Support Us

ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް: ސްޓެލްކޯ

ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމުގައި ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިހެން ބުނީ މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

"މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުޚީގެ ދަށުން 2023 މޭ 1 ގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ މި ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން މިކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއް ކަމަށް ފާހަގަކުރެވެއެވެ. މި ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށެވެ. މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމުގައި ދެންނެވީމެވެ." ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.

"އަދި ދަންނަވަމެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެއެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެއެވެ. ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތްވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުޞޫލަށް އިޔާދަކުރެވިފައެވެ. އެހެންކަމުން، ކޮވިޑް-19ގެ ޚާއްޞަ ޙާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް މި ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަޤީޤަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް މިކުންފުނިން ދެކެމެވެ."

ސްޓެލްކޯގެ ބަޔާނުގައި އަދިވެސް ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގެއެވެ. މިކަމާ ގުޅިގެން ކޮންމެ އަހަރަކުވެސް މިކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރަމެވެ. މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، ޢާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ޚާއްސަކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދީފައި ވާނެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މި ކުންފުނިން މަރުޙަބާ ކިޔާނެއެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫނެވެ. އަދި، އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫނެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސްކުރަމެވެ."