...

Support Us

ކޮލަމް ކަލާވެހި: "މަޖޫރީކަލޭގެ ވާންވީ ބީރު، މަންމަން، ލޯފަން، ނުވަތަ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހަކަށް!"

މީގެ ދެތިން ރެޔެއް ކުރިން އަޅުގަނޑުގެ ހުވަފެނުގެ އަސް އަޅުގަނޑު ގޮވައިގެން ދަތުރުކުރީ މިތާނގައި އެ ޤައުމެއްގެ ނަން ކިޔުމަށްވުރެ ނުކިޔުން އަޅުގަނޑަށް ރައްކާތެރި ޤައުމަކަށެވެ. އެ ޤައުމުގެ ބޮޑެތި ޝަހަރުތަކުގެ ތެރެއިން ޝަހަރަކަށެވެ. އަދި ކިއްތަ، މިސްރާބާއި މަންޒިލް ކަށަވަރުކަމާއެކު، އެ ޝަހަރުގެ އަނދިރި ހިސާބެއްގައި ހުރި ނައިޓުކުލަބަކަށެވެ.

ނައިޓުކުލަބުގެ އެ ރޭގެ މަންޒަރު އަޅުގަނޑުގެ ކުރިމައްޗަށް ނިއުޅިގެން އައިއިރު، އެތަނުގައި މިޔުޒިކާއި ލަވަޔާއި ނެށުމުގެ ޙަރަކާތެއް ކުރިޔަށް ދެއެވެ. ތަފާތު އެކި ވައްތަރުގެ ބުއިން، އިނގިރޭސީންގެ މަޝްހޫރު ބައެއް ފިލްމިސްޓާރުން ބޭނުން ގޮތަށް، ނުގިރައި، ދަޅަށް އަޅައި ތަޅުވައިގެން މޭޒުތަކުގެ މައްޗަށް ގެނެވެމުން ދިޔައެވެ. ކާރޫބާރޫ ބޮޑު އެ އެމަންޒަރުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ކުލަބުގެ ތަންކޮޅެއް އަނދިރި ހިސާބެއްގައި އިން މީހެކެވެ. ކުލަބުން ބޭރަށް ވާރޭ ނުވެހުނަސް، ދިބާޣުކުޅަ ގެރިހަމުގެ ކޯޓަކާއި، އެޔާވާނޭ ބޮޑު، ކަޅު ތޮތްޕެއް އަޅައިގެން އިން މީހެކެވެ. ވަގުތަކީ މެންދަމާ ކައިރި ގަޑިޔަކަށް ވިޔަސް، ނުދޭ އަތްވަކުން ދެލޯ ރައްކާތެރިކުރަން އަވިއައިނެއްވެސް އަޅައިގެން އިން މީހެކެވެ. އަދި ގިނައިން ދުން އަރާ ޒާތުގެ ސިނިގިރެޓަކަށް ފަހު ސިނގިރެޓެއް ހުސްކުރަމުން ދިޔަ މީހެކެވެ. އޭނާ އިނީ އޭނާގެ ކައިރީގައި، ތަޅުންގަނޑު މަތީގައި، ކަޅު ބުރީފްކޭހެއް ބަހައްޓައިގެން އެޔަށް ވަރަށް ބޮޑަށް ސަމާލުވެގެންވެސް މެއެވެ.

އަޅުގަނޑު މިދަންނަވާ މީހާ އެތާ އިންދާ، އޭނާގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ދޮނަށްވުރެ ކަޅު ކަމަށް ބުނެވޭނޭ، ބޮލުގައި އެންމެ އިސްތަށްޓެއްވެސް ނެތް، ދެލޯ ރަތްކޮށްގެން ހުރި، ޖާނުން ބޮޑު ފިރިހެނެކެވެ. އަދި މޭޒު ކައިރީގައި އިން މީހާޔަށް އޭނާގެ ލޮލުގެ އިޝާރާތުން އެ އަންގައިލީ އޭނާޔާ އެކު އެތެރެޔަށް ދާށެވެ.

ދެ މީހުން އެކުގައި ގޮސް ވަނީ ކުލަބުގެ ވަތުބަތާނައިގައި ހުރި، ރަތް ބޮތްކަކުން އެކަނި އަލިކޮށްފައި ހުރި ކޮޓަރިޔަކަށެވެ. އަދި ހަމަ އެޔާއެކު، މާޙައުލަކީ ހުވަފެނުގެ މާޙައުލަކަށް ވީތީ، އަޅުގަނޑަށްވެސް އެ ކޮޓަރިޔަށް ވަދެވިއްޖެއެވެ. އަދި ކޮޓަރީގައި ތިބި އެއްވެސް މީހަކަށް އަޅުގަނޑު ނުފެނި، އެ އެންމެން ކުރާ އެންމެހައި ކަމެއް އަޅުގަނޑަށް ފެނި، ދައްކާ އެންމެހައި ވާހަކަޔެއް އިވޭ ގޮތްވެސް ވެއްޖެއެވެ.

ކޮޓަރީގެ މެދުގައި ހުރި މޭޒެއްދޮށުގައި އެ އިނީ ހަމަ އެއްކަލަ ކަހަލަ ކޯޓަކާއި ތޮތްޕެއްގެ ވެރިޔެކެވެ. އަދި އިސްތަށި ބޯ، ގޭންގުސްޓާރު ވައްތަރުގެ ވަރުގަދަ ތުނބުޅިޔެއްގެވެސް ވެރިޔެކެވެ. އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އިންތިޒާމީގޮތުން ވަރަށް މޮޅަށް އަތުރައިލެވިފައި އެހުރީ، ހިންދީ ފިލްމުތަކުގައި މަސްތުވާ ތަކެތީގެ ވާހަކަދައްކާއިރު އެކިޔާ އަފިޔުމް، ބަންގް، ޗަރަސް، ގަންޖާ ފަދަ ތަކެއްޗެވެ. އޭގެ ބޭރުންވެސް ދުނިޔޭގެ އެންމެންހެން ދަންނަ ޙަޝީޝް ފަދަ މުސްކިރާތުތައް އެ ތާނގައި ހުއްޓެވެ. އޭގެ ބޭރުން، ދަންނަނުދަންނަ މީހުން އެ އެއްޗިއްސަށް ނަންދިނީމައި ދެން އެހުންނަ ކޮކާއީން އާއި ބަޅިނދީން، މެތަޑޯން އާއި އައުޓްޑޯން، އެލް.އެސް.ޑީ އާއި ވީ.ސީ.ޕީ ކަހަލަ އެއްޗިހިވެސް އެތާނގައި އެބަހުއްޓެވެ.

މޭޒުމަތީގައި ދެން ހުރީ، ތަފާތު އެކި ޤައުމުތަކުގެ ބޭރު ދޮރުތަކުން ހުއްދަޔާ ނުލައި އެކި ބާވަތުގެ އެއްޗިހި އެތެރެ ކުރާން ކަމުގެ މާހިރުން ބޭނުންކުރާ ކަމަށް ބުނެވޭ އާލާތްތަކެވެ. ފުންނާބު ނައްޓުވައިލައިފައި އެތެރެޔަށް އެއްޗިހި އަޅާން ހަދައިފައި ހުންނަ ބޫޓެވެ. މޫނުގައި ޖަހާ ފުށާއި، ލޯޝަނާއި، މޭކަޕުގެ ތަފާތު އެކި ދަޅުތަކާއި ފުޅިފުޅިއެވެ. ފެނާ ލައިގެން ނަމަވެސް ދިރުވައިލާން ހަދައިފައި ހުންނަ، ކޮޅު ވަށްކުރި ކުދި ދަޅާއި، ދެންވެސް އެޒާތުގެ އެކި އުފެއްދުންތަކެވެ.

"ކޮބާ، ކަލޭ އަހަރުމެން މި ދޭ އެއްޗިހި އަހަރެން މިބުނާ ޤައުމަށް އެތެރެކޮށްދޭން ތައްޔާރުތަ؟" ތުނބުޅީގެ ވެރި މީހާ ބޭރުން އައި މީހާގާތު ކުރަކި އަދި ބުން އަޑަކުން އަހައިލިއެވެ.

"އާނ! އަހަރެން ތައްޔާރު. އެކަމަކު މިތާ މިހިރަ އާލާތްތަކަކީ ކަސްޓަމަށް ވަގަށް އެއްޗިހި އެތެރެކުރުމާ ބެހޭ ގޮތުން ހަދައިފައި އެހުންނަ ފިލްމުތައް ބަލައިއުޅޭ ކުޑަކުދީންވެސް ދަންނަ އެއްޗިއްސެއްނު؟ އަހަރެން ބޭނުމީ އަހަރެންގެ އަމިއްލަ ގޮތަކަށް އެ ޤައުމަށް އެއްޗިހި އެތެރެކުރަން!" ބުރީފްކޭސް ހިފައިގެން ބޭރުން އައިސް ވަން މީހާ ބުނެލިއެވެ.

"ހޫނ، ހޫނ!" ބޮޑު ތުނބުޅި ބުނެލިއެވެ. އަދި ނުރުހުމާއެކު ނުރައްކާ ރާގަކަށް އަހައިލިއެވެ. "ކަލޭ މިކަމުގައި އަހަރުމެންނަށް ވުރެ މޮޅު ކަމަށް ދަޢުވާކުރަނީތަ؟"

"ޝައްކެއްވެސް ނެތް!" ބުރީފްކޭސް ވަރަށް ބޮޑާ ވެލައިފައި، ސިނގިރޭޓުގެ އޮލަ ދުން ގަނޑެއް ޖައްވަށް ދޫކޮށްލައިފައި ބުނެލިއެވެ. "ކަލޭމެނަށްވުރެ ރަނގަޅަށް އަހަރެން އެ ޤައުމު ދަންނަން!"

"އެއީ ކިހިނެއް؟" ބޮޑު ތުނބުޅި މަލާމާތުގެ ރާގަކަށް އަހައިލިއެވެ.

"އާނ، އަޑުއަހާ!" ބުރީފްކޭސް ބުނެލިއެވެ. "އެއީ ސިންގަޕޫރެއް ނޫން. އެހެން ނަމަތާ، މިކަހަލަ އެއްޗެއް އެތެރެކުރަން އުޅެނިކޮށް ހިފިއްޖިއްޔާ ދަންޖައްސާނީ! އެއީ ޔޫރަޕެއްވެސް ނޫން، އެއްޗެއް އެތެރެކުރަން އުޅެނިކޮށް ހިފިއްޖިއްޔާ އެތައް އަހަރަކަށް ޖަލަށްލާން!"

"ދެން އެހެން ވެއްޖިއްޔާ، އަހަރުމެން މިތަކެތި އަލަށް އެތެރެކުރާން މިއުޅޭ ޤައުމުގައި ހަދަނީ ކިހިނެއް؟"  ގޭންގުސްޓާރު ތުނބުޅި އަހައިލިއެވެ.

"އެ ޤައުމަށް މަސްތުވާ ތަކެތި ހިފައިގެން ވަންނަން އުޅެ ނުވަދެވުމަކީ އެހައި ބިރުވެރިކަމެއް ނޫން، އުޅެން އެނގިއްޖިއްޔާ!" ބުރީފްކޭސް ބުނެލިއެވެ.

"އެޔޯ؟" ގޭންގުސްޓާރު ތުނބުޅި އަހައިލިއެވެ.

"އެއީ، ހިފިއްޖިއްޔާ، ހިފައިގެން ދާ މީހާ ސަލާމަތްވާން ވަރަށް ފަސޭހަ ވާނެ. ހިފޭ ހިސާބުން އެއްޗިހި ހިފައިގެން ދާ  މަޖޫރީކަލޭގެ ވާންވީ ބީރު، މަންމަން، ލޯފަން، ނުވަތަ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހަކަށް! އެ ހިސާބުން އޭނާ އައިމަގުން އަނބުރާ ފޮނުވައިލާނެ. އަނެއްކާ އަނެއް ފަހަރު ހަމަ އޭނާ އެހެން ވަގު ޕާސްޕޯޓެއްގައި ދިޔަޔަސް އެ މީހުންނަކަށް ނޭނގޭނެ. އެހެން ގޮސް އެމީހުންގެ ދަލުގައި އަޅައިނުގަނެ ވަދެވޭ ފަހަރު… ޖެކްޕޮޓް!" ބުރީފްކޭސް ވަރުގަދަ ހިނިގަނޑަކާއެކު ގޭންގުސްޓާރު ތުނބުޅިޔަށް ބުނެދިނެވެ.

އެ ހިސާބުން އެތާނގައި ދެން ދެކެވުނު ވާހަކަތަކެއް އަޅުގަނޑަކަށް ނުއިވުނެވެ. ފެނިފެނި އޮތް ހުވަފެނާއި، ނައިޓުކުލަބުގައި ކުޅެވެމުންދިޔަ، ޕަންޗަމްދާ ޒާތުގެ މިޔުޒިކާއި، އެ ހުރިހައި އެއްޗެއް ރަނގަޅު ބިލާހަކަށްވާ ހިސާބުން އަރަން ޖެހޭ "އެންޑު" ނާރަނީސް ފީތާ ކެނޑިގެން ހުއްޓިއްޖެއެވެ. އެހެން އެވީ، މެންދަމުން އަލިވެ ތިނެއް ޖެހިތަނާ، އަޅުގަނޑު ނިދާ ކޮޓަރިޔާ ދިމާ ބޭރުގައި އޮތް، އެންމެ ފަހުން ގިރިސްކޮޅެއް ޖެހިތާ ހައެއްކަ އަހަރުވެފައި އޮތް ބުލްޑޯޒަރެއް ހިންގައިލި އަޑާއި، އޭތި އެއްފަހަރާ ދެކޮޅަށް ގެންދަން ބިދޭސީ މަސައްކަތްތެރިޔަކާ ދިވެހި ސަރުދާރަކާ ދެމެދު ފެށުނު އަރައިރުމުގެ ހަޅޭކުގެ އަޑަށް އަޅުގަނޑަށް ހޭލެވުނީމައެވެ.

އެހެން ނޫންނަމަ…!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.