Support Us

އަލްމަރުހޫމް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު

މޭޖަރ (ރޓޑ) ވާފިރު: ޖެހިލުން ކުޑަ، ހިތްވަރު ގަދަކަމުގެ ނަމޫނާއެއް

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ހުންނެވީ ކޯޕްރަލް ރޭންކުގައެވެ. އެ ރޭ ދިމާވީ ވާފިރުގެ ގޭ ރެއާއެވެ. އެހެންވުމުން އެ ހާދިސާ ކުރިމަތިވިއިރު ހުންނެވީ ގޭގައެވެ. އެކަމަކު ބާޣީން ހަމަލާދޭން ފެށުމާއެކު ގޭގައި ނުހުންނަވައި މާލެތެރޭގައި ހަރަކާތްތެރިވި ސިފައިންނާއެކު ހަރަކާތެރިވެވަޑައިގަތެވެ.

ވާފިރުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ކުރެއްވި ޚިދުމަތެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޑިފެންސް މިނިސްޓަރުގެ ނާއިބު އިލްޔާސް އިބްރާހީމުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރާއެކު ހަރަކާތްތެރިވެވަޑައިގެންނެވި ޖެހިލުން ކުޑަ، ހިތްވަރުގަދަ ގޮތެވެ.

ޑިފެންސް މިނިސްޓަރުގެ ނާއިބު އިލްޔާސް އިބްރާހިމް މ. ގައްދަޑުގޭގައި އޮންނެވިކަން ވާފިރަށް އެނގިވަޑައިގަތުމުން ވާފިރު އެ ގެއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވިއެވެ. އަދި ކުރަންވީ ކޮން ކަމެއްތޯ ސުވާލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޙިމާޔަތްކޮށް އެ މަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މ. ހުދުއަސުރުމާގެއަށް ދިއުމަށް ވާފިރަށް އިލްޔާސް އިބްރާހިމް އެންގެވި އެވެ. އަދި ހުދުއަސުރުމާގެއަށް ދާއިރު ދެ ބަޑިއާއި ދެ ބަޑީގެ ވަޒަން ގެންދިއުމަށް ވެސް ވިދާޅުވިއެވެ. ހުދުއަސުރުމާގެއަށް ގެންދިއުމަށްޓަކައި ކާލްބަޑިއަކާއި އެސްއެމްޖީއެއް ގޯންޏަކަށްލައި، އެ ގޯންޏަށް ހުއިގަސް އަޅާ ގޯނީގައި ބަޑިތައް ހުންނައިރު ބޭރުން އެއީ ކޮން އެއްޗެއްކަން ނޭނގޭ ގޮތް ހެއްދެވިއެވެ. އަދި ވަޒަންތައް ތުވާއްޔަކަށް އަޅައި އުނަގަނޑުމަތީގައި ބަނދެލެއްވިއެވެ. ވާފިރާއެކު ހަތިޔާރު ގޯނި ހިފައިގެން ފައިމަގުގައި ހިނގާފައި ހުދުއަސުރުމާގެއަށް ދިޔައީ އާންމުންގެ ބޭކަލެއް ކަމަށްވާ މ. އަސަރީހަނދާން، މުޙައްމަދު ސަމީރެވެ.

އެ ވަގުތަކީ މާލެ ތެރޭގައި ދުޝްމަނުން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދިޔަ ވަގުތެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ މ. ގުލިސްތާނުގޭގައިކަން ވާފިރަށް އެނގިވަޑައިގަތީ ހުދުއަސުރުމާގެއަށް ވަޑައިގަތުމުންނެވެ. އެ ބޭފުޅުންނަށް ގުލިސްތާނުގެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހުދުއަސުރުމާގޭ ތެރެއިން ހަރުގަނޑަކުން ފާރުމައްޗަށް އަރުއްވައިގެން، ފުރާޅުމަތިންލާފައެވެ.

ގުލިސްތާނުގެއަށް ވަދެވަޑައިގެންނެވުނު ވަގުތުން ފެށިގެން ގުލިސްތާނުގޭ ކުރިމަތިން ބޭރު ފެންނަ ގޮތަށް ހުރި އާނގައެއް ކައިރީގައި އަލަމާރިއެއް ބަހައްޓަވައިގެން ވާފިރު ގެންދެވީ ބަޑި ހިއްޕަވައިގެން ފޯރި މަރުއްވަމުންނެވެ. ދުޝްމަނުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ހަނގުރާމަ ކުރެއްވުމުގެ ޢަޒުމުގައި ސާބިތުވެ ހުންނަވައިގެންނެވެ. އިންޑިއާ ސިފައިންނާއެކު ރައީސުލްޖުމްހޫރިއްޔާ ގުލިސްތާނުގެއިން ސިފައިންގެ މައި މަރުކަޒަށް ވަޑައިގަންނަވަންދެން ވާފިރު ހުންނެވީ އެ މުހިންމު ޑިއުޓީގައެވެ.

ދިވެހި އަސްކަރީ ޚިދުމަތާ ވާފިރު ގުޅިވަޑައިގެންނެވީ އުމުރުން 18 އަހަރުގައި، 1970 ވަނަ އަހަރު އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި ނުވަ މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ "ދޮންއެނބޫ ޅަހުއްތު"ގެ ނަމުންނެވެ. އަޅުގަނޑުމެން ޢުމުރުގެ ގިނަ ސިފައިންނަށް އެއީ "އެނބޫ ސަރ" އެވެ.

ވާފިރަކީ އެއްވެސް ފޫހިކަމެއްނެތި، ނުގުޑާ ފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ސީނިއަރ އޮފިސަރެކެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ޕްރައިވެޓްކަމާއި ލާންސް ކޯޕްރަލްކަމާއި ކޯޕްރަލްކަމާއި ސާރޖެންޓްކަމާއި ސްޓާފް ސާރޖެންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމައި ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމު ފުރުއްވިއެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނެންޓްކަމާއި ފަސްޓް ލެފްޓިނެންޓްކަމާއި ކެޕްޓަންކަމާއި މޭޖަރކަމުގެ މަޤާމު ފުރުއްވިއެވެ. ދިވެހި އަސްކަރީ ޚިދުމަތުގައި ގިނަ ދުވަހު ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވި ނަމަވެސް އަސްކަރިއްޔާގައި ޢުމުރާނީ ތަރައްޤީގެ ދާއިރާއިން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް ފާހަގަކުރެވެއެވެ.

ވާފިރަކީ ސިފައިންގެ ލެވެލްގައި ކުރެވިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވާފައިވާ ލީޑަރެކެވެ. މިގޮތުން ޖީއެމްޑީއެސްއެސް (މިހާރުގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ) އާއި ވިލިމާލެ ފަޔަރ ސްޓޭޝަން ހިންގާ ޢިމާރާތް ހެދުމުގައި އިސް މޭސްތިރިއެއްގެ ގޮތުންނާއި ޢަމަލީގޮތުން ކުރެއްވި މަސައްކަތަކީ ވަރަށް އަގުހުރި މަސައްކަތްތަކެކެވެ. މިއީ ވާފިރު އިސްކޮށް ހުންނަވައިގެން ދިވެހި ސިފައިންގެ ބުރަ މަސައްކަތުން ޢިމާރާތްކުރި ޢިމާރާތެކެވެ. އަދި ކޯސްޓްގާޑް ބިލްޑިންގގެ ފަސް ވަނަ ފަންގިފިލާގައި އޮފީހެއް ހެދުމަށް ކުރެވުނު މަސައްކަތާއި ހއ. އުލިގަމު ރާޑަރ ސްޓޭޝަން ޢިމާރާތް ކުރުމުގައި ކުރައްވާފައިވާ މަސައްކަތާއި އައްޑު އަތޮޅު ރާޑަރ ސްޓޭޝަންގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތާއި ކ. ތިލަފުށީގައި ޢިމާރާތްކުރެވުނު ވެހިކަލް ގަރާޖުގެ މަސައްކަތާއި، ހއ. އުލިގަމުގައި ދެ ވީއައިޕީ ޢިމާރާތެއް ހެދުމަށް ކުރެވުނު މަސައްކަތާއި ލ. ހިތަދޫގައި ޢިމާރާތްކުރި ރާޑަރ ސްޓޭޝަންގެ މަސައްކަތާއި ޗާނދަނީމަގުގައި ހުރި އެސްއީކޭ ފިހާރަ އިމާރާތް ކުރުމުގައާއި މަޖީދީ މަގުގައިހުރި އެސްއީކޭ ފިހާރަ އިމާރާތް ކުރުމުގެ މަސައްކަތުގައި ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތްތައް ފާހަގަކުރެވެއެވެ.

ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވެވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި އަށް ކުލައާއި އަށް މެޑެލި ވާފިރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލިތަކުގެ ތެރޭގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އަޚްލާޤީ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާސްތެރި ޚިދުމަތު މެޑެލި، ރައީސުލްޖުމުހޫރިއްޔާގެ މެޑެލި، ސައްތައިގެ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، އަދި ހުރަވީ ރިހި މެޑެލި ހިމެނެއެވެ. ހާސިލުކުރެއްވި ކުލަތަކުގެ ތެރޭގައި ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމުހޫރިއްޔާގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ތިން ފަހަރު ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ.

ވާފިރަކީ ތަފާތު އެކިއެކި ކަންކަމާއިގުޅިގެން ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ވެސް ދިވެހި އަސްކަރިއްޔާއިން ދެއްވާ ތަފާތު ގިނަ ލިޔުންތައް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި އަސްކަރިއްޔާގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ވާފިރު ރިޓަޔަރ ކުރެއްވީ ސާފު ރެކޯޑަކާއެކުގައެވެ. އަޚުލާޤީ ރިވެތި މިސާލުތައް ދައްކަވަމުންނެވެ. މަސައްކަތުގެ އަޚްލާޤާއި ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިކަން ސާބިތުކޮށްދެއްވަމުންނެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ފެނިގެންދިޔައީ ދީނަށް ލޯބިކުރެއްވުމާއެކު އެ މަޑުމައިތިރި ހިމޭން ދިރިއުޅުމުގައި މުރާލިކަމާއެކު ކުރިއަށް ވަޑައިގެންނެވިތަނެވެ. ޚިދުމަތުގެ ދިގު މުއްދަތުގައި ޢާއިލާއަށް ނުދެއްވުނު ވަގުތު ޢާއިލާއަށް ހުސްކޮށްދެއްވިތަނެވެ.

ޢުމުރާގެ މަތިވެރި އަޅުކަމުން އެނބުރި މާލެ ވަޑައިގެންނެވިތަނުން ނިއުމޯނިއާގެ އާލާސްކަންފުޅެއްގައި ވާފިރު އަވަހާރަވީ އުމުރުފުޅުން 71 އަހަރުގައި، ހުސްވި މާޗު މަހުގެ 27 ގައެވެ. ފަސްދާނުލެވުނީ މާލޭ އާސަހަރާގައެވެ. މި ޤައުމީ ޚިދުމަތްތެރިޔާގެ ޚިދުމަތުގައި ބަރަކާތްލައްވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *