Support Us

ކޮލަމް ކަލާވެހި: ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ!

ދިވެހިރާއްޖޭގެ ދޭސީ އަދި ބިދޭސީ އާބާދީގެ އެންމެ ބޮޑު އާބާދީއެއް އެތަނެއްގައި ދިރިއުޅޭ، ރާއްޖޭގެ ވެރިރަށުގައި މުޅި ދުނިޔެއަށް ބެއްޔަސް އެންމެ މަތީފެންވަރުގެ ވަޞީލަތްތަކާއި ސިފަތަކާއެކު، ހަމަ އެހައި ރޭވުންތެރިކަމާއި ހިންގުންތެރިކަމާއެކު މިފަހަކަށް އައިސް ހަދަން ފަށައި، އަދި މުޅީން ނުނިމި އޮތް މަގުން މިއަދު ވަރަށް ހެނދުނާ އަޅުގަނޑު ހިނގައިލާން ދިޔައިމެވެ. ގެއިން ނިކުމެގެން ދުއިސައްތައެއްހައި ފޫޓުވެސް އިރަށް ހިނގާކަށް ނުޖެހުނޭ، މަގުގައި ތާރުއަޅައި ފައްކާކޮށްލައިފައި އޮތް ފުރިހަމަ ބަޔަށް އެރިއްޖެއެވެ. އަރައިގެން އައި އިރުގެ ދޯދިތަކާއި، އަދި މުޅީން ނުނިވި އެހުރި އޮޓޮމެޓިކް މަގުބައްތިތަކުގެ ހުވަފެނީ ހަނދުވަރީ އަލި އެއްވެގެން އުފެދިފައި އެ އޮތް ރޯޝަނީ އަލިކަމުގެ ތެރެއިން އަޅުގަނޑަށް ފެންނާން އެ އޮތީ މަގުގެ ޒަމާނީ ފުރިހަމަކަމެވެ. ދެފަރާތުގައި ދުއްވާއެއްޗިހި ޕާކު ކުރުމަކީ އައްޗިކަމެއް ކަން އަނގަން ރީނދޫ ފަށްދަމައި، އެކި ކޮޅަށް ދުއްވާ އުޅަނދުގެ ކަނާއަތް ފަޅިޔާއި ވައަތް ސާފުކޮށް ވަކި ކޮށްދޭ މެދު ރޮނގުވެސް ތެދުކޮށް ކުރަހައިފައި އޮތް ތަނެވެ. ހިނގާބިނގާވެ އުޅެން ދަތި މީހުން ދުއްވާ ފުރޮޅުލީ ގޮނޑިޔައިގެން ދުވާރުމައްޗަށް އެރޭ ގޮތަށް ކަތިކޮށް ހަދައިފައި ހުރި ތަންތަނާއި، ފެނުމުން މަޙްރޫމް ވެފައިވާ މީހުންނަށް ފަސޭހަކޮށްދޭން ދުވާރުމަތީގައި އަތުރައިފައި އެހެރަ، ރީނދުކުލައިގެ 'ބްރެއިލް" ގާތަކެވެ.

ދިވެހީންނާއި ބިދޭސީންނަށް މިހުރިހައި ފަސޭހަޔެއް ލިބޭގޮތަށް މަގު ހެދިގެން ދާތަން ފެނިފައި އަޅުގަނޑުގެ ހިތަށް އެރިޔޭ، ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ!

އަނހާ! އަދި އެއް ވާހަކައެވެ. މަގު ވަރަށް އަވަހަށް ފުރިހަމަ ކުރެވޭނޭ ހިސާބުން އަޅުގަނޑު ހިނގައި އުޅޭންވާ އެންމެ ރަނގަޅުގޮތަށް އިސްޖަހައިގެން ނުހިނގައި، މަގުގެ ފުރިހަމަކަށް ބަލަމުން އުފާކުރަމުން ހިނގުނީމައިތާއޭ، އަޅުގަނޑު ކޮންމެވެސް އެއްޗެއްގައި އަޅައިގެންފައި އަނގަވަތަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ! އަޅައިގަތީ ކޮން އެއްޗެއްގައިތޯ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. މިހައިރަކަށް އައިސް ގުދަން ހަދައި ހިންގާން ހުއްދަ ދެއްވަނީ ގުދަނަށް އުޅަނދު ވައްދައިގެން މުދާ އަރުވައި ބާލައި ހަދާ ގޮތަށޭ ބަޔަކު އަދި ބުންޏަސް، މަގުމަތީ ބޮޑުޕިކަޕު ބާއްވައިގެން ގުދަނުން އެއްޗިހި ނެރެގެން އެޔަށް އެރުވުމުގެ އާދަ އަދި މުޅިޔަކުން މިތާކުން ނުކެނޑެއެވެ. އެހެންކަމާއެކު، އަޅުގަނޑު މި އަޅައިގަތީ، ގުދަނުން ބޭރަށް ކަނޑައިފައި ހުރި ދޮރެއްގެ ތިރީ ކައިރިޔާއި ދުވާރާ މުޅީން ހަމަ ނުވާތީ، ދޮރާ ދިމައިގައި، ދުވާރު މަތީގައި ޕެލެޓު ލަކުޑީން ހަދައި، ރަނގަޅަށް ހަރުކޮށްފައި ހުރި ކުޑަވަރެއްގެ ސިޑިއެއްގައެވެ. ދުވާރުމަތީގައި އެ ސިޑި ހަރުކޮށްފައި ހުންނާނޭކަން ހަނދާންނެތުމަކީ އަޅުގަނޑުގެ ކުށެވެ. އަދި ހަމައެކަނި އަޅުގަނޑުގެ ކުށެކެވެ.

ދިވެހީންނާއި ބިދޭސީންނަށް މިހުރިހައި ފަސޭހަޔެއް ލިބޭގޮތަށް މިދެންނެވި ގޮތަށް ކޮށްލައިފައި އެހުންނަ، ބައިނަލް އަޤްވާމީ ފެންވަރަށް ނުފެތިމެ ބައިނަލް އަޤްވާމީ ފެންވަރުގެ ދުވާރުމަތީގައި ބަހައްޓައިފައި އެހެން އެހުންނަ ގަބުޅިބާދަލާ އީޖާދުތަކަށް ޖާގަ ލިބުމަކީ ހަމަ ކަން އޮންނަ ގޮތޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. އެހެން ވީމައި، ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ!

ދެން އެޔަށް ފަހު އައްސަވާށޭ، އަޅުގަނޑު މިދެންނެވި މަގުގެ ދެފަރާތުގައި ދަމައިފައި އެބަހުއްޓޭ ކުރީން ދެންނެވި ރީނދޫކުލައިގެ ދެ ރޮނގުގެ މަތީގައި ބައެއް މީހުންނަށް އޮޅިގެން ދުއްވާ އެއްޗިހި ބެހެއްޓިދާނެތީވެސް ކަންނޭނގެޔޭ، މަގުގެ ދެފަރާތުގައި ރަންރީނދޫ ކުލައިގެ ގޮނު އެކިދިހަމަތީގައި ބަހައްޓައި އެބަހުއްޓެވެ. އަދި ގޮނުގެ ބާރު ގަދަކޮށްލަންވެސް ކަންނޭގެޔޭ، ދެ ގޮނު ދޭތެރޭގައި ރީނދޫކުލައިގެ ފީތާވެސް ދަމައިފައި ހުއްޓެވެ. އެ ފީތާފަށްތަކުގައި ލެޓިން އަކުރުން ހުރި ލިޔުމަކަށް ބަލައިފައި އަޅުގަނޑު ނިންމީ އެއީ ރައްޔިތުންނަށް އަދިވެސް އިތުރަށް ފަސޭހަކޮށްދެއްވުމަށްޓަކައި ފުލުހުންގެ ފަރާތުން ދެއްވައިފައިވާ ޚިދުމަތެއް ކަމަށެވެ. މި ޚިޔާލަށް ބޮޑަށް ބާރު ލިބޭގޮތްވީ، މިދެންނެވި ގޮތަށް ބަހައްޓައިފައި ހުރި ބައެއް އުޅަނދުގައި އިސްޓިކަރުވެސް ހިއްޕަވައިފައި ހުރީމައެވެ. ބައެއް އުޅަނދޭ މިދެންނެވީ ހަމަ ރަނގަޅަށެވެ. އަޅުގަނޑަށް ލަފާކުރެވުނު ގޮތުގައި އިސްޓިކަރު ޖައްސަވައިފައި އެހުރީ އެތަނުގައި އުޅަނދު ބަހައްޓައިފައި ހުރިތާ ވަރަށް ގިނައިރުވެފައި ހުރި އެއްޗިހީގައެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދެއް ނަމަ، އުޅަނދުގެ ކުރިމަތީ ބިއްލޫރިގަނޑުގެ އެތެރެފަރާތުގައި، ކިރިޔާ ކިޔަން އެނގޭ ކަހަލަ ލިޔުމަކުން ނަމަވެސް ޑުރައިވަރުގެ ފޯނު ނަންބަރު ލިޔެފައި ކަރުދާސްގަނޑެއްހައި ވަރުވެސް ނުބަހައްޓައި ހުރި އެއްޗިހީގައެވެ.

ބައިނަލް އަޤްވާމީ އެންމެ މަތީ ފެންވަރުގައި ހެދެމުންދާ މަގެއްގައި މިހެން ހުންނަ ބައިނަލް އަޤްވާމީ ފާހަގަތައް ރަނގަޅަށް ދޭހަނުވާ މަދު ދިވެހީންކޮޅަކާއި، އައިނައިތަނެއް މުޅީން ކަށަވަރުނުވާ، އަދި ވަކި ޤައުމަކަށްވެސް ރަސްމީކޮށް ނިސްބަތް ނުކުރެވޭނޭ ގިނަގުނަ އެތަކެއް ބިދޭސީންގެ ތެރެއިން ގިނަ މީހުނަށް އެކަހަލަ ނިޝާންތައް އަދި ޢަމުދުން ނޭނގޭނެތީއާވެސް އެކު، އެމީސްމީހުންނަށް ކަންކަން ދަސްވާންދެން ވަގުތުން ޖޫރިމަނާކުރުން އަދި ފަސްވަނީތާއޭ އަޅުގަނޑު ހިތަށްއެރިއެވެ. ޤާނޫނާއި ޤަޥާޢިދު އަދި އެހެން އޮތަސް….ކިހައި ރަނގަޅުހޭ ހިތަށްއެރިއެވެ. އަދި ހިތާހިތާ ކިޔައިލެވުނޭ، ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ!

ދެން އަރައި ހަމަވި ކަންމަތިން ފެނުނީ ކުރީން ދެންނެވި ކަހަލަ، ފުރޮޅިލީ ގޮނޑިޔައިގެން ދުވާރުމައްޗަށް ފަސޭހައި އެރޭގޮތަށް ދުވާރު ކަތިކޮށްލައިފައި ހުރި ތަނެކެވެ. އެކަމަކު، އެވަގުތު އެތަނާ ފުރޮޅުލީ ގޮނޑިޔެއް ދިމާކުރިނަމަ، ގޮނޑި ދުއްވާން އިން މީހާޔަށް ޖެހޭނީ ކަރުނަ ތިއްކެއް އުނގަށް ވައްޓައިލައިފައި އޭނާގެ ދަތުރު މަގުމެދުން ކުރިޔަށް ގެންދާށެވެ. އެހެނީ، މިދެންނެވި ކަތީގެ ދިމާ ކުރިމަތީގައި އެ ހުރީ އެންމެ ފަހުގެ ސްކޫޕީ ދެތިން ސައިކަލެވެ. އަދި ހަމަ އެހައި ފަހުގެ އެއަރބްލޭޑް އެކެވެ. އަޅުގަނޑަށް ޔަޤީނާ ގާތަށް ހީވި ގޮތުގައި އެ ސައިކަލު ތަކުގެ ވެރީންނަކީ، ނުވަތަ ކޮންމެވެސް އެހެން ހައިޘިއްޔަތަކުން ނަމަވެސް މިހައިރު އެ ސައިކަލުތައް ދުއްވާން އުޅޭނީ، އަޅުގަނޑު ތަންކޮޅެއް ކުރީން ދެންނެވި ޒާތުގެ، ވަކި ޤައުމަކަށް ރަސްމީކޮށް ނިސްބަތް ނުކުރެވޭނޭ، އައިނައި ތަނެއްވެސް ނޭނގޭ ބިދޭސީންނެވެ. އެކަމުގެ ޔަޤީންކަން ފުރިހަމަޔަށް ލިބޭނީ ހަމަ އެ ކަންމަތީގައި އެހުރި ބޮކިދަނޑީގައި ހަރުކޮށްފައި އެހުރި ސީ.ސީ.ޓީ.ވީ ކެމެރާ ކޯޅިޔަށް އަރާ މަންޒަރު ފެންނަ ބަޔަކަށްކަން ޔަޤީނެވެ. ކޮންމެޔަކަސް، އަޅުގަނޑަށް ދެން ފާހަގަކުރެވުނު ކަމަކީ، މިދެންނެވި ސައިކަލުތަކުގެ މެދުގައި ދޮން ނާރިނގު ކުލައިގެ ރަސްމީ ގޮނެއް މަގުމަތީގައި ހުރިކަމެވެ. ގޮނު ބުނާ ކަހަލައޭ، އޭ ބަލަ ތިހެން ނުހަދާށޭ، މިތަކެތި މިތަނުން އަވަހަށް ނަގާށެވެ!

މިދެންނެވި މަންޒަރު ފެނިފައިވެސް އަޅުގަނޑު ހިތަށް އެރިޔޭ، ދިވެހީންނާއި ބިދޭސީންނަށް މިހައިވަރަށް ދޫކުރެވިގެން، ޤާނޫނާއި ޤަޥާޢިދަށް އަހުލުވެރި ކުރުވާން މިކުރެވޭ މަސައްކަތަކީ އެއްކަލަ ފުރޮޅުލީ ގޮނޑީގައި އިން މީހާ އެހައި ތާއީދު ނުކުރިޔަސް،  ފަސޭހަޔެއް ލިބޭން އޮތްތާކު ފަސޭހަޔެއް ލިބޭގޮތަށް މަގާ އެކީގައި ކުރިޔަށް ދާ ކަމެކެވެ. އަދި އެކަންވެސް އެގޮތަށް ކުރިޔަށް ދާތަން ފެނިފައި ހިތަށް އެރީ ހަމަ އެންމެ ޖުމުލައެކެވެ. ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ! މިއެވެ.

ދެން އަޅުގަނޑަށް ނިކުމެވުނީ މޫންލައިޓްހިނގުމޭ ކިޔާ މަގަށެވެ. އަސްތާ، އެއީ އެގަޑީގައިވެސް ކާރޫބާރޫ ބޮޑު މަގެކެވެ. ބުރިޖު މަތީން ފައިބައިގެން ވައިސޫރީގެ ދުވެއްޔަށް ތަބާވަމުން އެހެރަ އަންނަ، ކުދިކުދި ދެފުރޮޅާއި، އެ އެއްޗިއްސާ ވާދަޔަށޭ މިއަންނަނީ ބުނާހެން ހީވާ ބޮޑެތި ބަދިގެ ވަރުގެ އެތިއެތިފަހަރު އެތައް ބަޔަކު ގޮވައިގެން އެހެރަ އަންނަނީ ފަތުއަޑަކީވެސް ތަންކޮޅެއް މަޑުން ދުއްވާ އެއްޗިހިން ކިޔާނޭ އަޑެއްތާއޭ އަޅުގަނޑު ކަހަލަ، ކަންޒުކަހަނބުގެ ކުލަބުގެ މެންބަރަކަށް ހީވާ ކަހަލަ ގޮތަކަށެވެ. އެކަމަކު އެއީ އަދި އެހެން ވާހަކައެކެވެ. އެކަމުގައި އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރަކީވެސް… ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ! މިއެވެ.

ދެން އައްސަވާށޭ، މޫންލައިޓްހިނގުމުން އުތުރަށް ހަމަ ތަންކޮޅަކަށް ހިނގައިލިތަނާ އަޅުގަނޑުގެ ކަންފަތުގައި ޖެހުނު އަޑަކުން އަޅުގަނޑުގެ ހިތުގައި ޖެހުނޭ، ބައިނަލްއަޤްވާމީ މިވަނީ ހަމަ އެކަނި މަގެއް ނޫންތާއޭ! އާދެ! އަޅުގަނޑުގެ ކަންފަތުގައި ޖެހުނު އަޑު އަޅުގަނޑުގެ ހަނދާނުގެ އަހުގެ ލަގަނުގައި ހިފައިގެން އަޅުގަނޑު ގޮވައިގެން އެ ދިޔައީ މުޅީން އެހެން ޤައުމަކަށެވެ. ކުރިމަތީން ފެންނަހެން ހީވީ އެމެރިކާގެ ޔޫ.އެސް.މެރީންޒް ސިފައިންގެ ނޫކަށިފުރައިގެ ޖަވާނުން ކޮޅެކެވެ. ކުރިމަތީން އެ ފެންނަނީ ހަމަ އެކަހަލަ ބަޔަކު ފައުޖު ހަދައިފައި ކަސްރަތަށް ނިކުމެ ދުވާ ތަނެވެ. ނަގާކިޔާން ހުންނަ ކައްޕިތާނަކު ވަކި ރާގަކަށް ކިޔާ އެއްޗެއް ދެންތިބޭ ކަލާސީން ޒުވާބުގައި ކިޔަމުން ދުވާއިރު އެ ގޮވާ ގޮވެލި ފަތި ގޮވަމުން އަންނަ ތަނެވެ. ނޫން، ނޫން! އެއީ އަޅުގަނޑުގެ ޔާދާޝްތު އަޅުގަނޑަށް ދިން ކެއްސެކެވެ. ކުރިމަތީން އެ ފެންނަނީ ހަމަ އަޅުގަނޑުމެންގެ ޒުވާން ދިވެހީން ކޮޅެކެވެ. ހަތަރަކުން ހަތަރަކުން ހުރަހަށް، ގާތްގަނޑަކަށް ދިހައެއް ދިގުން ދިގަށް، ދުވަމުން އަންނަ ފައުޖެކެވެ. ދުވާރު މައްޗަށް ނާރައި، މަގުގައި ދުއްވާ އެއްޗިއްސަށް ޚާއްޞަކޮށްފައި އޮންނަ ތަނުގައި ދުވަމުން އަންނަ ބައެކެވެ. އެ މީހުންގެ ކައްޕިތާނު އެ ގޮވާ ރާގަކީ ޔޫ.އެސް.މެރީންޒްގެ ރާގަށް ވުން ވާނީ ހަމަ ކަށަވަރުންވެސް އިއްތިފާޤަކަށެވެ. ނޫނީ ކޮންމެވެސް ފިލްމަކުން….އެކަމަކު އެހެންނެއް ނުވާނެ، ދެއްތޯއެވެ؟

އަޅުގަނޑު ހިތަށް އެރިޔޭ އެކަމަކު މި މަންޒަރު އިސްކޯލު ޢުމުރުގެ ޅަ ކުދީންނަށް މިގަޑީގައި ފެންނާނޭތާއޭ، ފެނިއްޖިއްޔާ އެއީ މާ 'އިސްޓައިލް' ކަމެއްކަމަށް އެކުދީން ނުހަދައިފިއްޔާ ރަނގަޅޭ، އެހެންނޫނީ އިހަށް ދެންނެވި ދުއްވާއެއްޗިއްސާ އިންސާނުންނާ މަސްހުނިވުމާއި، ދުވާރުތަކުގެ މާނަޔާއި ބޭނުން ކެނޑުމާއި… އެކަމަކު އެއީވެސް ކުށް ޚިޔާލެއްކަން ވިސްނުނީ ތަންކޮޅެއް ފަހުންނެވެ. އެއީ، އަޅުގަނޑުމެންގެ ޤައުމުގައި މެރީންޒް އެ ދުވާ ގޮތަށް ކަސްރަތަށް ދުވެލާނޭ ތަނެއްވެސް ނެތް ވިއްޔާއޭ، އެހެން ވީމައި މަގުމަތީގައި، ރަނގަޅަށް ކަންކަން ބެލޭ ވަރުގެ ތަޖުރިބާކާރު ކައްޕީންގެ ބެލުމުގެ ދަށުން ދުވެލުން ނޫން ގޮތެއް ނޯންނާނޭކަން ވިސްނުމުންނެވެ.

އެ ހިސާބުން އަޅުގަނޑު ސެނަހިޔާޔާ އަރައި ހަމަވެއްޖެއެވެ. އަދި ރައްކާތެރިކަމާއެކު މަގު ހުރަސްކޮށްލުމުގެ ބޭނުމުގައި، ދުއްވާ އެއްޗިއްސަށް ވަރަށް ބަލައިފައި، އެތާ އޮތް ކަފިހިހުރަސް މައްޗަށް އަރައިފީމެވެ. އެވަގުތު، ބުރިޖު ކައިރި ލައިޓުން ނެއްޓިގެން އައި ސައިކަލެއް ބަސްނާހައިގެން އައިސް، ޚަބަރުތަކުގައި އެ ބުނާހެން ހޮޅިދަނޑިޔަކަށް އެރިހެން އަޅުގަނޑަށް ނޭރީ ހަމަ ކިރިޔާއެވެ. އެކަމަކު އެއީ ހަމަ ބަސްނާހާ، ނުކިޔަމަންތެރި ސައިކަލެކޭ، އެހެންވެސް ވެދާނެޔޭ ހީކޮށްލައިފައި ކުރިޔަށް ހިނގީއެވެ. އެ ވަގުތަކީ އެއްކަލަ މެރީންޒް އަންބާ ކިޔަމުން އައި ގުރޫޕުވެސް ކަފިހި ހުރަހާ އަރައި ހަމަވީ ވަގުތެވެ. އަޅުގަނޑު ހީކުރީމޭ، މި ވީ ހާދަ ދެރަގޮތެކޭ، އަޅުގަނޑު މި މީހުންގެ ތެރެއިން ފުރޭނިގެން ދާން ވެއްޖިއްޔާ… އެކަމަކު، ކަން ވީ އެހެންނެއް ނޫނެވެ. އަޅުގަނޑާ މިދެންނެވި ގުރޫޕާ އަރައި ހަމަވީ ކަފިހިހުރަސް މަތީންނެވެ. ދެން ހީވީ ބޮޑު ސިންގާ ބަހެއް ކުރިމައްޗަށް ބުރަކި ޖައްސައިފައި މަޑުކޮށްލި ހެންނެވެ. އެ އޮތް ބޮޑު ގުރޫޕު ކަފިހި ހުރަހަށް ނާރައި މަޑުކޮށްލީއެވެ! އަޅުގަނޑަށް ވަރަށް ހަމަޖެހިލައިގެން މަގު ހުރަސްކޮށްލެވުނީ އެހެންވެގެންނެވެ!

އަޅުގަނޑު ހިތަށްއެރިއެވެ. މަގުމެދުން ދުއްވާނީ ދުއްވާއެއްޗިހި ކަން މި ގުރޫޕް ދަންނާނީ މިހައިވަރަށެވެ. ދަނޑިއެއް ހިފައިގެން ހިނގާ މީހަކަށް ބަޔަކު ބަލާނީ މިހައިވަރަށެވެ. ދިވެހީންގެ ތަހުޒީބަކީ، ދިވެހީންނެކޭ އެއްފަދައިން، މުޅީން އެހެންކަހަލަ އެއްޗެކެވެ. ދިވެހީންގެ ޚާއްޞަ ތަހުޒީބަށް ޝުކުރުހުއްޓެވެ! ފަށްފަށުންނެވެ.