Support Us

ކޮލަމް މާޒީ: ކާމިލުދީދީގެ އަގުހުރި އިރުޝާދެއްގެ ހިޔަލުގައި

އެއްވެސް ޝައްކެއް ނެތެވެ. އެ މީހެއްގެ އުފަން މަންމައާ ދެކޮޅަށް އާންމު ތަންތާގައި، އަދި އެއްވެސް ތަނެއްގައި، ވާހަކަދައްކާނީ މަންމައާ ރަނގަޅު ގުޅުމެއް ނެތީމައެވެ. ނުވަތަ ކުލުނެއް އޯގާވެރިކަމެއް ރަޙުމެއް ހަމްދަރުދީއެއް ވެސް ނެތީމައެވެ. އެހެން ނޫންނަމަ، ވާހަކަދައްކާނީ މަންމަގެ ދިފާޢުގައެވެ. މަންމަގެ މަޞަލަޙަތަށް ޓަކައެވެ. މަންމަގެ ދިފާޢުގައި ދައްކާނެ މާ ރަނގަޅު ވާހަކަތަކެއް ތިމާއަށް އެނގިފައި ނެތަމަ، ވާހަކަ ނުދައްކައި ހިމޭނުން ހުންނާނީއެވެ.

އެ މީހެއްގެ މައިންބަފައިންނާއި ޢާއިލާއަށް ކުޑަވެސް ރަޙުމެއް ހުރި މީހަކު، އެއިން މީހަކާ ދެކޮޅަށް ދައްކާނެ ހެތްކެއް އޮތްތޯ ހޯދައިބަލައިގެން، އެއިން މީހަކު ބަދުނާމުކުރާކަށް ނޫޅޭނެއެވެ. އެއިން މީހަކަށް ދެރަކަމެއް ދިމާވިޔަސް، އަދި އެއިން މީހަކު ވިޔަޔާނުދާ ކަމެއް ކުރިޔަސް އެ ވާހަކަ އެހެން މީހުންނަށް ކިޔައިދީ ބޭޒާރުކޮށް އިޝްތިހާރުކުރާކަށް ނޫޅޭނެއެވެ. އެއިން މީހެއްގެ ދިފާޢުގައި ދައްކާނެ ހެތްކެއް ނެތަސް ނުވަތަ އެއިން މީހަކާ ބެހޭ ގޮތުން ދައްކާނެ މާރަނގަޅު ވާހަކައެއް ނޭނގުނު ނަމަ ވެސް އެއިން މީހަކު ބަދުނާމުކުރާކަށް ނޫޅޭނެއެވެ. އާދޭހެވެ! ތިޔަ ވިދާޅުވީ ރަނގަޅަށެވެ. އެއީ އޭނާގެ ދަރީންގެ ހިތުގައި މައިންބަފައިންނާއި ޢާއިލާއާ މެދު ރަޙުމާއި ކުލުނާއި ލޯބި އޮންނަ ނަމަ، ނުވަތަ އެ މީހުން ހަމަ ހޭގައި ތިބޭ ނަމައެވެ. އެހެން މަޖުބޫރީއެއް ނެތްނަމައެވެ.

ތެދުފުޅެކެވެ. ބައްޕަގެ އަލަމާރީން ވައްކަންކޮށް މަންމަގެ ކަރުގައި އޮންނަ ފަށާއި އަތުކުރީގައި ހުންނަ ކެވެލިތައް ވެސް ޖަހައިގަނެގެން ގޮސް ވިއްކައިލާ ދަރީން އުޅޭ ވާހަކަ މުޖުތަމަޢުގައި ދައްކައެވެ. އެ އަޑު އަޅުގަނޑު ވެސް ހިސާބަކަށް އަހަމެވެ. ބައެއް ޒުވާނުންގެ ޢަމަލުތަކާއި ޙަރަކާތްތައް ހުންނަ ގޮތުން އެއީ ތެދެއްކަމަށް ވެދާނެކަމަށް ވެސް ގަބޫލުކުރެވެއެވެ. ނަމަވެސް އެ ގޮތް މެދުވެރިވާ ނަމަ، އެ  ގޮތް އެ މެދުވެރިވަނީ މި ދަންނަވާ ފަދަ ސަބަބުތަކުން ކުރެ ސަބަބަކާ ހުރެ، ނުވަތަ އެ ފާޑުގެ ކޮންމެވެސް ކަމަކާ ދިމާވެގެންނެވެ.

އެ ގޮތަށް ދިމާވެދާނެ އެއް ސަބަބަކީ، އެ ފަދަ ދަރިއެއްގެ އެންމެ ޅަފަތުގައި ރީތި އަޚުލާޤާއި ހެޔޮ ސުލޫކާއި އިސްލާމީ ޢަޤީދާގެ މަތީގައި އެ ދަރިފުޅު ތަރުބިއްޔަތު ކުރެވިފައި ނުވުމެވެ. އެހެންވެއްޖެ ނަމަ، އެ ފަދަ ދަރިޔަކު ބަޮޑުވެ ޒުވާނަކަށް ވާއިރު، އަދަބު އިޙުތިރާމަކީ ކޯއްޗެއްކަމާއި މައިންބަފައިންނާއި ޢާއިލާގެ ޙުރުމަތަކީ ކޮބައިކަމެއް ނޭނގޭނެއެވެ. އަދި ހިތުގައި އީމާންތެރިކަމާއި އިސްލާމީ އާދަތަކަށް އޭނާ ބައްޓަންވެ ހޭނިފައެއް ނުހުންނާނެއެވެ. ދިވެހި ޤައުމިއްޔަތުގެ އަގު ވަޒަންކުރާކަށް އޭނާއަކަށް ނޭނގޭނެއެވެ. ނަތީޖާއަކަށް ވާނީ، އެ ފަދަ ޒުވާނުންގެ ފަރާތުން އަދަބާ ޚިލާފު، ދީނާ ފުށުއަރާ، އަދި ޤައުމަށް ގެއްލުން ހުރި އެތައް ޢަމަލުތަކެއް ފެނުމެވެ.

އަނެއް ސަބަބަކީ، އިސްލާމީ ޢަޤީދާ ބަލިކަށިވުމުގެ ސަބަބުން ނުވަތަ ފަހުން ދިމާވާ ޢާއިލީ ނުވަތަ އިޖުތިމާޢީ މައްސަލަތަކެއްގެ ސަބަބުން އަމަލުވާ ތަކެތީގެ އަވާގައި ޒުވާނާ ޖެހުމެވެ. މި ފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ، އޭނާ އަބަދު ހަމަ ހޭގައެއް ނުހުންނާނެއެވެ. ހަމަހޭގައި ނުހުރުމުގެ ސަބަބުން އޭނާގެ ބުއްދި ފަސްވާނެއެވެ. ރުޅި ގަދަވާނެއެވެ. ބުއްދި ފަސްވުމުގެ މާނައަކީ ބުއްދި ހުރި އިންސާނުންގެ ގިންތީން ނެއްޓި، ބުއްދި ނެތް ޙައިވާނުންގެ ދަރަޖައަށް އޭނާ ވެއްޓުމެވެ. އެ ޙާލަތުގައި އެ ހިނދު އޭނާ ނުކުރާކަށް ކަމެއް ނުކިޔާކަށް އެއްޗެއް ނޯންނާނެއެވެ. އެ ޙާލަތުގައި ވަގުތީ ގޮތުން އޭނާއަށް މުހިންމުކަމަށް ފެންނާނީ މަންމަގެ ރަންފައްޓަރުބައި ވިއްކައިލައިގެން ނަމަވެސް ފައިސާކޮޅެއް ހޯދައިގެން އޭނާގެ ވަގުތީ ބޭނުން ފުއްދައިލުމެވެ. އެ ޙާލަތުގައި މަންމައަށް ކިތަންމެ ގެއްލުމެއް ވިޔަސް ނުވަތަ މަންމަ އަބަދުގެ އަބަދަށް ނެތިގެން ދިޔަޔަސް ފަރުވާލެއް ނުހުންނާނެއެވެ. ނަމަވެސް މި ދެންނެވި ފަދަ ގޯނާތަކާއި ދުއްތުރާތަކާއި އަނިޔާތަކުގެ ސަބަބުން މަންމަ މި ދުނިޔެ ދޫކުރުމުން، ހަމަ ވިސްނުން އަންނަ ހިނދު، ހަގީގަތް ވިސްނި ރޯނެއެވެ. ނަމަވެސް އެ ރުއިމުގެ އެއްވެސް ފައިދާއެއް ނެތެވެ.

އާދޭހެވެ! ބަލި ދާނުގައި ހިރިނުލެވި އަދި މީހުން ވެސް ނޭނގި، ދެން ގަދަ ނުވާނެ ފަދަ ޙާލަތެއްގައި މަންމަ އޮތްކަން އެނގުނަސް އެ މަންމަގެ އެންމެ ފަހު ނޭވާއާ ހަމައަށް އޭނާއަށް ހޭހަންކުރުމަކީ ދަރީންގެ ވާޖިބެކެވެ. ކޮންމެހެން ވާޖިބެއްކަމުގައި ވާތީއެއް ނޫނެވެ. ރަނގަޅު ތަރުބިޔަތު ލިބިފައިވާ ދަރިއެއް ނަމަ، އަދި ޚުލްޤު ހެޔޮ ސުލޫކު ރަނގަޅު ކުއްޖެއް ނަމަ، މަންމަ ދެކެ ލޯބިވާނެއެވެ. އެ މަންމަގެ ސަބަބުން އެ ދަރިފުޅަށް ލިބިފައިވާ އަގުހުރި ޚިދުމަތްތަކާއި އެ މަންމަ ދިން، ލޯތްބާއި އެހީތެރިކަމާއިި އަޅައިލުން ހަނދާންކުރާނެއެވެ. އެ މަތިވެރި ޚިދުމަތުގެ އަގު ދުވަހަކު ވެސް އަދާނުކުރެވޭނެކަން ދަނެ، އެންމެ ފަހުގެ ނޭވާ ފަށާ ހަމައަށް އެ މަންމައަށް ލޯބި ދޭނެއެވެ. ހޭހަންކުރާނެއެވެ.

ހަގީގީ މާނައިގައި "މަންމަ"ކަމުގައި ނުވިޔަސް އަޅުގަނޑުމެން އެ މަދަރުސާއަކުން ތަޢުލީމު ޙާޞިލުކުރި މަދަރުސާއަކީ މަޖާޒީ ގޮތުން އަޅުގަނޑުމެންގެ "މަންމަ"އެވެ. އަޅުގަނޑުމެން އެދުނު ވަރަކަށް ޢުލޫމީ ހިޔާ ލިއްބައިދިނީ އެ ފުރާޅުގެ ދަށުގައެވެ. އަޅުގަނޑުމެން ދުނިޔޭގެ ތެރެއަށް ލޯހުޅުވައިދީ އެކި ހުނަރުތައް ދަސްކޮށްދިނީ އެ އުނގުގައެވެ. އެހެންވީމާ، އެ މަންމައަށް ލިބޭ ކޮންމެ ފަޚުރަކާއި ޝަރަފަކާއި ރީތި ނަމަކީ އެ ކަމަށް ޓަކައި އަޅުގަނޑުމެން އުފާކުރާނެ، އެ ކަންކަން ޙިއްސާކުރާނެ ކަންކަމެވެ. ރާއްޖޭގެ އިސްކޫލެއްގެ އިސްކޫލު ލަވައިގައި ކިޔައިފައި އޮވެއެވެ.

"ތެދޭ މަދަރުސާއޭ ތިއީ ހިތް އެދޭ، އެދޭހެން ޢުލޫމީ ހިޔާ އަބަދު ދޭ.

ވެދޭނަން ވަފާތެރި ދަރީންނަށް ކެރޭ، އެދޭހެން ޢަޒުމުތައް އަބަދު އާކުރޭ!

ވީމާ އެ މަންމައަށް ވަފާތެރި ދަރިއަކަށްވުމަކީ އޭނާގެ ޢަޒުމަކަށް ހަދާނެއެވެ. އެ "މަންމަ"އާ ބެހޭ ގޮތުން ވިޔާނުދާ ވާހަކަދައްކައި އެ "މަންމަ"އާ ދެކޮޅަށް ހެކިދައްކައި އެ "މަންމަ" ބަދުނާމެއް ނުކުރާނެއެވެ. ރަނގަޅު ތަރުބިޔަތު ލިބިފައިވާ ހެޔޮ ވިސްނޭ މީހެއް ނަމައެވެ. މި ފަދަ މީހެއް ނަމަ، އެ މަދަރުސާއަކާ ބެހޭ ގޮތުން ހެޔޮ ބަހެއް ނޫނީ ނުބުނާނެއެވެ. ހެޔޮ ބަހެއް ބުނެވޭން ނެތްނަމަ، އެއްޗެކޭ ނުކިޔައި ހަނު ހުންނާނީއެވެ. އެހެނީ އެ މަދަރުސާއަށް ލިބޭ ކޮންމެ ޝަރަފަކާއި ބަދުނާމެއްގެ ކޮންމެވެސް ޙިއްސާއެއް ތިމާއަށް ވެސް އޮންނާނެކަން އޭނާ ގަބޫލުކުރާނެއެވެ.

ހަމަ މި ބީދައިން ތިމާ އުފަންވެ ބޮޑުވި ރަށާއި އަތޮޅާއި ތިމާ ނިސްބަތްވާ ޤައުމަކީ ވެސް މަޖާޒީ ގޮތުން ތިމާގެ މައިންނެވެ. ތިމާ އުޅެ ބޮޑުވީ އެ ފަސްގަނޑުގައެވެ. ތިމާ ނޭވާލަނީ އެ ޖައްވަށެވެ. ކުޅެ މަޖާކޮށް އުފާ ހޯދީ އެ "މަންމަ"ގެ ބުރަކަށިމަތީގައެވެ. ތިމާއަށް މާތްﷲ ދެއްވި ހުރިހާ ނިޢުމަތެއް ދެއްވުމުގެ ސަބަބުވެރިއަކީ އެ ލޮބުވެތި ފަސްގަނޑެވެ. އެހެންވީމާ، ހެޔޮލަފާ، ވަފާދާރު ދަރިއެއް ނަމަ، އެ "މަންމަ"އަށް ހެޔޮ ބަހެއް ނޫނީ ނުބުނާނެއެވެ. ހެޔޮ ބަހެއް ބުނެވޭން ނެތް ނަމަވެސް، އެއްޗެކޭ ނުކިޔައި ހަނު ހުންނާނީއެވެ. އެހެނީ، ރަނގަޅު ތަރުބިޔަތެއްގެ މަތީގައި ބޮޑުވެފައިވާ ޚުލްޤު ރަނގަޅު ސުލޫކު ހެޔޮ ކޮންމެ ފަރުދަކަށް ވެސް އެ "މަންމަ"ގެ އަގު ވަޒަންކުރާން އެނގޭނެއެވެ. ތިމާ އެ ޤައުމަކަށް ނިސްބަތްވާ ޤައުމެއް ޝަރަފުވެރި ނުވާހާ ހިނދަކު ތިމާ ޝަރަފުވެރި ނުވާނެކަން އޭނާ ދަންނާނެއެވެ. އަދި ތިމާގެ އުފަން ފަސްގަނޑަށް، ތިމާ ނިސްބަތްވާ ޤައުމަށް، ލިބޭ ކޮންމެ ބަދުނާމަކާއި ގެއްލުމެއް ތިމާއަށް ނިސްބަތްވާނެކަން އޭނާ ދަންނާނެއެވެ.

ދިވެހި ދައުލަތުން ފުރަތަމަ "ހިންގެވި" މަޖައްލާ "އަލްއިޞްލާހު"ގެ ފުރަތަމަ ޢަދަދުގައި އޭރުގެ ވަޒީރުލްމަޢާރިފު އަޙުމަދު ކާމިލުދީދީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. "ކޮންމެ ޤައުމެއްގެ މީހަކު ކަމުގައި ވިޔަސް އެ ޤައުމެއްގެ މެންބަރެއްކަމުގައި އެ މީހަކު އެ ވާ ޤައުމަކަށް ޢިއްޒަތް ޙާޞިލު ނުވާހާ ހިނދު، އެ މީހަކަށް ޢިއްޒަތް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ތިމާއަށް ކިތަންމެ ޢިއްޒަތެއް ލިބުނުކަމުގައި ވިޔަސް ތިމާގެ ޤައުމަކީ ނިކަމެތި ޤައުމެއްކަމުގައި ވާނަމައީ ތިމާއީ ޢިއްޒަތްތެރިއަކުކަމުގައި ހީކުރެވޭނީ ކިހިނަކުންހެއްޔެވެ؟ އެ ގޮތީ އެ ޤައުމެއްގެ މެންބަރެއްކަމުގައި ވުމުގެ ސަބަބުން ތިމާއީ ޢިއްޒަތްތެރިއަކުކަމުގައި ނުވާނެއެވެ. އެހެންވީ އިރު، ތިމާގެ ޢިއްޒަތް އެދޭ ކޮންމެ މީހަކުގެ މައްޗަށްމެ ވާޖިބުވެގެން ހުއްޓޭ، ތިމާގެ ޤައުމު މޮޅުވެ ޢިއްޒަތްތެރިވެވޭތޯ ވެވުނު ވަރަކުން މަސައްކަތްކުރުން.  އެ ގޮތީ، ކޮންމެ ޤައުމެއް ނަމަވެސް ޢިއްޒަތްތެރި ޤައުމެއްކަމުގައި ހިމެނެނީވިއްޔާ އެ ޤައުމެއްގެ މީހަކު ޢިއްޒަތްތެރިއަކުކަމުގައި ވުމީ އުނދަގޫ ކަމެއް ނޫނެވެ."(ޞަފުޙާ:47)

އެހެންވީމާ، އެ މީހެއްގެ ހިތުގައި ޤައުމީ ލޯބި އަށަގެންފައިވާ މީހަކު، އަދި ޚުދު އެ މީހަކު ޢިއްޒަތްތެރިވާން އެދޭ މީހަކު، އެ މީހަކު ނިސްބަތްވާ ޤައުމާ އިދިކޮޅަށް ދެއްކޭން އޮތީ ކޮން ވިޔަޔާނުދާ ވާހަކައެއްތޯ ބަލައި ހޯދައި، އެ ވާހަކަތައް ފަތުރާކަށް ނޫޅޭނެއެވެ. ޤައުމުގެ ފަތުރުވެރިކަން ބޮއިކޮޓުކޮށް މަސްވެރިކަމަށް ގެއްލުންދީ އިޤުތިޞާދު ހަލާކުކުރާކަށް މަސައްކަތެއް ނުކުރާނެއެވެ. ޤައުމީ ބަހަށް މަލާމާތްކޮށް އިހާނެތިކޮށެއް ނުހިތާނެއެވެ. ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެހެވެ. ކޮންމެ ސަރުކާރެއް އޮތްނަމަވެހެވެ. މި ދެންނެވި ފަދަ ވިޔަޔާނުދާ ޢަމަލުތައް ކުރާނީ އެ މީހެއްގެ ހިތުގައި ތިމާގެ އުފަން ޤައުމާމެދު އެއްވެސް ކުލުނެއް ނެތީމައެވެ. ޚުދު އެ މީހެއްގެ ޢިއްޒަތުއްނަފުސުގެ އަގު ވަޒަންކުރާން ނޭނގޭތީއެވެ. މި ފަދަ މީހަކަށް ނުވަތަ ބަޔަކަށް ޤައުމުގެ ކިތަންމެ ބޮޑު ބާރެއް ލިބުނަސް އެ ވިސްނުމެއް ބަދަލެއް ނުވާނެއެވެ. އެހެނީ އެ އެއްޗަކުން ތިކިޖަހާނީ އެ އެއްޗެއްގައި ހުރި ދިޔައަކުންނެވެ. ޤައުމުދެކެ ލޯބިވާކަން ދައްކާން މަސައްކަތްކުރި ނަމަވެސް، އެކި ޙާލަތްތަކާ ގުޅިގެން ބުއްދި ފަސްވާ ވަގުތުތަކުގައި ހަގީގަތް ހާމަވާނެއެވެ. ގައުމާ ދެކޮޅަށް ވަކާލާތުކުރާކަށް ފަހެއް ނުޖެހޭނެއެވެ. ރުޅި މަޑުވެ ނުވަތަ ހަމަ ހޭވެރިކަންވުމުން ދެއްކުނު ވިޔާނުދާ ވާހަކަތައް ފޫބައްދާން ކިތަންމެ ބޮޑު ދޮގެއް ވެސް ހަދައިފާނެއެވެ. އެ ދޮގު ފޫބައްދާން އަނެއް ދޮގު ހަދާނެއެވެ. މިހެން ގޮސް އާޚިރުގައި އެ މީހަކު ބޭޒާރުވެ އެ މީހެއްގެ ހަގީގަތް ހާމަވާނެއެވެ.

އާދޭހެވެ! ދިވެހިރާއްޖެއަކީ ދިވެހީންގެ މައިވަންތަ ފަސްގަނޑެވެ. މިއީ އަޅުގަނޑުމެންގެ ޤައުމީ މަންމައެވެ. މި ލޮބުވެތި ފަސްގަނޑާ ދެކޮޅަށް އާންމު ތަންތާގައި އަދި އެއްވެސް ތަނެއްގައި ވާހަކަދައްކާނީ އެ މީހެއްގެ ހިތުގައި ޤައުމާމެދު ލޯތްބެއް ނުވަތަ ކުލުނެއް އޯގާވެރިކަމެއް ނެތީމައެވެ. ރަޙުމެއް ހަމްދަރުދީއެއް ވެސް ނެތީމައެވެ. އެހެން ނޫންނަމަ، އެ މީހަކު ނިސްބަތަވާ ޤައުމާ ބެހޭ ގޮތުން ހެޔޮ ބަހެއް ނޫނީ ނުބުނާނެއެވެ. ޤައުމުގެ ދިފާޢުގައި ދައްކާނެ މާރަނގަޅު ވާހަކަތަކެއް ނޭނގޭ ނަމަ، އެންމެ ކުޑަ މިނުން ވާހަކަ ނުދައްކައި ހިމޭނުން ހުރެވޭނެތާއެވެ.