ޓެކްނޮލޮޖީ އާއި އިނޮވޭޝަން ބްރިޖެއް ގާއިމްކުރުމަށް އަރބަންކޯއާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަރބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރަންސްފަރ ކުރެވިގެންދާނެއެވެ. އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް ވެސް އަރބަންކޯ އިން ބުނެއެވެ.
"މި އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އަރބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތަޢާރަފު ކުރަމުންނެވެ. ހުރިހާ ގޮތަކުންވެސް ރައްޔިތުން ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެވެ." އަރބަންކޯ އިން ނެރުނު ބަޔާނެއްގައިވެއެވެ.
އަރބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރ އާނިޝް އެންތަނީއެވެ.



advertisment

