ކޮވިޑް-19 ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެތްލް އައިޝަތު ސާމިޔާ ވިދާޅުވީ މާލެ ސަރަހައްދުގައި ރޭގަނޑު އެގަޑީގައި ބޭރަށް ނުކުމެ އުޅުން މަނާކުރީ އެކަކު އަނެކަކާ ބައްދަލުވާ މިންވަރު މަދުކުރުމަށް ކަމަށެވެ. މީގެ އިތުރުން ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެތެރޭގައި އުޅުން މަނާކޮށްފައިވާ ގަޑިތަކުގައި އެއްވެސް އުޅަނދެއް ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ ތަކުގެ އިތުރުން ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ ހުލުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ޑެލިވަރީއާއި ޓޭކްއަވޭ ހިދުމަތް ވެސް ހުއްޓާލާނެ. އެހެންވެ މިއަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ވިޔަފާރިތަކެއް 9:30ގައި ބަންދުކުރެވޭނެ،" ޝާމިޔާ ވިދާޅުވި އެވެ.
ޝާމިޔާ ވިދާޅުވީ މިރޭ 10:00 އިން ފެށިގެން ފަތިހު 5:00 އަށް މާލެތެރޭގައި ކާފިއު ހިންގާނެ ކަމަށެވެ. އަދި މާލެތެރޭގައި ގްރޫޕް ހަދާފައި ކުޅިވަރުތައް ކުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލީސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 9:30ގައި ވިޔަފާރިތައް ބަންދުވުމުން އެމީހަކު ދާން ޖެހޭ ތަނަކަށް އަވަހަށް ދިއުމަށާއި ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުތެރޭގައި އުޅޭ ނަމަ ޖޫރިމަނާކުރާނެ ކަަމަށެވެ. އަދި މިފަހަރު އުޅަނދުތަކަށް ވެސް ހުއްދަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓްރާންސްޕޯޓް އޮތޯރިޓީއާ މަޝްވަރާކޮށްފައި ނިންމާނަން ޓެކްސީ ސެންޓަރުތަކުގައި ދުއްވާ ކިތައް އުޅަނދަށްތޯ ހުއްދަ ދޭނީ. އެއަށްފަހު އެކަމަށް ގޮތެއް ނިންމާނަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކާފިއު ހިންގާފައި އޮންނަ ވަގުތުތަކުގައި މާލެތެރޭގައި ދުއްވޭނީ އެޗްއީއޯސީ އާއި ސަލާމަތީ ބާރުތަކުގެ ވެހިކަލްތައް އެކަނި ކަަމަށާއި ނަމަވެސް ޑިއުޓީއަށް ދާން ޖެހޭ ފަރާތްތަކުން އެފަރާތްތައް މަސައްކަތް ކުރާ ތަނެއްގެ ފާސް ނުވަތަ ޔުނީފޯމްގައި ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި އޮގަސްްޓް މަހު ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެގޮތުން މާލެތެރޭގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. މި އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.



advertisment