Support Us

ކޮލަމް ކަލާވެހި: މާރުކޭޓު ގޮޅިތަކާ ބެހޭގޮތުން… މާލޭ ސިޓީ ކައުންސިލަށް އައްސަރިބަހުން ސާބަސް!

ކުރީ ދުވަހު އަޅުގަނޑު ނޫސް ބަލަމުންދިޔައިރު ފެނުނު ސުރުޚީއެކެވެ. "މާރުކޭޓުގައި ބިދޭސީން ތިބި 30 ގޮޅިއެއް ޖޫރިމަނާކޮށްފި"، ސުރުޚީގައި އޮތީ މިހެންނެވެ. އަދި ސުރުޚީގެ ދަށުގައި އޮތް ތަފްޞީލުގައި އޮތް ވާހަކަތަކުން އަޅުގަނޑަށް ދޭހަވި ގޮތުގައި، މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގައި ވިޔަފާރިކުރަން ސޭޓުންގެ ގޮތުގައި ބިދޭސީން ތިބި ތިރީހަކަށް ގޮޅީގެ ވެރިން މާލޭ ސިޓީ ކައުންސިލުން މިހައިތަނަށް ޖޫރިމަނާ ކުރައްވައިފިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަޅުގަނޑަށް ލަފާކުރެވުނު ގޮތުގައި މިހައިތަނަށޭ އެ ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ހިސާބުން މިހައިތަނަށެވެ. އެހެންކަމަށް ވަންޏާ، މާލޭ ސިޓީ ކައުންސިލްގެ އެންމެ ބޭފުޅުންނަށް އައްސަރިބަހުން ސާބަސް ދަންނަވަމެވެ.

މިސާބަސް މިގޮތަށް ދަންނަވައިފައި، އެޔާ ވިދިގެން ފާހަގަވާ ދެތިން ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ބަރަކާތްތެރި ރަމަޟާން މަހުން މިއަދު މިއީ 15 ވަނަ ދުވަހެވެ. އެހެންކަމަށް ވަންޏާ، މުލަރޯދަ ދުވަހާއި ހުކުރުހޮނިހިރުވެސް ހިންމަތާއި މިންނަތާއެކު މާރުކޭޓު ބެއްލެވި ކަމަށް ވަންޏާ، މާލޭ ސިޓީ ކައުންސިލުން ދުވާލަކު ދެ ގޮޅީގެ ނިސްބަތުން ޖޫރިމަނާ ކުރައްވައިފިތާއެވެ! އެއީ މާރުކޭޓުގައި ގޮޅި ހުރި ޖުމުލަ ޢަދަދަށް ބަލާއިރު، ސޭޓުންގެ ގޮތުގައި ބިދޭސީން ތިބެން ވަރަށް ބޮޑު ޢަދަދެކެވެ. ކަންބޮޑުވާ ވަރުގެ ޖުމުލަ ޢަދަދެކެވެ. މާރުކޭޓުގައި އަމާނާތްތެރިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރާން އެ ތިބޭ، އަޅުގަނޑުމެންގެ މުޥާޠިން ދިވެހީން އިންތިހާ ދަރަޖަޔަށް ކަންބޮޑުވާނޭ މައްސަލަޔެކެވެ.

އެހެންކަމާއެކު، މިދެންނެވި ދިވެހި މަސައްކަތްތެރީންގެ ޙައްޤުގައި މާލޭ ސިޓީ ކައުންސިލުން މިފަހަރު އެ ކޮށްދެއްވި، އަދި އުންމީދުކުރެވޭ ގޮތުގައި ކައިރި މުސްތަޤުބަލުގައިވެސް ކޮށްދެއްވަމުން ގެންދަވާނޭ މި މުހިންމު ޚިދުމަތަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އެންމެހައި ބޭބޭފުޅުންނަށް ހިފެހެއްޓުމެއް ނެތި އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.

އެހެންނަމަވެސް…. މިހައި ހިސާބަށް ސާބަހުގެ ކީސާތަކުން މާލޭ ސިޓީ ކަންސިލަށް ވެދުންކޮށްފައި އަޅުގަނޑަކަށް މަޑަކުން ނުހުރެވުނެވެ. އަޅުގަނޑުގެ ކޮށި ވިސްނުމުގައި ޖަހައިފައި ހުރި ދަބަރަށް ޖަހަންޖެހޭ އާދައިގެ ގިރިސްފޮދެއް ގަންނާނޭ ފަދަވެސް ރިޓަޔަމަންޓެއްގެ ގޮތުގައި ނުލިބޭތީޔާވެސް އެކު، އޭގެ އެންމެ ދަބަރު އިސްޕީޑުގައި ކީސް އަޑެއް ގޮއްވައިލައިފައި ނަމަވެސް، ނޮޒުލްތައް ހިސާބަކަށް ބެދިފައިވާ ޑީސަލް އިންޖީނެއްހެން އަޅުގަނޑުގެ އެ ވިސްނުން ޒާތަކަށް އެބަ ހިނގައިގަތެވެ. އަދި ހަމައެޔާއެކު، ދެލި ކެނޑެމުން، ކަރުދާސް ކަފައި ވަންނަމުންވެސް އަމިއްލަ ޒާތުގައި ކުރިޔަށް ދެމޭ ގަލަންގަނޑުވެސް… ދެން ލިޔެވޭ އެއްޗަކާ ޒާތީގޮތުން ހިތްޕުޅާހަމަނުކުރައްވާނޭ ބައެއް ބޭފުޅުން މިހެން ވިދާޅުވިޔަސް ކުރިޔަށް ގެންދާނަމެވެ.

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މީހުން މިއަދު މެންދުރު ހަރަކާތްތެރިވަނީ.. -އަދިވެސް ފޮޓޯ:

އެ ވިދާޅުވި ޖޫރިމަނާޔާ ވިދިގެން އަޅުގަނޑުގެ ހިތަށް ފުރަތަމަވެސް އެރި ސުވާލުތައް މި ދަންނަވަނީއެވެ. އަޅެ އެންމެ ރަނގަޅެވެ. ތިރީސް ގޮޅި ޖޫރިމަނާ ކުރެއްވިއްޖެއެވެ. އެހެންވިއްޔާ، އެކަމުން ދެން އަޅުގަނޑުމެންނަށް ޙާޞިލްވީ ކޮން ފައިދާއެއްތޯއެވެ؟ މާރުކޭޓުގައި ސޭޓުންނަށް އެ ތިބޭ، އަޅުގަނޑުމެންގެ ދިވެހި މުޥާޠިން މަސައްކަތްތެރީންނަށް ލިބުނީ ކޮން ފަސޭޔަކާއި ފައިދާޔަކާއި ހިތްހަމަޖެހުމެއްތޯއެވެ؟ މިހެން މިދެންނެވީ، ޖޫރިމަނާ ކުރެވުމާއެކު ބިދޭސީ ސޭޓުން މިހާރު ކޮބައިތޯއެވެ؟ އެމީހުން ތިބި ގޮޅިތަކުގައި ސޭޓުކަން ކުރަން މިހާރު ތިބީ ހަމަ ދިވެހީންތޯއެވެ؟ ނޫނީ… ގޮޅިތަކުގެ "ވެރީން" ޖޫރިމަނާ ދައްކައިލައިފައި، "ނިކަން ބައްލަވާށޭ، ޓަޓަސްލައިފައި ދިވެހި ސޭޓުންނެއް ނުހޯދޭނެ ނޫންތޯއޭ، ބަދަލުކޮށްލަން ކުޑަ މުހުލަތެއް ދެއްވާށޭ" ދަންނަވަންވީ ފަރާތެއްގައި ދަންނަވައިފައި، އެ ފަރާތަކުން އެ މުހުލަތެއް ދެއްވީމައި، ދިވެހީންގެ "ވަގުތީދާއިމީ"ގެ ހިޔަލަށް އެމީހުން ވަދެގަތީތޯއެވެ؟ ޔަޢުނީ، ޖޫރިމަނާ ކުރެވުނު ގޮޅިތަކުގައި އަދިވެސް ތިބީ ބިދޭސީންތޯއެވެ؟

ފަހުން މިދެންނެވި ދެ ސުވާލުގެ ޖަވާބު އަންނަނީ ފަހިކޮށް ކަމަށް ވާނަމަ ހިތާމަހުއްޓެވެ. ބިދޭސީ ސޭޓުން އަދިވެސް ތިބީ "ވަގުތީދާއިމީ"ގައި ގޮޅިތަކުގައި ވިޔަފާރިކުރަން ކަމުގައި ވާނަމަ، ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ. އެހެން ނޫންނަމަ، މާލޭ ސިޓީ ކައުންސިލަށް ޝުކުރާއި ތަހުނިޔާޔާއެކު ސާބަހުގެ ކީސާތަކުން ވެދުންކުރަމެވެ.

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މީހުން މިއަދު މެންދުރު ހަރަކާތްތެރިވަނީ.. -އަދިވެސް ފޮޓޯ:

މި ހިސާބުން އަޅުގަނޑަށް ޔަޤީނާ ގާތަށް އެނގޭ އެއްޗެއް ދަންނަވާނަމެވެ. މިރާއްޖޭގައި މިހާރު އެކި ކަންކަމާ ބެހޭ ގޮތުން ހަދައި، ގެޒެޓުކޮށްގެން ހިންގާ ކޮންމެ ޤަވާޢިދަކީ ކޮންމެވެސް ޤާނޫނެއްގެ ދަށުން ހެދިފައި އޮތް، އެ ޤާނޫނަކުން ބާރުލިބިދޭ، އެ ޤާނޫނެއްގެ ބައެކެވެ. އެހެންކަމަށް ވާނަމަ، އެފަދަ ޤަވާޢިދަކާ ޚިލާފަށް ކުރެވޭ ކޮންމެ ޢަމަލަކީ ޤާނޫނާ ޚިލާފަށް ކުރެވޭ ޢަމަލެކެވެ. ބައެއް ބޭފުޅުން ވިދާޅުވާނެ ގޮތުގައި ޖިނާޔަތަކަށް ނުވަންޏާ، ޖަރީމާޔަކަށްވެސް ނުވަންޏާ، ޖުންޙާޔަކަށްވެސް ވެދާނެއެވެ. އަޅުގަނޑަށް އެނގޭހައިވެސް ވަރަކީ، ޤާނޫނުތައް ރަނގަޅަށް އެނގިފަހުމުވެގެން ތިބުމަކީ ރައްޔިތުންގެ އެންމެންގެ މައްޗަށް ފަރުދީގޮތުން ލާޒިމުވާ ކަމެއްކަމެވެ. އެހެންކަމުން، ތިޔަކަން އޮތީ ތިޔަހެންކަމެއް ނޭނގެޔޭ ކިޔައިފައި ރެކިގަނެވޭނޭ ހަމަ އެއްގޮތެއްވެސް އެއްވެސް މީހަކަށްވެސް، އަދި މުއައްސަސާޔަކަށްވެސް ނޯންނާނޭ ކަމެވެ.

ޤާނޫނާ ޚިލާފު ހަމަ ކޮންމެ ޢަމަލެއް ހަމަ ކޮންމެ ބަޔަކު ހިންގި ކަމުގައި ވިޔަސް، އެކަން ހުއްޓުވައި، ޤާނޫނީ ގޮތުން އެޅުން ލާޒިމުކުރާ އެންމެހައި ފިޔަވަޅެއް އަޅައި، ދެން އެކަން ތަކުރާރު ނުވާނޭ މަގުން ކުރާންޖެހޭ އެންމެހައި ކަމެއް ކުރުމުގެ އިސް ސަފުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން ވަކި ފަރާތަކާ ނުވަތަ ފަރާތްތަކަކާ ޙަވާލުވެފައި ވާނޭ ކަން ކަށަވަރެވެ. ކަން އެހެން އޮތް ކަމަށް ވަންޏާ، މާރުކޭޓު ގޮޅިތަކުގައި ބިދޭސީ ސޭޓުން ތިބުމަކީ ގެޒެޓުކުރެވިފައިވާ ޤަޥާޢިދެއްގެ ދަށުން ޤާނޫނީ ގޮތުން މަނާކަމެއް ކަމަށްވަންޏާ، މާލޭ ސިޓީ ކައުންސިލުން ކުރައްވަން ވާނޭ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަ އެއް ކަމެއް އެބައޮތެވެ. އެއީ، ޤަވާޢިދާ ޚިލާފުވި ފަރާތަކުގެ މައްސަލަ މިދެންނެވި އިސް ސަފުގެ މަސްއޫލުވެރި ފަރާތް ނުވަތަ ފަރާތްތަކަށް ހުށައެޅުއްވުމެވެ. އިސްތިސްނާއެއް، މުހުލަތެއް، ދެވަނަ ފުރުޞަތެއް ނެތިއެވެ. އިސްތިސްނާޔާއި މުހުލަތަކީ މި ފަދަ ޙާލަތްތަކުގައި އޮންނަ އެއްޗެއްކަމެއް ޤާނޫނުގައި ކަނޑައެޅިގެން ލިޔެވިފައި ނެތް ނަމައެވެ.

މިދެންނެވި ހަމައިން މާރުކޭޓު ގޮޅިތަކުގައި ބިދޭސީ ސޭޓުން ޤަޥާޢިދާ ޚިލާފަށް ތިބޭ މައްސަލައިގައި، އެކަން އެގޮތަށް ހިނގާ އެކި ވަކި ގޮޅި ހަމަ ފާހަގަކުރެއްވޭ ހިސާބުން ޤާނޫނުގެ މަގުތަކާއި އިންތަކާއި ޙުދޫދުތަކުގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން އަބަދުމެ ފިޔަވަޅު އަޅުއްވަމުން ގެންދަވާނަމަ ދަންނަވަމެވެ. އަދި ޤާނޫނާއި ޤަޥާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ބައްލަވައި، އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އެންމެނަށް ލިޔުމުން ދޭހަވެފައި އޮންނަ މަގުން ދެންމެ މިދެންނެވި އިސް ސަފުގެ ފަރާތް ނުވަތަ ފަރާތްތަކަށް ރަސްމީކޮށް ހުށައަޅުއްވަމުން ގެންދަވާނަމަ ދަންނަވަމެވެ. އަދި ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މިފަދަ ކަންކަން ތޫނުފިލިކަމާއެކު އަބަދުމެ ބައްލަވަމުން ގެންދެވުމީ މޫސުމީ ކަމަކަށް ނުހައްދަވައި، ނޫނީ ބަޔަކު ޝަކުވާ ކުރީމައި ބައްލަވާ ކަމަކަށް ނުހައްދަވައި، އެއީ އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމަކަށް ވަންޏާ، އެކަމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް އައްސަރިބަހާއެކު ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.ދެން އޮތީ މާރުކޭޓުގެ ގޮޅިތަކުގައި ސޭޓުންގެ ގޮތުގައި ތިބޭ ބިދޭސީންނަކީ "ހުއްދަ އޮތް" ބައެއްތޯ ބައްލަވާކަމަށް އޮތް ވާހަކައެވެ. މިކަމުގައިވެސް އަޅުގަނޑުގެ ހިތަށް ފުރަތަމަ އެރީ ވަރަށް ސާދާ، އާދައިގެ ދެ ސުވާލެކެވެ. އެއީ، މާރުކޭޓު ގޮޅިޔެއްގައި ބިދޭސީ ސޭޓެއް އިނުމަކީ ޤަވާޢިދާ ޚިލާފު ކަމަކަށް ވާނަމަ، އެމީހުންގެ އަތުގައި އޮންނާނީ ކޮން ހުއްދައެއްތޯއޭ، މިސުވާލެވެ! އަޅެ އެ މީހާ އެ ވަގުތު އެ އިނީ ހުއްދަ ނޫން ޙާލަތެއްގައެއް ނޫންތޯއޭ، މި ސުވާލުވެސް މެއެވެ. އެކަމަކު ދެން އެ ދެ ސުވާލު އިހަށް ބާއްވައިލާނީ، ދެއްތޯއެވެ؟

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މީހުން މިއަދު މެންދުރު ހަރަކާތްތެރިވަނީ.. -އަދިވެސް ފޮޓޯ:

ހުއްދައޭ އެ ވިދާޅުވަނީ ރާއްޖޭގައި މަސައްކަތްކޮށް އުޅުމުގެ "ވަރކް ޕަރމިޓް" ކަމަށް ވަންޏާ، އަދި އެއްޗެއް ދަންނަވާނަމެވެ. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، "ވަރކް ޕަރމިޓް" އަކީ މިވެނި ބިދޭސީއަކު މިވެނި މުއްދަތަކަށް، ވަޒީފާ ދޭ މިވެނި ފަރާތެއްގެ މިވެނި ވަޒީފާއެއްގައި، މިވެނި ގިންތީއެއްގައި މިވެނި ކަހަލަ މަސައްކަތެއް ކުރަން ދޫކުރެވޭ ޤާނޫނީ ހުއްދައެކެވެ. އަޅުގަނޑަށް ޔަޤީނާ ގާތަށް ހީކުރެވޭ ގޮތުގައި މާރުކޭޓު ގޮޅިޔެއްގައި ސޭޓުކަން ކުރަން އިނުމަކީ ޤަވާޢިދާ ޚިލާފު ކަމަކަށް ވާތީ، އެކަން ކުރަން އިންނާކަށް "ވަރކް ޕަރމިޓް"އެއް އެއްވެސް ފަރާތަކަށް ދުލެއް ނުކުރައްވާނެއެވެ. އެހެންކަމަށް ވަންޏާ، މާރުކޭޓު ގޮޅިޔެއްގައި ސޭޓުކަން ކުރަން އިންނަ މީހާޔަކީ އެ ވިދާޅުވާ ގޮތުން "ހުއްދަ އޮތް" މީހެއް ކަމަށް ވިޔަސް، އޭނާ އެވަގުތު އެ އިނީ އޭނާގެ "ވަރކް ޕަރމިޓް"ގެ ޝަރުޠުތަކާ ޚިލާފުވެ، އެ ކަމާ ބެހޭ ޤަޥާޢިދާވެސް ޚިލާފުވެފައެއް ނޫންތޯއެވެ؟

ދެން އޮތީ "ހުއްދަ ނެތް" މީހުންގެ ވާހަކައެވެ. އެއީ އަދި މާ ފަސޭހަ ވާހަކަޔެކެވެ. އެހެނީ، އެ ގޮތަށް ތިބޭ މީހުންނަކީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެފައި ތިބި ބަޔެކޭއެވެ. އެ ހިސާބުން ޖުމުލަ ނިންމާ ފުލުސްޓޮޕަކާ ހަމައިން އެކަން ނިމޭނެއެވެ.

ފަހުން މިދެންނެވި ދެބާވަތުގެ ބިދޭސީންނަކީވެސް މި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމާ ބެހޭ ޤާނޫނާއި ޤަޥާޢިދާ ޚިލާފުވެފައިވާ ބަޔަކަށް ވާތީ، ގޮޅިތަކުގައި ސޭޓުކަން ކުރަން ތިބޭ ބިދޭސީން ވަގުތުން ފުލުހުން ނުވަތަ އިމިގްރޭޝަނާ ޙަވާލުކުރައްވަމުން ގެންދަވާނަމަ، މާލޭ ސިޓީ ކައުންސިލަށް އައްސަރިބަހުން ސާބަހާއި ޝުކުރު ދަންނަވަމެވެ!

ދެން އޮތީ ބިދޭސީން ލައްވައި ޤަޥާޢިދާ ޚިލާފަށް ސޭޓުކަން ކުރުވާ ދިވެހީން އުޅޭ ކަމަށް ވަންޏާ އެ މީހުންގެ ވާހަކައެވެ. ނުވަތަ ތިމާގެ ނަމުގައި ނަގާ ގޮޅި މޭޒުތަންދޮށުން ބިދޭސީންނަށް އެކީ އެކައްޗަކަށް ކުއްޔަށްދީގެން އުޅޭ ދިވެހީންގެ ވާހަކައެވެ. ޤާނޫނީ ކުށަކަށް އަރައިގަންނަން ބަޔަކަށް ހިތްވަރުދީ، މަގުފަހިކޮށްދޭ ފަރާތްތަކާމެދު ޤާނޫނު ދެކޭ ގޮތް ވަރަށް ސާފުކޮށް ޤާނޫނުގައި ބަޔާންކޮށްފައި އެބައޮތް، އެހެންނޫންތޯއެވެ؟ އެހެންކަމަށް ވަންޏާ، އެ ފަރާތްތަކުގެ މައްސަލަ ޤާނޫނީ ގޮތުން ހުށައަޅުއްވަންނާ ފަރާތްތަކަށް ލަސްނުކޮށް ހުށައަޅުއްވަމުން ގެންދަވާނަމަ، މާލޭ ސިޓީ ކައުންސިލަށް ޝުކުރުގެ ޖިޒީއަކުން ވެދުންކުރަމެވެ.

އަދި ހަމަ ކުޑަކުޑަ ވާހަކަޔެކެވެ. އަނެއްކާވެސް "ވަގުތީދާއިމީ"ޔަށް ދޮރު ހުޅުވައިދޭ ވާހަކަޔެކެވެ. އެއީ، "ނިކަން ބައްލަވާށޭ، މިއަދުން މިއަދަށް ގޮޅި ބަންދުނުކުރައްވާށޭ، މިތާ މިހިރަ ތަރުކާރީޔާއި މޭވާޔާއި ދެންވެސް އެހެރަ އެއްޗިހި ވާނީ ކުންޏޭ، އެއީ ހާދަ ބޮޑު ގެއްލުމެކޭ، ކުޑަ ލުޔެއް ދެއްވާށޭ، އެހެންނޫނީ އަޅުގަނޑުމެންނަށް މާލީގޮތުން ހާދަ ބޮޑު ގެއްލުމެކޭ ތިޔަ ދެއްވެނީ" މި އަޑު އިވިދާނޭ ވާހަކައެވެ. މިހާރުގެ ބަހުރުވައިން ނަމަ، މި "ސްޓޯރީ ޖައްސާ" އަޑެވެ. އެކަމާ ގުޅިގެން އަޅުގަނޑުގެ ހިތަށް އަރަނީ އަނެއްކާވެސް އަނެއް ސުވާލެވެ. އެއީ، ޤާނޫނާއި ޤަޥާޢިދާ ޚިލާފަށް ހިންގާ ކަމެއްގައި، ކުރާ ވިޔަފާރިޔެއްގައި ހިމެނޭ ތަކެއްޗާއި މުދަލާއި، އެ މުދަލެއް އަތުލުމުން ނުވަތަ ފަނާވުމުން ލިބޭ ގެއްލުމަކީ އެ ގެއްލުމުން މުދަލުގެ ވެރިފަރާތް ޙިމާޔަތްކުރަން ދައުލަތުން އުޅެން ޖެހޭ ކަމެއްތޯއޭ އެވެ!

މިހެން ދަންނަވައިފައި، މި ގޮތަށް މީހުން "ޖައްސާ ސްޓޯރީ" އަށް މާލޭ ސިޓީ ކައުންސިލުގެ ބޭބޭފުޅުން ހެއްލިވަޑައިނުގަންނަވާނޭ ކަމުގެ ޔަޤީންކަން އަމިއްލަޔަށް ލިބިގަންނަމުން އެކަމަށްޓަކައި އެބޭބޭފުޅުންނަށާއި ކައުންސިލަށް ނިހާޔަތަށް ޝުކުރާއި ސާބަސް ދަންނަވަމެވެ.

މިހިސާބަށް ދަންނަވައިފައި، ދެން އަޅުގަނޑު ދެން ގޮސްލާހިތް އޮތީ ގަމުތެރޭ ބައެއް ފިހާރަޔަށާއި، އަދި  ވަކީން ޚާއްޞަކޮށް ލޯކަލް މާރުކޭޓުތަކަށެވެ. ބިދޭސީންގެ ވިޔަފާރިޔާއި ބިދޭސީންގެ ސޭޓުކަމުގެ ކަސްތޮޅުގައި އަދިވެސް އޮތީ ކިތަކަށް ތަންތޯ އަމިއްލަ ލޮލުން ދެކެލައި، އަދި އަތުން ހިފައިނުލެވުނަސް ތަޖުރިބާ ކޮށްލުމަށެވެ. އަދި އަޅުގަނޑު އުންމީދުކުރަނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރައްވާ އިސް މުއައްސަސާތަކާއި، ވަޒީފާގެ ކަންކަމުގެ އިސް މަސްއޫލިއްޔަތު އުފުއްލަވާ ފަރާތްތަކާއި، ރާއްޖެ އެތެރެވާ ބިދޭސީންގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް ފަރާތްތަކާއި، މިހުރިހައި ފަރާތެއްވެސް މާލޭ ސިޓީ ކައުންސިލްވެސް އެކަމުގައި ހިމަނުއްވައިގެން ރާއްޖެޔަށް ކުރިމަތިވެފައިވާ މި ޙައްޞާޞް އަދި ޚުޠޫރަތްތެރި މައްސަލައިގައި ހިންމަތާއި މިންނަތާއި މުރާލިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާކަމުގެ އެންމެހައި ދަލީލެއް އަޅުގަނޑަށް ފެންނަމުން ދާނޭ ކަމަށެވެ. އެހެންކަމާއެކު، އެ ތަންތަން ހިންގެވުމުގެ މަސްއޫލިއްޔަތު އިސްކޮށް ބޮލަރުވައިގެން އެ ތިއްބެވި އެންމެ ބޭފުޅުންނަށް ކުރިޔާލައި ޝުކުރު ދަންނަވަމެވެ.

އަދި މިދެންނެވި ޞައްޙަ މަގުމަގުން ކަންކަން ހިނގާނަމަ، މާލޭ ސިޓީ ކައުންސިލްގެ އެންމެ ބޭފުޅުންނަށް އަދިވެސް އެއް ފަހަރު އައްސަރިބަހުން ސާބަސް ދަންނަވަމެވެ!

އެޑިޓަރުގެ ނޯޓް: މި ލިއުމާއެކު މިވާ ފޮޓޯތަކަކީ މާލޭ ލޯކަލް މާރުކޭޓުގެ އެކި ގޮޅިތަކުގައި މިއަދު މެންދުރު 1.15 ގައި ވިޔަފާރިކުރަމުންދިޔަ ދޭސީންނާއި ބިދޭސީންގެ ފޮޓޯތަކެކެވެ.