Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ފޯޅަވައްސަކީ ކޮބާ؟

ޗާގޯސް އާކިޕެލަގޯ އަކީ އައްޑުއަތޮޅުގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އިންޑިއާ ކަނޑުގައި އޮންނަ 60 އަށް ވުރެ ގިނަ ޖަޒީރާ ރަށްތަކެކެވެ. އެއީ އިންޑިއާ ކަނޑުގައި އޮންނަ ދިގު، ކަނޑުއަޑީގެ ފަރުބަދަ ކަމަށްވާ ޗާގޯސް-ލަކަޑައިވް ރިޖްގެ އެންމެ ދެކުނުގައި އޮންނަ ޖަޒީރާ ރަށްތަކެވެ. މި ޖަޒީރާތަކަކީ ކުދިކުދި މަދު އަތޮޅުތަކެއް ފިޔަވައި ވިލުތަކެއްގެ ވަށައިގެން އެތުރިފައިވާ ތިރި އަތޮޅުތަކެކެވެ. އެމެރިކާއަށް ޑިއޭގޯގާސިއާގައި އަސްކަރީ މަރުކަޒެއް އެޅުމުގެ ހުއްދަ ދިނުމަށްޓަކައި އެމެރިކާގެ އެދުމުގެ މަތިން އިނގިރޭސިވިލާތުން 1967 އާއި 1973 އާ ދެމެދު ބޯބޮނައިސް ކްރިއޯލް ބަހުން ވާހަކަ ދައްކާ މީހުން އެޖަޒީރާތަކުން ފޮނުވާލި އިރު، އެރަށްތަކުގައި ޗަގޯސީންގެ މީހުންވެސް ދިރިއުޅެމުން ދިޔައެވެ. އޭގެ ފަހުން މީހުން ދިރިއުޅެމުން އައީ ހަމައެކަނި ޑިއޭގޯ ގާސިއާ އެޓޯލްގައެވެ. ފަހުން އެތަނުގައި އުޅުނީ ހަމައެކަނި އެމެރިކާގެ އަސްކަރިއްޔާގެ މުވައްޒަފުންނެވެ.

ޗާގޯސް ޖަޒީރާތަކަކީ 1814 ވަނަ އަހަރުގެ ޕެރިސް މުއާހަދާގެ ތެރެއިން އިނގިރޭސިވިލާތުން މޮރިޝަސްގައި އޮތް ފްރާންސްގެ ވެރިކަމަށް ބަރޯސާވެފައިވާ ސަރަހައްދެކެވެ. އިނގިރޭސިވިލާތުން 1968 ވަނަ އަހަރު މޮރިޝަސްއަށް މިނިވަންކަން ލިބުމުން މޮރިޝަސް އިން ވަނީ ޗާގޯސް އާކިޕެލަގޯ އަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ދައުވާކޮށްފައެވެ. އަދި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ނޮން ބައިންޑިން އެޑްވައިޒަރީ އޮޕިނިއަންގައި ބުނެފައި ވަނީ ޗާގޯސް އާކިޕެލަގޯގެ ހިންގުން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމުގެ ވާޖިބު އިނގިރޭސިވިލާތުގެ މައްޗަށް އޮތް ކަމަށާއި، ހުރިހާ މެމްބަރު ގައުމުތަކުން ވެސް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

މޮރިޝަސްގެ އިސްތިޢުމާރު ނައްތާލުމުގެ މަސައްކަތުގައި އދ. އައިސީޖޭގެ ރައުޔު ބިނާވެފައި ވަނީ 1960 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުން މޮރިޝަސް އިން ޗާގޯސް އާކިޕެލަގޯ ވަކިކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެފައެވެ. ޖެނުއަރީ 2021 ގައި އދ.ގެ އާންމު މަޖިލީހުން ވަނީ ޗާގޯސް އާކިޕެލަގޯގެ މައްޗަށް އޮތް މޮރިޝަސްގެ އިސްތިގުލާލަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އިއުލާންކޮށް ގަރާރެއް ފާސްކޮށްފަ އެވެ. އަދި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޔުނިވާސަލް ޕޯސްޓަލް ޔޫނިއަނުން ވަނީ ބަޔޮޓްގައި (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) އިނގިރޭސި ސްޓޭމްޕް ބޭނުންކުރުން މަނާކޮށްފައެވެ. އެއީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލު ދެމެހެއްޓުމަށް އެޅި ބޮޑު ފިޔަވަޅެއްގެ ގޮތުގައި ދެކެވުނު ކަމެކެވެ.

މި ޖަޒީރާގެ ޖުމްލަ ސަރަހައްދަކީ 15،000 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. އެންމެ ބޮޑު ޖަޒީރާ ޑިއޭގޯ ގާސިއާގެ ބޮޑުމިނަކީ 32.5 ކިލޯމީޓަރެވެ. ޗާގޯސްގައި ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު މުރަކަ އެޓޯލް ކަމަށްވާ ދަ ގްރޭޓް ޗަގޯސް ބޭންކް ކަމަށާއި، މިއީ އިންޑިއާ ކަނޑުގެ ރަނގަޅު ފެންވަރުގެ ފަރުތަކުގެ ޖުމްލަ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ސަޕޯޓްކުރާ ތަނެކެވެ. ޗާގޯސްގެ އިކޯސިސްޓަމްތަކަކީ އިންސާނުންގެ އުނދަގޫތައް ނުފޯރާތީއާއި، މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށްޓަށް އަރާ ބުރޫއެރުންތައް ނުހަނު ކުޑަ ތަނެއްކަން ވަނީ ސާބިތުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ފޯޅަވަހީގެ މައްސަލައަކީ ޖިއޯ ޕޮލިޓިކްސްގެ ސަބަބުން އުފަންވެގެން އުޅޭ މައްސަލައެކެވެ. ޖިއޯ ޕޮލިޓިކްސް އަކީ ތަނެއް ތަނެއްގެ މައްޗަށް ބާރު ގަދަވެގަންނަގަތުމެވެ. އެ ގޮތުން މި ހިނގާ ކަމަކީ އިންޑިޔާގެ ބާރު މި ސަރަހައްދުގެ މައްޗަށް ގަދަކުރުމެވެ. ނިއޯ ކޮލޯނިއަލިޒަމްގެ އުކުޅުތައް ބޭނުންކޮށްގެން މި ސަރަހައްދުގެ ދައުލަތްތައް ކޮލޮނައިޒުކުރުމެވެ. އިންޑިޔާގެ މުށުތެރެއަށްލުމެވެ. އިޤުތިޞާދީ ގޮތުންނެވެ. ސަގާފީ ގޮތުންނެވެ. ބަހުގެ ގޮތުންނެވެ. އޭގެ އަސަރު މިލިޔުމުން ވެސް ފެނެއެވެ. ދެ މިސާލެއް ދަންނަވައިލަމެވެ. ފުރަތަމަ މިސާލަކީ ލިޔުމުގައިވާ "ޗާގޯސް ލަކަޑައިވް ރިޖް" މި އިބާރާތެވެ. މިއީ މިހާރު ގޫގުލުން މި ނަންފެންނަ ގޮތެވެ. ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން އޮންނަނީ "ޗާގޯސް މޯލްޑިވް ރިޖް" މި ގޮތަށެވެ. މި ސަރަހައްދު އުފެދިގެންވާ ގޮތް ބަޔާންކުރާ ޑަރވިންގެ ބަޔާނުގައި ވެސް އޮންނަނީ މިހެނެވެ. ފޯޅަވަހި ނިސްބަތްކޮށްފައި އޮންނަނީ ދިވެހި ރާއްޖޭގެ ނަމަށެވެ. ސަބަބަކީ ޠަބީޢީ ގޮތުން ފޯޅަވަހި އުފެދިފައިވަނީ ރާއްޖެ އޮންނަ އަށީގައެވެ. މި ވަގުތު ގޫގުލްއަރތުން ބެއްޔަސް ފޮޓޯއިން މި ކަން ކަށަވަރުވާނެއެވެ. ނަމަވެސް އިންޑިޔާއިން އެ ވަނީ ބަސްބޭނުންކޮށްގެން އެ ޙަޤީޤަތް އޮޅުވައިލައިފައެވެ. ދެވަނަ ކަމަކީ ފޯޅަވައްސާ ރާއްޖެއާ ދެމެދުގެ ދުރުމިނެވެ. ގޫގުލް ޗާޓުން ފެންނަ ގޮތަށް މި ލިޔުމުގައި އެބަ އޮތެވެ. އެއީ ގާތްގަނޑަކަށް 500 ނޯޓިކަލް މޭލެވެ. (ކަނޑުމަތީގެ ޗާޓުތައް ކިޔައި ދިނުމުގެ ޢިލްމުގައި ކިލޯ މީޓަރެކޭ ނުކިޔައެވެ.) ނަމަވެސް ޙަޤީޤަތަކީ ކޮބައިތޯއެވެ. 500 ނުވަތަ ބައެއް ކުރެހުމުގައި 600 އެ ކިޔަނީ މާލެއިން ފެށިގެންނެވެ. އައްޑު އަތޮޅުގެ ބޭރުދުނިން ފޯޅަވައްސާ ދެމެދު އޮންނަނީ ގާތްގަނޑަކަށް 150 ނޯޓިކަލް މޭލެވެ. އިންޑިޔާއިން ވަނީ މި ޙަޤީޤަތް ވެަސް އޮޅުވައިލައިފައެވެ. ނަތީޖާއަކީ އެ އޮޅުންތައް ދިވެހި ގަލަންތަކާއި ދޫތަކާއި ބުއްދިތަކަށް ވެސް ފޯރުމެވެ. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީން ލިޔާންވީ ޗާގޯސް މޯލްޑިވް ރިޖެވެ. ރާއްޖެއާ ފޯޅަވަހީގެ ރަށްތަކާ ދެމެދު އޮންނަނީ 150 ނޯޓިކަލް މޭލެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *