Support Us

ކޮލަމް ކަލާވެހި: ބިދޭސީވަބާޔާ މެދު ވިސްނާން އޮއްވައި ނިދި، ނިދީގައި ފެނުނު ބިރުވެރި ހުވަފެނެއް!

އެންމެން ބުނެއެވެ. ދިވެހިރާއްޖެޔަކީ ދިވެހީންގެ ތަނެކެވެ. ބިދޭސީންގެ ދަށުގައި އޮތް ތަނެއް ނޫނެވެ. ބިދޭސީންގެ އަޅުވެތިކަމުގެ ކަސްތޮޅުތަކުން ރާއްޖެ ބަނދެވިފައި އޮތް އޮތުމުން މިންޖުވެގަތް ތާރީޚެއްވެސް އުފަލާއެކު މިތަނުގައި ފާހަގަވެސް ކުރެވެއެވެ. ހަޤީޤަތުގައެވެ. ޞައްޙަކަމާވެސް އެކުގައެވެ. ޙަމްދު ހުއްޓެވެ!

އެންމެން ބުނެއެވެ. ދިވެހީންނަކީ ތިމާމެންގެ ރާއްޖޭގައި ތިމާމެންގެ މަޞްލަޙަތުތަކާއި ކަންކަން އިންޞާފާއެކު ހިންގައި ހަމަޖައްސަން ޤާނޫނު ހަދައި، ވެރިކަން ކޮށް ހަދަން ތިމާމެންގެ ބައިމެދުން ޤާބިލް މީހުން ހޮވައި ނަގާ ބައެކެވެ. އަދި ތިމާމެންގެ މެދުގައި އެކަކުވެސް ތަފާތުނުކޮށް އެޔަށް ބޯލަނބައި ކަމޭހިތާން މަޖުބޫރުވާނޭ ޤާނޫނުތައް އެމީހުން ލައްވައި ހައްދުވައި، އެ ޤާނޫނުތައް ތަޞްދީޤުކުޅައުމާއި ތަންފީޒުކުރާނޭ މީހުންވެސް ހެޔޮމަގުތަކުން އިޚްތިޔާރުކޮށްގެން އުޅޭ ބައެކެވެ.

އެންމެން ބުނެއުޅެއެވެ. އަހަރުމެން ދިވެހީންކުރެ ކަމަށް ކުފޫހަމަވާ މީހަކު އަލަށް ވިޔަފާރިޔެއް ކުރަން ފަށަންޏާ، އެ ވިޔަފާރިޔެއް ރަޖިސްޓަރީކުރާން ޖެހެއެވެ. ފިހާރަޔެއް ހުޅުވައިގެން އެއްޗެއް ވިއްކަންޏާ، އެ ފިހާރަޔެއްވެސް ރަޖިސްޓަރީކުރާން ޖެހެއެވެ. ރަޖިސްޓަރީނުކޮށް ފިހާރަޔެއް ހިންގަންޏާ، އެކަމާ ވިދިގެން އަންނަ ޖޫރިމަނާ ދައްކާނޭ ދިވެއްސަކުވެސް އެކަމާ ޖާމިނުކޮށް ސަރުކާރަށް ދައްކައިފައި ބަހައްޓާން ޖެހެއެވެ. ތަނުގައި ދިވެހި ސޭޓަކުވެސް ބައިންދާން ޖެހެއެވެ. ތަނުގެ ވެރިފަރާތާއި މުދަލުގެ ވެރިފަރާތަކީ ކޮބައިކަން ދައްކައިދޭ ރަސްމީ ތައްގަނޑުޖެހި ލިޔުމެއް ތަނުގައި ފެންނަގޮތަށް ބަހައްޓާން ޖެހެއެވެ. ތަނުގައި ވިއްކާން ހުންނަ އެއްޗިހީގެ އަގުތައް، ގަންނަން ވަންނަ އަންނަ މީހާޔަށް އެގަހު ކޭލާ މިގަހު ކޭލާ ނުއޮޅޭނޭ މަގުން ސާފުކޮށް ފެންނަގޮތަށް ބަހައްޓާންވެސް ޖެހެއެވެ. ތަނުގެ ވެރި ފަރާތުން ސަރުކާރަށް ދައްކާން ޖެހޭ އެންމެހައި ޓެކްސްތައް ބަރާބަރަށް ދައްކާން ޖެހެއެވެ. ޓެކްސް ނުދައްކައިފިއްޔާ ބޮޑެތި ޢަދަދުތަކުން ތަން ޖޫރިމަނާވެސް ވެއެވެ. އަދި ޖޫރިމަނާ ރަނުންރަނަށް، މުއާލާތް ނުކެނޑެނީސް ނެގޭވެސް މެއެވެ.

ދެންވެސް އެންމެން ބުނެއުޅެއެވެ. އަހަރުމެން ދިވެހީންގެ މައްޗަށް ހިނގާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭރުން މިތަނަށް އައިސް އައްސުން އެތެރެވެ، މިތަނަށް ފާވެގަނެގެން މިއުޅޭ ވަކި ވައްތަރެއްގެ ބިދޭސީޔަކު މިތާނގައި އަލަށް ވިޔަފާރިޔެއް ކުރަން ފަށަންޏާ، ޢަމަލީ ދަލީލުތަކަށް ބަލާއިރު، އެ ވިޔަފާރިޔެއް ރަޖިސްޓަރީކުރާން ޖެހޭހެނެއް ހީއެއް ނުވެއެވެ. ފިހާރަޔެއް ހުޅުވައިގެން އެއްޗެއް ވިއްކަން ބޭނުމިއްޔާ، ފިހާރަޔެއް ހުޅުވަންވީއެވެ. ފިހާރަޔެއް ހުޅުވަން ބޭނުން ނޫނިއްޔާ ހަނި ގޯޅިތަކުގެ ދުވާރުތައް މައްޗާއި ވަގުތީ ގާޑިޔާވެސް ހަމަ އެންމެ ރަނގަޅެވެ. ރަޖިސްޓަރީނުކޮށް ވިޔަފާރިކުރިޔަސް  ޖޫރިމަނާއެއް ކުރެވިއްޖިއްޔާ އެ ދައްކާނޭ ، އެއީ ކާކުކަން އެނގޭ މީހަކު ނެތަސް އެންމެ ރަނގަޅުހެން ހީވެއެވެ. ތަނުގައި ދިވެހި ސޭޓަކު ބައިންދާން ޖެހުނަސް، އެއީވެސް ލިޔުގައި އޮންނަ، ޢަމަލުގައި ނޯންނަ ކަމެއް ކަހަލައެވެ. ތަނުގެ ވެރިފަރާތާއި މުދަލުގެ ވެރިފަރާތަކީ ކޮބައިކަން ކޮންމެހެން އަދި ނޭނގުނަސް ތަނުން ވިޔަފާރި ވާތަން ފެނެއެވެ. ތަނުގައި ވިއްކާން ހުންނަ އެއްޗިހީގެ އަގުތައް ޢަމުދުން ފެންނާން ނެތަސް، ނުވަތަ ހުރިއްޔާ ހުންނަނީ ގަންނަން ވަންނަ އަންނަ މީހާޔަށް އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާނޭ ގޮތަށް ކަން ކަށަވަރުވެސް ކުރެއެވެ. ތަނުގެ ފަރާތުން ސަރުކާރަށް ދައްކާން ޖެހޭ އެންމެހައި ޓެކްސްތައް ދައްކާކަމެއް އެނގޭނޭ އެއްވެސް ގޮތެއްވެސް ނޯވެއެވެ.  އެހެންކަމުން، މިދެންނެވި 'އެޑްވާންޓޭޖް' ތަކާއެކު ވިޔަފާރިކުރާ ބިދޭސީ ފަރާތްތަކުގެ ސަބަބުން ދިވެހީންގެ ކުދި އެތައް ވިޔަފާރިޔެއް 'ފުނޑިފައި’ވެސް އެބަހުއްޓޭ ބުނާ އަޑުވެސް އިވެއެވެ. މަދު ދިވެއްސަކު ގެއްލުމަށް ހިންގާ ބައެއް ސައިހޮޓާހޮޓަލުގެ މޭޒުމޭޒު ދޮށުންނެވެ.

ދެންފަހެ، މިދެންނެވި ބުނުންތަކުގެ މައްޗަށް ޚިޔާލުކޮށް، ފިކުރު ހިންގައިގެން، އޭގެ ނަތީޖާޔެއްގެ ގޮތުން ބުއްދިޔާއި ވިސްނުން އިތުރަށް ނުތަނަސްވުން ނޫންކަމެއް ނުފެނި، މެންދަމުން އަލިވިއިރުވެސް އެނދުމަތީގައި ދެއަތަށް ފުރޮޅިފުރޮޅި އޮއްވައި އަޅުގަނޑަށް ނިދިއްޖެއެވެ. އެހެންވީމައި، އެ ހިސާބުން ދެން އަޅުގަނޑަށް ފެންނާނީ ހުވަފެނެއް، އެހެންނޫންތޯއެވެ!

އަޅުގަނޑުގެ ކުރިމައްޗަށް ކުއްލިޔަކަށް އައިސް އެ ހުއްޓުނީ ހުދު ހެދުމެއްގައި ހުރި، ދެވަންފުރަޔަށްވުރެ މައްޗަށް ޢުމުރު ގޮސްފައިވާ ކަމަށް ފެންނަ ފިރިހެނެކެވެ. ނުރަ ތުނބުޅިޔެއްގެ ވެރިޔެކެވެ. ތަނަވަސް ނިތްކުރިޔެއްގެ އޮމާންކަން މެންކަފާޅަޔަށް ވުރެ ކުޑަތަންކޮޅެއް ކުރިޔަށް ދަމައިލައިފައި ހުރި މީހެއް މެއެވެ. ލައިގެން ހުރި ގަމީހާއި، ބޮލުގައި އަޅައިފައި އޮތް ތޮފީން ދައްކާގޮތުގައި އިނގިރޭސީންގެ ވަންހަ ނުވަތަ ޘަޤާފަތުގެ ތެރެއިންވެސް ތަންކޮޅެއް ކުރީގެ ތާރީޚީ އިސްތިޢުމާރީ ސިފައެއް އޭނާގެ މޫނުމަތީގައި ހުރި މީހެއް މެއެވެ.

"ބަލަ އޭ މަގޭ މިތުރާ! ކަލޭމެންގެ ރާއްޖެޔަށް އެގޮތްމިގޮތަށް އަރައިގަނެ، ޤައުމުގެ މުޖުތަމަޢާއި، ތިޖާރަތަށާއި މިހުނަތްތަކުގެ މައްޗަށް ނާޖާއިޒު އެކި ގޮތްގޮތުން ބާރުފޯރުވައި، ވެރިވެގަނެ، ވަކިހިއްޕައިގެން އުޅޭ ނުކިއްސަރު ބިދޭސީންގެ ފަރާތުން ކަލޭމެންނަށް ލިބެމުންދާ ގެއްލުމުގެ ކިބައިން ކަލޭމެން ސަލާމަތްވާން މަސައްކަތްކުރާކަށް އަދިވެސް ނުވޭތަ؟ ތިޔަގޮތަށް އަޅައިނުލައި ތިއްބާ މާ ލަސްވެދާނެ އިނގޭ!" އަޅުގަނޑުގެ ހުވަފެނުގެ މެހުމާނާ އަޅުގަނޑާ މުޚާޠަބްކޮށް ބުނެލިއެވެ.

"އަޅުގަނޑުމެން ކުރާނީ ކީއްތޯ؟ އަޅުގަނޑުވެސް އެއްބަސް، އަޅުގަނޑުމެންގެ ރާއްޖެއިން ދުނިޔެއަށް ހުޅުވުފައި އެހެރަ ދޮރޯށިތަކުން ކޮންމެވެސް ނުސިޔާނު ގޮތަކުން ދެމިގަނެގެން މިތަނަށް އައިސް ވަކިހިއްޕައިލައިގެން އެ އުޅޭ ބިދޭސީންގެ އުނދަގުލުން އަޅުގަނޑުމެން ސަލާމަތްވާންވިތާ ކިތަންމެ ދުވަހެއް. އަދި ދޮރޯށި ނެތް ތަންތަނުގެ ފާރުމަތީން އަރައިގެން ވަދެއުޅޭ މީހުންވެސް އުޅޭނޭހެން ހީވަނީ! އެކަމަކު ދަންނަވަންތޯ، އެމީހުން މިތަނަށް އެތެރެވެފައި ދެން އެ ހެދެނީ އެމީހުންނަކީ ޕާސްޕޯޓެއް، އައިޑީ ކާޑެއް، ނުވަތަ އެކަހަލަ އެއްވެސް އެއްޗެއް އަތުގައި ނޯންނަ މީހުންނަށް. ދެން ކިހިނެއްތޯ އެމީހުން ވަކި ޤައުމަކާ ޙަވާލުކުރާނީވެސް؟ އެމީހުން ވާހަކަދައްކާ ބަސްތަކާއި ބަހުރުވަތަކާއި، ކާ އެއްޗިއްސާއި، ހެދުންއަޅާ ގޮތާއި، އެމީހުން މިތަނުން ބޭރުކުރާ ޑޮލަރު ފޮނުވަނީ ކޮންކޮން ޤައުމުތަކަކަށްތޯ، މިހުރިހައި ކަމަކަށް ބަލައިފައި އެއީ މިވެނި ޤައުމުތަކެއްގެ ބައެއްކަން ކަށަވަރޭ ބުންޏަސް އެއިން ކޮންމެ ޤައުމެއްގެ އެމްބަސީޔަކުން އެބަ ބުނެޔޯ ނޫނެކޭ ތިއީ އަހަރުމެން ޤައުމުގެ ރައްޔިތުންކަން ކިތާބީ ގޮތުން ސާބިތުކޮށްދިނީމާ ނޫނީ އަހަރުމެން ކިހިނެއްހޭ އެމީހުންނާ ޙަވާލުވާނީ!" އަޅުގަނޑު މައްސަލައިގެ ބޭރު ތޮށިގަނޑުގެ ސިފަ އަޅުގަނޑުގެ މެހުމާނާޔަށް ބުނެދޭން ފެށީމެވެ.

"ދެން އެމީހުން ހިފާ ހައްޔަރުކޮށްގެން ރެފިޔުޖީ ކޭމްޕެއް ކަހަލަ ތާކަށް ލެވިދާނެނު؟" އަޅުގަނޑުގެ މެހުމާނާ ބުނެލިއެވެ.

"އަސްތާ! އެއިރުން ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ އެކި ޖަމުޢިއްޔާތަކަށް އެކި ފަރާތްތަކުން އަންގައި ހަދައިގެން އެބުނާ ޒާތުގެ 'ޕުރެސަރުތައް' ރާއްޖެޔާ ކުރިމަތިކުރާނެ. އެ 'ޕުރެސަރާ' ކުރިމަތިލާނޭ ފެންވަރުހުރި މީހުން މިތާނގެ މަތިފަޑިމަތީގައި ޢަމަލީ ފެންވަރެއްގައި ނުލާހުކު މަދުކަން މިހައިރުވެސް މިދަނީ ފެންނަމުން ނޫންތޯ؟ ދެން ނެތްތޯ އެހެން ޙައްލެއް؟" އަޅުގަނޑަށް އަހައިލެވުނެވެ.

"ނޫނޭ! އެބައޮތް! އެކަމަކު އެއީ ދުރުރާސްތާގެ މަޝްރޫޢެއް! ވަކި ކަހަލަ، ޢަޒުމު ވަރުގަދަ، ކެރޭ ބަޔަކަށް އެކަން ކުރެވޭނީ. އެންމެން އެއްގަލަކަށް އަރައިގެން، އެއް ލަވަޔެއް ކިޔައިގެން ކުރެވޭނީ. ކަލޭމެންނަށް އެކަން ކުރެވިދާނޭ ކަމަކަށް ނުފެނޭ." ހުވަފެނުގެ މެހުމާނާ ބުނެލިއެވެ.

"އެކަމަކު އަވަހަށް ވިދާޅުވޭ! ކިހިނެއްތޯ ހަދަންވީ؟" ކެތްމަދުވެފައި ހުރި އަޅުގަނޑަށް ބުނެވުނެވެ.

"އެންމެ ފުރަތަމަ ކުރާންވީ ކަމަކީ އިހަށް ބިދޭސީންގެ މައްސަލައިގެ ވާހަކަ ނުދައްކައި، މީގެ ފަންސަތިރީހަކަށް ކުރީން ރާއްޖެޔަށް ކުރިމަތިވި، އިރްހާބީ ޢުދުވާންގެ ވާހަކަ ދައްކައި، އެ ހަނދާންތައް ރާއްޖޭގެ މީޑިޔާގައި ގިނަގިނައިން، އަދި އެކި ސިފަސިފައިގައި ގެންނާންވީ. ދެން، އެޔަށްފަހު ފަތުރާންވީ ޚަބަރަކީ، މި ސަރަޙައްދުގެ ކޮންމެވެސް ޤައުމެއްގެ ދާޚިލީ، ސިޔާސީ، އަދި އިޖްތިމާޢީ ބޭއިންސާފެއް ނުވަތަ އަނިޔާއެއް ތަޙައްމަލް ކުރަމުން ގެންދާ ވަކި ނަސްލަކަށް ނުވަތަ ޖަމާޢަތެއްގެ ބަޔަކަށް އިންސާފުވެރި ޙައްލެއް ރަސްމީ މަގުތަކުން އަދިވެސް ނުލިބިގެން އެ ބަޔަކު ހަތިޔާރުގެ ބޭނުންކުރާން ތައްޔާރުވަމުންދާ ވާހަކަ. ނިރުބަވެރީން ނުވަތަ ޓެރަރިސްޓުން ތައްޔާރުވާ ވާހަކަ. އަދި އެވާހަކަ ކުރީން އަދި އިވިފައި އޮތަސް، ކަމުގެ ޔަޤީންކަން ލިބުނީ ނަން ބުނެވޭން ނެތް ބޮޑު ޤައުމަކުން ރާއްޖެޔަށް ސިއްރުން ފޮނުވި 'އިންޓެލިޖެންސް ރިޕޯޓެއް' ލިބުނީމައި ކަމަށް!" މެހުމާނާ ބުނެލިއެވެ.

"ދެން އެކަމާ ބިދޭސީންގެ މައްސަލަޔާ އޮތީ ކޮން ގުޅުމެއްތޯ؟" އަޅުގަނޑަށް އަހައިލެވުނެވެ.

"ގުޅުން އެބައޮތް! އަޑުއަހާ! ދެން މިބުނާ 'އިންޓެލިޖެންސް ރިޕޯޓު' ގައި އޮތް ވާހަކަޔެއް ކަމަށް ބަޔާންކޮށް ޚަބަރަށް ދޭންވީ ވާހަކަޔަކީ، މިބުނާ މައްސަލައިގެ ހުޅު ރޯކޮށް ތެޔޮއަޅާ މީހުންނަށް ބޭނުންވާ ފައިސާ ފޮނުވާ އެއް ޤައުމަކަށް ރާއްޖެ ވާކަން. އެ ފައިސާ ބޭރަށް ފޮނުވަނީ ރާއްޖޭގައި ދިރިއުޅޭ، އެކި ވިޔަފާރިކުރާ ބިދޭސީން ކަން. އަދި ބައެއް ޤައުމުތަކަށް ފަޅާއަރާވަރަށް ސާފުކޮށް ވަކިކޮށް ދެނެގަނެވޭ ނިރުބަވެރީން ނުވަތަ ޓެރަރިސްޓުން އެ ޤައުމުތަކުގެ ފުލުހުންނަށް ފިލަންވެސް ރާއްޖެއައިސް ޣައިބުވެފައި ވާކަން. އަދި އެމީހުންވެސް ބައިވެރިވެގެން ރާއްޖޭގައި އެގޮތްމިގޮތަށް ވިޔަފާރިކޮށްގެން ހެސްކިޔައިފައި ފައިސާހޯދާކަން." ހުވަފެނުގެ މެހުމާނާ ބުނެލިއެވެ.

"ދެން އެހިސާބުން އެވީ ކަމާ ބެހޭ ހަރުކަށި ޤާނޫނެއް ހަދަން." މެހުމާނާ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ޤާނޫނުގައި އޮންނާންވީ، ރާއްޖެ ގޮތްނޭނގޭ ނިރުބަވެރީންގެ ކިބައިން ދުރައިލައި ސަލާމަތްވުމަށްޓަކައި ކޮންމެހެން ކުރާން ޖެހޭ ކަންކަން ކުރުން. އެކަންކަމުގެ ތެރޭގައި ހިމެނޭނީ، މި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންގުޅޭ މީހުންނާއި، ޤަޥާޢިދުން އެތެރެވެގެން އުޅޭ، ޕާސްޕޯޓުވެސް ގެންގުޅޭ ބިދޭސީން ނޫން އެހެން އެންމެން ހޯދުނު ގޮތަކަށް ހޯދުން. އަދި އެ މަގުން ހިންގޭ 'ރެއިޑް’ތަކުން ހިފޭ މީހުންނާ ޙަވާލުވާނޭ ޤައުމެއް ނެތިއްޔާ، ފަޅު ދެތިން ރަށެއްގައި ޤާއިމްކުރާ، ހަމައެކަނި އަސާސީ އެންމެ މަދުމިނުގެ ބޭނުންތައް ފުދޭވަރުގެ ވަޞީލަތްތައް ހުންނަ، 'ޝައްކުކުރެވޭ ޓެރަރިސްޓުން ބައިތިއްބާ ކޭމްޕް' ތަކުގައި އެމީހުން ބަންދުކުރުން. އަދި އެފަދަ މީހުން ހިންގަމުން ގެންދާ ވިޔަފާރިތައް، ބަދަލެއް ދިނުމަކާނުލައި ވަގުތުން އުވައިލުން. އަދި ޤަޥާޢިދާ ޚިލާފަށް މިރާއްޖޭގައި އުޅޭ ބިދޭސީންނަށް ބޭރަށް ފައިސާ ފޮނުވޭނޭ ހުރިހައި ދޮރެއް ބަންދުކުރުން. ޤާނޫނުން ބާރުވެރި ކުރުވަންވީ މިކަހަލަ ރަނގަޅު މަޝްރޫޢެއް. ޓެރަރިޒަމުން ސަލާމަތްވެ ތިބުމުގެ ނަމުގައި." މެހުމާނާ ބުނެލިއެވެ.

"ދެން އެއިރުން އެއްކަލަ އިންސާނީ ޙައްޤުތަކާ ބެހޭ މީހުން އަންނާނެ ނޫންތޯ؟" އަޅުގަނޑަށް އަހައިލެވުނެވެ.

"ނާންނާނެ!" މެހުމާނާ ބުނެލިއެވެ. "ކުރިމަތިވަމުން އަންނަ ނިރުބަވެރި ޙަމަލާޔަކުން ނުވަތަ ޓެރަރިސްޓު ހަނގުރާމަޔަކުން މުޅި ސަރަޙައްދު ޙިމާޔަތް ކޮށް، ރާއްޖޭގެ ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެން އަޅާން ޖެހޭ ފިޔަވަޅުތަކެއް އަޅާން ހެދޭ ޤާނޫނެއްގެ ދަށުން އަޅާން ޖެހޭ ފިޔަވަޅެއް އެޅީމައި އެމީހުންނެއް ނާންނާނެ!" މެހުމާނާ ޔަޤީންކަމާއެކީ ބުނެލިއެވެ.

މެހުމާނާ އެހެން ބުނެލިތަނާ، ސިއްސައިގެން ގޮސްފައި އަޅުގަނޑަށް ހޭލެވިއްޖެއެވެ!

އަސްތާ! ހާދަހާ ދެރަޔޭ، ހުވަފެނަކުން ނަމަވެސް ވިސްނުން އަދި އެހިސާބަކަށް ގެންދާކަށެއް ނުވެޔޭ އަޅުގަނޑު ހިތަށްއެރިއެވެ. ހުވަފެނުގައި ނަމަވެސް އެ ފެނުނީ އިސްތިޢުމާރީ ޒަމާނުގެ އިނގިރޭސިޔެއް ތާއޭ، އެޒާތުގެ މީހުން މިހިސާބަށް އައިސްގެން ދުވަހަކުވެސް ރަނގަޅެއް ވެފައި އެބައޮތްބާވަޔޭވެސް ހިތަށްއެރިއެވެ. އަދި މިޒަމާނާއި މިދުނިޔޭގައި އެންމެން ޤަބޫލުކުރަމޭ ބުނާ އިންސާނީ ޙައްޤުތަކަކީ ހަމަ އެއްވެސް ބަޔަކު އެއްވެސް ގޮތަކުން މުގުރައިލައިގެން ވާނޭ ޙައްޤުތަކެއް ނޫނޭ ހިތަށްއެރިއެވެ. އަދި  އެ ޙައްޤުތައް މުގުރައިލައިފިނަމަ އެކަމުގެ ސަބަބުން އަނިޔާ ލިބުނީމާއި ދެން ވަނީ ކިހިނެއްކަން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިންވެސް ފެންނަން އެބައޮތޭވެސް ހިތަށް އެރިއެވެ. އެހެންކަމުން، ހުވަފެނަކީ ބިލާހެކޭ އަމިއްލަ ނަފްސަށް ބުނެދީފައި އަޅުގަނޑު އަނެއް ފަރާތަށް އެނބުރި އަލުން ނިދައިފީމެވެ. އަޅުގަނޑުމެން ކަހަލަ ކެނައިންނަށް ކަމުދާ ކަހަލަ، އަތަށް އަންނަ ގުމްރީއެއް ހުވަފެނުން ދުށުމުގެ އުންމީދުގައެވެ.