Support Us

ކޮލަމް ކަލާވެހި: ޖަމުޢިއްޔާއެއްގެ މެންބަރަކަށް އުޅުއްވާއިރު…

އަޅުގަނޑުގެ މި ލިޔުން މިފަހަރު އެންމެ ސީދާކޮށް އަމާޒު މިކުރަނީ ދިރިއުޅުމުގެ މައިދާނަށް ނިކުތްތާ އަދި މާ ގިނަދުވަސް ނުވާ މީހުންނަށެވެ. ޢުމުރުން ދުވަސްވުމުގެ ވަރުބަލިކަމަށްވުރެ ޒުވާންކަމުގެ ޖޯޝުގައި ތިމާމެންގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށްވެސް އެތައް ފައިދާއެއް ހުރި އެތައް ކަމެއް ލިއްބައިދިނުމުގެ ހުނަރާއި ކުޅަދާނަކަމާއި ޤާބިލިއްޔަތު ލިބިގެންވާ މުޥާޠިނުންނަށެވެ. އަދި ހަމަ އެޔާއެކު، ތަންކޮޅެއް ނުސީދާ އަމާޒެއްގެ ގޮތުގައި ނަމަވެސް، ޢުމުރުގެ ގޮތުން ތަންކޮޅެއް މަތީގައި އުޅުއްވާ ބޭބޭފުޅުންވެސް މިތާނގައި ހިމަނައިލުމަކީ ގޯހަކަށް ނުވާނޭކަން ކަށަވަރެވެ.

ދެން އައްސަވާށެވެ. އަދި ވިސްނާވަޑައިގަންނަވާށެވެ.

ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެޔަކީވެސް ދިރިއުޅުމުގެ ތަފާތު އެކި ކަންކަމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި، ތަޙައްމަލް ކުރަންޖެހޭ ވޭނާއި ކެކުޅުމާއި، އެމީހުންނަށް ބޭނުންވާ ޢަދުލުއިންޞާފާއި ހަމަހަމަކަމާއި ހަމަޖެހުން ބައެއް ފަހަރުނަމަވެސް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަހަރު ނަމަވެސް ކޮށްއުޅޭ ތަނެކެވެ. އަދި ހަމަ އެޔާއެކު، މިފަދަ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް އެކި މަގުމަގުން ލުއިކަމާއި، ތަސައްލީއާއި ޙައްލު ހޯދައިދިނުމުގެ މަޤްޞަދުގައި، ނުވަތަ މަޤްޞަދު އޮތީ އެހެންކަމަށް ބަޔާންކޮށް، ސިޔާސީ، އިޖްތިމާޢީ، ނުވަތަ މަދަނީ ޖަމުޢިއްޔާތައްވެސް މި ރާއްޖޭގައި ވުޖޫދަށް ގެނެސް، ހިންގައި އުޅޭ މެއެވެ.

މިދެންނެވި ފަދަ ޖަމުޢިއްޔާތަކަށް ބަލާއިރު، ހަމަ ކޮންމެ ބަޔަކުހެން ބުނަމުންގެންދާ ދެ ވާހަކަޔެއް އޮވެއެވެ. އެތަނުން އެއް ވާހަކަޔަކީ، ތިމަންމެންނަކީ ޑިމޯކްރަސީގެ ރިވެތި ހަމަތަކަށް ކަމޭހިތުމާއެކު، އެންމެންގެ މެދުގައި ކުރެވޭ މަޝްވަރާއިން ކަންކަން ނިންމުމުގެ މަތިވެރި އުޞޫލުގައި ވަރަށް ބާރަށް ހިފަހައްޓައިގެން ތިބޭ ބަޔެކޭއެވެ. އެ ހަމަތަކާއި އުޞޫލުން ބޭރުން އެއްވެސް ކަމެއް ތިމަންމެނެއް ނުކުރާނަމޭއެވެ. އަނެއް ވާހަކަޔަކީ، ތިމަންމެންގެ ޖަމުޢިއްޔާގައި ޢާންމުކޮށް ހިނގާ ކަންކަން ހިންގާން ތިބޭ އެންމެންވެސް ޢަމަލުކުރާނީ ކުރީން މިދެންނެވި ހަމަތަކާއި އުޞޫލުގެ މަތީން ހަދައި، ބަލަން ބޭނުން ކޮންމެ މީހަކަށް ފެންނަގޮތަށް ލިޔެވިފައި އޮންނަ، ކަންކަން ހިންގާނޭ ގޮތްތަކުގެ އިޖުރާއާތުގެ ބަޔާނަކާ އެއްގޮތަށޭއެވެ.

މިދެންނެވި ދެ ވާހަކަޔަކީ، އެ ދެ ކަމަކަށް ޖަމުޢިއްޔާތަކުން އެންމެ ބޮޑު އަހުމިއްޔަތެއް ދޭ ދެ ކަން ހިމެނޭ ދެ ވާހަކައެވެ. އެއީ މަޝްވަރާއިން ކަންކަން ނިންމުމުގެ ވާހަކަޔާއި ކަނޑައެޅިފައިވާ އިޖުރާއާތުގެ ދަށުން ކަންކަން ހިންގައި ބެލެހެއްޓުމުގެ ވާހަކައެވެ. މިދެންނެވި ދެ ވާހަކައިގައި ހިމެނޭ ދެ ހަމަޔަކީ މިދެންނެވި ޒާތުގެ ހަމަ ކޮންމެ ޖަމުޢިއްޔާއެއްގެ ޙަޤީޤީ ދުޅަހެއުކަން ވަޒަންކުރުމުގެ ވަރަށް މުހިންމު ދެ "ބަލިބަލާ ކަށިގަނޑު" ކަމީ އަޅުގަނޑުމެންނަށްވެސް އިތުރު ޝައްކަކާއި ވަސްވާހަކައި ނުލައި ބަލައިގަނެވޭނޭ ޙަޤީޤަތެއް ކަން ކަށަވަރެވެ.

އަޅުގަނޑަށް މި ލިޔުމުގައި މިހައިތަނަށް މިދެންނެވުނީ ދެކޮޅުޖެހޭ ވާހަކަތަކެއް ކަމަށް ވާނަމަ، ދެން ވިސްނާވަޑައިގަންނަވާށެވެ! އަދި ތިޔަބޭފުޅުންނަކީ ސިޔާސީ، އިޖްތިމާޢީ، ނުވަތަ މަދަނީ ޖަމުޢިއްޔާއެއް ނުވަތަ ޖަމުޢިއްޔާތަކެއްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމަށް ވާނަމަ، އެ ޖަމުޢިއްޔާއެއް ނުވަތަ ޖަމުޢިއްޔާތަކެއްގައި ކަންކަން ނިންމައި ހިންގުމުގައި ތިޔަބޭފުޅުންގެ ޙަޤީޤީ ބައިވެރިވެވަޑައިގަތުން އޮތީ ކިހާވަރަކަށްތޯ އިޚްލާޞްތެރިކަމާއެކު ވިސްނާވަޑައިގަތުން ކިއެއްތޯއެވެ؟ އަދި ޖަމުޢިއްޔާގައި އަދި ޖަމުޢިއްޔާގެ ބައިވެރިވުން އޮވެގެން ހިނގާ ކަންކަމުގައި ދުރައިލައި ތައްޔާރުކުރެވިފައިވާ އިޖުރާއާތުތަކަށް ޢަމަލުކުރެވެނީ ކިހައިވަރަކަށްތޯވެސް ބައްލަވައިލެއްވުން ކިއެއްތޯއެވެ؟

އެންމެ ފުރަތަމަ، ޑިމޯކްރަސީއާއި މަޝްވަރާގެ ކަންކަން ޖަމުޢިއްޔާގައި ހުރިނެތްގޮތަށް ބަލައިލުމުގެ ސުވާލުތަކެއް ފަރުދީ ގޮތުން ހަމަ ކޮންމެ ބޭފުޅަކަށް ވަކީން ދަންވައިލާނަމެވެ.

އެ ޖަމުޢިއްޔާގެ މެންބަރެއްކަމުގައި ތިޔަ ބޭފުޅާ ތިޔަ އުޅުއްވާ ޖަމުޢިއްޔާ ވުޖޫދަށް އައިސް ދެމިއޮތުމުގެ މައިގަނޑު ކަންކަމާ ބެހޭގޮތުން ޖަމުޢިއްޔާއިން ނިންމާ އެކި ނިންމުންތަކާއި، ހިންގާ މުހިންމު ޙަރަކާތްތަކާއި، އެކި އިސްޓޭޖުތަކާއި މަންސަތަކުގައި ދައްކާ ވާހަކަތަކުގައި ތިޔަބޭފުޅާ އެއްވެސް ގޮތަކުން ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތެއް ދުވަހަކުވެސް ލިބިވަޑައިގަންނަވާތޯއެވެ؟ ޖަމުޢިއްޔާގެ މެންބަރުންގެ ޢަދަދު ގިނަވީމައި، ނުވަތަ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ ޖާހާއި ހައިބަތު ބޮޑުވީމައި ނަމަވެސް، އެކި ކަންކަމާ ބެހޭގޮތުން ޖަމުޢިއްޔާގައި ކުރެވޭ މަޝްވަރާތަކުގައި ތިޔަބޭފުޅާ، އަދި ދެން ތިއްބެވި އެންމެހައި މެންބަރުން ސިދާގޮތުން ބައިވެރިވެވަޑައިގަތުން އެއީ ޖަމުޢިއްޔާޔަށް އެހައި ފަސޭހަކަމަކަށް ނުވާނަމަ، މިދެންނެވި ޒާތުގެ މުހިންމު ކަންކަމާމެދު މެންބަރުންގެ ރައުޔު ހޯދާން ދޭތެރެ ދޭތެރެއިން ބާއްވާ ޢާންމު ޖަލްސާތަކުގައި އަތް ނަގައިގެން ނަމަވެސް ޢާންމު މެންބަރުން ވޯޓު ދިނުން އޮވޭތޯއެވެ؟ ނުވަތަ، އޭގެ ބަދަލުގައި ޖަމުޢިއްޔާގެ މެންބަރުންނާއި ޢާންމު ރައްޔިތުންގެ އެ ވަޤުތެއްގެ ކަންބޮޑުވުންތަކާއި އުދާސްތަކަކީ ކޮބައިކަން ނިންމަނީ ޖަމުޢިއްޔާގެ އިސް ސަފުގައި ތިއްބަވާ މުހިންމު ތިންހަތަރު ބޭފުޅަކަށް އެވަގުތަކު ފެނިވަޑައިގެން ގޮތަކަށްތޯއެވެ؟ އަދި ޖަމުޢިއްޔާގެ ޢާންމު މެންބަރުންވެސް ބައިވެރިވާ ގޮތަށް ބޭއްވޭ އެއްވުންތަކަކީ "މި ދުވަސްވަރު ކަލޭމެން ޢާންމު މެންބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ކެކުޅުންތަކާއި އުދާސްތަކަކަށް ވާންވާނީ ހަމައެކަނި މިކަންކަން" ކަމަށް އިސްބޭފުޅުން ވިދާޅުވެދެއްވާން ބާއްވާ ބައްދަލުވުންތަކެއް ތޯއެވެ؟

ޖަމުޢިއްޔާގައި ކަންކަން ހިނގަނީ ފަހުން މިދެންނެވި ދެ ސުވާލަށް އާނއެކޭ ވިދާޅުވެވޭ ގޮތަށް ކަމަށް ވާނަމަ ހިތާމަހުއްޓެވެ. އެހެނީ، ތިޔަ ބޭފުޅާޔަށް ތިޔަ އުޅުއްވެނީ ޑިމޯކްރަސީގެ ހަމަތަކާއި މަޝްވަރާގެ މަތިވެރި އުޞޫލުގެ ބޭރުން ހިނގާ، ޚުދްމުޚްރާތު ޖަމުޢިއްޔާއެއްގައި ހަމައެކަނި "ބޯ ގިނަކުރާ" އެއްގެ ގޮތުގައެވެ. ތިޔަ ބޭފުޅާޔަކީ ނަން މަޝްހޫރު، ނުވަތަ މީހުންގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގަންނަވާ ބޭފުޅެއްނަމަ، އޭގެ އިތުރުން ދެން ތިޔަ އުޅެއްވެނީ ޖަމުޢިއްޔާގެ ނުޞައްޙަކަމުގެ ބޭރުން އެޅުވޭ، އަދި އެނޫން އެއްވެސް ބޭނުމެއް، ކަމެއް، އަހުމިއްޔަތެއް ނެތް ފަރުދާއެއްގެ ގޮތުގައެވެ. ޖަމުޢިއްޔާ މާދަމާ ކިތަންމެ އުސް ކުންނުތަކަކަށް އެރިޔަސް، ޖަމުޢިއްޔާ ހިނގާނީ އެންމެންގެ މަޞްލަޙަތުތައް ދެނެގަނެގެން، އެންމެންގެ ޚިޔާލާއި ރައުޔު ހޯދައިގެން، އެންމެންގެ މަޝްވަރާގެ މައްޗަކުން ނޫނެވެ. ހަމަ އެއްކަލަ ދެތިން އިސް ބޭފުޅުންނަށް ފެނިވަޑައިގެން ގޮތަކަށެވެ. ވިސްނާވަޑައިގަންނަވާށެވެ!

ދެން ދަންނަވާން އޮތީ ކަނޑައެޅި ބަޔާންވެފައި އޮންނަ އިޖުރާއާތުތަކެއްގެ މައްޗަށް ކަންކަން ހިންގުމުގެ ޒަމާނީ އުޞޫލު ޖަމުޢިއްޔާގައި ގެންގުޅެވޭ ގޮތަށާއި މިންވަރަށް ބަލައިލުމުގެ ބައެވެ. މި ދާއިރާއިންވެސް އަޅުގަނޑު ދެތިން ސުވާލެއް ދަންނަވައިލާނަމެވެ. މިފަހަރުވެސް ފަރުދީ ގޮތުން ހަމަ ކޮންމެ ބޭފުޅަކަށް ވަކި ވަކީންނެވެ.

ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގައި އެ ހުންނަ ތަފާތު އެކި ޖަމުޢިއްޔާތަކާއި މުއައްސަސާތަކުގައި ކަންކަން ހިނގާ އިޖުރާއާތުތައް ލިޔެ ޝާއިޢުކޮށްފައިވެސް ހުރެއެވެ. އިނގިރޭސިބަސް މާދަރީ ނުވަތަ މުހިންމު ބަހެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނުގައި މިފަދަ ބައެއް އިޖުރާއާތުތަކަށް "ސްޓެންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރ" މިހެންވެސް ކިޔައިއުޅެއެވެ. ތިޔަ ބޭފުޅާ މެންބަރުކަމުގައި ތިޔަ އުޅުއްވާ ޖަމުޢިއްޔާގައި މިދަންނަވާ ޒާތުގެ އިޖުރާއާތުތަކެއް އެންމެނަށް ފެންނަ ގޮތަށް އިޢުލާނު ކުރެވިފައި ނުވަތަ ޝާއިޢުކުރެވިފައި އެބަހުރިތޯއެވެ؟ ޖަމުޢިއްޔާ ހިންގުމުގައްޔާއި، ޖަމުޢިއްޔާގެ ފަރާތުން ކުރާ ކަންކަމުގައްޔާއި، ޖަމުޢިއްޔާޔަށް އެކި ފަރާތްތަކުން ހުށައަޅާ ކަންކަމާއި ކުރިމަތިކުރުވާ ކަންކަމާއި، ޖަމުޢިއްޔާގެ މެންބަރުން ކަންކަމުގައި ބައިވެރިވުމުގައި ގެންގުޅޭނޭ، ނުވަތަ ބައިވެރިކުރުމުގައި ގެންގުޅެވޭނޭ ހަމަތަކާއި، މުވާޞަލާތްތަކާއި މުޢާމަލާތްތަކާއި ދެންވެސް އެހެން ހުންނަ ގުޅުންތައް ހިންގާނޭ ގޮތްތަކާއި، ދެންވެސް ހުންނަ މި ފަދަ އެންމެހައި ކަމެއް ކުރެވެނީ މިދެންނެވި އިޖުރާއާތުތަކާ އެއްގޮތަށްތޯއެވެ؟ އެކި މީހުންގެ ސިޔާސީ، ނުވަތަ އިޖްތިމާޢީ، ނުވަތަ އިޤްތިޞާދީ ހައިބަތަށް ނުބަލައި، އެންމެންގެ މައްޗަށް ހަމަހަމަކަމާ އެކުގައިތޯއެވެ؟ ނުވަތަ، ޖަމުޢިއްޔާގައި ކަންކަން ހިނގަނީ މިދެންނެވި ފަދަ އިޖުރާއާތްތަކަކައި ނުލައި، ބޮޑެތި ބޭފުޅުންނަށް އެވަގުތަކަށް ފެނިވަޑައިގެން ގޮތަކަށް އެވަގުތެއްގެ ޙާޖަތެއް އެބޭފުޅުންނަށް އެވަގުތަކު ފެނިވަޑައިގެން ގޮތަކުން ފުއްދަވާ ހަމައިންތޯއެވެ؟ އެކި ވަކި މެންބަރުންގެ ކަންކަމުގައި އެ މެންބަރުންގެ ސިޔާސީ ފުންނާބުގެ އުސްމިނާއި، އިޖްތިމާޢީ ފޯރުންތެރިކަމާއި، އިޤްތިޞާދީ ތަނަވަސްކަމަށް އެ ބޭފުޅުން އިސްކަން ދެއްވައިގެންތޯއެވެ؟

ޖަމުޢިއްޔާގައި ކަންކަން ހިނގަނީ ފަހުން މިދެންނެވި ދެ ސުވާލަށް އަނެއްކާވެސް އާނއެކޭ ވިދާޅުވެވޭ ގޮތަށް ކަމަށް ވާނަމަ، ދެންވެސް ހިތާމަހުއްޓެވެ. އެހެނީ، ތިޔަ ބޭފުޅާޔަށް ތިޔަ އުޅުއްވެނީ ބައެއް ބޭފުޅުން އެ ވިދާޅުވާ "ގުޑް ގަވަރނަންސް" ނުވަތަ ދުޅަހެއު ޙުކޫމަތެއްގެ އެއްވެސް ސިފައެއް ނެތް ޖަމުޢިއްޔާއެއްގައެވެ. ވަކި ބައެއްގެ މަޞްލަޙަތުތައް ނޫނީ ދުވަހަކުވެސް ޙިމާޔަތް ނުކުރާނޭ ޖަމުޢިއްޔާއެއްގައެވެ. ތިޔަ ބޭފުޅާޔަކީ ނަން މަޝްހޫރު، ނުވަތަ މީހުންގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ވިޔަސް، އަތްޕުޅުގައި "ދާމޫގަނޑެއް" ނެތަމަ، ތިޔަ ބޭފުޅާގެ އުދާހަކަށް، ކެކުޅުމަކަށް އެއްވެސް ޝިފާއެއް ލިބިވަޑައިނުގަންނަވާނޭ ތާނގައި އަޑަފިކޮޅު ހިއްޕަވައިލައްވާނޭ ބިލެތްގަނޑެއްހައި ހިސާބުވެސް ދުވަހަކުވެސް ތިޔަތަނުން ލިބިވަޑައިނުގަންނަވާނޭ ތަނެއްގައެވެ. ކަމެއް ދިމާވެއްޖިއްޔާ އެކަމެއް ޙައްލުކުރާން އޮތް ގޮތެއް ނިންމަވާނީ އެވަގުތަކު ޖަމުޢިއްޔާގެ މުގުލުގައި ތިއްބެވި ދެތިން ބޭފުޅަކަށް އެ ވަގުތަކު ފެނިވަޑައިގެން ގޮތަކަށް ކަމަށް އަބަދުވެސް ވާނޭ ޖަމުޢިއްޔާއެއްގައެވެ. އެކަމާވެސް ވިސްނާވަޑައިގަންނަވާށެވެ!

އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި، ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކީ އިންސާނާޔޭ މިކިޔާ ހަމަ ކޮންމެ ނަފުސަކަށް މިންވަރުކުރައްވައިފައިވާ، ހެއްދެވި ތަކެތީގެ ތެރެއިން އެންމެ މަތިވެރި މަޚްލޫޤަށް ދެއްވައިފައިވާ މަތިވެރިޝަރަފު ލިބިވަޑައިގެންވާ ބޭފުޅެކެވެ. އަދި ހަމަ އެހެންމެ، އެ ޝަރަފުގެ ބުރަދަނަކީ ސިޔާސީ، ނުވަތަ އިޖްތިމާޢީ، ނުވަތަ އިޤްތިޞާދީ ހައިބަތުގެ ތަރާޒަކުން ކިރޭނޭ ބުރަދަނެއް ނުމެ ނޫންމެއެވެ. އެހެންކަމާއެކު، ދިރިއުޅުމުގެ މައިދާނުގައި ހިންމަތާއި މިންނަތް ކުރަމުން ގެންދާ ހީވާގި ޒުވާނުންނާއި ޢުމުރުން ދުވަސްވުމުގެ ވަރުބަލިކަމާއެކުވެސް ތިމާމެންގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށްވެސް އެތައް ފައިދާއެއް ހުރި އެތައް ކަމެއް ލިއްބައިދިނުމުގެ ހުނަރާއި ކުޅަދާނަކަމާއި ޤާބިލިއްޔަތު ލިބިގެންވާ މުޥާޠިނުންގެ މެދުގައި ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، ތަނަވަސްކަމާއި، އަމަންއަމާންކަމާއި، ހަމަޖެހުމާއި، ހިތްހަމަޖެހުމާއި، ދެންވެސް އެހެން އެހުންނަ، އިންސާނުންގެ ދިރިއުޅުން ބާއްޖަވެރި ކޮށްދޭނޭ، ނުވަތަ ކޮށްދޭ ކަމަށް ފެންނަ ކަންކަމުގައި އެންމެނަށް އެއް ހަމަޔަކުން ޚިދުމަތްކުރުމުގެ ނަމުގައި އުފައްދައިފައިވާ ކޮންމެ ޖަމުޢިއްޔާއެއްގެ ކޮންމެ މެންބަރަކީ އެ ޖަމުޢިއްޔާއެއްގެ ކަންކަމުގައި ޢަމަލީ އަދި މަޢުނަވީ ގޮތުން ފުރިހަމަޔަށް ބައިވެރިވެވޭނޭ ފަރުދަކަށް ވާން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ، މިދެންނެވި ފަދަ މަޤްޞަދެއްގައި ތިބޭ "އާދައިގެ" މެންބަރުންނަކީ ޖަމުޢިއްޔާއެއްގެ "ތާޖުދާރީން ފެނޭތޯ" ދުރުދުރުން ބަލައިލާން ދިޔުމުގެ ފުރުޞަތު އެކަނި ލިބިގެންވާ ބަޔަކަށް ހަމަ އެއްގޮތަކަށްވެސް ވެގެން ނުވާނެއެވެ.

ވިސްނާވަޑައިގަންނަވާށެވެ!