Support Us

ކޮލަމް މާޒީ: ބޮޑު ސުވާލަކާއި އެ ސުވާލުގެ ޖަވާބު

ބަހެކޭ މި ކިޔަނީ އިންސާނާގެ ފިކުރާއި ވިސްނުމާއި ޚިޔާލާއި ޝުޢޫރުތައް އަޑުތަކަކުން ނުވަތަ ނިޝާންތަކަކުން ނުވަތަ ލިޔުމުން ހާމަކުރުމުގެ ނިޒާމަކަށެވެ. މި ދެންނެވި ފަދަ ނިޒާމަށް މި ކިޔަނީ ބަހެވެ. މިއީ އަޅުގަނޑު ބަސް މާނަކުރާ ގޮތެވެ. ވީމާ އެ ބަޔެއްގެ ފިކުރާއި ވިސްނުމާއި ޚިޔާލާއި ޝުޢޫރުތައް އެ ބަހެއްގެ އަޑުތަކުން ނުވަތަ ނިޝާންތަކަކުން ނުވަތަ ލިޔުމުން ހާމަކުރުމުގެ ގާބިލުކަން ކޮންމެ ބަހެއްގައި ވެސް ހުންނާނެއެވެ. އެހެން ނޫނީ ހަގީގަތުގައި އެއީ ބަހަކަށް ނުވާނެއެވެ.

ﷲގެ އިސްމުފުޅަކީ ހަމަގައިމު ވެސް ހުރިހާ މުސްލިމުން ދުލުންނާއި ހިތުން އަދި ގަލަމުން ކޮންމެ ދުވަހަކު ޒިކުރުކުރާ އިސްމުފުޅެކެވެ. އެހެންވީމާ އެ އިސްމުފުޅު ލިޔުމުން ފާޅުކުރުމުގެ ޤާބިލުކަން އިންސާނުން ވާހަކަދައްކައި އުޅޭ ކޮންމެ ބަކަށް ވެސް ލިބިފައިވާނޭކަމީ މަންޠިޤީ ގޮތުން ގަބޫކުރާންޖެހޭ ހަގީގަތެކެވެ. ކޮންމެ ބަހެއްގެ އަކުރުތަކަކީ ވެސް އެ ބަހެއްގެ އަޑުތައް ރަމްޒުކޮށްދޭ ނިޝާންތަކެކެވެ. ވީމާ އެ ރަމްޒުތައް (އަކުރުތައް) ބޭނުންކޮށްގެން އެ ބަހުން ވާހަކަދައްކާ މީހުން ފާޅުކުރާ ޝުޢޫރުތަކާއި އެ މީހުންގެ އިޙުސާސްތައް ހާމަކުރެވޭންވާނެއެވެ. ކުރެވޭނެއެވެ. މި ކަން ކުރެވޭނީ ލިޔެގެންނެވެ.

މި ހަގީގަތްތައް މިހެން ހުންނައިރު، ދިވެހިބަސް ފިޔަވައި ކޮންމެ ބަހަކުން ވެސް ﷲގެ ޒާތުފުޅުގެ އިސްމުފުޅު ހަމަ، އެއްވެސް ޖެހިލުމެއް ނެތި އުނދަގުލެއް ނެތި ލިޔެލެވެއެވެ. އަދި ބަދަލުނަމުގެ ގޮތުގައި ވެސް ތަފާތު ނަންތައް ﷲގެ ޒާތުފުޅުގެ އިސްމުފުޅުގެ ބަދަލުގައި ބޭނުންކޮށް އުޅެއެވެ. ދިވެހިބަހުގައި ވެސް އެ ފަދަ ބަދަލުނަންތައް ބޭނުންކޮށް އުޅެއެވެ. "މާތްކަލާނގެ"، "މާތްރަސްކަލާނގެ"، "އިނބަރަސްކަލާނގެ"، "އިނބަސުވާމީންގެ"، "އެސުވާމީނގެ"، "އެކަލާނގެ"، "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ" މި ފަދަ އެތައް ބަދަލުނަމެއް ދިވެހިބަހުގައި ވެސް ބޭނުންކޮށް އުޅެއެވެ. މި ފަދަ ބައެއް ނަންތަކާއި ބަދަލުނަންތައް ކަމުނުދާތީ އުޅޭ ބަޔަކު ވެސް އުޅޭކަން އަޅުގަނޑަށް ވެސް އެނގެއެވެ. ނަމަވެސް ﷲގެ ޒާތުފުޅުގެ އިސްމު ފުޅު- ﷲ- ފިޔަވައި ދެން އަޅުގަނޑަށް އެންމެ ފުރިހަމަ ލަފުޒަކީ ވެސް "މާތްރަސްކަލާނގެ"އެވެ. "އިލާހު"އާއި "ރައްބު"އަށްވުރެ އަޅުގަނޑަށް ރީތި ލަފުޒަކީ ވެސް "މާތްރަސްކަލާނގެ"އެވެ. ނަމަވެސް އަޅުގަނޑު މިހެން މި ވާހަކަ ލިޔެގެން އަޅުގަނޑަށް ފޯނުން ގުޅުއްވައި ތައުބާވާން ބައެއް ބޭފުޅުން އެންގެވި ހަނދާން ވެސް އެބަ ހުއްޓެވެ. އެކަމަކު އެއީ އެހެން މައުޟޫޢެކެވެ. މިއަދުގެ މައުޟޫޢުގެ ބޮޑު ސުވާލަކީ، ﷲ މި މަތިވެރި އިސްމުފުޅު ދިވެހިބަހުން ނުލިޔެވެނީ ކީއްވެގެންހެއްޔެވެ؟

އާދޭހެވެ! ދިވެހިބަހުން (ﷲ) ލިޔެވުނަސް ދިވެހިބަސް ލިޔާ ތާނައަކުރަކުން އަޅުގަނޑުމެން، އެ ކަލާނގެ ޒާތުފުޅުގެ އިސްމުފުޅު ލިޔެއެއް ނޫޅެމުއެވެ. ސުވާލަކީ އެއީ ކީއްވެގެންހެއްޔެވެ؟ ޖަވާބަކީ އެއީ ދިވެހިބަހަކީ އިސްލާމް ދީނަށް އާދަޔާ ޚިލާފަށް އިޙުތިރާމްކުރާ ބަހަކަށް ވާތީއެވެ. ﷲގެ ޒާތުފުޅުގެ އިސްމުފުޅު ތާނައަކުރުން ލިޔާން ދިވެހިބަސް ބޭނުންނުވާތީއެވެ. އެ މާތް އިސްމުފުޅު ޢަރަބިއަކުރުން ލިޔުމުގެ ޤާބިލުކަން ދިވެހިބަސް ވަނީ ހޯދައިފައެވެ. ތާނަ ޓައިޕުރައިޓަރު އީޖާދުކުރީ އެ މާތް އިސްމުފުޅަށް ވަކީން ޚާއްޞަ ފިތެއް ބަހައްޓައިގެންނެވެ. ފަހުން ކޮންޕިޔުޓަރު ތަޢާރުފުވުމާއެކު ކޮންޕިޔުޓަރުގައި ހަމަ އެ ގޮތަށް ﷲގެ މަތިވެރި އިސްމުފުޅަށް ވަކި ފިއްތުމެއް ޚާއްޞަކުރެވުނެވެ. އެ ގޮތުގެ މަތީން އަޅުގަނޑުމެން އެ މަތިވެރި ލަފުޒު، އަޞްލާ އެއް ގޮތަށް (ދިވެހިބަހުން) ލިޔެވޭނެ ގޮތް ހަމަޖެއްސީ އެ މާތް އިސްމުފުޅަށް ދިވެހިބަސް ކުރާ މަތިވެރި ޤަދަރެއްގެ ސަބަބުންނެވެ. ތާނައަކުރުން އެ ލަފުޒުތައް ނުލިޔެވޭތީކީ ނޫނެވެ. ތާނައަކުރުން އެ އިސްމުފުޅު ނުލިޔަނީ ތާނައަކުރުން އެ އިސްމުފުޅު ލިޔާން ދިވެހިބަސް ބޭނުންނުވާތީއެވެ.

ދިވެހިބަހަކީ އިސްލާމްދީނަށް ވަރަށް ޚާއްޞަ ޤަދަރެއް ދޭ ބަހެކެވެ. ދިވެހިބަސް ވާތުން ކަނާތަށް ލިޔަމުން އައި އައުން ބަދަލުކޮށް ކަނާތުން ވާތަށް ލިޔާ ބަހެއްކަމުގައި ހަމަޖެއްސީ ވެސް އިސްލާމް ދީނުގެ ބަސްކަމުގައިވާ ޢަރަބިބަހާ އިޤުތިދާވުމުގެ ބޭނުމުގައެވެ. ވީމާ، ﷲގެ ޒާތުފުޅުގެ އިސްމުފުޅު ވެސް ޤުރުއާނުގައި ބާވައިލައްވައިފައިވާ ގޮތަށް ދިވެހިބަހުން ލިޔުމުގެ ޤާބިލުކަން ހޯދީ، އެހެން އަކުރަކުން އެ ލަފުޒު ލިޔާން ދިވެހިބަސް ބޭނުންނުވާތީއެވެ.

ދިވެހިބަހުން ބަސްމޮށެ އުޅުމުގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ދަރަޖައެއް ވެއެވެ. ވޮޑިގަތުން، ތަޖައްލީވެވޮޑިގަތުން، ބަސްވަޙީކުރެއްވުން، ކޯފާލެއްވުން، ކޯފާވެވޮޑިގަތުން، ރުއްސަވައިވޮޑިގަތުން، ހިނިވަރުނަވެވޮޑިގަތުން،….. އަދި މި ނޫނަސް މި ފަދަ ލަފުޒުތަކަކީ ބަސްމޮށެ އުޅުމުގައި ހަމައެކަނި މާތްﷲއަށް ޚާއްޞަކުރެވިފައިވާ ލަފުޒުތަކެވެ. މިއީ އިސްލާމް ދީނަށް އަދި ޚާއްޞަކޮށް ﷲޖައްލަޥަޢަލާއަށް ދިވެހިބަސް ކުރާ ޚާއްޞަ ޤަދަރެއްގެ ސަބަބުން ހަމަޖެހިފައި އޮންނަ އުޞޫލެކެވެ.

ވީމާ، ދިވެހިބަހުން ﷲގެ ޒާތުފުޅުގެ އިސްމުފުޅު ތާނައަކުރުން ނުލިޔަނީ ނުލިޔެވޭތީއެއް ނޫނެވެ. ލިޔާން ބޭނުންނުވާތީއެވެ. ދިވެހިބަސް އެ ގޮތަށް ބޭނުންނުވާތީއެވެ. އެ މާތް އިސްމުފުޅު އަޞްލާ އެއް ގޮތަށް ލިޔުމުގެ ކުޅަދާނަކަން ވެސް ހޯދައިފައިވާތީއެވެ. އެހެން ނޫންނަމަ، އެންމެ އަޑު ގިނަ އެއް ބަސްކަމުގައިވާ ދިވެހިބަސް، އެ ބަހުގެ ކޮންމެ އަޑަކަށް ރަމްޒެއް ކަނޑައަޅައިގެން ލިޔެކިޔައި އުޅޭ އިރު، ދިވެހީން ފާޅުކުރާ ކޮންމެ ޚިޔާލަކާ ޝުޢޫރެއް ލިޔުމުގެ ޤާބިލުކަން ދިވެހި ބަހުގެ އަކުރުތަކުން- ތާނައިން- ލިޔުމުގެ ކުޅަދާނަކަން އޮންނާނެކަމީ ސުވާލެއް ވެސް އޮތް ކަމެއް ނޫންތާއެވެ. ނަމަވެސް ދިވެހިބަހުން ﷲ ނުލިޔެވެނީ ނުވަތަ ނުލިޔަނީ ކީއްވެގެންތޯ އެކި ބޭފުޅުންނާއި އެކި ދަރިވަރުން ދޭތެރެދޭތެރެއިން ސުވާލުކޮށް ހަދާތީ، އެ ސުވާލު ލިޔުމުން ދޭން އަޅުގަނޑު ބޭނުންވީއެވެ. އެ ސުވާލުގެ ކުރު ޖަވާބަކީ "ސަބަބަކީ، އެ އިސްމުފުޅު ތާނައަކުރުން ލިޔާން ދިވެހިބަސް ނޭދޭތީއެވެ." މިއެވެ. އެހެންޏާ، އައްލާހު، އައްލާހ، އައްލޯހު، އައްޟާހު، ފަދަ ގޮތްގޮތަށް ދިވެހިބަހުން- ތާނައަކުރުން- ވެސް ލިޔެވޭނެތާއެވެ. ނަމަވެސް އެއީ ދިވެހިބަސް ރުހޭ ގޮތްގޮތެއް ނޫނެވެ. ދިވެހިބަހުގެ އުޞޫލުތައް ގަބޫލުކުރާ ގޮތްގޮތެއް ނޫނެވެ. ދިވެހިބަހުން ލިޔާ ލިޔުމެއްގައި ނަމަ، އެ އިސްމުފުޅު ލިޔާންވާނީ އެ އިސްމު ފުޅުގެ އަޞަލާ އެއް ގޮތަށް- ﷲ- އެވެ.

އާދޭހެވެ! ދިވެހީން ބަސްމޮށެ އުޅޭ ކޮންމެ އަޑެއް ތާނައަކުރުން ލިޔުމުގެ ޤާބިލުކަން ދިވެހިބަސް ހޯދައިފައި ވިޔަސް ދިވެހިބަހުން ލިޔާ އިރު، މާތްﷲގެ ޒާތުފުޅުގެ އިސްމުފުޅު- ﷲ- ލިޔާންވާނީ އެ އިސްމުފުޅުގެ އަޞްލާ އެއް ގޮތަށެވެ. ތާނައަކުރުން ލިޔެގެން ނުވާނެއެވެ. އެއީ އެ ޤާބިލުކަން ދިވެހިބަހަށް ލިބިގެންވުމާއެކު ވެސް ތާނައަކުރުން (އެ މީހަކު ހިތަށް އެރި ގޮތަކަށް) އެ އިސްމުފުޅު ލިޔާން ދިވެހިބަސް ނޭދޭތީއެވެ. އަޞްލާ އެއް ގޮތަށް އެ އިސްމުފުޅު ލިޔާން ދިވެހިބަސް ބޭނުންވާތީއެވެ. އެ މާތް އިސްމުފުޅަށް ދިވެހިބަސް ކުރާ އިޙުތިރާމެއްގެ މަތިވެރިކަމުންނެވެ. އެހެންކަމުން ޢަރަބި ބަސް ފިޔަވައި، އިސްލާމް ދީނާއި މާތްﷲގެ ޒާތުފުޅުގެ އިސްމުފުޅަށް އެންމެ ބޮޑަށް އިޙުތިރާމްކުރާ ބަހަކީ ދިވެހިބަހޭ ބުނެލުމަކީ އަޅުގަނޑުމެންނަށް ލިބޭ ކިހައި މަތިވެރި ޝަރަފެއްތޯއެވެ!

ނިންމައިލަމުން އަދިވެސް ދަންނަވައިލާނަމެވެ. ތާނައަކުރުން މާތް ﷲގެ ޒާތުފުޅުގެ އިސްމުފުޅު ނުލިޔަނީ ބަހުގެ ނުކުޅެދުންތެރިކަމަކުންނެއް ނޫނެވެ. އެއީ އެ ބަހުގެ އާދަޔާ ޚިލާފު ކުޅެދުންތެރިކަމެއްގެ ސަބަބުންނެވެ. އެ އިސްމުފުޅަށް ކުރާ އިޙުތިރާމެއްގެ ބޮޑުކަމުން އެ އިސްމުފުޅު އަޞްލާ އެއް ގޮތަށް ލިޔުމުގެ ޤާބިލުކަން ދިވެހިބަސް ހޯދައިފައިވުމަކީ ކިހާ ބޮޑު މުއްސަނދިކަމެއްތޯއެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ހުއްޓެވެ!!