Support Us

ކޮލަމް މާޒީ: އިސްލާމް ފޯރުމެއް އެބަ އޮތެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަޅުގަނޑަށް އައި ފޯނުކޯލެކެވެ. ގުޅުއްވީ ވަރަށް ޢިއްޒަތްތެރި ބޭފުޅެކެވެ. ދާރުލްއިޤާމާ ދުވަސްވަރު މަޖީދިއްޔާގެ ދަސްވެންޏެކެވެ. ޤައުމާއި ޤައުމިއްޔަތަށް ވަރަށް ބޮޑަށް ޙުރުމަތްތެރިކޮށް ހިއްތަވާ އިސް ރައްވެއްސެކެވެ. ރާއްޖެތެރޭގައި އިސް މަޤާމުތަކެއް ފުރުއްވި ޢިއްޒަތްތެރިއެވެ. ޤައުމީ ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޚިދުމަތްތެރިއެކެވެ. 

އަޅުގަނޑާ ގުޅުއްވައިފައި ވިދާޅުވިއެވެ. މި ރަށުގައި އިސްލާމް ދީން ފޯރުވާ ވާހަކަ ނުވަތަ ފޯރުމެއްގެ ވާހަކަ އަޑުގަދަކުރާއިން އެބަ ގޮވައެވެ. ކޮންތާކަށް ފޯރުވާ ވާހަކަކަމެއް ވެސް ނޭނގެއެވެ. އެހެން ގޮވާތީ ބައެއް ލާނެއް މީހުން ނުބައި ގޮތްގޮތަށް ވެސް އެ ލަފުޒު މާނަ އެބަކުރެއެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. އިސްލާމް ދީން ތިޔަ ރަށަށް އިތުރަށް ފޯރުވާން ޖެހޭތޯއެވެ؟ ތިޔަ ރަށުގެ އެންމެންނަކީ ވެސް މުސްލިމުން ނޫންތޯއެވެ؟ އެހެންވީމާ، ސަރުކާރުގެ ވަފުދަކުން އެހެން ވިދާޅުވާނެކަމަކަށް ނުފެނެއެވެ. އަޅެ އެ ގޮވާ އެއްޗެއް ސާފުކޮށްލައްވަބައްލަވާށެވެ!

ވިދާޅުވިއެވެ. ކިޔަނީ އިސްލާމް ފޯރުމެކޭ ކޮންމެވެސް އެއްޗެކޭއެވެ. އެ ބޭފުޅަކު އެ ވިދާޅުވި އެއްޗެއް އަޅުގަނޑަށް ސާފުވީ އެހާ ހިސާބުންނެވެ. އެ ވާނީ "އިސްލާމް ފޯރަމް"ކަމަށް އަޅުގަނޑަށް ވިސްނުނެވެ. އަދި މި ކަމާމެދު ވިސްނާން އަޅުގަނޑަށް މަޖުބޫރުވީ ވެސް މިހައި ހިސާބުންނެވެ.

އަޅުގަނޑުމެން އެންމެ ކުރީން އަޑުއަހައި އުޅުނީ ވަޢުޡު ވިދާޅުވާ ވާހަކައާއި ވަޢުޡު ބުނާ ވާހަކައެވެ. ދެން ކިޔާން ފެށީ ދީނީ ތަޤުރީރު ދޭ ވާހަކައެވެ. ދެން އިވުނީ ދީނީ ނަސޭހަތްދޭ ވާހަކައެވެ. ދެން އިވޭންފެށީ "ދީނީ" މި ބައި އުނިވެފައި ދަރުސްދޭ ވާހަކައެވެ. ރަމަޟާންމަހުގެ ރޭތައް އިޙުޔާކޮށް ދިރުވުމުގެ ވާހަކަ ވަރަށް ޢާންމިވުމަށް ފަހު، ދެން ރަމަޟާންމަހު އިވޭންފެށީ "ރަމަޟާން ފޯރަމް"ގެ ވާހައެވެ. ރަމަޟާންމަހުގެ ރޭތައް އިޙުޔާކޮށް ދިރުވުމާއި ރަމަޟާން ފޯރަމާ ދެމެދުގައި ހުރި އެންމެ ބޮޑު ތަފާތެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ، ރަމަޟާންމަހުގެ ރޭތައް އިޙުޔާކޮށް ދިރުވުމުގެ ކަމާކެމި ފެށުނީ ރިޔާސީ ގަނޑުވަރު މުލީއާގޭތެރެއިން ކަމަށް ވެފައި، އޭރު ރާއްޖެއާއި ޢަރަބި ދުނިޔޭގެ މަޝްހޫރު ޤާރީންގެ ޤުރުއާން ކިޔަވައިވިދާޅުވުމާއި ތަޤުރީރު ދެއްވުން އޮންނަކަމެވެ. އަދި އަޑުއަހާން ދާ ކޮންމެ މީހަކަށް ޕީޗުން ގިރައިފައި ހުންނަ ވަރަށް މީރު ފަނިތައްޓެއް ވެސް ލިބޭ ކަމެކެވެ. އެއަށް މުލީއާގޭ ފަންޏޭކިޔައި ޢާންމު ވެސް ވި ކަމެކެވެ. އެއީ ރައީސް މައުމޫންގެ ޒަޢާމަތުގެ ވަރަށް ކުރީކޮޅެވެ. އޭރު ހާޒިރުވާ މީހުންގެ މެދުގައި ޤުރުޢަތު ނަގައި އިނާމާއި ހަދިޔާ ދިނުމެއް ނޯވެއެވެ. 

އަނެއްކޮޅުން އިޙުޔާ ފޯރަމް ފެށުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ. އެއީ 2008ގެ ފަހުންނެވެ. ތަޤުރީރުގެ ބަދަލުގައި އޮންނަނީ ޕަވަރޕޮއިންޓް ހުށަހެޅުންތަކެވެ. މައްސަލަތަކާމެދު ބަހުސްކުރުމެއް ނޯވެއެވެ. ހާޒިރީންގެ މެދުގައި ނެގޭ ޤުރުއަތަކުން ހާޒިރީންނަށް އިނާމާއި ހަދިޔާ ލިބެއެވެ. ނަމަވެސް އިޙުޔާކޮށް ދިރުވުމަށް ޓަކައި ތަޤުރީރު ދެއްވި ދުވަސްވަރު އެ ކަމުގެ ހައިބަތާއި ޤަދަރު މީހުންގެ މެދުގައި މާ ބޮޑެވެ. ހާޒިރީން ވެސް އިތުރެވެ. އަދި މިހާރު ދަރުސް ދޭ އިރަށްވުރެ ކުރީން ވަޢުޡުވިދާޅުވާއިރު މީހުންނަށް ކުރާ އަސަރު މާ ބޮޑެވެ. ބައެއް ވަޢުޒުތަކަށް މީހުން ގޮސްފައި އެ ތަނުން ނުކުންނަނީ އަޑުންއަޑުނަގައި ރޮމުންނެވެ. އޭރުގެ ވަޢުޡުތައް އަސަރުވެރީ ކަމެއް ނުވަތަ އޭރުގެ މީހުންގެ ހިތަށް އަސަރުކުރުމުގެ ގޮތް ގަދައީ ކަމެއް ނޭނގެއެވެ. 

ނަސޭހަތުގެ މާނައެއް ކަމަށް ރަދީފުގައި އޮންނަނީ "މީހަކަށް ހެޔޮ މަގެއް ދެއްކުމަށް ޓަކައި އޯގާވެރިކަމާއެކު އެ މީހަކާ ދައްކާ ވާހަކަ"ކަމަށެވެ. ވަޢުޡުގެ މާނައެއްކަމަށް ރަދީފުގައި އޮންނަނީ "ދީނީ ނަސޭހަތް" މިހެންނެވެ. "ދަރުސް"ގެ މާނައަކީ ފިލާވަޅެވެ. ދެން "ފޯރަމް"، "ފޯރަން" ނުވަތަ "ފޯރަމު"ގެ މާނައަކީ ކޮބައިތޯ ބަލައިލާން އުޅެއުޅެ އެ ލަފުޒުގެ މާނައެއް ރަދީފަކުން އަޅުގަނޑަކަށް ނުހޯދުނެވެ. އަޅުގަނޑަކަށް ނުފެނުނެވެ. ދެން "ފޯރަމް"އަކީ އިނގިރޭސި ލަފުޒެއް ކަމަށް ބަލައި އޭގެ މާނަ ބަލައިލީމެވެ. އޭގެ މާނައެއްކަމަށް އަޅުގަނޑަށް އެނގުނީ އެއީ ވަކި ޚާއްޞަ މައްސަލައަކާ މެދު ޚިޔާލާއި ޝުޢޫރު ފާޅުކޮށް ބަހުސްކުރުމަށް ޓަކައި އޮންނަ ބައްދަލުވުމެއް ނުވަތަ އެ ފަދަ އޮޅިއެކެވެ. ފުންކޮށް އެ ލަފުޒުގެ އަސްލަށް ބަލާއިރު އެއީ އިނގިރޭސި ލަފުޒެއް ވެސް ނޫނެވެ. އެއީ ލެޓިންބަހުން އެ މީހުން ގެނައި ލަފުޒެކެވެ. އާދޭހެވެ! މިހާރު އެއީ އިނގިރޭސި ލަފުޒެކެވެ. ލެޓިން ބަހުން ގެނައި ލަފުޒެކެވެ. މާނައަކީ ބޭރުވައްޗެވެ. ނުވަތަ "ޤަދީމީ ރޫމުގައި މީހުން އެއްވާ ސަރަހައްދެވެ." ނުވަތަ ޢާންމު ތަންތަނެވެ. ނުވަތަ ބާޒާރުމައްޗެވެ. 

ފޯރަމްގެ މިހާރުގެ އެންމެ އާންމު މާނައެއްކަމަށް ބަލަނީ ވަކި ކަމަކާ ގުޅިގެން މަޝްވަރާކޮށް ބަހުސްކުރުމަށް އޮންނަ އޮޅިއެވެ. ނުވަތަ އެ ފަދަ ބައްދަލުވުންތަކެވެ. 

އިސްވެ ދެންނެވުނު މާނަތަކަށް ބަލާއިރު، ވަޢުޡުވިދާޅުވުން، ނުވަތަ ވަޢުޡު ބުނުން މާ އަސަރުވެރިއެވެ. ދަރުސްދިނުމަކީ ކޮންމެ މަދަރުސާއެއްގައި ވެސް ކުރާ ކަމެކެވެ. "ދީނީ ދަރުސް"ގެ ވާހަކަ ދައްކާނަމަ، އެއީ ދީނީ ފިލާވަޅުކަމަށް ބެލިދާނެއެވެ. ނަމަވެސް ޢާންމުންނަށް ދީނީ ފިލާވަޅު ދެއްވާން، ނުވަތަ ދީނީ މަޢުލޫމާތުދެއްވާން ނޫންނަމަ، ދީނީ ތަޤުރީރުކުރައްވާން، ނުވަތަ ވަޢުޡުވިދާޅުވާން ބާއްވަވާ ބައްދަލުވުމަކަށް ނުވަތަ ޖަލްސާއަކަށް "ފޯރަމް" ކިޔާން ކަމުދޭތޯއެވެ؟ ޢަމުދުން ރާއްޖެތެރޭގެ ރަށެއްގައި ދީނީ ނަޞޭޙަތްދެއްވާން ބާއްވަވާ ޖަލްސާއަކަށް ފޯރަމެކޭ ކިއީމާ މީހުންނަށް އޮޅޭ ގޮތް ނުވާނެތޯއެވެ؟ އެކަމުގެ ހައިބަތު ނުގެއްލޭނެތޯއެވެ؟ ފޯރަމެއް ނަމަ، ޚިޔާލާއި ޝުޢޫރު ފާޅުކޮށް މަޝްވަރާކުރެވޭން ޖެހޭނެއެވެ. މި ފަދަ ފޯރަމްތަކުގައި ބައިވެރިވާންޖެހޭނީ އެ މައުޟޫޢަކާ ގުޅޭ ގޮތުން ޚިޔާލުފާޅުކޮށް ބަހުސްހުރެވޭވަރުގެ ޢިލްމީ ބޭފުޅުންނެވެ. 

ޢާންމުން ހޭލުންތެރިކުރުމަށް ޓަކައި މަޢުލޫމާތުދޭން ބާއްވާ ބައްދަލުވުމެއްގައި ސުވާލާއި ޖަވާބުގެ ދަންފަޅިއެއް ނުވަތަ ވަގުތުކޮޅެއް އޮތަސް އެއީ އަދި ފޯރަމަކަށް ނުވާނެއެވެ. ކުރީން ވެސް ދެންނެވި ފަދައިން ފޯރަމެއް ނަމަ، ކަނޑައެޅިފައިވާ މައްސަލައަކާ ނުވަތަ މައުޟޫޢަކާ ގުޅޭ ގޮތުން ޚިޔާލާއި ޝުޢޫރު ފާޅުކޮށް ބަހުސްކުރެވޭންވާނެއެވެ. އެހެން ނޫންނަނަމަ، އެއީ ފޯރަމަކަށް ނުވެއެވެ. އެއީ ޖަލްސާއެކެވެ. ނުވަތަ ބައްދަލުވުމެކެވެ. ނުވަތަ އެއްވުމެކެވެ. ވީމާ، އެކި ޙަރަކާތްތަކަށާއި ކަންކަމަށް ނުވަތަ ތަންތަނަށް ނަންދިނުމުގައި ވެސް އެ ކަމެއްގެ މަޤުޞަދާ ގުޅޭ ގޮތަށް މީހުންނަށް ދޭހަވާ ގޮތަށް ނަންކިޔާ ނަމަ، މަގުސަދު ހާސިލުވުމާ ތަންކޮޅެއް ކައިރިވާނެކަމަށް ފެނެއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

މި ފަދަ ބައްދަލުވުންތަކަށް ދާ މީހުންނަށް އިނާމާއި ހަދިޔާ ދީގެން ހާޒިރީން ގިނަކުރެވޭ ނަމަ، އެއީ ކޮންމެހެން، ފޯރަމޭ ކިޔައިގެން އިތުރުވާ އިތުރުވުމެއް ނޫނެވެ. އިނގިރޭސި ނަމެއް ކިޔައިގެން އަންނަ ކުރިއެރުމެއް ނޫނެވެ. "ވަޢުޡުވިދާޅުވުން" ކިޔަސް ނުވަތަ "ދީނީ ނަސޭހަތްދިނުން" ނުވަތަ "ދީނީ ދަރުސްދިނުން" ކިޔަސް ނުވަތަ "ދީނީ ތަޤުރީރުދިނުން" ކިޔަސް، އިނާމާއި ހަދިޔާ ދީގެން އިތުރުވާ އިތުރުވުމެއް އިތުރުވާނެއެވެ. 

ވީމާ، މި ނަމާމެދު ރައްޖެތެރޭގެ ރަށެއްގެ ޢިއްޒަތްތެރި ބޭފުޅަކު ކަންބޮޑުވުން ފާޅުކުރެއްވި ފާޅުކުރެއްވުމަކީ ހަމަ އަސްލެއް އޮތް ކަންބޮޑުވުމެކެވެ. އަޅުގަނޑު ވެސް އޭނާގެ އެ ކަންބޮޑުވުމުގައި ބައިވެރިވާ ޙާލު، މި ފަދަ ކަންކަމާ މެދު، ކަމާ ބެހޭ ޒިންމާދާރު އިދާރާތަކުން ވިސްނަވާނެކަމުގެ އުންމީދުގައި މި ޚިޔާލުފާޅުކޮށްލީއެވެ.