Support Us

ކޮލަމް: ދޭހަ

ކޮލަމް ދޭހަ: ހޯހޯ ގޮވަންވީ ކިހާ ހިސާބަކުން؟

އަމިއްލަ އެދުމަށް ކުރިއެރުން ހޯދުމުގެ މޫސުމް މިހާރު މިއޮތީ އައިސްފައެވެ. މިއީ ފަސް އަހަރެއްގެ ތެރޭގައި ދެފަހަރަށް އަންނަ މޫސުމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިންތިޚާބީ މޫސުމެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތީ ރިޔާސީ އިންތިޚާބާއެވެ. ރިޔާސީ އިންތިޚާބަށް ފަހު އެއް އަހަރު ފަހުން އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ ޢާއްމު އިންތިޚާބާއެވެ.

ވަޢުދުވުމުގެ މޫސުމުގައި ހުއްޓުމެއް ނެތި ފަތިފައްޗަށް ވަޢުދުތައް އިޢްލާނު ކުރަމުން ގެންދަނީ އެވެ. ވެރިކަމަށް ދަހިވެތިވެފައިވާ ބައެއް ސިޔާސީ ލީޑަރުން ބައެއް ކަންތައް ކޮށްދިނުމަށް ވަޢުދުވާއިރު ތިމާއަށް ދެއްކޭ ވާހަކަ ރަނގަޅަށް އޮޅުންނުފިލާހެން ހީވާ ފަހަރު ވެސް އާދެއެވެ. ނޫންނަމަ އެފަދަ ލީޑަރުން ދެކޭގޮތުގައި އިންތިޚާބުތަކުގައި، ރާއްޖޭގައި ވޯޓުލާ އާބާދީ އަކީ ސިޔާސީ ކަންކަމުގައި ތަންދޮރު އޮޅުންނުފިލާ ފަސޭހައިން ހައްލާލެވޭ ކަހަލަ އާބާދީއެކެވެ. އެހެން ނޫންނަމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ގޯތި ދޭނެ ވާހަކަ އާއި ކުލި ނުދެއްކޭ ރައްޔިތުންގެ ކުލި ސަރުކާރުން ދައްކައިދޭނެ ކަމަށާއި ރާއްޖޭގައި ބިން ނެތިގެން ނޫޅޭ ކަހަލަ ދެކޮޅުނުޖެހޭ ތާކުންތާކު ނުޖެހޭ ޙަޤީޤަތާ ޚިލާފު، ނުކުރެވޭނެ ކަންތަކުގެ ވާހަކަ ނުދައްކާނެއެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި ރިޔާސީ ވަޢުދުތަކުގެ ތެރޭގައި އަދި ގިނައިން ފެންނަނީ ނުވަތަ އިވެނީ ރައްޔިތުންގެ ޖަޒްބާތާ ކުޅެލެވޭ ކަހަލަ ވަޢުދުތަކުގެ އަޑެވެ. ވާހަކައެވެ. ރައްޔިތުންގެ ކޮންމެ ދުވަހުގެ ޙާލަތަށް ވިސްނާ ލުއިފަސޭހަ ކުރެވޭނެ ކަހަލަ ވަޢުދުތަކެއްގެ އަޑެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެއްމެ ބޮޑު މައްސަލައަކީ ޖުމްލަ ގޮތެއްގައި ދަންނަވާނަމަ ސަރުކާރެވެ. އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި މައްސަލައަކީ އަބަދުވެސް ސަރުކާރެވެ. ވަކި ބޭފުޅެއްގެ ވެރިކަމުގެ ސަރުކާރެއް ނޫނެވެ. ރައީސް މައުމޫނުން ފެށިގެން ވެރިކަން ކުރެއްވި، އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް ވެސް ޝާމިލުވާ ގޮތަށެވެ. ސަރުކާރުގެ ހިންގުން ދޯދިޔާވުމެވެ. ސަރުކާރުގެ މަތި ބަރުވުމެވެ. ސަރުކާރުން ޤާނޫނު ތަންފީޒުނުކުރެވުމެވެ. ސަރުކާރުން ދެފުށް ފެންނަ ގޮތަށް ކަންތައްތައް ނުކުރުމެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގައި އެއް މިންގަނޑަކަށް އެއްގޮތަކަށް ކަންތައް ނުކުރުމެވެ. ޤާނޫނު ތަންފީޒުކުރުމުގައި އެންމެނަށް އެއް މިންގަނޑަކުން ޤާނޫނު ތަންފީޒު ނުކުރެވުމެވެ. ސަރުކާރުގެ ޚަރަދު ބޮޑުވުމެވެ. ސަރުކާރުގެ އެއް އޮފީހުގައި މަސައްކަތްކުރާ މީހުން އަނެއް އޮފީހުން ނިންމާ ނިންމުންތަކަށް އިތުބާރު ނުކުރުމެވެ. ސަރުކާރުގެ އެއް އޮފީހަކުން ނިންމާފައި އޮންނަ ކަމެއް އަނެއް އޮފީހަކުން ޚިދުމަތް ހޯދަންދާ މީހުން ލައްވާ އެއްކަމެއް ތަކުރާރުކޮށް ކުރުވުމެވެ. މިހާރުގެ އެންމެ ލާމަސީލު މިސާލަކީ ގަރާޖް ރަޖިސްޓުރީ ކުރުމެވެ. މުނިސިޕަލް ސަރުކާރާއި ޓުރާންސްޕޯޓު މިނިސްޓްރީ ހިންގާ މައި ސަރުކާރެވެ. ދެތަނުން އެއްކަމެއް ކުރުމަށް ތަކުރާރުކޮށް އަންގައެވެ. އުޅަނދެއް ރަޖިސްޓުރީ ކުރަން އެދިއްޖެނަމައެވެ. އައި.ޑީ. ކާޑުގެ ކޮޕީ އަކީ ސައްޙަ އެއްޗެއް ކަމަށް އެޓެސްޓްކުރަން އަންގާނެ ކަމަށް ޤަބޫލުކުރައްވަންތޯއެވެ؟ ޤަބޫލު ނުކުރެއްވޭނެއެވެ. މިފަދަ ކަންތައް މިހެން ދިމާވަނީ ކިހިނެއްވެގެންތޯއެވެ؟

ރައީސަކަށް ހުންނަވާ ބޭފުޅަކަށް ސިޔާސީ މަޤާމްތައް އުފެއްދެވޭނެ ވަކި އަދަދެއް ޤާނޫނުން ކަނޑައެޅިފައި އޮންނަން ވެއްޖެއެވެ. ސިޔާސީ މަޤާމް އުފެއްދެވޭނެ މިންވަރު ބައެއް ޤައުމުތަކުގައި ކަނޑައެޅިފައި އޮވެއެވެ. ރާއްޖޭގައި ސިޔާސީ މަޤާމް ދެމުންގެންދަނީ ކުރީ ޒަމާނުގައި ބަނޑުހަނޑޫ ދެމެންގެންދާ ކަހަލަ ގޮތަކަށެވެ. ބަނޑުހަނޑޫ ދެވެނީ ގަނޑުވަރުތެރޭގެ ބޭފުޅުންނަށެވެ. ނުވަތަ ސަރުކާރުން ދެކޭ ކަންވޮށިވެގެންވާ ބޭފުޅުންނަށެވެ. ގަނޑުވަރުތެރޭގެ ބޭފުޅުންނަށް ވަނީ ރަސްކަލުންގެ ޢާއިލާގެ ބޭފުޅުންނެވެ. ވަރަށް ގިނަ ރަސްކަލުންނަކީ ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއިން ވަޑައިގެންނެވި ބޭފުޅުންނެވެ. އެބޭފުޅުން ރަސްކަލުންނަށް ވުމާ އެކު އެބޭފުޅުންގެ ޢާއިލާ ވަނީ ގަނޑުވަރުތެރޭގެ ޢާއިލާއަށެވެ. މިޒަމާނުގެ ބަހުރުވައިން ދަންނަވަނީ ނަމަ ސަރުކާރަށް ބަލަދުއަރާފައި އޮންނަ އާއިލާއެކެވެ. މި ޒަމާނުގައި މިކަން ހިނގަނީ އެހެން ގޮތަކަށެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ޕާޓީގެ އިސް ޙަރަކާތްތެރިންނާއި ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅުންނަށް ވެރިކަން ކުރާ ޕާޓީން ދަރަނިވެރިވެއެވެ. މިހެންވުމާ އެކު އެމީހުންނަށް ވަޒީފާ ހަމަޖައްސައިދޭން ޖެހެއެވެ. ސިޔާސީ ވަޒީފާއެކެވެ. މިޒަމާނުގެ ބަނޑުހަނޑުލެވެ. ވެރިކަމުގައި އޮންނަ ޕާޓީއަކަށް އޮންނަނީ އެމީހުންގެ ބަލަދު އަރާފައެވެ. ސިޔާސީ ވަޒީފާގައި ތިބޭ މީހުންނަށް ވެސް މުސާރަ ދެވެނީ ޓެކްސްގެ ގޮތުގައި އެކި ނަންނަމުގައި އަޅުގަނޑުމެންގެ އަތުން ނެގޭ ފައިސާއިންނެވެ. މިހާރުވެސް އަޅުގަނޑުމެންގެ ބަޖެޓުގައި އެންމެ ބޮޑަށް ޚަރަދު ކުރެވެނީ މުސާރައަށެވެ. ސިޔާސީ މަޤާމްތަކުގައި ޙުދޫދެއް އޮންނަން ޖެހެނީ މިދެންނެވި ސަބަބާ ހުރެއެވެ.

މިހާރުން މިހާރަށް ޤާނޫނެއް ބޭނުންވާ އަނެއް މުހިއްމު ބަޔަކީ ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކަށެވެ. ރިޔާސީ އިންތިޚާބު އޮންނަ އަހަރުގައި ސަރުކާރުން އާ އެއްވެސް މަޝްރޫޢު އެއް ނުފެށޭ ގޮތަށެވެ. ހަމަ އެގޮތަށް ޢާއްމު އިންތިޚާބު އޮންނަ އަހަރުގައި ވެސް އެއްވެސް އާ މަޝްރޫޢު އެއް ނުފެށޭ ގޮތަށެވެ. އެހެން ނަމަވެސް އޭގެ ކުރިން ފެށިފައި ހުރި ހުރިހާ މަޝްރޫޢު އެއް ބޭނުން ހަލުއި ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށެވެ. މިއީ ވެސް ބައެއް ޤައުމުތަކުގައި މިހާރު ވެސް އަމަލު ކުރެވޭ ގޮތެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިބައި ފުރިހަމަވެގެން ދާނީ ބައި އިލެކްޝަނެއް އޮންނަ ތަނަކަށް ވެސް އިންތިޚާބުގެ ކުރިން އާ މަޝްރޫޢުއެއް ނުވަތަ ތަރައްޤީގެ އާ މަސައްކަތެއް ނުފެށޭނެ ގޮތަށް އޮތުމުންނެވެ.

ރާއްޖޭގެ ޑެމޮކްރަސީ ހަރުދަނާ ކުރުމަށް ބޭނުންވަނީ މިކަހަލަ ބަދަލުތަކެކެވެ. ނިޒާމް ބަދަލު ކުރުމެއް ނޫނެވެ. ރާއްޖޭގެ މުޅި ރައްޔިތުންގެ ތާއީދާ ނުލައި ޕާޓީގެ މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުނު މީހާ ޕާޓީގެ ލީޑަރަކަށް ހަދައިގެން ވެރިކަން ހޯދުމެއް ނޫނެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކީ މުސްތަޤިއްލުކޮށް ވެރިކަން ކުރާ ތަނަކަށް ހަދައިގެންނެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖެ ފަނާ ކުރުވިޔަދީގެން ނުވާނެއެވެ. މަސައްކަތް ކުރަންވާނީ ރާއްޖެ ބިނާކުރާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

2 Responses

  1. މަށަށް ފެންނަނީޕާޓީތައް ވެސް މީހުން ހަމަނުވެގެން އުވިގެންދާއިރު ޕާޓީގަރަޖިސްޓަރ ވާކޮންމެ މީހަކަށް 3000 ރުފިޔާގެ މުސާރައެއް ދީގެން މީހުން ހަރު ލެއްވޭތޯ ބެލުން . ވެރިކަމަށް އަންނަ ހިތުލާއިރަށް 3000 މީހުން ހަމަނުވެގެން ޕާޓީއުވާލަނީ . ޕާޓީއަށް ފައިސާލިބޭއިރު ރަޖިސްޓަރ ވެފަ ތިބޭހާބަޔަކަށް ވެސް ފައިސާލިބިގެން ނޫނީ ޕާޓީލޯބި ނުޖެހޭތީ ޕާޓީ ފުޑޭނީ . ވެރިކަމަށް ގެންނަމީހާއަށް ފައިސާއާއިއްޒަތް ލިބޭއިރު ކަމުވޮށިގެންވާމީހުންނާ ، ގާތްމީހުންނަށް ވަޒީފާ ލިބި މުސާރައެއް ލިބޭއިރު އަސާސީހައްޤު ކަށަވަރު ނުވާ ރައްޔިތުން ތިބެން ޖެހޭނީ ކޮންމެވެރިއަކު ވެރިކަމެއް ކުރިއަސް އަގަަނަގައިގެން . މިގައުމުގަ ރައްޔިތުން ނާމެދު ވިސްނާވަރަށް ވުރެ ވިސްނަށް ޖެހެނީ މުއްސަނދިނާމެދު އަޑުގަދަ ކުރާދަރަނިވެރިންނާމެދު . ރައްޔިތުން ހައްޤުކަށަވަރުނުވާއިރު ޗަންދާދީގެން ތިވބޭއިރު ހައްޤުތައް ކަށަވަރު ނުވުން އެއީބޮޑު މައްސަލައެއް . ވަކި ބަޔަކަށް ބައިއެޅުނަސް އެއްމެންގެ ބަޑެއް ނުފުރޭނެ . ކޮންމެ މީހަކުވެސް ޕާޓިއެއްގަ ރަޖިސްޓަރ ވާއިރަށް މަހަކު 3000 ރުފިޔާދޭން ޖެހޭނެ . ފައިސާ ނެތިގެން އެކަކުވެސް އުޅޭކަށް ނުޖެހޭނެ . ވަޒީފާއެއްނެތިފަ ތިބޭކޮންމެ މީހަކަށް ޕާޓީއަކަށް ރަޖިސްޓަރ ވެފަ ތިބުން ކުރާހިތުން ކުރާކަމަކަށް ވާނެ . ފަރުދީޒިންމާއަކަށް ވާތީ ޕާޓީއެއްގަ ރަޖިސްޓަރ ވެފަ ނެތަސް ރައްޔިތުން ދޭވޯޓުން ވެރިކަން ލިބޭއިރު . ތަފާތު ތައް ނައްތާލާރައްޔިތުން ހަމަހަމަ ކުރަން ޖެހޭނެ . ނޫންތަ ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *