Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ނަޖުމީގެ ގަލަމުން: ބާލިން ދަތުރު

މީގެ ދެތިން ދުވަހެއް ކުރީން އަހަރެން ބާލިންއަށް ދެ ދުވަހުގެ ދަތުރެއް ކުރީމެވެ. މުހިންމު ސަބަބަކާހުރެއެވެ. އެއީ މާލެއާއި އައްޑޫއާ ދެމެދުގައިވާ ވަރުގެ ދުރުމިނެކެވެ. މިތަނުގެ ރޭލު ދަތުރަކީވެސް ފްލައިޓެއްގެ ދަތުރެއް ފަދަ ފަސޭހަ ދަތުރެކެވެ. ވައިގެ ތެރެއަށް އަރައި ނުއުދުހޭ ކަމެވެ. ދަތުރަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި ނަމަވެސް އަގަށް ބަލާއިރު އެއީ އެންމެ ރަނގަޅު ޗޮއިސް އެވެ.

އަހަރެން އެ ދަތުރު ގެންދަން ޖެހޭ ތަކެތީގެ ލިސްޓެއް އޮތީ ކުރީއްސުރެ ހަދާފައެވެ. އެއީ މުހިންމު އެއްވެސް އެއްޗެއް ހަނދާން ނައްތާލައިފައި ނުދިއުމުގެ ޔަގީންކަން ބޭއްވުމަށެވެ. އަހަރެންގެ ލިސްޓުގައި އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި އަހަރެން ޖެހީ ފޯނާއި ބެޓެރީ ޕެކެވެ. ޝޭމްޕޫ އާއި ސައިބޯނި ފަދަ ކޮންމެހެން ބޭނުންވާ އެހެން ތަކެތި ވެސް ޕެކްކުރި ނަމަވެސް ތުވާއްޔެއް ނުގެންދަމެވެ. ފަހުން އެނގުނު ގޮތުގައި ސައިބޯންޏެއް ޝޭމްޕޫއެއްވެސް ގެންދާނެ ކަމެއް ނެތެވެ. ހޮޓަލުގައި އެހުރިހާ އެއްޗެއް ވެސް ހުރެއެވެ.

ބަރލީންއަކީ ހަލަބޮލި، ހައިޖާނު ތަނެއް ކަމަށް އަހަރެން އޮތީ ކުރީއްސުރެންވެސް އަޑުއަހާފައެވެ. އެހެންވެ އެތަނުގައި ދިރިއުޅޭ ދިވެހި ރައްޓެއްސެއް ކަމަށްވާ މަނިކުފާނު ގާތު އަހަރެންނަށް މަގުދައްކާލަދޭން އައިސްދޭށޭ ބުނީމެވެ. އެކަމަކު މީހަކު އެހެން އަދި ބުނެލިޔަކަސް ބަހުގެ އިތުބާރު ބާއްވާނެޔެކޭ ހިތަކަށް ނާރައެވެ.

ރޭލުން ފޭބިއިރު އަހަރެންނަށް ފެނުނީ މަނިކުފާނު އެތާ ދޮރުމަތީގައި ހުރިތަނެވެ. އެތަނަކީ އެހާ ހައިޖާނުތަނެއްކަން ޔަގީންވީ ރޭލުން ފޭބީމައެވެ. ހުރިހާ ދިމާއަކަށް ދިއުމަށް ސިޑިތަކާއި ލިފްޓްތައް ހުއްޓެވެ. މީހުންތައް ހީވަނީ އަވަސް ހިނިތަކެއް އެކި ދިމަދިމާއަށް ދާހެންނެވެ. މަނިކުފާނާ ދިމާވުމުން ދެން މި މަކުނުވާގަނޑެއް ފަދަ އޮޅުންނުފިލާ ތަނުގެ ތެރޭން ދާނެ މަގު ހޯދާކަށް އުނދަގުލެއް ނުވިއެވެ.

އަހަރެމެން ދެން ދިޔައީ އަހަރެން ބުކްކޮށްފައިވާ ހޮޓަލަށެވެ. އެހާ ހިސާބުން އޭނާ ދެން ދިޔައީއެވެ. އަނެއްކާވެސް މާދަމާ ބައްދަލު ކުރާނެ ކަމަށް ބުނެފައެވެ.

އެރޭ އަހަރެން ފޯނު ޗާޖުކުރަން ބަލައިލިއިރު ޔޫއެސްބީ ސޮކެޓެއް ކޮޓަރީގައި ނެތްކަން އެނގުނެވެ. އަހަރެންގެ އަތުގައި ބެޓެރީ ޕެކެއް އޮތީމާ ފޯން ޗާޖު ކުރެވިއްޖެއެވެ. އެކަމަކު ބެޓްރީޕެކް ޗާޖްކުރާނީ ކިހިނެއްހެއްވެ. މާދަމާ ކޭބަލެއް ގަންނަން ފިހާރަތައް ހުޅުވުނީމާ ދާނީއޭ ހިތަށް އަރާފައި އެރޭ މާބޮޑަށް ފޯނު ބޭނުން ނުކޮށް ބޭއްވީއެވެ. ހެނދުނު އަހަރެން ނުކުތުމުން މިތަނަކީ ރާއްޖެ، ލަންކާ އަދި އިންޑިއާ ނޫންކަން އެނގުނެވެ. މިތާކު އެއްޗެއް ގަންނަން ފިހާރަ ހުޅުވޭނެ އިރަކަށް އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. މިތަނަކަށް އިރާކޮޅެއް ދަންވަރެއް ފަތިހެއް ނާންނާނެއެވެ.

ވަށައިގެން ބަލާލިއިރު މިއީ ދިރުން ހުރި ވަރަށް ފުރިހަމަ ސިޓީއެއްކަން އެނގުނެވެ. އަހަރެން ބާލިން ފާރާއި ބްރެންޑަންބާގް ގޭޓް ފަދަ ތަންތަން ބަލާލަން ދާހިތްވިއެވެ. އެކަމަކު ބާރަ ޖަހާއިރު ހޮޓަލުން ނުކުންނަން ޖެހެއެވެ. އެއީ އެނބުރި ފްރޭންކްފަރޓް އަށް ދިއުމަށެވެ. ޖުމްލަކޮށް ބަލާއިރު މިދަތުރު ކިތަންމެ ކުރު ނަމަވެސް މިއީވެސް ތަޖްރިބާތަކެއް ލިބުނު ދަތުރެކެވެ.

އަހަންނަށް ދަތުރުކުރާއިރު ގެންދާނެ ތަކެތީގެ ލިސްޓެއް ހެދުމުގެ ބޭނުންތެރިކަން އަބަދުވެސް އެނގެއެވެ. އެހެންނަމަވެސް ގިނަފަހަރު ދެވޭނީ އެންމެ ބޭނުންވާ ކޮންމެވެސް އެއްޗެއް ނުލައެވެ.

މި ދަތުރުގައި މަނިކުފާނާ ދިމާވިކަން އެއީ ލިބުނު އެއް އުފަލެވެ. ވަކީން ޚާއްސަކޮށް އޭނާ ގެނައި ހަދިޔާ ލިބުނީމައެވެ. އޭގެ ތެރޭގައި ކުދިގުޅައާއި ތެއްލި ބަނބުކޭލާއި އައްޑު ބޮނޑިއާއި މަސްހުނި ފަދަ ދިވެހި ލުއިކާނާ ހުއްޓެވެ. އެއީ އިތުބާރު އަދި މަޖާ މީހެކެވެ. މިދަތުރު މިހާ ހިތްފަސޭހަވީ އެހެންވެ ކަމަށް ވެސް ވެދާނެއެވެ.

ބާލިން އަކީ ކިތަންމެ ހަލަބޮލިތަނެއް ނަމަވެސް ވަރަށް ރީތި ހިތްގައިމު ސިޓީއެކެވެ. އަދި ކޮންމެވެސް ދުވަހަކުން އަނެއްކާވެސް އެތަނަށް ދެވޭނެ ގޮތް ވުމަކީ އަހަރެން ވަރަށް އުފާވާނެ ކަމެކެވެ.