Support Us

އަރބަންކޯއިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރ ނިމުމަކާ ގާތަށް

ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން އަރބަންކޯއިން ގދ. ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބަރ އަކީ އަރބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

"އަރބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެކެވެ. އެގޮތުން މި ކުންފުނީގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރަކީ މާލޭން ބޭރުގައި ގާއިމްކުރެވޭ ތިންވަނަ ޑީކޯ ޗެމްބަރެވެ." އަރބަންކޯގެ ބަޔާނެއްގައިވެއެވެ.

"ހުވަދޫ އަތޮޅުގައި މި ޗެމްބަރ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އަރބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ."