...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ނަޖުމީގެ ގަލަމުން 4: އެންމެ ފަހުން ރައީސްގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ސަރުކާރަށް

އެއްވެސް ކަމެއް ނުކޮށް އިށީނދެ އިނުމަކީ ވަރަށް ފޫހިކަމެކެވެ. އެއީ ކިތަންމެ ރީތި ގަނޑުވަރެއް ކަމުގައި ވިޔަސްވެސް މެއެވެ. އެހެންވެ އަހަރެން މުލީއާގެއިން ނުކުމެގެން ކޮންމެވެސް އެހެންތާކަށް ގޮސްލަން ބޭނުންވިއެވެ. އަހަރެންނަށް ދިއުމުގެ ހުއްދަ އޮންނަ އެންމެ ކައިރި ތަނަކީ ހަކުރާގެ އެވެ. އެތަނުގައި މިލިއަނެއްހާ މަސައްކަތް ހިނގަމުން ދިޔައެވެ. އިނގިރޭސިން ގަމުން ފޭބިއިރު ދޫކޮށްލާފައި ދިޔަ ތަކެތި ގެންނަނީ އެތަނަށެވެ. ނާސިރު އެ ހުރިހާ އެއްޗެއް ބައްލަވާފައި އެ ތަކެއްޗާމެދު ކަންތައް ކުރަންވާ ގޮތް ވިދާޅުވެދެއްވަނީއެވެ.

އެއް ދުވަހަކު އަހަރެން އެތަނުން ނުކުތްތަނުން މީހަކު އައިސް ކިލެގެފާނު އެބަ އުޅުއްވާހޭ އަހައިފިއެވެ. ކިލެގެފާނަކީ ކޮބައިހޭ އަހަރެން އަހާލައިފީމެވެ. އެމީހާ ދެން ވަރަށް ނުރުހިއްޖެއެވެ. މީހުން ނާސިރަށް ކިޔަނީ ކިލެގެފާނު ކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.

އަހަރެން އެތަނުގައި ހިނގާ ނުހިނގާ ކަންކަން ބަލަން ހުރެފައި ނުކުންނަނީ މެންދުރު ކާގަޑި ޖެހުނީމައެވެ. ދެން މުލީއާގެއަށް ގޮސް ކައިގެން ބުޅަލެއްހެން އަރާއޮވެ ނިދަނީއެވެ. އަދިވެސް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.

އެއް ދުވަހަކު ސައިކުރާ ނައީމް އަހަންނަށް ގޮވާލައްވާފައި މޫންލައިޓް ނޫހުގައި ޖެހުމަށް ކޮންމެވެސް ފޮޓޯއެއް މާލެތެރޭން ނަގައިގެން އަންނާށޭ ބުނުއްވައިފިއެވެ. އެއީ މާލެތެރެއަށް ނުކުތުމަށް ލިބުނު ފުރުސަތެއް ވީމާ އަހަރެން އުފަލުން އެ ފުރުސަތުގެ ބޭނުން ހިފީމެވެ. އަހަރެން ކެމެރާ ހިފައިގެން އެކި ތަންތަނަށް ހިނގާފައި ދާތަން ފެނިގެން މީހުން ވަރަށް ފޮށެއެވެ. އެމީހުންނަކަށް މިއީ ކޮން ކަހަލަ ކަމަކާ ދާ މީހެއް ކަމެއް އޭރަކު ނޭނގެއެވެ. ހަމަ ފެންނަ ތަނުން މީހުން ކުރިމައްޗަށް އަރައި "ކަނޑާލަ" ނޫނީ "އަންދާލަ" ނޫނީ "ކުރަހާލަ" މިކަހަލަ ކޮންމެވެސް އެއްޗެއް ކިޔާލައެވެ. އޭރަކު މިކިޔާ އެއްޗެއް ވެސް ނޭނގެއެވެ.

މިހެން އުޅެނިކޮށް އެއް ދުވަހަކު އިމަޖެންސީއެއްގައި ނައީމް ނިކުންނަވައި އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދުރުވެއްޖެއެވެ. މިވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ދެން ނައީމު އަހަރެން ގޮވައިގެން ވެންނެވީ އެތެރޭގައި ހުރި ކޮޓަރިއަކަށެވެ. އޭރު އެތަނުން ދުވާ ވަހަކީ ދުވަހަކުވެސް ތަޖުރިބާ ކުރެވުނު އެންމެ ނުބައި ވަހެވެ. އެތާނގައި ސިފައިންގެ އިސް އޮފިސަރުންނާއި ޑޮކްޓަރުން ވެސް ތިއްބެވެ. އެނދެއްގައި ބާއްވާފައި އޮތީ މަރާލާފައިވާ ބިދޭސީ އަންހެނެކެވެ. އެއީ ސިލްވިއާ އެވެ. އަހަރެން ގާތު އެބޭކަލުން ފޮޓޯނަގަން ދެއްކެވި ތަންތަން ފޮޓޯ ނެގީމެވެ. ކައިރިންނާއި ދުރުންނެވެ. އެންމެންވެސް ތިބީ މާސްކު އަޅައިގެންނެވެ. އޭރު އަހަރެންގެ މޫނުމަތިން ދަލާއި ކަރުނަ ފައިބަމުން ދިޔައެވެ. އަހަރެންގެ އަތާއި ފައި ތުރުތުރު އަޅައެވެ. އެހާ ކައިރިން މަރުވެފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. މަރުވެފައިވާ މީހުންގެ ހަށިގަނޑުން އެހާ ނުބައި ވަހެއް ދުވާކަންވެސް އޭރަކު އަހަންނަކަށް ނުވެސް އެނގެއެވެ.

އަހަރެން މ. ނެދުންގެއަށް ގޮސް އެ ފޮޓޯތައް އަމިއްލައަށް ޕްރޮސެސްކޮށް ޕްރިންޓްކުރީ އެމީހުންގެ އަނދިރިކޮޓަރީގައެވެ. އަހަރެން ފޮޓޯތައް ގެނައުމުން ނައީމް ހުރީ ވަރަށް އުފާވެފައެވެ. މިއީ މިފަދަ ފޮޓޯތަކެއް ނަގައި ނޫހުގައި ޝާއިއުކުރި ފުރަތަމަ ފަހަރު ހެންވެސް ހީވިއެވެ.

އެ ދުވަހުގެ ނޫސް އެތައް ފަހަރަކު ޗާޕުކުރަން ޖެހުނެވެ. އޭރު ކޮންމެ ފޮޓޯއެއްގެ ތިރީގައި ވަނީ "ފޮޓޯ ހަސަން ނަޖްމީ" ލިޔެފައެވެ. މީ ކިހާވަރެއްގެ "ނަޖްމީ"އެއްހޭ ވެސް މީހުން ސުވާލުކޮށް ހެދިއެވެ. މާލޭގައި އަހަރެން އެހާ މަޝްހޫރުވި ސަބަބަކީ އެއީއެވެ.

ސިލްވިއާގެ މަރުގެ ހަބަރާއެކު 22 ޑިސެމްބަރު 1976 ގައި ނުކުތް މޫންލައިޓު ނޫސް

އެ ހިސާބުން ނައީމް އަހަންނަށް ވަރަށް އިޙްތިރާމް ކުރަން ފައްޓަވައިފިއެވެ.

އޭރު ނާސިރުގެ އަތްޕުޅުގައި ވީޑިއޯ ކެމެރާއެއް އޮވެއެވެ. އެއް ދުވަހަކު އަހަރެން ގެންދަވާފައި އެ ކެމެރާ ބޭނުން ކުރަން އެނގޭނެތޯ އައްސަވައިފިއެވެ. އަހަރެން ބޮލުން އާދޭހޭ ދަންނަވައިފީމެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވީޑިއޯ ކެމެރާ ބޭނުން ކުރަން އަހަންނަށް އެނގެއެވެ. އައްޑޫގައި އުޅުނު އިރު ފަސް ވަރަކަށް މިނިޓްގެ އަށެއް އެމްއެމް ފިލްމެއް ވެސް އަހަރެން ނެގީމެވެ. މި ވީޑިއޯ ކެމެރާއާ ގުޅާފައިވާ ވީސީއާރުގެ ބަރުކަމުގެ ސަބަބުން، އެ އުފުލަން ކުޅުދުއްފުށީގެ ނިކަން ބާރުގަދަ މީހަކުވެސް އަހަންނާއެކު ފޮނުއްވިއެވެ.

އަހަރެމެން މާލޭގެ އެކި މަގުތަކުގައި ހިނގައި އެކި ކަހަލަ މަސައްކަތްކުރާ ތަންތަނަށް ގޮސް އެމީހުން ކުރާ ކަންތައް ވީޑިއޯކޮށްގެން ގެންނަނީއެވެ. އަދި މީގެ އިތުރުން ފުނަދުއަށާއި ހުޅުލެއަށް ވެސް ދާންޖެހެއެވެ. އޭރު ފުނަދޫގައި ތެޔޮތާނގީތަކެއް ބަހަށްޓަނީއެވެ. ހުޅުލޭގައި އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ބާރަށް މަސައްކަތް ހިނގަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ނާސިރު އެ ވީޑިއޯތައް ބައްލަވައެވެ. އެތާނގައި ނާސިރާއި އަނބިކަނބަލުންނާއި ބައެއް ވަޒީރުންނާއި ނ. ތ އަޙްމަދު ދީދީ ފަދަ ބޭފުޅުން ތިއްބަވައެވެ. އަހަރެން ގެންނަ ވީޑިއޯ ބައްލަވަނީ ނިކަން ބޮޑު ޓީވީއަކުންނެވެ.

އެއް ދުވަހަކު އެ ވީޑިއޯތައް ބައްލަވަން އިންނަވާފައި ނާސިރު ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވެއްޖެއެވެ. "މީނާ ފިލްމު ނަގަން ވެސް މޮޅުވާނެދޯ" އެވެ.

އަހަރެން އެ ވީޑިއޯތައް ނެގީ އަހަންނަށް އޭރު އެނގޭ އެންމެ މޮޅަކަށެވެ. ފުރަތަމަ ނަގަން ފަށަނީ ކޮންމެވެސް ކްލޯޒްއަޕަކުންނެވެ. ދެން މަޑުމަޑުން ވައިޑްކުރަމުން ގޮސް އަސްލު އެ ކުރާ ކަމެއް އެނގޭ ވަރަށް ވައިޑް ކުރަނީއެވެ. ނާސިރު އެގޮތަށް ވިދާޅުވީ އެހެންވެ ކަމަށް ވެދާނެއެވެ. އެގޮތަށް ނަގައިގެން ގެނައި ވީޑިއޯތަކުގެ ތެރޭގައި އެއް ދުވަހަކު މާލޭ މާރުކޭޓް ސަރަހައްދުވެސް ހުއްޓެވެ. އެވީޑިއޯ ބައްލަވާފައި ނާސިރު ވިދާޅުވެއްޖެއެވެ. "މިއީތަ މި މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުވައަކީ؟"

އޭރަކު އަދި ނާސިރު މިހެން ކޯފާވެ ހުންނަވައިގެން ވިދާޅުވީ ކީއްވެގެން ކަމެއް ނޭނގުނެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެމީހުން ވާހަކަ ދެއްކީ ވަރަށް ހުތުރު ބަހުރުވައަކުންނެވެ. އެއަށް ފަހު އަހަރެން އެކަހަލަ ތަނެއް ވީޑިއޯ ކުރާނަމަ އަޑު ކަނޑާލަމެވެ.

އެހެން އުޅެނިކޮށް އެއް ދުވަހަކު އަހަރެންނަށް ވެލާނާގޭ އޯޕަންއެއާ ސިނަމާއަށް ފިލްމު ބަލަން ވަނުމުގެ ހުއްދަ ލިބުނެވެ. އެކަމާ އަހަރެން އުފާވި ވަރެއް ބުނެދޭކަށް ވެސް ނޭނގެއެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ އަހަރެން ހުންނަނީ ފިލްމު ބަލާހިތުން މޮޔަވެފައެވެ.

ވެލާނާގޭ އެބަޔަކީ އެންމެންނަކަށް ވަދެވޭނެ ތަނެއްވެސް ނޫނެވެ. އެއީ ނާސިރުގެ އޮފީސްކޮޅު ވެސް ހުންނަ ތަނެވެ. މުވައްޒިފުންގެ ތެރޭންވެސް ވަދެވޭނީ އޭރަކު ހުއްދަ އޮންނަ ބަޔަކަށް އެކަންޏެވެ. އެތަނުގައި އެންމެ ފަހުގެ ހިންދީ، އިނގިރޭސި ފިލްމުތައް ދައްކައެވެ. އެކަމަކު ދެރަކަމަކީ 10 ޖަހާއިރު ފިލްމު ކަނޑާލަންޖެހޭ ކަމެވެ. އެއީ ފިލްމު ނިމެން ބާކީ އޮތީ އެންމެ ދެ މިނެޓް ކަމުގައި ވީ ނަމަވެހެވެ.

އެއްރެއަކު އަހަރެން ތެޅެމުން ފޮޅެމުން ގޮސް އެތަނަށް ވަނީމެވެ. އަހަރެން ދުވަމުން ގޮސް ދޮރާށި އޮޅިގަނޑުމަތީން ފުންމާލެވުނީ ނާސިރުގެ ކުރިފުޅުމައްޗަށެވެ. އެއީ ވަރަށް ކުށްވެރިވާ ކަހަލަ ކަމެކެވެ. ނަސީބަކުން ނާސިރުގެ ގައިކޮޅުގައި އަޅައެއްނުގަނެއެވެ. ނާސިރު ވަރަށް ގަދައަށް އަހަންނަށް ބައްލަވާލެއްވިއެވެ. އެކަމަކު އެއްޗެއް ވިދާޅެއް ނުވެއެވެ. އަހަރެން ހިކަންޖެއްހެން ތުރުތުރުލާލާ ހުރެފައި މަޑުމަޑުން ގޮސް އިށީނދެއްޖެއީމެވެ. މިއީ އަހަންނަށް މިތަނަށް ވަދެވޭނެ އެންމެ ފަހު ރޭކަމަށް އަހަރެން ނިންމައިފީމެވެ. އެރޭ ފިލްމު ބެލުމުގެ ފޯރި މުޅީން ކެނޑިގެން ހިނގައްޖެއެވެ.

އޭގެ ފަހުން ތިންދުވަސްވީ އިރުވެސް އެކަކުވެސް އެވާހަކައެއް ނުދައްކައެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެން މަސައްކަތް ކުރަން ޖެހުނީ މޫންލައިޓް ވީކްލީގައެވެ. އެ ނޫސް ޗާޕް ކުރަން އޮފްސެޓް މެޝީނެއް ގެނެވިއްޖެއެވެ. އެއީ ރާއްޖެއަށް ގެނައި ފުރަތަމަ އޮފްސެޓް މެޝިނެވެ. އޮފްސެޓް ޗާޕުކުރުމުގައި ފޮޓޯގްރާފީ ބޭނުންކުރަން ޖެހެއެވެ. އޭގެ މަސައްކަތް ކުރާ ގޮތް ދަސްކުރަން ޖެހުނީ އަހަންނާއި އާދަން އަށެވެ. އަހަރެމެން ތަމްރީނު ކުރަން ސިންގަޕޫރުގެ ދެ މީހަކު އައެވެ. ދެ ދުވަހުގެ ކޯހަކަށްފަހު ދެން އެ މެޝިން ހިންގީ އަހަރެންނާއި އާދަންއެވެ.

އޭގެ ފަހުން ވަރަށް ގިނަ މަސައްކަތް ޖެހެން ފަށައިފިއެވެ. ހަކުރާގޭގައި ކާނިވަލް ކަހަލަ ތަނެއް ހަދައިފި އެވެ. ލަކީ ނަމްބަރު ސްޓޯލްތައް ވެސް ބަހައްޓައިފި އެވެ. އެކިއެކި ޝޯތައް ބާއްވަމުން ދެއެވެ. އަދި އޮލިމްޕިއަންސްގެ ކޮންމެވެސް ޝޯއެއް ކޮންމެ ރެޔަކުހެންވެސް އޯޕަން އެއާ ސްޓޭޖްގައި އޮވެއެވެ. މިހުރިހާ ކަންކަމަކީވެސް ފޮޓޯ ނަގަން ޖެހޭ ކަންކަމަށް ވެއްޖެއެވެ. އަދި މީގެ އިތުރުން ސްކޫލެއްގައި އިނާމު ދިނުމުގެ ރަސްމިއްޔާތެއް އޮތް ކަމުގައި ވިޔަސް ނުވަތަ މުހިންމު ތަނެއް ހުޅުވުމެއް އޮތް ކަމުގައި ވިޔަސް އެތަނަކަށް ދާން ޖެހެން ފަށައިފި އެވެ.

ހަކުރާގޭގައި ބޭއްވުނު ރީތީގެ މުބާރާތެއްގެ ތެރެއިން… ފޮޓޯ: ހަސަން ނަޖުމީ

އެއީ ރީތީގެ މުބާރާތެއް ފުރަތަމަ ފަހަރު ހަކުރާގޭގައި ބޭއްވުނު ރެޔެކެވެ. މުބާރާތުގެ ފޮޓޯތައް ނެގުމުގެ ފަހުން ބައިވެރިވި ކުދިންތައް އައިސް ފޮޓޯތައް ހޯދުމުގެ ބޭނުމުގައި އަހަރެން ވަށައިގެން އެނބުރެން ފަށައިފިއެވެ. އެމީހުންގެ އޮއިވަރުގައި ޖެހިގެން ގަޑި ހިނގަމުން ދިޔަވަރެއްގެ ހޭވެރިކަމެއް ނެތެވެ. ރޭކާލިއިރު ގަޑިން 12 ޖަހައިފިއެވެ. އަހަރެން ބާރަށް ދުވަމުން ގޮސް މުލީއާގެއަށް ވަންނަން ހުންނަ ދޮރުގައި ހިފައިފީމެވެ. ދޮރު ހުރީ ތަޅުލާފައެވެ. އޭރު އަދި ގަޑީގެ ކަށި ބާރައިގެ މަތިން ނުނެއްޓެއެވެ. ފޯރި މީހާވެސް ނެތެވެ. ދެން އެތައް އިރަކު ބެލްޖެހިފަހުން އެތެރޭން ދޮރު ހުޅުވައިފިއެވެ.

އޭގެ އަނެއް ދުވަހު މައްސަލަ ޖެހިއްޖެއެވެ. އެއީވެސް ސީދާ ނާސިރު ބައްލަވާ މައްސަލަކެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިމައްސަލައާއެކު ކުރީ ފަހަރުގައި ދުވެފައި ގޮސް އޮފީސް ކޮޓަރިކޮޅާ ދިމާއަށް ވަން މައްސަލަވެސް މިފަހަރު އަންނާނެއެވެ. އެހެންވެ އަހަރެން ހުރީ ވަރަށް ބިރުންނެވެ. ނަސީބަކުން އެފަހަރު އިންޒާރަކާއެކު ސަލާމަތްވިއެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި އަހަރެންނަށް މުޅިން އާދަޔާ ހިލާފު މަސައްކަތެއް ކުރަން ޖެހުނެވެ. އެއީ ޓީވީ މޯލްޑިވްސް ހުޅުވިތަނާ ކައިރީގައެވެ. އެތަނުގައި އޭރު އިސްކޮށް ތިބެނީ ޖަޕާނު މީހުންނެވެ. އެއް ދުވަހަކު ވެލާނާގޭން އަހަރެން ޓީވީ މޯލްޑިވްސް އަށް ދާން އަންގަވައިފިއެވެ. އެތަނުގައި އޭރު ޕްރޮގްރާމެއް ހަދަމުން ދިޔައެވެ. އަހަރެންނަށް ޖެހުނީ އެތަނުން އެއް ކެމެރާ އޮޕަރޭޓްކުރާށެވެ. އަނެއް ކެމެރާ އޮޕަރޭޓް ކުރީ ޖަޕާނު މީހެކެވެ. އެދުވަހު އެމީހުން ނަގަމުން ދިޔައީ އޮލިމްޕިއަންސްގެ ލަވަ ޕްރޮގްރާމެވެ. އޭގެ ތެރޭގައި ހަމްދީ އާއި މަހްމޫދާ އާއި ފާތުމަތު ރައޫފް ފަދަ މަޝްހޫރު ލަވަކިޔުން ތެރީން ތިއްބެވެ. އަހަރެންނަށް އެނގޭ އެންމެ ރަނގަޅަކަށް އެ ކެމެރާ އޮޕަރޭޓް ކުރީމެވެ.

އަހަރެން ނުވެސް ދެނެހުއްޓާ އެއްދުވަހަކު އަހަރެންނަށް އެހެން ވަޒީފާއެއް ހަމަޖެހިއްޖެ ޚަބަރު ލިބިއްޖެއެވެ. އެއީ އަހަރެން ރައީސްގެ ފޮޓޯގްރާފަރެއްގެ ގޮތުގައި ސަރުކާރަށް ވަދެވުނު ޚަބަރެވެ. އަދި އެންމެ އުފާވީ ދ.ސ ޖެހި ބައިސްކަލެއް ވެސް ލިބުނީމައެވެ. އެއީ އޭރު ވަރަށް ގަދަރު ހުންނަ ބައިސިކަލެކެވެ. ދ. ސ އަކީ "ދިވެހި ސަރުކާރު" މީހެއްކަން އަންގައިދޭ ނިޝާނެކެވެ. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ ގަމުގައި ތިބި ފޮޓޯގްރާފަރުން ބުނި އެތި ހަގީގަތަކަށްވީ ގޮތެވެ.

މިހާރު އަހަރެން މިވަނީ މަޝްހޫރުވާނެ އެންމެ މައްޗަކަށް މަޝްހޫރު ވެފައެވެ. އަހަރެން ޖެހިލުމެއް ނެތި ހަކުރާގެއަށާއި ވެލާނާގެއަށް ވަދެ ނިކުމެވާތަން މީހުންނަށް ފެނެއެވެ. އަދި ކޯޓް ފަޓްލޫނުގައި ރައީސް އޮފީހަށް ވެސް ވަދެ ނުކުމެ ހަދާތަން ފެނެއެވެ. އޭރު ކޯޓްފަޓްލޫނުގައި އުޅޭތަން ފެންނަނީ މިނިސްޓަރުންނާއި އެފަދަ މަތީ ދަރަޖައިގެ ބޭފުޅުންނެވެ. އަހަރެންގެ ތަރި މިވަނީ އަރާނެ އެންމެ އުހަކަށް އަރާ ނިމިފައެވެ. އެއީ ބަލާމީހުންގެ ނަޒަރުގައެވެ.

ދެން އަހަންނަށް އިވެން ފެށީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ރިޔާސީ އިންތިޚާބެއް ބޭއްވެން އުޅޭ ޚަބަރާއި އަދި މީގެ ފަހަކުން ނާސިރު ވެރިކަމުގައެއް ނުހުންނަވާނެ ވާހަކައެވެ. އަހަރެން ހިތަށް އެރިއެވެ. ކިހާ ދެރަ ހެއްޔެވެ؟ މިހާ ހިސާބަށް އަހަރެންގެ ތަރި އެރުމާއެކު އެހާ އަވަހަށް އެތަރި އޮއްސެން ކައިރިވީއެވެ. އަހަރެން އަނެއްކާވެސް ޖެހޭނީ ކޮންމެ ވެސް އެހެން ވަޒީފާއެއް ހޯދަން ނުކުންނާށެވެ. އެހެން ނޫނަސް އަހަންނަކީ މިކަހަލަ މަގާމަކަށް ކުފޫ ހަމަވާ ވަރުގެ މީހެއް ވެސް ނޫނެވެ. ފަހަރުގައި ކޮންމެވެސް ނޫހަކަށް ފޮޓޯ ނަގާދޭ މީހެއްގެ ގޮތުގައި ވަޒީފާއެއް ލިބިދާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭރު މިތަނުގައި މިހާރު މިއުޅޭ އެއްވެސް މުއައްޒިފަކު މިތާގައި ނުބައިތިއްބަވާނެ ކަމުގެ ވާހަކަ ތަނުގެ ތެރޭގައި ދެކެވެމުން ދިޔައެވެ. އެހެންވިޔަސް އަހަރެންގެ ނަސީބުގައި ވަނީ ކޮންގޮތެއްތޯ އަޖުމަބަލަން އަނެއްކާވެސް ހުރީއެވެ. ދެން ކަންތައް ހިނގި ގޮތް ވެސް އެހެން ފަހަރަކުން ގެނެސްދެވޭތޯ ބަލާނަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.