Support Us

ކޮލަމް: ޢާޒިމާގެ ގަލަމުން

ޢާޒިމާގެ ގަލަމުން: ޗާގޯސްގެ މައްސަލަ، މާދަމާގެ ޙުކުމާމެދު

މާދަމާގެ ޙުކުމާމެދު ވިސްނާއިރު، ITLOS އަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައިވާ ލިޔުންތަކަށް ބަލައި، މައިގަނޑު ދެ ބައެއް މި ވަގުތު ފާހަގަކުރަމެވެ. އެއީ،

(ހ) ޗާގޮސް އައިލަންޑްސްގެ ކަނޑުގެ ސަރަޙައްދުގެ މައްސަލައެއް ހުށަހެޅުމަށް މޮރިޝަސްއަށް ޤާނޫނީ ގޮތުން ބާރު ލިބިގަތުމުގެ މައްސަލަ (Locus Standi or Right to Claim) ގެ ބަޔާއި،

(ށ) މައްސަލައިގެ މައުޟޫގައި އެދިފައިވާ، ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ މިލްކުވެރިކަމުގެ ބައެވެ.

މައްސަލަ ހުށަހެޅުމުގެ ބާރު މޮރިޝަސް އަށް އެބައޮތްތަ؟

(ހ) ރާއްޖެއިން އެންމެ ފުރަތަމަ ވަކަލާތުކޮށްފައިވަނީ މޮރިޝަސްއަށް މިމައްސަލަ ހުށަހެޅުމުގެ ބާރު ލިބިގެން ނުވާކަމަށެވެ. އެއީ މިހާ ހިސާބަށް އައިރު، ޗާގޮސް އައިލަންޑްސް އަކީ، މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަމުގެ ދަށުގައި އޮތް ތަނަކަށް ޤާނޫނީ ގޮތުން ނުވާ ކަމެވެ.

(ށ) ޗާގޮސްގެ ޖަޒީރާތަކުގެ ސިޔާދަތީ މިލްކުވެރިކަމަށް މޮރިޝަސް އަށް ލިބިދޭ ކަމަށް ބުނާ ބުނުމަށް ބާރުލިބިދޭ ގޮތަށް އޮތް ބައިނަލްއަޤްވާމީ ނިންމުމަކީ International Court of Justice އިން 2019 ވަނަ އަހަރު ނިންމާފައިވާ Advisory Opinion އެކެވެ. އެހެނަސް އެއީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ އެދުމަކަށް ދީފައިވާ ލަފަޔަކަށް ނުވަތަ Advisory Opinion ވުމުން، އެއީ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑުތަކުން، އެއްވެސް ޤައުމެއްގެ މައްޗަށް ބަނދެވޭ ނިންމުމެއް ނޫނެވެ. އަދި މިއީ 2019 ގައި މިމައްސަލައިގައި އ.ދ ގައި ރާއްޖެއިން ވޯޓުދިނުމުގައި ގެންގުޅެފައިވާ ހަމަވެސް މެއެވެ.

(ނ) މި ފުރަތަމަ އިޖުރާޢީ ޗެލެންޖްގައި ރާއްޖެއިން ކާމިޔާބުކުރެވުނު ނަމަ، މޮރިޝަސްއަށް މައްސަލަ ގެއްލުނީއެވެ. އަދި އެހާ ހިސާބުން މައްސަލަ ނިމުކަމަށް އައީ ހެވެ. ނަމަވެސް މި ނުކުތާގައި ޓްރައިބިޔުނަލުން ވަނީ ރާއްޖެއިން ނެގި ޗެލެންޖާއި ދެކޮޅަށް ނިންމަވާފައެވެ.

(ށ) އަޑުއެހުންތަކުގައި މޮރިޝަސްގެ ޤާނޫނީ ވަކީލުގެ ވާހަކައިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވި ކަމާއި، އަދި އެސިޓީގައި ޗާގޮސް އައިލަންޑްސްގެ މައްޗަށް މޮރިޝަސްގެ ސިޔާސަތީ ބާރު ނެތްކަމަށް އ.ދގައި ނެގުނު ވޯޓުގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކޮށް، ރާއްޖޭގެ މިހާރު ރަސްމީ ސްޓޭންޑަކީ ޗާގޮސް އައިލަންޑްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ޤަބޫލުކުރަން ކަމުގައި ރާއްޖޭގެ ރައީސް އަންގަވާފައިވާކަމަށް އޭނާ ހާމަކޮށްފައިވެއެވެ. (އެ ސިޓީގައިވާ ހުރިހާ ވާހަކަތަކެއް އޭނާ ހާމަކޮށްފައިނުވެއެވެ. އަދި ދިވެހި ސަރުކާރުންވަނީ މިސީޓީގައިވާ މަޢުލޫމާތުތައް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.)

(ނ) އެހެން ކަމުން ސުވާލަކީ މި ސިޓީން ކޮށްދިނީ ކޮންކަމެއްތޯ ކަމުގައިވާނަމަ، އެ ސިޓީގައި އޮތް އެއްޗެއްކަމުގައި މޮރިޝަސްގެ ޤާނޫނީ ވަކީލު ހަމަކުރެއްވި ހިސާބުން އެނގޭ ކަމަކީ، އެސިޓީން ހަމަގައިމުވެސް، މިމައްސަލަ މޮރިޝަސް އަށް ބައިނަލްއަޤްވާމީ ކޯޓަކަށް ހުށަހެޅުމުގެ ބާރުނެތްކަމަށް ރާއްޖެއިން ބުނަމުންގެންދިޔަ ބުނުން އަދި ސްޓޭންޑް ބަދަލުކޮށްފައިވާކެމެވެ. އަދި މިހާރު މިސިޓީގެ ފަހުން ރާއްޖޭގެ ޤާނޫނީ ޕޮޒިޝަންއަކަށްވަނީ، ޗާގޮސް އައިލަންޑްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުވެރިކަން އޮތް ކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށެވެ.

(ރ) މިސިޓީގެ ނަތީޖާއަކަށްވާނީ، މިހާ ހިސާބަށް އަދި، މޮރިޝަސް އާ ޤާނޫނީގޮތުން، ޗާގޮސް ޖަޒީރާތައް ޙަވާލުނުވި ނަމަވެސް، ރާއްޖެއިން މިހާރު ޤަބޫލުކުރާ ގޮތުގައި ޗާގޮސްއަކީ މޮރިޝަސްގެ ތަނެކެވެ. އިނގިރޭސިންގެވެސް އަދި (އެހެން އެއްވެސް ޤައުމެއްގެ) ޤާނޫނީ މަޞްލަޙަތެއް ޗާގޮސް އާއި މެދު ދިވެހިރާއްޖެއިން ދެކޭގޮތުގައި ނެތްކަމެވެ. އަދި އެހެންކަމުން ޗާގޮސްއަށް ރާއްޖޭގެ ތެރެއިން ދަތުރުކުރުމާއި އަދި އެކަމަށް މަގުފަހިކޮށް ދިނުމަކީ ދިވެހިރާއްޖެއިން ދެން ކޮށްދޭނޭ ކަންކަމެވެ. މިއީ ކޯޓުގައި އޮތް މައްސަލައަށްވުރެ ފުޅާ، ނަތީޖާ ފުން ނިންމުމެއްކަން ފާހަގަކުރަން ޖެހެއެވެ.

ކަނޑުގެ ސަރަޙައްދުގެ މިލްކުވެރިކަމުގެ ޕޮޒިޝަން

(ހ) ރާއްޖޭގެ ޤާނޫނުގައި (ޤާނޫނު ނަންބަރު: 96/6 ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅުމާ ބެހޭ ޤާނޫނު) ގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ، އާކިޕެލަޖިސް ބޭސްލައިންސް އިން ފެށިގެން 200 ނޯޓިކަލް މޭލު ކަމުގައިވީ ނަމަވެސް، މި ސަރަޙައްދު އެކުގައި ހޯދުމަށް މަސައްކަތް ކޮށްފައިނުވެއެވެ. އެ ގޮތަށް ވަކާލާތުކޮށްފައިވެސް ނުވެއެވެ.

(ށ) އަދި އެ ޤާނޫނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކާއި ފުށުއަރާނަމަ، އެކަން ޙައްލުކުރާނީ ދެ ޤައުމުގެ މެދުގައިވާ އެއްބަސްވުމަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ. މި ފަދަ އެއްބަސްވުމެއް މި ސަރަޙައްދާއި ބެހޭގޮތުން ވެފައިނުވާއިރު، ޗާގޮސް އައިލަންޑްސްއަކީ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުން ދަށުން ލީގަލް ރިކޮގްނިޝަން ލިބިފައިވާ ޤައުމަކަށް ނުވަތަ State އެއްކަމަށް ވަކާލާތުކުރެވިދާނޭ ކަމާމެދު ޗެލެންޖް ކުރެވެއެވެ.

(ނ) އަދި ހަމައެއާއެކު، ރާއްޖެއިން މިހާހިސާބަށް ގެންގުޅެފައިވާ ޤާނޫނީ ޕޮޒިޝަންއަކީ، ފުރިހަމަ 200 ނޯޓިކަލް މޭލުގެ ސަރަޙައްދު ލިބިގަތުމެވެ. އަދި UN Convention on the Law of the Sea ގެ ދަށުން އ.ދ އަށް ރާއްޖެއިން ހުށަހެޅި ކަނޑުގެ ސަރަޙައްދުގެ ޗާޓުތަކުގައިވެސް ގެންގުޅެފައިވަނީ މި ޕޮޒިޝަނެވެ.

(ރ) މި އާ ޚިލާފަށް މިމައްސަލައިގައި، އިސްވެ ދެންނެވި ގޮތަށް 200 ނޯޓިކަލް މޭލު ހޯދުމަށް ވަކާލާތު ކޮށްފައެއް ނުވެއެވެ. އަދި އެ ސަރަޙައްދުން އެއްވެސް ބައެއް އެހެން ބަޔަކާއެކު ޙިއްޞާކުރުމަށް/ބައިކުރުމަށް އިޢުތިރާޟް ކޮށްފައިވެސް ނުވެއެވެ. މިއާ ޚިލާފަށް، ރާއްޖެއިން ހުށަހަޅަފައިވާ ލިޔުންތަކުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި، ރާއްޖެއާއި، ޗާގޮސް އައިލަންޑްގެ ކަނޑުގެ ސަރަޙައްދުން، (ކޮންމެ ޤައުމަކަށް 200 މޭލު ކަނޑައެޅުމުން،) ކަނޑުގެ ފުށުއަރާބައި ހަމަޔަށް ބެހުމުގެ އުޞޫލަށް އެއްބަސްވެއެވެ.

(ނ) މިނުކުތާގައި، ދެބަސްވެފައިވަނީ ހަމައެކަނީ ފުށުއަރާ ސަރަޙައްދު ކަނޑައެޅުމުގައި ގުނަން ފަށާނޭ ޕޮއިންޓަކާ ބެހޭގޮތުންނެވެ. ނުވަތަ ފަރަކާއި ބެހޭގޮތުންނެވެ. މޮރިޝަސް އިން ވަކާލާތުކޮށްފައިވަނީ އެ ޕޮއިންޓަކީ ބްލެންހައިމް ފަރުކަމުގައެވެ. ރައްޖެއިން ވަކާލާތުކޮށްފައިވަނީ އެ ޕޮއިންޓަކީ، އެއަށްވުރެ ޗާގޮސް އައިލަންޑައި ދިމާލަށް އެތެރެވަރިއަށް އޮތް، ޕެރޯސް ބަންހޯސް ކިޔުނުއަތޮޅާއި، ސެލޮމޮން އައިލަންޑްސް އޭ ކިޔުނު އަތޮޅުގައި ފާހަގަކުރާ ޕޮއިންޓްތަކެކެވެ. މި ނުކުތާގައި ދެ ފަރާތުން ވެފައިވާ ޚިލާފަކީ މިއީއެވެ. ( މިނުކުތާގެ ތަފްޞީލްތައް އަޅުގަނޑާއި ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސަޢީދުގެ ބަޔާނުގައިވެސް ހިމަނާފައިވާނެ)

ކޮންމެ ހަމަޔަކުން ބެލި ނަމަވެސް، މާދަމާގެ ޙުކުމަކީ މުޅި ދިވެހިޤައުމަށާއި، މިއަދުގެ އަދި މާދަމާގެ ދިވެހިންނަށް މުހިންމު ޙުކުމެކެވެ. ދިވެހި ދަރިންގެ އަދާއި މާދަމާ ބައްޓަންވެގެންދާނޭ ނިންމުމެކެވެ. މަތީގައިވާ ކަންތައްތަކަށް ބަލައިލުމުން މިހާދުވަހަށް ގެންގުޅުނު 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބޭއްވިދާނޭ ކަމުގެ އުންމީދުކުރަން ވަރަށްވެސް ދައްޗެވެ.

ޙުކުމް ލިބިމުން، ކުރިޔަށްދެވޭނޭ ގޮތަކާއި ބެހޭގޮތުން އިތުރަށް ދިރާސާކުރަންޖެހޭއެވެ. އަދި ރާއްޖޭގެ ސަރަޙައްދުން އެއްވެސް ބައެއް ގެއްލިއްޖެނަމަ، އަނބުރާ ހޯދުމަށް އަނބުރާ ހޯދުމުގެ މަސައްކަތްކުރަންޖެހޭނެއެވެ. އަދި އެކަންކުރުމަށް އެޅިދާނޭ ފިޔަވަޅުތަކަކާ ބެހޭގޮތުން ދިވެހިންގެ ހައިސިއްޔަތުން ގޮތްތަކެއް ނިންމަންޖެހޭނެއެވެ. ދިވެހި ޤައުމަށްޓަކައެވެ. ދިވެހިދަރިންގެ މާދަމައަށްޓަކައެވެ. އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް މެއެވެ. ޤައުމީ ލޭ ހިނގާ ދިވެހި އަންހެން ދަރިއަކީމެވެ. މި ޤައުމުން ކިޔަވާދީފައިވާ ޤާނޫނީ ވަކީލަކީމެވެ.