫމާތާއި، ތަޖުރިބާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާ ދެ ހިދުމަތް."

ޝަރީފު އިތުރަށް ވިދާޅުވިއެވެ.

"މިކުންފުނީގެ އަސާސް ނުވަތަ ޕްރައިމް މެންޑޭޓަކީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުން. އެއީ ކަރަންޓުގެ ހިދުމަތް ކަމުގައިވިޔަސް އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވިޔަސް. މި ތިން ހިދުމަތް ފޯރުކޮށްދިނުމުގައި، ނުވަތަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް މިންވަރެއްގެ، ބާވަތެއްގެ އިހުމާލެއް އެއްވެސް މިންވަރެއްގެ ފަރުވާ ކުޑަ ކުރުމެއް، މުވައްޒަފެއްގެ ހިތުގަވެސް އަދި އަމަލުގައިވެސް އޮވެގެން ނުވާނެ."