Support Us

ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލައިފި

މޮންޓެގްރޯގެ ބުޑްވާގައި ބޭއްވި ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލައިފިއެވެ.

މި މަހުގެ 11 އިން 12 އަށް ބޭއްވި މި ކޮންފަރެންސްގައި އަރބަންކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒް ބައިވެރިވެވަޑައިގެން، އަރބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އަރބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާ ފުރުސަތުތަކާއި ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން މި ކޮންފަރެންސްގައި މައުލޫމާތު ހިއްސާކުރެއްވި ކަމަށް އަރބަންކޯއިން ބުނެއެވެ.

އަރބަންކޯއިން ބުނި ގޮތުގައި އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.

"ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެއެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެއެވެ." އަރބަންކޯގެ ބަޔާނެއްގައި ބުނެފައިވެއެވެ.

"މިފަދަ ގިނަ ޑިވަލޮޕްމަންޓުތަކެއް ހިމެނިފައިވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށެވެ. ވެލާނާ އިންޓަނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައިވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، މި ކުންފުނިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކުންފުނިން އިސްކަންދެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް މި ކުންފުނިން ވަނީ ރާވާފައެވެ."