Support Us

ކޮލަމް ކަލާވެހި: އޮޑި އަރަނީ ފަރަށޯލައެވެ!

އަޅުގަނޑުގެ މި ވާހަކަ މި އަމާޒުކުރަނީ ވަރަށް ގިނަ ދިމަދިމާޔަށެވެ. ފަށާނީ މިޒަމާނުގެ ގޭބިސީތަކުންނެވެ. ދެން ދާނީ އެދުރުގެތަކާއި މަދުރަސާތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާ ހަމަޔަށެވެ. އަމިއްލަ މީސްމީހުން ހިންގާ ގަމުތެރޭ ފިހާރަތަކުން ފެށިގެންގޮސް، ބޮޑެތި ފިހާރަތަކާއި، ކުންފުނިތަކާއި، ފަތުރުވެރިކަމާއި އެފަދަ އެހެން ހަންދަސާތަކުގެ މުއައްސަސާތަކާ ހަމަޔަށެވެ. ތަފާތު އެކި ޞިނާޢަތްތަކާއި ސަރުކާރުގެ ކުންފުނިތަކާއި، ދެންވެސް އެހެން ހުންނަ އެންމެ އުސް ކުންނުތަކާ ހަމައިގައި ހުންނަ ތަންތަންވެސް މިވާހަކައިގެ ތަރަހަޔަކުން ބޭރެއް ނުމެކުރާނަން މެއެވެ.

އެހެންނަމަވެސް، ދަންނަވަން އޮތް ވާހަކަ ދަންނަވާނީ ވާހަކައެއްގެ ތެރެއިންނެވެ. ވާހަކައިގެ ދޭހަޔާއި، މާނަޔާއި، ތަފްސީރާއި، ހީފުޅުކުރައްވާ މަޢްނަލް މަޤްޞޫދާ ހަމަޔަށް ވަޑައިގަތުމަކީ ތަފާތު އެކި ފަންތީގެ، ތަފާތު އެކި ނަޡަރިއްޔާ ގެންގުޅުއްވާ ބޭފުޅުނަށް އޮތް ކަމެކެވެ. ޚުދު އަޅުގަނޑާ ދޭތެރޭވެސް ޢާޠިފަތުން ފެށިގެން ކަރާހިޔަތާ ހަމަޔަށް ދަމައިލެވޭ ރޮނގެއްގައި އެކިވަކި ބޭބޭފުޅުންގެ އަތްޕުޅުމައްޗަށް އަޅުގަނޑު ދޫކޮށްލާނޭ ކަމެއް މެއެވެ. އެކަމަކު އެކަން ކުރައްވާއިރު، ފަށަމުން މިދެންނެވި އަމާޒުފަތްގަނޑުތައް ހިތްޕުޅުގައި ގެންގުޅުއްވުމަކީ މިވާހަކަ ވިދާޅުވާ ކޮންމެ ބޭފުޅެއްގެ އަރިހުން އަޅުގަނޑު އެދޭ އެދުމެކެވެ.

އަޅުގަނޑުގެ ވާހަކައިގެ މައިގަނޑު ފަސްމަންޒަރަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން މުދަލާއި، ނާލު ފޮށިގަނޑުގަނޑު ހޯދައިގެން އެތަކެތި އެއް އަތޮޅުން އަނެއް އަތޮޅަށް ގެންދިޔުމުގެ މަސައްކަތުގައި ގެންގުޅޭ، ވަރަށް ދޭސީ ބޯޓެކެވެ. މަތިންދާބޯޓު ޓިކެޓުގެ އަގު އުދުހޭ އުސްމިން އެއްދުވަހުން އަނެއްދުވަހަށް މައްޗަށް އަރަމުން ދިޔަ ވަރަކަށް އެޔާ އެއްހަމަޔަށް މައްޗަށް ނުފުމެވޭ އިންސާނީ ގާހަކަ ގިނަވާވަރަކަށް ބޯޓުގެ ތައްޓުމަތީގައި ޖެހޭ ގޮދަޑީގެ ޢަދަދުވެސް އަނެއްކާ އިތުރުވަމުން އަންނަ ބޯޓެއް މެއެވެ. އެކަމަކުވެސް އެއީ ހަމަ ފަސްމަންޒަރު، އިނގޭތޯއެވެ!

އަޅުގަނޑުމެންގެ ވާހަކައިގެ ބޯޓުގެ ކަމަޅިމަތީ އައުކޮޅުގައި ބޯޓުގައި ހުރި ކައްޕިތާނަކަށް ހުރީ ރާއްޖޭގެ ޤުދުރަތީ ދޭދޭ އެކި އަތޮޅުގެ ދެމެދުގައި އެހުންނަ ކަނޑުތަކުގައި އެކި ނަކަތުގައްޔާއި މޫސުމުގައްޔާއި ދިޔަވަރުގައި އޮޔާ ވައި ހިނގާގޮތް ވަރަށް ރަނގަޅަށް ދެނެހުރި މީހެކެވެ. އަރާމުރިނގާއި އޮއްސޭމުރިނގަށް އޮޑިނަގާންވީ ދަނޑިވަޅުތަކާއި، ކަޅުފޮއިގައި ރޯނާއި ކެތިން މިސްރާބު ހިފާން ދެނެހުރި، ނިޔަމިކަމުގެ ދޭސީ އުސްތާޛެއްމެއެވެ. ކައްޕީގެ އިރުޝާދުގެ ދަށުން އޮޑީގެ އެކި ކަންކަމު އުޅުނު ފަޅުވެރީންގެ ހުނަރާއި ތަޖުރިބާޔަށް ކޮންމެ ދަތުރަކުމެ މަސްއޫލިއްޔަތުގެ މަގުން އިތުރުކޮށްދީ، އެމީހުންނަށް ލިބެމުންދިޔަ ތަޖުރިބާގެ އަގު ވަޒަންކޮށް، ސާބަހާއި ހިތްވަރުދީ އުޅުނު ނެތްވެއް މެއެވެ. އޮޑިޔަކީ ޑީސަލް އިންޖީނެއް އަޅައިފައި ހުރި އޮޑިޔެއް ކަމަކު، އިންޖީނެކޭ، ރިޔަލެކޭ، ފައްޔެކޭ ބުންޏަސް، ކޮންމެ ފަދަ ނުކިއްސަރު ހަޅަޔެއްގައިވެސް ކަނޑުމައްޗަށް ގަދަ، ކެތްތެރި ވެރިޔެކެވެ.

ބޯޓުގެ ޢުމުރުން ދުވަސްވަމުން ދިޔައިރު، ބޯޓު ދުއްވައިގެން ލިބޭ ފައިދާ ވަކި ކުޑަޔެއް ނޫންކަމާއި، ބޯޓުގެ ކައްޕިޔަށާއި ފަޅުވެރީންނަށް "ބޯ ބަހައްޓައިގެން" އުޅޭން އެނގިއްޖެނަމަ އެމީހުންނަކީ ބޮޑެތި މުއްސަނދީންނަށް ވެވިދާނޭ މީހުންކަން ފަހުން އައި ބަޔަކަށް ވިސްނޭން ފަށައިފިއެވެ. މި ދަންނަވާ ވަކި ބަޔަކީ، ކަނޑުބޯޓުފަހަރުގައި އަޅައިފައި ހުންނަ ޒާތްޒާތުގެ އިންޖީނާ ބެހޭ ކަންކަން ދުނިޔޭގެ އެތަންމިތަނުން ފޮތުންނާއި އެހެނިހެންވެސް ގޮތްގޮތުން ދަސްކޮށްގެން، އެކަން ސާބިތުކޮށްދޭނޭ އޮފުގަދަ ސަނަދުތައް ހިފައިގެން އަލަށް އައި މީހުންނެވެ. ޒަމާނީ ބަހުރުވައިންނަމަ، މެރިން އިންޖިނިޔަރުންނެވެ. ނިޔަމިކަމުގެ ހުނަރުތައް ކުލާސްތަކުންނާއި ޕުރޮފެސަރުންގެ ގާތުން އަލަށް ދަސްކޮށްގެން، ކަމުގެ  މޮޅު ފާސްތައް ހިފައިގެން، ރަން މެޑެލިވެސް ކަރުގައި އަޅުވައިގެން އަލަށް އައިސް ތިބި، ނެވިގޭޓަރުންނެވެ. މި މީސްމީހުންނާ އިހު މީހުންނާ ދެމެދު ހުރި އެންމެ ބޮޑު އެއް ތަފާތަކީ، ދެބައިމީހުންގެ ދެމެދުގައި އެއް ލަފުޒެއްގެ މާނަ ތަފާތު ވާ ގޮތެވެ. އެހެނީ، އިހުމީހުންނާ މެދު އައު ޖީލުގެ މީހުން ބުނެ އުޅެނީ އެއީ މުސްކުޅި، ބޮލުރޮދި ކެނޑިފައި ތިބި، އުޅޭން ނޭނގޭ، "ކަޓު" މީހުން ކަމަށެވެ. އިހުމީހުން ފަހުގެ ނޯޖަވާނުން ސިފަކުރާން އަދި ބޭނުން ވިޔަސް، މަޞްލަޙަތަށްޓަކައި ގިނަ ފަހަރަށް ނުބުނެ ދޫކޮށްލާ ބަހަކީ، ފަހުން މިއައި މީހުންނަކީ "ކަޓު"ނަގަން ކުޅަދާނަ ބަޔެކޭއެވެ. "ކަޓު"ގެ ދެ މާނައިން ކުރެ ޞައްޙައީ މިވެނި މާނަޔެއް ކަމެއް އެއްބަޔަކަށްވެސް ނޭނގެއެވެ.

ދެން އައްސަވާށޭ، އަޅުގަނޑުމެންގެ ބޯޓުގެ ކައްޕި އެއްދުވަހުން އަނެއް ދުވަހަށް އެހެރަ ދަނީ މުސްކުޅިވަމުން ކަމާއި، ލޯބޯކޮށިވަމުން ކަމާއި، ވަރަށް ކައިރި މުސްތަޤުބަލެއްގައި އޭނާ ކައްޕިކަން ދޫކޮށްލާނޭކަން ކޮންމެވެސް ބަޔަކަށް ވިސްނިއްޖެއެވެ. ކައްޕި ފަހު ސަލާންކޮށްފައި ބޯޓުން ފައިބާ ދުވަހު އައު ކައްޕިޔަކަށް ވާނީ ބޯޓުގައި އެހައިތަނަށް ވަފާތެރިކަމާއެކު މަސައްކަތްކުރަމުން ގެންދިޔަ ފަޅުވެރީންގެ ތެރެއިން ކަމަށް އެންމެ ޤާބިލް، ތަޖުރިބާގެ ގޮތުން އެންމެ މުއްސަނދި، އަދި ރާއްޖޭގެ ކަނޑުތަކާއި، އެތެރެވަރިތަކާއި، ފަރުތަކާއި، ހައުހަލާއި ގިރިގިރި އެންމެ މޮޅަށް ދަންނަ މީހާކަމަށް އެންމެންވެސް ހީކުރިއެވެ. ބޯޓާއި ބޯޓުގެ ޚިދުމަތް އެކި ގޮތްގޮތުން ހޯދާން ތިބި އެންމެނަށް އެންމެ ފައިދާހުރި ގޮތަކީވެސް އެއީ ކަމަށް ޢަޤްލީ އެތަކެއް ހަމަޔަކުން ދުނިޔޭގެ މާހިރުން ޞައްޙަކޮށް ބުނެދޭތީ އެވެ.

އެހެންނަމަވެސް، ކަން ވީ އެހެނަކުން ނޫނެވެ!

ބޯޓު ދުއްވައިގެން ނެގޭން އޮތް "ކަޓު"ތަކުގެ ޢަދަދުތައް، ޟަމީރެއްގެ އުނދަގޫ ނުފޯރާ ބުއްދިތަކަކުން ހިސާބުކުރީމައި ވަނީ އެހެން ގޮތެކެވެ. ނަތީޖާޔަކަށްވީ، އެ ހިސާބެއް ކުރީމައި އަންނަ ޢަދަދުތައް ސިކުނޑީގައި ނާޗަރަންގީ ކުޅެމުންދިޔަ، ފަހުގެ ސަނަދުވެރީންނާއި އެވެރީންގެ އަޢުވާނުން ވެހޭތަނުން ފެންނަގާން ބޭނުންވުމެވެ. އެމީހުންގެ ބަހުރުވައިންނަމަ "ފުރުޞަތުގެ ބޭނުންކުރާށެވެ." އެހެންކަމާ އެކު، އޭގެ ތެރެއިން ބުރުސޫރަ ރީތި، ސަމައްތަރު ހެޔޮ، މޫނުމައްޗަށް މަޢުޞޫމިއްޔަތުގެ ސިފަތައް ގެނެސްގަންނަން އެންމެ ކުޅަދާނަ ހައެއްކަ މީހުން އެގޮތް މިގޮތުން އޮޑީގެ ފަޅުވެރީންނަށް ވެއްޖެއެވެ. އެމީހުންގެ މައި މަޤްޞަދަކަށްވީ ބޯޓުގައި އެވަގުތު ތިބި، ކަނޑަށް ގަދަ، ފަރު ފަޅު އެނގޭ، ތަޖުރިބާކާރު ފަޅުވެރީން ބޯޓުން އަމިއްލަޔަށް ފައިބާނޭ، ނުވަތަ ބޯޓުގެ ވެރީން އެމީހުން ބޯޓުން ބައިލާނޭ އެންމެހައި ގޮތްތަކެއް ހޯދައި، އެ ގޮތްތަކަށް ޢަމަލީ ސިފަ ގެނެސްގެން އެބައިމީހުންގެ އަނދިރި މަޤްޞަދު ޙާޞިލްކުރުމެވެ.

ބޯޓަށް އަލަށް އެރި މީހުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ބޯޓުން އެންމެ ފުރަތަމަ ފައިބާންޖެހުނީ ބޯޓުގެ ކައްޕި ނަގައިފައި ދެން ހުރި އެންމެ އިސް މީހާއެވެ. އޭނާޔަށް ދިން ލަނޑަކީ، މޫސުން ނުބައި ރެޔަކު ގަދަ ކަނޑަކަށް ނިކުންނާން ޖެހޭނޭކަން އެނގުނު ދަނޑިވަޅެއްގައި އޭނާޔަށް ދިން ލަނޑެކެވެ. އެދުވަހުގެ ހަވީރު ބޯޓުގެ ކައްޕިގެ ހަވީރުގެ ސައިތަށްޓަށް ކޮންމެވެސް މީހަކު ސިއްރުން އެޅި އެއްޗެއްގެ ސަބަބުން ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ބޯޓުގެ އިސް މަސްއޫލިއްޔަތު ދެން ހުރި އިސް އޮފިސަރާ ޙަވާލުކޮށްފައި ކައްޕި ވަނީ ނިދައިލާށެވެ. ދެން އެ އޮފިސަރުގެ އެރޭގެ ރޭގަނޑުގެ ސައިތަށްޓަށް ކޮންމެވެސް މީހަކު އެ އެޅި އެއްޗެއް އެޅީމައި އޭނާ ކަމަރާމަތީގައި ހުންގާނުގައި ހުއްޓަސް ހުރީ ޒާތަކަށް ދެބަދޭތެރެ ވެލައިފައެވެ. އެހެން ހުއްޓައި، އަލަށް އެރި ފަޅުވެރީން ކުރެ އެކި ފަހަރު އެކި މީހުން އައިސް އޭނާޔަށް ދިން މަޢުލޫމާތުގެ ޞައްޙަކަމަށް އިތުބާރުކުރާން ހަދައިގެން ބޯޓު ފަރަކަށް ނާރައި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ބޯޓު ސަލާމަތްވި ކަމަށް ވީ  އަލަށް އެރި އެއްކަލަ ފަޅުވެރީންގެ މަސައްކަތުންނޯލައެވެ. އެ މީހުން އަޑުގަދަ ކޮށްލައިފައި ބުނީ، އެރޭ އެކުރިމަތިވި ބިރުވެރިކަމަކީ އިހުގެ އޮފިސަރުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށެވެ.

އޮފިސަރު ބޯޓުން ފޭބީ އަމިއްލަޔަށެވެ. ގަތްގަތް ލަދުންނެވެ.

ބޯޓުން ދެން ބޭލީ ދެންވެސް އެގޮތަށް ހުރި، ތަޖުރިބާކާރު ފަޅުވެރިޔެކެވެ. އޭނާގެ ބޮލުގައި ވަގުބަދުނާމު އެޅުވީވެސް އަލަށް އެރި އެއްކަލަ ފަޅުވެރީންނެވެ. ހެއްކެއް އަދި ނެތަސް، އެތަކެއް ޤަރީނާ ހަދައިގެން ނަމަވެސް ކުޅީ ދުނިޔެއަށްހެން ދެއްކީ ހަމަ އެއްކަލަ ހައެއްކަ ފަޅުވެރީންނެވެ. އެކަމާ ވިދިގެން އިހުގެ ފަޅުވެރިޔާ ބޯޓުން ފައިބާން އެންގީ ސީދާ ކައްޕިއެވެ. އެނޫން ގޮތެއް ނެތިގެންނެވެ.

އަޅުގަނޑުމެންގެ ބޯޓުގެ ބައެއް ކަހަލަ ކަންކަމުގެ ބާރުވެރިކަން އެއްކަލަ ހައެއްކަ މީހުންގެ ތެރެއިން އިސްކޮށް އުޅޭ މީހަކު އެހިސާބުން ނަގައިފިއެވެ. އަދި އޭނާގެ އެ ބާރުވެރިކަމާއި މަސްއޫލިއްޔަތުގެ ފުރަތަމަ ޙަރަކާތަކަށް ހެދީ، ބޯޓުގައި ތިންވަނަޔަށް ހުރި އެންމެ ތަޖުރިބާކާރު ފަޅުވެރިޔާ ލައްވައި އޭނާގެ ޢުމުރާއި، ޙައްޘިއްޔަތާއި، ބޯޓުގައި މަސައްކަތްކުރި މުއްދަތާއި ފެންވަރާ ނުބައްދަލު ކަންކަން ކުރުވާން މަޖުބޫރު ކުރުވުމެވެ. އެފަކީރަށް ޖެއްސީ ބޯޓުގެ ޑެކުތައް ޤަވާޢިދުން ކުނިކަހައި، ދޮވެ ސާފުކުރާށެވެ. ބޯޓަށް އަރާ ފަސިންޖަރުންގެ ފޮށިތަންމަތި އުފުލާށެވެ. ގަމުތެރޭ ފިހާރަފިހާރައިން ބާޒާރުކޮށްގެން ބޯޓަށް ގަންނަ އެއްޗިހި އަމިއްލަ ކޮނޑުމަތީ އުފުލާށެވެ. އެފަކީރު ބޯޓުން ފައިބައިގެން ދިޔައީ ފޫހިވެގެންނެވެ.

އަޅުގަނޑުމެންގެ ބޯޓުގެ ކައްޕި މުސްކުޅިވެގެން ދާއިމީގޮތަކަށް އެއްގަމަށް އެރިއިރު، ކައްޕިޔާ އެކީގައި ބޯޓުގައި މަސައްކަތްކުރި އަމާނާތްތެރި، ހުނަރުވެރި، ތަޖުރިބާހުރި ހަމަ އެންމެ ފަޅުވެރިޔެއްވެސް ބޯޓަކު ނެތެވެ. ހައްތާވެސް ތިބީ ފަރުފަރަށާއި ހައުހަލަށާއި ގިރިގިރިޔަށް އޮޑި ނާރުވައި، މޫސުންތަކާއި އޮޔާއި ވަޔަށް ބަލައިގެން އޮޑި ދުއްވާން އެހައި ރަނގަޅަށް އަދި ނޭނގުނަސް، ބޮޑާބަސްބުނުމުގެ ދާއިރާއިން މާހިރުންނެވެ. އެތަންމިތަނުން ކިޔަވައިގެންނޭ ބުނާ، އަމިއްލަޔަށް ނުލިޔެވުނު ތީސީޒް އެހެންމީހުންގެ އެހީގައި ލިޔުނު ކަމަށް ބުނާ، ޕުރޮފެސަރުން ކިޔަވައިދިން ކުލާސް ތަކުގައި ނިދިޖެހުނު ކަމަށް އަމިއްލަޔަށް އިޢުތިރާފު އަދި ނުވިޔަސް އެހެން މީހުން އެހެންވެސް ބުނާ، އެކަމަކު ޒަމާނީ މާނައިގައި "ކަޓު" ޓެކްނޯލޮޖީގެ މަގުގައި ފުންނާބު އުސް ބަޠަލުންނެވެ. އަލަށް އެރި، އެއްކަލަ ހައެއްކަ ފަޅުވެރީންނެވެ.

އެކަމަކު ދެން ވީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ބޯޓުގަނޑުގެ އިހުގެ ކައްޕި މުސްކުޅިވެގެން އޮޑިން ފައިބާން މަޖުބޫރުވީ ދުވަހު، ބޯޓުގެ ކައްޕިކަމާ ދެން ޙަވާލުވާނީ ކާކުތޯ ބަލަން އެއްކަލަ ހައެއްކަ މީހުންގެ ތެރެއިން ނަގާނީ ކާކުތޯ ބެލުން އެހައި ފަސޭހަ ކަމަކަށް ނުވިއެވެ. ހަމަ ކޮންމެ މީހަކުވެސް ބޭނުންވަނީ އެހައި ދުވަހު އެމީހުން އެ އެއްޗަކަށް އިންތިޒާރުކުޅަ "ކަޓު"ގެ އެންމެ ބޮޑު ފަޅިއެވެ. ބޯޓުގެ ބާރުވެރިކަން އަމިއްލަ އަތަށް ނަގާން އެއްބަސްކިޔައިގެން ބޯޓަށް އެރި މީހުން މިހައިރު އެތިބީ އެކަކު އަނެކަކުގެ މައްޗަށް ބިރުވެރިކަމާއި ޝައްކުގެ ނަޒަރުތަކުން ބަލަބަލައެވެ. ވަށައިގެން ހުރި ހައުހަލަށާއި ގިރިގިރިޔަށް ބަލާކަށް ނޫނެވެ. ގަލަށް ކިޔާނޭ ވަގުތީ މީހެއް ނަމަވެސް ޢައްޔަން ކުރެވޭ ފަދަ ޙާލަތެއްގައެއްވެސް ނޫނެވެ. ޖުންޖުލާގެ ވިއްސާރަ ބޯމަތިވިވިޔަސް ދުނިޔޭގެ މޫސުމާއި އޮޔާއި ވަޔަށް ސަމާލުކަން ދެވޭ ޙާލެއްގައެއްވެސް ނޫނެވެ.

މަތިންދާބޯޓު ޓިކެޓުގެ އަގު އުދުހޭ އުސްމިން އެއްދުވަހުން އަނެއްދުވަހަށް މައްޗަށް އަރަމުން ދިޔަ ވަރަކަށް އެޔާ ހަމަޔަށް ނުފުމެވޭ އިންސާނީ ގާހަކަ، ބޯޓުގެ ތައްޓުމަތީގައި ގޮދަޑިއަޅައިގެން ތިބެ އެތިބަ ގޮވައިނަގަނިއްޔޭ، މާތްކަލާކޯއޭ ތިހެން ނުހަދާށޭ، މިއޮޑި މިދަނީ ކުރިމަތީގައި އެއޮތް ބޮޑު ފަރަށް އަރާށޭ، ކޮންމެވެސް މީހަކު މިއޮޑި އައްޔޫގު އީރާނަށް ނަމަވެސް ނަގައިބަލާށޭ…. އެކަމަކު އެކަހަލަ ދެރަސޮޑާއިން ގޮވާ ގޮވެލިފައްޗަކަށް، ލަވާ ހަޅޭކަކަށް ސަމާލުކަން ދޭނީ ކާކުތޯއޭ، ހުންގާނުގައި ހުރީ ކާކުކަމެއް، ސަމުގާޔެއް ނެތް އޮޑިޔެއްގައި ޒަމާނީ ޖީ.ޕީ.އެސް އެއް ނެތްކަންވެސް އަލަށް އަންނާން އުޅޭ އެއްވެސް ކައްޕިޔަކަށް އަދި ނޭނގެއެވެ.