Support Us

އާދަޔާ ޚިލާފު ހުވަފެން

ހުވަފެނުގެ ހަގީގަތާ ބެހޭ ގޮތުން އެކި ޢިލްމުވެރީން ތަފާތު ގޮތްގޮތަށް ލިޔުއްވައިފައި ހުރެއެވެ. އަޅުގަނޑަށް ވެސް ތަފާތު ހުވަފެން ފެނެއެވެ. ކުޑައިރު ހުވަފެން ފެނިފައި ހުރީ ވަރަށް މަދުމަދުންނެވެ. ނަމަވެސް ޢުމުރުން ދުވަސްވާ ވަރަކަކަށް ފެންނަ ހުވަފެންތައް އަންނަނީ އިތުރުވަމުންނެވެ. ބައެއް ހުވަފެންތަކާ ގުޅުން ހުންނަ ކަންތައް ދިމާވެފައިވެސް ހުރެއެވެ. އަނެއްބައި ހުވަފެނަކީ ހާސަރެކެވެ. މި ބާވަތުގެ ވާހަކަދައްކާން ހުކުރު ދުވަހަކު ހަވީރު އަތިރިމަތީ ޖޯލިފައްޗެއްގައި އަޅުގަނޑުގެ ރައްޓެއްސަކާއެކު ތިބީމެވެ.

އަޅުގަނޑުގެ ރަހުމަތްތެރިޔާ ބުންޏެވެ. އެނގޭ ހެއްޔެވެ؟ އެއްކަލަ މޫސާފުޅުބެއަށް މާވަރުގަދަ ހުވަފެނެއް ފެނިގެން މަށަށް ކިޔައިދީފިއެވެ. ހުވަފެނުގެ މަޖާކަމުން، ތިމަންނަ ފޯނުން ރެކޯޑަށް ޖައްސައިފައި އަލުން ކިޔައިދޭށޭ ބުނީމާ އަނެއްކާ ކިޔައިދީފިއޭ ވެސް ބުންޏެވެ. އަޅުގަނޑު ބުނީމެވެ. އެހެން މީހަކަށް އަޑު އިއްވިޔަސް ހެވޭ ބުނިހެއްޔެވެ؟ އޭނާބުނީ މޫސާފުޅުބޭގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މިހާރު އެ އަޑު އިއްވާ ވަރަށް ވުރެ މާ ދިގު ހުވަފެނެކެވެ. އަޅުގަނޑު ބުނީމެވެ. އެހެންވިއްޔާ ތިޔަ އޯޑިއޯ ފޮނުވައިލަ ދީބަލާށެވެ! ކަމުދާ އެއްޗަކިއްޔާ މަ ލިޔެލާނަމެވެ. އަނެއްކާ މޫސާފުޅުބެއަށް އެންމެ ރަނގަޅުވާނެހެއްޔެވެ؟ ރަޙުމަތްތެރިޔާ ބުންޏެވެ. މޫސާފުޅުބެ ގާތުގައި އަހައިލައިފައި މިރޭ ޓެލެގްރާމުން އެ ފައިލު ފޮނުވައިލާނަމެވެ. ތަންކޮޅެއް ބޮޑު ފައިލެއް ވީމާ ވައިބަރަކުން ނުފޮނުވޭނެތީއެވެ. އެންމެ ރަނގަޅޭ ބުނެފައި އަޅުގަނޑުމެން ދެ މީހުން ގެއަށް ދިޔައީއެވެ.

އޭގެ ދެ ދުވަހެއް ފަހުން އެއްކަލަ އޯޑިއޯ އަޅުގަނޑަށް ލިބިއްޖެއެވެ. ނޫހެއްގައި ލިޔުނަސް މޫސާފުޅުބެއަށް އެންމެ ރަނގަޅޭ ވެސް ލިޔެ މެސެޖް ކޮށްފައި އޮތެވެ. އަނެއްކާ ހުވަފެނުގައި އެ ކިޔާ ޤައުމުތަކަކީ ދުނިޔޭގައި ހުރި ތަންތަނެއް ވެސް ނޫން ކަމުން މިއީ ހަމަ ޚިޔާލީ ވާހަކައެއްތާއޭ ވެސް ލިޔެފައި އޮތެވެ. އޯޑިއޯ އަޑުއަހައިލި އިރު ވަރަށް އާދަޔާ ޚިލާފު ހުވަފެނަކަށް ވާތީ އެ ހުވަފެނުގެ ވާހަކަ ލިޔެލާހިތްވީއެވެ. ޝައުވެރިކަމުގެ ބޮޑުކަމުންނެވެ.

މޫސާފުޅުބެ ކިޔައިދީފައިވާ ގޮތުން ނަމަ، ހުވަފެނުގައި މޫސާފުޅުބެގެ ކެޔޮޅުކަމުގައި މަހަށް ދާން ނުކުމެ އިސްދޫ މުއްޔާ ދިމާ ބޭރުގައި އުޅެނިކޮށް ބެހިގެން އަންޒަމާނު ކަރައަށް ދެވުނީއެވެ. ހުވަފެނުގައި މޫސާފުޅުބެއަށް ފެނުނު ގޮތުން އެ ކަރައިގެ ބައެއް ގަބީލާތަކުގެ މީހުންނަކީ އެ ތަނަށް ބެހިގެންދާ އުޅަނދުފަހަރު ފޭރި މީހުންތައް މަރައި ހަދާ ބަޔެކޯލައެވެ. މޫސާފުޅު ކެޔޮޅުކަމު ދިޔަ "ކަނޑު ރޯދި" ދޯނި ވެސް ބެހިގެން އެ ތަނާ ގޮނޑުވީމާ، އެ މީހުން ތީރުތަކާއި ވަޅިތައް ހިފައިގެން އައިސް ދޯނިގަނޑު ފޭރިގަނެ އެންމެން ހައްޔަރުކޮށްގެން ގެންދިޔައީއެވެ. ފަހުން މޫސާފުޅުބެ ނޫން އެންމެން ކަތިލައި މަރައިގެން ކައްކައިގެން ކެއީޔޯލައެވެ. ނަމަވެސް މޫސާފުޅުބެގެ ހަށިގަނޑު ނިކަމެތިކަމުން ފަލަވީމާ ކަތިލާން ބެހެއްޓީކަމަށް ވެއެވެ. މި ހުރި ހުރުމުގައި އޭނާގެ ނަސީބު ރަނގަޅުކަމުން އޭގެ ތެރެއިން އިސް މީހަކާ ރައްޓެހިވެ އެ މީހާގެ ގޭގައި މަސައްކަތްކުރާން މޫސާފުޅު ގެންގުޅޭ ގޮތަށް ހަމަޖެހުނީއެވެ.

މޫސާފުޅުބެއަކީ ވަރަށް ހުނަރުވެރި މަސައްކަތްތެރިއަކަށް ވާތީ މީނާގެ މައްޗަށް ކުލުނާއި ލޯބި ޖެހި އޭނާ އެރަށު އަންހެންކުއްޖަކާ ދެވީއެވެ. އަންޒަމާނު ކަރައިގެ މި ވައްތަރުގެ އަސްލު ވަލު މީހުން މިހާރު ވަރަށް މަދު ކަމަށް ވެއެވެ. މޫސާފުޅުބެ ގެންދިޔަ އަވަށުގައި ވެސް އުޅޭނީ ގިނަވެގެން 500 ވަރަކަށް މީހުންނެވެ. އެ އަވަށުގެ މީހުން ނިވައިކޮށްގެން އުޅެނީ ވެސް ހަށިގަނޑުގެ ވަރަށް ކުޑަ ބައެކެވެ. މި ގޮތަށް ނިވައިކޮށްފައި ހުންނަނީ ވެސް ފާޑުފާޑުގެ މިނަޔާއި ބޮލިފަދަ ތަކެތީން ހަދައިފައި ހުންނަ ފަތިތަފި އަޅައިގެން އައްސައިގެންނެވެ.

މޫސާފުޅު ވެސް އާދައިގެ މަތީން އުޅެމުން އާދެއެވެ. އެ ގޭގެ ވެރި މީހާއަށް ކިޔަނީ ކަލިންޑާއެވެ. މޫސާފުޅުގެ އަންހެނުންނަކީ ކަލިންޑާގެ ހުރި ހަމައެކަނި އަންހެންދަރިފުޅު ލޮވަންނާއެވެ. ލޮވަންނާގެ ހަގަށް ހުންނަނީ ފިރިހެންކުއްޖެކެވެ. އޭނާގެ ނަމަކަށް ކިޔަނީ އަލިންޓާއެވެ. ދުވަސްގަނޑަކު އެ ކަރައިގައި އުޅެވުނީމާ މޫސާފުޅުބެއަށް އެ ތާ މީހުން މޮށޭ ބަސް ހަމަ ވަރަށް އަވަހަށް، ވަރަށް ރަނގަޅަށް ދަސްވެއްޖެޔޯލައެވެ.

އެއް ދުވަހަކު މި ދެންނެވި ކަލިންޑާ، ނޫހެއްކިޔާން އިނދެފައި މަޑުމަޑުން ކިޔައިލިއެވެ. "ރަކުއްސާ ޑެސާންލޯނީ ޕްރަޖަލަނު އެއްޕަޓިކީ އެލާ މޯސަމް ޗޭޔަވައްޗޫ." (ރަކުއްސާ ރާއްޖޭގެ މީހުންނަކަށް ވެސް އަބަދަކު އޮޅުވައެއް ނުލެވޭނެއެވެ.)

"ކޮން ތާކު ކޮން ބަޔަކަށް އޮޅުވާ ވާހަކައެއް ބަފޯ ތި ކިޔަނީ؟" އެއިރު މަހެއްގެ ބޯކަނޑާން އިން އަލިންޓާ ސުވާލުކޮށްލިއެވެ.

"މި ދައްކަނީ ރަކުއްސާ ރާއްޖޭގެ ވާހަކަ." ކަލިންޑާ ޖަވާބު ދިނެވެ. "ކަންތަކެއް އެބަހުރި އެތާ."

"އެއީ ކޮންތާކު އޮންނަ ތަނެއްތަ ބަފޯ؟" އަލިންޓާ ސުވާލުކޮށްލިއެވެ. "މަ އަޑެއް ނާހަން، ރަކުއްސާ ރާއްޖެއޭ ކިޔާއަޑެއް ދުވަހަކު ވެސް."

"އެވެސް އަހަރެމެންނާ އަވައްޓެރި ރާއްޖެއެއް. އަހަރެމެންގެ މި ރަށް ކަހަލަ ގިނަ ރަށްތަކެއް ހުންނަ ޖަޒީރާ ރާއްޖެއެއް." ކަލިންޑާ ޖަވާބު ދިނެވެ. "މިހާރު އެތާ ވެރިއަކަށް ހުންނަނީ އަހަރެމެންގެ އިންތިހާކަރަ"ގެ ބޮޑުމީހާ ފައިސާ ދީގެން ވޯޓު އޮޅުވައިލައިގެން ހޮވި މީހެކޯ. އެހެންވީމާ ބޮޑުމީހާއަށް ސެއްލަ. ހަމަ ޖެހޭނީ ލިޔެފައި ދައްކައިލާން. ޓަސް އެ ސޮއިކޮށްލީ. އެއީ ފައްކާ ކަމެއް. އެއް ފަހަރު ވެސް ކިޔައިލަނީކީ ނޫނޭ."

"އަސްލު ވެސްތަ ބަފޯ؟"

"އާނއެކޭ. ހަމަހުވާ މި ބުނީ. ބޮޑު މީހާ ބުނާ ކަމެއް ނޫނީ އެ ރާއްޖޭގެ ވެރި މީހާއަށް ކުރާކަށް ނުކެރޭނެޔޯ. މި ދޭތެރެއިން ކޮވިޑް19 ގައި ސީރިއަސްކަރައިން އެހީވާން ހުށަހެޅީމާ، ރަކުއްސާ ރާއްޖޭގެ އެންމެ ގިނަ ދަތުރުކުރާ ވަޒީރު، އިންތިހާކަރަގެ ބޮޑު މީހާ ގާތު އަހައިފިޔޯ އެހީ ބަލައިގަންނަންވީހެއްޔޭ." ކަލިންޑާ އިތުރަށް އޮޅުންފިލުވައިދިނެވެ. "އިންތިހާކަރައިން ޖަވާބު ދިންކަމަށް ވަނީ އެންމެ ފުރަތަމަ އެހީވި ބަޔެއްގެ ނަން ލިބޭންޖެހޭނީ އަހަރެމެންނަށޭ، އެހެންވީމާ، ސީރިއަސްކަރައަށް އެއްވެސް ޖަވާބެއް ނުދީ ބާއްވާށޭ، އަހަރެމެންނަށް އެހީއެއް ފޮނުވެންދެން. އަނެއްކާ އެނގޭތަ، އިންތިހާކަރައިގެ ބޮޑުމީހާ އެހީއޭ ކިޔާފައި ތަކެތި ފޮނުވިއްޔާ ބިލްކުރާނެ. ބޮޑު އަގު އަތުލާނެ. ފައިސާ ދިނިއްޔާ ދޭނީ، ރިބާ ބޮޑުކޮށް ދަރަންޏެއްގެ ގޮތުގައި."

"ބަފޯ، ތިކަން މާ ރަނގަޅަށް އެނގޭ! އިންތިހާކަރަ އެންމެ ބިރު ގަންނަ ކަމަކީ މެލޭޝިއާ ކައިރީ ކުޑަކުޑަ ސިންގަޕޫރެއް ތަރައްގީވެ އަތްނުފޯރާހާ އުސްމިނަށް ރަކުއްސާ ރާއްޖެ ކުރިއަރައިފާނެތީ. ދުވަސްކޮޅެއް ކުރިން ރަކުއްސާ ރާއްޖެއަށް އައި، މާ ވަރުގަދަ ވެރިޔަކު ވެރިކަން ކުރި ދުވަސްވަރެއްގެ ތެރޭގައި އަހަރެމެންގެ އިންތިހާކަރައިގެ ވެރިޔާއަށް އަވަހާރަފުޅުނުލެއްޕެވޭ. ތަރައްގީ ގެންދިޔައީ ރޮކެޓް އިސްޕީޑްގަޔޯ. އެ ދިޔަ އިސްޕީޑްގައި ތަރައްގީކުރާން މަސައްކަތް ކުރިޔަ ނުދޭން ލައްކަ ތުރާތައް ޖެއްސި. ހިލައާއި ހިލަވެލި ލިބުން ދަތިކޮށްލި. ފިޔައި ލިބުން ހުއްޓުވި. ހަނޑުލުގެ ކޯޓާ ކުޑަކޮށްލި. މިއީ މަހަށް ގޮސް އުޅޭ އިރު މީހުން ކިޔައިދޭ ވާހަކަތަކެއް." ކަލިންޑާ ކިޔައިދިނެވެ.

"ދެން ބުނީ އެ ގަދަ ވެރިމީހާ ނުހުއްޓުވުނޭ، އިންތިހާކަރައިން އެހެން ހަދާނެކަން އެނގިގެން ކުރީ ބައިގައި ވަނީ އެހެން ކަރަކަރައިން އެ ތަކެތި ލިބޭނެ ގޮތް ހަދައިފައޭ. އިންތިހާކަރައިގެ ވެރިމީހާ ހިތަށް އެރިޔޯ މީނާ އިތުރު ދައުރަކަށް ބަހައްޓައިފިއްޔާ އަހަރެމެން އެ މީހުންނަށް ބަރޯސާ ވާންޖެހޭ ހިސާބަށް ތަރައްގީ ކުރާނެކަން ޔަގީނޭ. ދެން އޭނާ ދެއްކީ އެހެން ވާހަކައެއް. ކޮންމެއަކަސް ރިޝްވަތަށް ވަރަށް ފައިސާ ބަހައިގެން ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އާދައިގެ މީހަކު ވެރިކަމަށް ހަމަޖެއްސިއްޖެޔޯ. ދެން ރަކުއްސާ ރާއްޖޭގައި އުޅޭނެ އަސްލު ބޮޑުވެރިޔާ. އިންތިހާކަރައާއި އެ ނޫން ވެސް މުސްލިމުންނާ އިދިކޮޅު އެންމެންގެ އެޖެންޓް. އޭނަގެ ރައްޔިތުކަން އޮވެޔޯ ރަކުއްސާ ރާއްޖެއާ އަދި ފަރަންޖީ ކޮންމެވެސް ވިލާތެއްގައި ވެސް. އޭނާއަށް އެ ފަހަރު ވެރިކަމަށް ކުރިމަތި ލެވޭ ގޮތް ނުވެގެން އޭނާގެ ބަދަލުގައި ހަމަޖެއްސި މީހެކޯ މިހާރު މިހިރީ. އަސްލު ވެރިޔަކީ އޭނަޔޯ. ނަމުގައި ހުންނަ ވެރި މީހާއަށް ޖެހޭނީ އޭނަޔާއި އިންތިހާކަރައިގެ ބޮޑުމީހާ ބުނާ އެއްޗެއްގައި ސޮއިކޮށްލާށޯ، ނުވެސް ބަލާނެޔޯ އެ ސޮއިކުރާ އެއްޗެއް ގައި އޮތީ ކީކޭތޯ ވެސް. ދެން ލިޔެފައި އެއްޗެއް ދީފައި މީތި ޓީވީއިން ކިޔާށޭ ބުނީމާ ކިޔައިލާނެޔޯ. އެހެން ބާރެއް ނޯވެޔޯ އޭނާއަކަށް. އަޞްލުވެރިއަކީ ވެރިންގެ ވެރިޔާޔޯ؟"

މިހާ ހިސާބަށް ވާހަކަ ގެންދިޔަތަނާ ބަފޯ ކަލިންޑާ ވާހަކައިގެ ތެރެއަށް ވަނެވެ. "ހޫމްމްމްމްމްމްމް. ދަންނަ ސޮރެއް ތީ! ކުރީން ތިޔަ ބުނާ ރާއްޖެއެއްގައި އޭނާ ވެސް ވެރިކަންކުރިޔޯ ކުޑަދުވަސްކޮޅަކު. އެ ދުވަސްވަރު އިންތިހާކަރައަށް އައިސް އުޅުނު އިރު ކޮންމެވެސް ޝޫލާއެއްތޯ އެއްޗެއް ބުއި ވާހަކަ ވެސް އިންތިހާކަރައިގެ ނޫހުގައި ޗާޕުޖަހައިފައި އޮތޭ ބަޔަކު ކިޔާތީ އެހިން."

"އެހެންތަ؟" އަލިންޓާ ސުވާލުކޮށްލިއެވެ. "އެކަމަކު މަ އަޑުއަހަނީ އެއީ މުސްލިމު ރާއްޖެއެއް ކަމަށް. އެކަލަހަލަ އެއްޗެހި ނުބޯ ބަޔެކޭ ބުނާތީ އަޑު އިވެނީ."

"ބަފޯއަކަށް ނޭނގެ ތިޔައީ ކޮން ވާހަކައެއް ކަމެއް. މަށައް އެނގެނީ މި ބުނާ ސޮރު ހަމަ ގައިމު ވެސް ބަރާބަރަށް އަމަލުވާ ތަކެތި ކައިބޮއި ހަދަޔޭ މީހުން ކިޔާކަން." ކަލިންޑާ ތަފްޞީލުކޮށްދިނެވެ. "އެކަމަކު ރަކުއްސާ ރާއްޖޭގައި އެންމެ ބާރުގަދަ ވެރިއަކީ، ހަގީގަތުގައި ވެރިޔަކީ މި ބުނާ ސޮރު. މަޖާ ގޮލައެއް އެކަމަކު އެއީ. ކޯޓުން ނުވަތަ ފުލުހުން ހޯދާން އުޅެފިއްޔާ ކުޑަކުއްޖަކު ބިރު ނަގާހެން ބިރުނަގައިގެން އަތަށް ފައިވާންކިބަ މަހައިލައިގެން ދުއްވައިގަންނާނެޔޯ. ގޮސް އެއް ފަހަރު ވަޅަކަށް ވެސް އެރި އޮތްކަމަށް ރަކުއްސާ ރާއްޖޭގެ މީހުން ބުނަނީ. އަނެއް ފަހަރު ރަކުއްސާ ރާއްޖޭގައި ހުންނަ އިންތިހާކަރައިގެ ބޮޑު އޮފީހަށް ވައްދައިގެން އަހަރެމެންގެ ބޮޑު މީހާ، މި ބުނާ ސޮރަށް ހިމާޔަތްދިނީއްޔޯ."

"އަނެއްހެން ވަރަށް ފިނޑި ސޮރެއްދޯ އެހެންވީމާ؟" އަލިންޓާ ސުވާލެއް ކޮށްލިއެވެ. "ހިތްވަރުގަދަ ވެރީންނެއް ފިލާކަށް ނޫޅޭނެ. ދަންޖައްސާއިރު ވެސް ލޮލުން ކަރުނަ ތިތްކެއް ވެސް ނުވެއްޓޭނެ. ބަލާބަލަ އިންތިހާކަރައިގެ ބޮޑުމީހާ ބުނެގެން ޖަލަށް ކޮށްޕާލި އެއްކަލަ ރޮކެޓް އިސްޕީޑްގެ ވެރިޔާ. ކެތްތެރިކަމާއި ސާބިތުކަން. އަދި އިރާގުކަރައިގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން ބަލާބަލަ! ދަންޖެއްސި ވަގުތު ވެސް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަން. އެއީ ހިތްވަރުގަދަ، އަޒުމު ވަރުގަދަ ވެރީންނަކީ.]

"ތިޔައީ ތެދެއް،" ބަފޯ ކަލިންޑާ ކަމެއް ހަނދާންވެއްޖެއެވެ. "އަދި އެބަ އޮތޭ މާ މުހިންމު ވާހަކައެއް. މިހާރު ރަކުއްސާ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންތިހާ ރާއްޖޭގެ އަސްކަރީ މަރުކަޒުތައް ވެސް ހަދަނީއްޔޯ. އަދި މި ފަހުން ދިމާވި ކަމަކީ އެތާނގައި ދާއިމީކޮށް އަސްކަރީ އުޅަނދެއް، މަތީންދާބޯޓެއް، ބާއްވާން އެއް ބަސްވުމެއްގައި ސޮއި ވެސް ކޮށްފިޔޯ. މި ކަމާ ރަކުއްސާ ރާއްޖޭގެ މީހުން ރުޅިއައިސްގެން އުޅެންފެށީމާ އެ މީހުންގެ ގިނައިން ދަތުރުކުރާ ވަޒީރު މީޑިއާގައި މި ބުނަނީ ރަކުއްސާ ރާއްޖެއަށް އިންތިހާ ރާއްޖެއިން ގެންނާން އުޅެނީ އަސްކަރީ ބޯޓެއް ނޫނޯ. އެއީ ޑޯނިއާރ މަތިންދާ ބޯޓެކޯ. އަޅެ މީހަކު ހިންޏެއް ނާންނާނެތަ؟ އެހެންވެ އަހަރެން ހިތަށް އެރީ މި ޒަމާނުގައި އެ ވަރަށް މީހުންނަށް އޮޅުވައިލެވޭނެބާއޭ. މި ޚަބަރު އަހައިގެން ބަފޯއަށް ކިޔައިލެވުނީ 'ރަކުއްސާ ރާއްޖޭގެ މީހުންނަކަށް ވެސް އަބަދަކު އޮޅުވައެއް ނުލެވޭނެޔޭ.' އަޅެ ދޮގެއްތަ؟"

"ހމމމ. އެކަމަކު ހަރުފުރާގެ މީހުންނަށް އޮޅުވައިލެވިދާނެތާ. އެމީހުން މީސްމީޑީއާއެއް ނުބަލާނެނު." އަލިންޓާ ޚިޔާލުފާޅުކޮށްލިއެވެ.

"އެކަމަކު މިހާރު ދެން އަބަދު ދޮގު ހަދާން ވެއްޖިއްޔާ ބޭޒާރު ނުވެއެއް ނުހުންނާނެ. އެއަށްވުރެ މީޑިއާ މާފުޅާވެއްޖެ،" ކަލިންޑާ އިތުރަށް ވާހަކަދެއްކިއެވެ. "އެހެންޏާ ޑޯނިއަރއަކީ ބްރޭންޑް ނަމެއް. އެއީ 1981 އިން ފެށިގެން 1998 އަށް ޖަރުމަނުވިލާތުން އުފައްދަމުން ގެންދިޔަ ބޯޓުތަކެއް. ފަހުން ޖަރުމަނުން ދިން ލައިސަންސެއްގެ ދަށުން އިންތިހާކަރައިގެ ކަންޕޫރުގައި ވެސް އޭގެ 125 ބޯޓް އުފެއްދި ކަމަށްވޭ. އޭގެ ތެރެއިން 63 ބޯޓް އަދި ވެސް ޚިދުމަތުގައި އޮތްކަމަށް ވަނީ. މިއިން ކޮންމެ ބޯޓަކީ ވެސް ހަމަ ޢަސްކަރީ ބޯޓަކަށް ވެސް މަދަނީ ބޯޓަކަށް ވެސް ހެދިދާނެ އެއްޗެއް. އަދި ވައިގެ އެމްބިޔުލާންސަކަށް ހެދިދާނެ ވެސް ބޯޓެއް. އެހެންވީމާ ޑޯނިއާރ ބޯޓެކޭ އަސްކަރީ ބޯޓެއް ނޫނޭ ބުނީމާ މިއީ ކިހާ ބޮޑު ޖޯކެއް. މަ ހިތަށް އަރަނީ، މި ކަހަލަ ވާހަކަދެއްކީމާ މީހުން މަލާމާތެއް ނޫންހޭ ކުރާނީ. އެހެންޏާ ރަކުއްސާ ރާއްޖޭގެ މީހުންނަކީ ވެސް ބުނެވޭ ގޮތުން މީސް މީޑިއާއާ ވަރަށް ރައްޓެހި ބަޔެއް ވިއްޔަ. ދެން ކީކޭ ބުނާނީ ދޯ؟" ކަލިންޑާ ހައިރާންކަން ފާޅުކުރިއެވެ.

"ހމމމމމމމ" އަލިންޓާ އެއްބަސްވިއެވެ.

"ދޮންކަލޯ، އަލިންޓާ! އެބަ އޮތޭ މާ ރަނގަޅު ވާހަކައެއް." ކަލިންޑާއަށް ކަމެއް ހަނދާންވެގެން ބުނެލިއެވެ. "އެއް ގޮތަކުން ވެއްޖިއްޔާ އުފާވެރި ކަބަރެއް."

"ތިޔަހައި އުފާވެރި ކަބަރެއް ވިއްޔާ ބަފޯ އަވަހަށް ކިޔާބަލަ!" އަލިންޓާ ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ. "ކޮން ކަހަލަ އުފާވެރި ކަބަރެއް؟"

"ރަކުއްސާ ރާއްޖޭގައި އޮންނަ ސަންޑަލްވުޑް އައިލެންޑްގެ އަނެއް ކޮޅުގައި ވިލާތަކެއް ހަދާން އުޅެނީ. އެ ތަނަށް ކިޔަނީ، މި ބުނީ، ސަންޑަލްވޫޑް އައިލެންޑްގެ އަނެއް ކޮޅަށް ކިޔަނީ "ޑައުން ރީފް". އެ ތާނގައި ހަދަނީ އިންތިހާ ރާއްޖޭގެ މީހުންނަށް ހަދައިދޭ ވިލާތަކެއް. މި ބުނީ ވަރަށް ރީރި ގެތަކެއްގެ ވާހަކަ. މި ވާހަކަ އެތާ އުޅޭ ރައްޔިތުން ދައްކާން ފެށީމާ ބޮޑުމީހާގެ އެންމެ އަރިސް ވަޒީރު ބުނެފިޔޯ ނޫޅެމޯ އިންތިހާ ކަރައިގެ މީހުން ގެންނާކަށް. އެކަމަކު އެއީ އޮޅުވައިލާން ބުނި އެއްޗެއް. ބޭރު މީހުންނަށް ދާއިމީކޮށް "ޑައުން ރީފް"ގައި އުޅެވޭނޭ ގޮތަކަށް އެ ރަށުގައި ވިލާތަކެއް އަޅާނެ ވާހަކަ އޮތީ އެންމެ ބާރުގަދަ ވެރިޔާގެ ހޮޅުއަށީގައި ދައްކާފައި. އެހެންވީމާ އެ ބުނާ ބޭރު މީހުންނަކީ އަހަރެމެންގެ "އިންތިހާކަރަ"އިގެ މީހުން. އެއީ އަހަރެމެންނަށް [ރަކުއްސާ ރާއްޖެ] ދޭން ވެގެން އަޅާ ވިލާތަކެއް. ގެތަކެއް. އެ ވިލާތައް އަޅާން، ބީލަން ލިބޭނީ ވެސް އިންތިހާކަރައިގެ ކުންފުންޏަކަށް. އެތާ ވަޒަންވެރި ވެވޭނީ އަހަރެމެން ރައްޔިތުންނަށް. މި އަންޒަމާނު ކަރައަށް ވުރެ އެ ރާއްޖެ މާ ރަނގަޅު. މާ އުފާވެރި. އެހެންވީމާ އެ ފުރުޞަތު ލިބޭނީ އަހަރެމެންނަށް. ވީމާ އެ ރާއްޖެއަށް އަހަރެމެން ބަދަލުވާން ފުރުޞަތު އޮތް ވާހަކަ ބަފޯ މި ބުނީ. ދާނަންތަ؟" ކަލިންޑާ އޭނާގެ ދަރި އަލިންޓާއަށް އޮޅުންފިލުވައިދިނެވެ. "މިއީ ރަކުއްސާ ރާއްޖޭގެ ވެރިކަން ހޯދާން އިންތިހާކަރައިގެ ސަރުކާރުން އެހީތެރިވެދިން އިރު އެ މީހުން އެއްބަސްވެފައި އޮތް ކަމެއް. މީގެ ބޭނުމަކީ އަހަރެމެންގެ ހަތަރު ލައްކައެއްހާ މީހުން އެތާ ރައްޔިތުންނަށް ހަދައިލީމާ، އަހަރެމެންގެ ބުއްދާއަށް އަޅުކަންކުރާ ފައްޅިތައް އަޅާން ފުރުޞަތު ހޯދުން. އަދި އިންތިޚާބެއް ބާއްވައިގެން އެ ތާގެ ވެރިކަން ވެސް އަހަރެމެންނަށް ލިބޭނެ."

"އަޞްލުވެސްތަ؟ އެހެންވީމާ މަށަށް ވެސް ރައީސްކަން ލިބިދާނެ ދޯ؟" އަލިންޓާ ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ.

"ޔަގީންތާ، ހަމަގައިމުވެސް ރަކުއްސާ ރާއްޖޭގެ މީހަކަށް އޭގެ ފަހުން ރައީސްކަމެއް އަދި ބޮޑުވެރިޔާގެ ހޮޅުއަށިގެ މެންބަރުކަމެއް ވެސް ނުލިބޭނެ." ކަލިންޑާ ޔަގީންކަން ދިނެވެ. "ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކޮށްގެން ނަމަވެސް ރާއްޖޭގެ ސިޔާދަތު "ނިހާއީކަރަ"އަށް ދީގެން ރަކުއްސާ ރާއްޖޭގައި ދީނީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ވެރިކަން ހޯދައިދިނުމުގައި ވެފައިވާ ވަޢުދެއް. މި ވައުދު ފުއްދައިނުދީ އެވެރީންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. ސަލާމަތް ނުވެވޭ ވަރަށް އޮންނާނީ ދަރަނި ބޮލުގައި އަޅުވައިފައި. އެއްވެސް ކަމަކާ ދެބަސް ވާއިރަށް މި ފައިސާ ވަގުތުން ދޭން ގޮވައިލީމާ އެ ހިސާބުން ސައިޒުވާނެ. އަދި ރިބާ ވެސް ބޮޑުކޮށް ދީފަޔޯ ހުންނާނީ."

"އާނ! އަހަރެމެންގެ އިންތިހާކަރައިގެ ބޮޑުން ބޭނުމެއް ނުވާނެ، ކައިރީގައި އެހެން އެއްވެސް ރާއްޖެއެއް ތަރައްގީކުރާކަށް. ބަލާބަލަ! އެއޮއް މުއްސަނދި ސިއްކިމަށް ހަދައިލި ގޮތް. އެންމެ ފަހުން މިހާރު އެއީ އިންތިހާކަރައިގެ ސްޓޭޓޭއްނު. ބޫޓާނަށް އެހެން ހަދާން ބޭނުންނުވަނީ،" އަލިންޓާއަށް ވަރަށް ގިނަ މަޢުލޫމާތު އެނގޭހެން ހީވެއެވެ.  "ބަފޯއަށް ވެސް އެނގޭނު ކީއްވެކަން؟"

"ބުނެބަލަ!" ކަލިންޑާ ޝައުޤުވެރިކަން ފާޅުކުރިއެވެ.

"އެއީ ބޫޓާނަކީ ސިއްކިމް ކަހަލަ މުއްސަނދި ތަނެއް ނޫން. އެހެންވީމާ، ފައިދާ ބޮޑީ ނަމުގައި މިނިވަންކޮށް ހަގީގަތުގައި އަޅުވެތިކޮށް ބޭއްވުން. އެހެންވެ ބޫޓާން އޮންނާނީ އެ ގޮތަށް. ނަމުގައި މިނިވަންވާނެ. އެކަމަކު އެ މީހުންގެ ދާޚިލީ ކަންތަކާއި އަސްކަރީ އަދި ދިފާޢީ ކަންކަން ކޮންޓްރޯލްކުރާނީ ނިހާއީ ރާއްޖެއިން. ނިހާއީ ކަރައަށް ވުރެ ތަރައްގީ ވިޔަކަ ނުދޭނެ. ބަލާބަލަ މިނިކޮއި ވެސް. މާ ސަޅި ގޮތެއްނު." އަލިންޓާ ކިޔައިދިނެވެ.

"އެހެންވީމާ ރަކުއްސާ ރާއްޖެ ބާއްވާނީ އެހެންދޯ؟" ބަފޯ ކަލިންޑާ ސުވާލުކޮށްލިއެވެ.

"ނޫނޭ ބަފޯ! ރަކުއްސާ ރާއްޖެއަކީ ވަރަށް މުއްސަނދި ގައުމެއް. ސިންގަޕޫރަށް ވުރެ، މާ ބޮޑަށް ތަރައްޤީ ކުރެވިދާނެ ގައުމެއް. އެތަން އޮތީ ދުނިޔޭގެ އިރާއި ހުޅަނގު ގުޅުވައިދޭ މުހިންމު ނުކުތާއެއްގައި. އެހެންވީމާ، އެ ތަން ކުރިއަރައިގެންދާ ތަން ބަލާކަށް ނިހާއީކަރައިގެ ބޮޑުންނަކަށް ކެތެއް ނުވާނެ. އެހެންވެ އެތަން ތަރައްގީކުރާން އުޅުނު ވެރިމީހާގެ މައްޗަށް މައްސަލައެއް އުފައްދައިގެން ޖަލަށްލީ ވެސް. އަހަރެމެންގެ ބޮޑު މީހާ ބުނަނީ ޖަލުން ނަގައިގެން ނުވާނޭ. ހައްގެއް ނުހައްގެއް ނުބަލާނެ. އެކަން އެ ގޮތަށް އޮންނާނީ. އެހެންވީމާ، ބޫޓާން އޮތް ގޮތަށް ވެސް ހިޔެއް ނުވޭ ރަކުއްސާ ރާއްޖެ ބާއްވާނެހެނެއް. ހީވަނީ ހަމަ ސިއްކިމްއަށް ހެދި ގޮތް ހަދާނެހެން. މިހާރު އެކަމަށް އަޅާންޖެހޭ ހުރިހާ ފިޔަވަޅެއްހެން އަޅައި ނިމެނީއްޔޭ ބުނާތީ އަޑުއިވޭ. މުޅި ރާއްޖެ ރާޑަރުގެ އެހީގައި ބަލަނީ ނިހާއީ ކަރައިން. ކަނޑު އަޑިގެ ހުރިހާ ތަނެއް ބަލާން ވަނީ ހުއްދަ ހޯދައިފައި. ރާއްޖޭގައި އެކި ސަރަހައްދުތަކުނގައި އެ ކަރައިގެ ސިފައިން އެބަ ތިބި. އެކި ނަންނަމުގައި. ކޮވިޑް ތެރޭގައި ޑޮކްޓަރުންގެ ނަމުގައި ވެސް ސިފައިންތަކެއް ފޮނުވި. އެހެންވީމާ ހީވަނީ ވަރަށް އަވަހަށް އެތަން އަހަރެމެން ކަރައިގެ ސްޓޭޓަކަށް ހަދާނެހެން. ބޮޑެތި މީހުން ތިބީ ދަށުލައިފަޔޯ ބުނާތީ އަޑު އިވޭ. ބުނާ އަޑުތާ އިވޭނީ." އަލިންޓާގެ ޚިޔާލު ފާޅުކުރިއެވެ.

މި ހުރިހާ ވާހަކަތަކެއް އަޑުއަހަން ދާދި ކައިރީގައި މޫސާފުޅުބެ މަސައްކަތުގައި އުޅެމުން ގެންދެއެވެ. މި ވާހަކަތަކަށް ކަންފަތް ދިއްކޮށްގެން އިނދެއެވެ.

މި ވާހަކަ އަޑުއަހަން މޫސާފުޅުބޭ އިންދައި ކަލިންޑާ ހަޅޭއްލަވައިގަތެވެ. "މިހާރު ރަކުއްސާ ރާއްޖެއަކީ ރަސްމީކޮށް އިންތިހާކަރައިގެ ސްޓޭޓެއް ކަމުގައި ކަނޑައަޅައިފި. ސަޅިއެއްނު. މި އޮތީ އޮންލައިން ނޫހުގައި ލިޔެފައި. އަދި 'އިޑި ވިނަޑާނިކި ސަންތޯ ސަންގަ އުންޑި’އޭ ކިޔައި ދެބަފައިން ހަޅޭއްލަވާން ފަށައިފިއެވެ!!"

މި ހަޅޭކުގެ އަޑާއެކު މޫސާފުޅަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. މި ފެނުނީ ހުވަފެނެއްކަން އެނގި އެކަމާ ހިނިވެސް އައެވެ. އެހާބޮޑަށް ހިނިއައީ މޫސާފުޅުބެ މަހަށް ނުދާތާ ވެސް މިހާރު އެތައް އަހަރެއް ވެފައިވާ އިރު، މަހަށް ގޮސް އުޅެނިކޮށް ހުވެފެނުން ފެނުނީމާއެވެ. ނަމަވެސް ބައެއް ހުވަފެނަކީ ހަގީގަތަކަށް ވެސް ވެފައި ހުންނަ އެއްޗަކަށް ވާތީ މި ހުވަފެނަކީ ކުރިމަތިވާން އުޅޭ ނުރައްކާތެރި ކަމެއްގެ ސިގުނަލެއް ނޫންބާވައޭ މޫސާފުޅުބެ ހިތަށް އެރިއެވެ. މިއީ އާދައިގެ ހުވަފެނެއް ކަމަށް ނުވާތީ މޫސާފުޅުބެ ވެސް ވަރަށް ބޮޑަށް މި ކަމާ ފިކުރު ބޮޑުވެފައި ހުންނަ ކަމަށް ވެސް އަޅުގަނޑުގެ ރަހުމަތްތެރިޔާ ބުންޏެވެ." އެނގިވަޑައިގަންނަވައިތޯއެވެ؟ މުޅި މި ވާހަކައަކީ ވެސް އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ.