Support Us

ކޮލަމް ކަލާވެހި: ސިޔާސީ މަޤްޞަދެއްގައި ވަކި ވައްތަރެއްގެ ބަޔެއްގެ އަބުރު ކަތިލައި، "އޮފުކަނޑުވައިލާއިރު"…

ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! ދުނިޔޭގައި ލެއްވި ހަމަ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ނިސްބަތުން، އަދި އެމީހެއްގެ ގޮތުގައި، އެމީހެއްގެ ނަޡަރިއްޔާއިން ބެލީމައި، އެމީހަކަށް ކޮންމެވެސް ގޮތަކުން އަގުބޮޑު ކޮންމެވެސް ނިޢުމަތެއް ނުވަތަ ނިޢުމަތްތަކެއް ދެއްވައިފައިވާ މީހެކަށް ވާނެޔޭ ދެންނެވީމައި، ތިޔައީ ދޮގެކޭ ވިދާޅުވާން ކެރިވަޑައިގަންނަވާނީ ތިޔައިގެ ތެރެއިން ކިތަކަށް ބޭފުޅުންނަށްތޯއެވެ؟

ހަމަ ކަށަވަރުންވެސް، ހެދިހުރި ހަށިގަނޑަކާއި އެ ހަށިގަނޑާ ވާނޭ ސޫރަޔަކާއި ޞިއްޙަތެއް ދެއްވައިފައިވާ މީހާޔަށް އެ ސިފަތަކަކީ އަގުބޮޑު ސިފަތަކަކަށް ވާނެއެވެ. އެފަދަ ސިފަތަކެއް ލިބިގެންވާ ކޮންމެ މީހަކީ ޢާންމު ތަންތާނގައި ޑަނޑޫރާ ޖައްސައިގެން، ނޫނީ ހަވާ އަރުވައިގެން ނަމަވެސް، އެކަން ފާހަގަކުރާނޭ މީހަކަށް އަދި ނުވިޔަސް، އެފަދަ ސިފަތަކެއް ހުރި ކޮންމެ މީހަކުމެ އެސިފަތައް ތިމާޔަށް ދެއްވީތީ ޝުކުރުކުރާނެއެވެ. ނުވަތަ ކުރާން ވާނެއެވެ. ކުޅަދާނަ ލިޔުންތެރިޔެއްގެ ރަމްޒީ ގަލަމާއި، މޮޅު ލަވަކިޔުންތެރިޔެއްގެ ބުލްބުލީ އަޑާއި، ލާމަޘީލު މުމައްޘިލެއްގެ ދެވަނަޔެއް ނެތް، ފަރި ޙަރަކާތްތަކަކީވެސް ހަމަ އެފަދަ ނިޢުމަތްތަކެއް އަޅެ ނޫންތޯއެވެ؟  ބޮޑެތި މީހުންގެ ގާތް މީހުންނަށް ފަޅުރަށްތައް ބެހި ޒަމާނުގައި ލިބުނު ރަށެއް ދެރަށެއްގައި ރިސޯޓު ހެދި މީހުންނާއި، އެންމެނަށް ބޭނުންވާ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ މަގުން އާދައިގެ މީހުންނަށް ބަންދުކުރެވިފައި ހުރި ދޮރުތައް އެބަޔަކަށްޓަކައި ޚާއްޞަގޮތަކުން ހުޅުވިގެން ދިޔައިމައި މަހުޖަނުންނަށް ވީ މީހުންވެސް ހަމަ އެފަދަ ނޫންތޯއެވެ؟

އެހެން ކަމަށް ވަންޏާ، ކޮންމެވެސް މީހަކު ޢާންމު ޚިދުމަތަށް، ނޫނީ ދައުލަތުގެ ޚާދިމެއްގެ ހެދުންއަޅައިގެން ނިކުމެ އުޅުނު ދުވަސްވަރު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ މަގުން "އޭނާޔަކީ އަތުގައި ހޭކުނު އެއްޗެއް ދަތުގައި ހޭކި މީހެއް ނޫނޭ" އެހެން މީހުން އޭނާޔާ ދޭތެރޭ ބުނުމުގެ ޝަރަފާއި ޢިއްޒަތް ލިބުނު މީހަކު މުސްކުޅިކުރައްވާ ދުވަހު، ނޫނީ ޞިއްޙީ އެތަކެއް ސަބަބަކަށްޓަކައި ޚިދުމަތުން އެއްކިބާވާ ދުވަހު، އޭނާގެ އަތުގައި އޮތް، މިދެންނެވި ނިޢުމަތަކީ، އަދި ފެންނަފެނުމުގައި އޭނާގެ އަތުގައި އޮތް މާއްދީ، ހަމައެކަނި ނިޢުމަތަކީ އޭނާގެ އަބުރު ކަމަށް ވެދާނެ ދެއްތޯއެވެ؟

ދެން ވިސްނާވަޑައިގަންނަވާށެވެ.

ބުރުސޫރަ ރީތިކަމުގެ ނިޢުމަތް ލިބުނު މީހާގެ މޫނަށް އެސިޑު ޖަހައިގެން އޭނާގެ ސިފަ ގެއްލުވައިލައިފިއްޔާ، އެ މީހާ ފަހަރުގައި 'ނަފްސާނީވެ’، މީހުން މަރާންވެސް ނިކުމެދާނެޔޭ ނަފްސާނީ ޢިލްމުގެ ދާއިރާގެ މާހިރުން ވިދާޅުވެއެވެ. އެފަދަ މާހިރުން އެ ވިދާޅުވަނީ ތެދެއް ކަމަށް ވަންޏާ، ލިޔުންތެރީންގެ ގަލަން އައްސުން އަތުލައިގަނެ، ނޫސްވެރީންނާއި ލަވަކިޔުންތެރީންގެ ތުންމަޅި އަޅުވައި ހެދީމައި، ހަމަ އެފަދަ ނަތީޖާއެއް އެ ދިމާއިންވެސް ފެނިދާނެ ދެއްތޯއެވެ؟ އަޅުގަނޑަށް އެނގޭހައިވެސް ވަރަކީ، ރިސޯޓު 'އޯނަރަކަށް' އަދި ކޮންމެ ގޮތަކުންނަމަވެސް ލިބުނު ރިސޯޓު އައްސުން އަތުލައިގެން، ނުވަތަ މަހުޖަނެއްގެ މުއްސަނދިކަމަށް ކޮންމެވެސް ބަޔަކު ނާޖާއިޒު ބާރެއްގެ ބޭނުންކޮށްގެން އަރައިގަނެ، ނުވަތަ ފޭރިގަނެ ހަދައިފިނަމަ، އެމީހުން ހަމަ ގައިމުވެސް މަޑަކުން ނުތިބޭނޭ ކަމެވެ. އެމީހުންނަށް ނުކިއްސަރު މަގުމަގުން ޙަމަލާދީ، މިލްކިއްޔާތަށް އައްސުން އަރައިގެން ބަޔެއްގެ ކިބައިން އެމީހުން ބަދަލުހިފާނޭ ކަމެވެ.

އެހެނީ، އެމީހެއްގެ އަތުގައި އޮތް އެންމެ އަގުބޮޑު މުއްސަނދިކަން، ނުވަތަ ތަނަވަސްކަން، ނުވަތަ ރައުސުލްމާލު، އެމީހެއްގެ އަތުން ފޭރިގަނެވުނު މީހާ ޢަދުލު އިންޞާފުގެ ނަންފިލާގަނޑު އެޅުވި ކޮންމެ ދޮރެއްގައި ޓަކިދޭނެއެވެ. ނުވަތަ އެފަދަ ދޮރުތައް ހެޔޮގޮތުގައި ނުހުޅުވޭ ތަންތަނުގައި، ޔަޢުނީ ޢަދުލުއިންޞާފު ފޭލްވެއްޖެ ތަނެއްގައި، ބަދަލުހިފުމުގެ ހަނގުރާމަޔަކަށް ނިކުންނާނީ އިނގިރޭސިބަހުގެ އަހުލުވެރީން އެބުނާ 'ނަތިންގ މޯރ ޓު ލޫޒް' ނުވަތަ ދެން އިތުރަށް ގެއްލޭނޭ އެއްޗެއް ނެތޭ ކިޔައިފަޔެއް ނޫންތޯއެވެ؟

އެހެންކަމަށް ވަންޏާ، އެމީހެއްގެ ޙަޔާތުގެ ދަތުރުގައި އަމިއްލަ މަސައްކަތުން ހޯދި އެންމެ އަގުބޮޑު ޖައުހަރަކީ އެމީހެއްގެ އަބުރު ކަމަށްވާ މީހާގެ އަބުރާއި ޢިއްޒަތަށް ބަޔަކު ރާވައިގެން އައްސުން އަރައިގަތީމައި، އެފަކީރު ދެން ކުރާނޭ ކަމެއް ހަމަ ނޯންނާނެ، ދެއްތޯއެވެ؟ ސިޔާސީ ދާއިރާގައި އެއް ދުވަހު އެއް ކުލަބަށް ވޮލީބޯޅަ ކުޅެދީފައި، ދެ ހަފުތާ ފަހުން އަނެއް ކުލަބަށް ފުޓުބޯޅަ ކޯޗުކަން ކޮށްދީފައި، އަނެއްކާ މަހެއްހައި ދުވަސްފަހުން އިދިކޮޅު ކުންފުންޏެއްގެ ފުޓްސަލް ޓީމު ގޮވައިގެން ދަނޑަށް އަރައިފައި، ސިޔާސީ މައިދާނުގައި ދައްކާ ކޮންމެ ވާހަކަޔަކީ، ގޮވާ ކޮންމެ އެއްޗަކީ، މީހެއްގެ އަބުރު ކަތިލަން ފަތުރާ ކޮންމެ ދޮގަކީ، އެޑިޓުކޮށްގެން ފަތުރާ ކޮންމެ ޑުރާމާޔަކީ، އެ މައިދާނުގައި ހަމަ ހުއްދަ އެއްޗިއްސޭ ބުނާ މީހުން އެހެން މީހުންގެ އަބުރާއި ޢިއްޒަތަށް އައްސުން އަރައިގަތުމުގައި ފަހުން ޖެހިލުންވާނޭ ކަމެއްވެސް ނޯންނާނެ، ދެއްތޯއެވެ؟ އެހެނީ، މަހުޖަނެއްގެ މުއްސަނދިކަމާ ކުޅެން، ނުވަތަ ބާރުވެރި ޢާއިލާޔެއްގެ މެމްބަރެއްގެ "އޮފުކަނޑުވައިލަން" އުޅޭ މީހާ އޭގެ ފަހުން ދެން ހުންނަންވާނީ ސިހިސިހި، ފަހަތް ބަލައިލަބަލައިލައެވެ. އެކަމަކު އަތުގައި މާއްދީގޮތުން 'މުކޮސް ވެސް' ނެތް މީހާގެ އަބުރަށް އަރައިގަތޭ ކިޔާފައި އެފަކީރަށް ރައްދުގައި ކުރެވޭނީވެސް ދެން ކޮންކަމެއް، އެހެންނޫންތޯއެވެ؟

ނޫނެކެވެ! ފަށްފަށުން ދަންނަވަމެވެ. ނޫނެކެވެ! އަދި ވިސްނާވަޑައިގަންނަވާށެވެ!

އެމީހެއްގެ ޙަޔާތުގެ ދަތުރުގައި އަމިއްލަ މަސައްކަތުން ހޯދި އެންމެ އަގުބޮޑު ޖައުހަރަކީ އެމީހެއްގެ އަބުރު ކަމަށްވާ މީހާގެ އަބުރާއި ޢިއްޒަތަށް އަރައިގަންނަން ޤަޞްދުކުރާ މީހާ ވިސްނާށެވެ. ސިޔާސީ ގޮތުން އެ މީހާ ތިމާޔާ ވާދަކޮށްފާނެތީ، ނުވަތަ ތިމާ މީހާ "ހޭވި ހަޑިޔެއް" އެމީހަޔަށް ފެނިގެން އެ ވާހަކަ ދައްކައިފާނެތީ، ނުވަތަ އެފަދަ ކޮންމެވެސް ސަބަބަކަށްޓަކައި، މިދެންނެވި ޒާތުގެ، މާލީ ގޮތުން ފަޤީރެއްގެ އަބުރާ ޢިއްޒަތަށް ދުރައިލައި އަރައިގަނެގެން އެމީހެއްގެ "އޮފުކަނޑުވައިލަން" ޤަޞްދުކުރާ ފާސިޤު ދަންނާށެވެ! އެމީހެއްގެ އަތުގައި އޮތް ހަމައެކަނި ޖައުހަރަކީ އެމީހެއްގެ މުޅި ޙަޔާތުގައި ކުރި ހިންމަތާއި މިންނަތާއި، ނަފްސާ އެންމެ ގާތުގައި ގެންގުޅުނު އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ސަބަބުން ލިބުނު އެއްޗަކަށްވާ މީހާގެ އަބުރާ ޢިއްޒަތަށް އަރައިގަނެ، އެމީހާގެ އަތުން އެ އަގުބޮޑު ޖައުހަރު ފޭރިގަނެވިއްޖެތަ، އެމީހާވެސް ދެން ނިކުންނާނީ އެއްކަލަ "ނަތިންގ މޯރ ޓު ލޫޒް" މަގަށެވެ. ތިމާމީހާގެ އަތުގައި ދެން ގެއްލޭނޭ މާއްދީ އިތުރު އެއްޗެއް ނެތޭ، ދެނެއް އަބުރާއި ޢިއްޒަތާއި ރީތިނަން ޙިމާޔަތް ކުރާނޭ ބޭނުމެއް ނެތޭ، އެހެންވީމައި ހުރިހައި ތަޅުތައް އެހުރީ ނެއްޓިފަޔޭ، ތިމާޔަށްވެސް ދެވުނު ގޮތަކުން ރައްދު ޙަމަލާ ދޭން ނިކުންނަންވިއްޔޭ ބުނެފައި، ހަމަ އެއްކަލަ މަގަށް އޭނާވެސް ނިކުންނާނެއެވެ. ޤަބޫލުފުޅު ކުރައްވާށެވެ! އޭނާ ނިކުންނާނެއެވެ!

ދެން ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެދާނެޔޭ، އޭނާ އެމަގަށް ނިކުތަސް އޭނާޔަށް ކުރެވޭނީ ކޮން ކަމެއްހޭ، އޭނާޔަކީ އެއްވެސް ކަހަލަ އިތުރު ވަޞީލަތެއް އަތުގައި ނެތް މީހެއް ނޫންހެއްޔެވެ! ނޫނެކެވެ! އެހެނެއްވެސް ނޫނެވެ! އައްސަވާށެވެ!

ބުރުސޫރަ ރީތި މީހާގެ މޫނަށް އެސިޑުޖެހީމައި އޭނާގެ އަތުގައި އޮތް، ތިޔަ ވިދާޅުވާ ޒާތުގެ ހަމައެކަނި ވަޞީލަތް އޭނާޔަށް އެ ގެއްލުނީއެވެ. މަހުޖަނުގެ ފައިސާކޮޅު ފޭރިގަނެވުނީމާއި އޭނާވެސް ބޭނުންކުރާން އޮތް، އަދި ބޭނުންކުރާން ދަންނަ ހަމައެކަނި ވަޞީލަތްވެސް އޭނާޔަށް އެ ހިސާބުން އެ ގެއްލުނީއެވެ. އެޔާ ޚިލާފަށް، ޙަޔާތުގެ ދަތުރުގައި އުޅެވުނު ގޮތުން އަތުގައި އޮތް ހަމައެކަނި އެއްޗަކީ އެމީހެއްގެ އަބުރާއި ޢިއްޒަތް ކަމަށް ގިނަ މީހުން ހީކުރާ މީހާގެ އަބުރަށް އައްސުން އަރައިގަނެވިއްޖިއްޔާ، އޭނާގެ އަތުގައި ހުރި އެންމެހައި ވަޞީލަތްތައް އެހިސާބުން ހުސްނުވާނޭ މީހަކީވެސް އެއީއެވެ. ކީއްވެގެންތޯއެވެ؟ އައްސަވާށެވެ!

ޙަޔާތުގެ ދިގު ދަތުރުގައި ތެދުވެރިކަމަށާއި ޖަމާޢަތުގެ މާލަށް އަމާނާތްތެރިކަމަށް އިސްކަން ދިން މީހާ ގިނަ ފަހަރަށް ވާނީ ދިރިއުޅުމުގެ އެތަކެއް ރޮނގުން އެތަކެއް ތަޖުރިބާ ހޯދައިފައި ހުރި މީހަކަށެވެ. އެތަކެއް ދަތި މައްސަލައިގެ ޙައްލު ހޯދުމުގެ ތަޖުރިބާ ހުރި މީހަކަށެވެ. ތިމާގެ އެންމެ ގާތް ޖަމާޢަތުގެ ބޭރުންވެސް ތިމާޔަށް އިތުބާރުކުރާ އިޚުލާޞްތެރި ރަޙުމަތްތެރީންކޮޅެއްވެސް ލިބިފައިވާ މީހަކަށެވެ. އަދި ހަމައެޔާއެކު، އެކަހަލަ މީހުންނަކީ، ގިނަ ފަހަރަށް، މީހުންނަށް ޢާންމުކޮށް ނުފެންނަ އެތަކެއް ހުނަރުގެވެސް ވެރީންކަމުގައި ވުން ވަރަށް ގާތެވެ. އެކަހަލަ މީހެއްގެ އަބުރަށް އަރައިގަތުމަކީ އެމީހާ އެހެން މީހަކަށް ރައްދުގައި ޙަމަލާ ނުދޭން އެޅިފައި ހުންނަ ހަމައެކަނި ތަޅު ނެއްޓުމުގެ ތަޅުދަނޑިއެވެ. އެހައިތަނަށް ކުރިމަތީގައި ހުރިހައި ހިފެހެއްޓުމަކާއި ފަސްޖެހުމެއް ވަޔަށް ބުރައިގެން ދިޔުމުގެ ސިއްރެވެ. އެ ޒާތުގެ މީހުންގެ ފަހަތުން އައިސް ދަތްއަޅާނޭ، ފަސާދައިގެ ފަސާނާޔެއް، ފަސްބައިގައި ޖެހުނަސް މަތީގައި ހުދު ފޮތިއަޅައިގެން އެހައިތަނަށް ފޮރުވައިފައި ހުރި ޙަޤީޤީ ލައްގަނޑުތަކެއް ނުހުންނާނެއެވެ. އޭނާ ދެން ޖެހިލުންވާނޭ އެހެން އެއްވެސް ކަމެއްވެސް ނޯންނާނެއެވެ! އޭނާޔާ ދެކޮޅަށް ދެކެވޭ ކޮންމެ ވާހަކަޔަކީ ހަމަ ހަދަހަދައިގެން ނެރޭ ޔޯލަކޯލަ ކަން ސާބިތު ކުރުންވެސް ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ. އެކަހަލަ ކޮންމެ ޔޯލަކޯލައެއް ނަފީކުރާނޭ އެތަކެއް ހުނަރުވެސް އޭނާގައި ހުންނާނެއެވެ.

އަޅުގަނޑު މިވާހަކަ މިގޮތަށް މި ދެންނެވީ ސަބަބެއް އޮވެގެންނެވެ. އެއީ، މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން މަދުމަދުން ނަމަވެސް ފެންނަ ކަމެއް ތަންކޮޅެއް ބޮޑަށް ފާހަގަކުރެވުނީމައެވެ. އެއީ، މިދެންނެވި ކަހަލަ އަބުރުވެރީންގެ ތެރެއިން ލޯބޯކޮށިނުވެ، އަބަހައްދަނުވެ، މުޖުތަމަޢުގައި މިހާރުވެސް ތިއްބެވި ބައެއް ބޭބޭފުޅުން އަދި މަޑުމަޑުން ތިއްބެވިޔަސް، އެ ބޭބޭފުޅުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންފާނޭ ކަމުގެ ބިރު ކޮންމެވެސް ބަޔަކަށް ބިރުވެރި ހުވަފެނަކުންނަމަވެސް ފެނިގެން، އެބޭބޭފުޅުން އެ މަގަށް ނިކުމެވަޑައިގަތުމުގެ ކުރީން އެ ބޭބޭފުޅުން އަބުރު ކަތިލައި، "އޮފުކަނޑުވައިލާން" މަދު ބަޔަކު ނަމަވެސް އުޅޭތަން ލޮލުން ދެކެ އަތުން ހިފޭ ހިސާބުން ފެނުނީމައެވެ.

ދަންނަވަންތޯއެވެ! އެބަޔެއްގެ އަތުގައި އޮތްކަމަށް އެންމެނަށް ދިމާޔަށް ފެންނަން އޮތް ހަމައެކަނި ޖައުހަރަކީ އެބައެއްގެ އަބުރުކަމަށްވާ މީހުންގެ އަބުރުކަތިލައި، ދުރައިލައި "އޮފުކަނޑުވައިލާން" މަސައްކަތްކުރުމަކީ އެކަން ކުރާ ބަޔަކަށް ކުރެވޭ ވަރަށް ބޮޑު މޮޔަ ކަމަކަށް ވެދާނެއެވެ! އަމިއްލަޔަށް ބޯ ބޮނޑިޔަކަށްވެސް ވެދާނެއެވެ.