...

Support Us

ކޮލަމް ކަލާވެހި: ރަސްގެފާނުންގެ އައު ހެދުންކޮޅު ހަނދާންވާ "ހޮޅި" ވާހަކަޔެއް

އަޅުގަނޑުމެންގެ ތެރެއިން ވަކި ޢުމުރުއްގެ މީހުން ހަމަ ގައިމުވެސް ހަނދާން ހުންނާނޭ ގޮތުގައި، އެއްސަހަރެއްގައި އުޅުއްވި ރަސްކަލަކު ވަރަށް ކުޅަދާނަ ދިޖާލެއްގެ މަޅީގައި ޖެހިވަޑައިގަތެވެ. އަދި އެހެންކަމާއެކު، ޚާއްޞަ މުނާސަބަތެއްގައި ތުރުކުރައްވަން އެތައް ޚަރަދެއް ކުރައްވައިގެން ބިދޭސީ ދަރަޒީއެއް ލައްވައި ތައްޔާރުކުރެއްވި ހެދުންކޮޅު ވެގެން ދިޔައީ ދެރަވަރުގެ ބިލާހަކަށެވެ. ނެތް އެއްޗަކަށެވެ. މޮޅުގެ ކޮޅުނެތްކޮޅަށް މޮޅު ދަރަޒީ ވީ މޮޅު ވަގަކަށެވެ. އެކަމަކު އެކަން އެނގިވަޑައިގަތީ ތަންކޮޅެއް ފަހުންނެވެ. އައު ހެދުންކޮޅު ތުރުކުރައްވައިގެން ޢާންމުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތްތަނާ މަޢުޞޫމު ތުއްތުކުއްޖެއްގެ އަނގައިން ބުނި ބަހަކުންނެވެ. އެހައިތަނަށް ރަސްގެފާނުންގެ ކުރިފުޅުމަތީގައި ތިބި އެންމެންވެސް ހީކުރަމުން ގެންދިޔައީ ތިމާމެންނަށް ހެދުންކޮޅު ނުފެންނަނީ ތިމާމެންނަކީ ބޮޑެތި ފާފަވެރީން ކަމުގައި ވާތީ ކަމަށެއެވެ. ދަރަޒީ ބުނެފައި އޮތީ އެކަހަލަ އެއްޗެއް ވިއްޔާއެވެ. ކޮންމެއަކަސް، ވާހަކަ އޮތީ އެކަހަލަ ގޮތަކަށް ނޫންތޯއެވެ؟ ހަނދުމަފުޅު ގަދަ ބައެއް ބޭފުޅުން މާ ތަފްޞީލުކޮށް، މާ ޞައްޙަކޮށް އެވާހަކަ ދެނެވަޑައިގަންނަވާނެއެވެ. އަދި ބޭނުންފުޅިއްޔާ ވިދާޅުވެދެއްވާނެއެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައިގައި މުހިންމުވަނީ އެންމެ ފަރާތެކެވެ. އެއީ މިދެންނެވި މަޢުޞޫމު ތުއްތުކުއްޖާއެވެ. ދެން އައްސަވާށެވެ!

އަޅުގަނޑުގެ ވާހަކަ ފެށެނީ އަޅުގަނޑުމެންވެސް އެ ބައްރަކަށް ނިސްބަތްކުރާ، އޭޝިޔާއޭ މިކިޔާ ސަރަޙައްދުގެ ކޮންމެވެސް ފުލޯކު ޤައުމެއްގަޔޭ ދަންނަވައިލައިގެން ފުއްދައިލާނަމެވެ. އަދި ވާހަކައިގެ ނާރެސް ހުއްޓައިލަން ޖެހެނީ މިދެންނެވި ޤައުމުގެ އާބާދީ ގިނަ ކޮންމެވެސް ރަށަކަށޭ ދަންނަވައިފައި، ވާހަކައިގެ ފަސްމަންޒަރުގައި އޮތީ މިދެންނެވި ރަށުގައި ހެދެމުންދިޔަ މަގެކޭ ދަންނަވައިލައިފައި، އެ ހިސާބުން ކުރިޔަށް ދާނަމެވެ.

ރަށުގެ މައި މަގުތަކުގެ ތެރެއިން މަގެއް އޮތްގޮތަށް ވުރެ މާ މޮޅު ގޮތަކަށް ހަދައި، މަގުގައި އިހު ނެތް ބާވަތްތަކުގެ މޮޅު އެތައް އެއްޗަކާއި ކަމެއް ހިމަނާނަމޭ އިސް މީހަކު ބުންޏެވެ. ހައެއްކަ މަސްދުވަހުގެ ތެރޭގައި މަގު ހަދައިފައި ދައްކާއިރު، އެންމެން އެކަމާ އާގަމަވެ، ބަސް ހުއްޓި، ތަލިން ކުޅުހިކި، ކަކުލުހުޅުން ދޫވާނޭ އެތައް އެތައް ކަމެއް މަގުން ފެންނާނެޔޭވެސް  އޭނާ ބުންޏޯލައެވެ. އެ މީހަކީ ކުރިން މިދެންނެވި ވާހަކައިގައި އުޅޭ ދަރަޒީ ކަލޭގެ ކަހަލަ މީހެއް ބާވައޭ، ނޫނީ އޭނާޔާ އެއް ގިންތީގެ މީހެއް ބާވައޭ ދަންނަވާކަށް އަޅުގަނޑަކަށް ހަމަ ނުކެރޭނެއެވެ.

ދަންނަވަން ކެރޭނެ ވަރަކީ މަގުގައި ހުންނާނޭ ކަމަށް ބުނި މަގުބައްތިތަކަކީ ޔޫރަޕުގައިވެސް ނުހުންނަހައި މޮޅު މަގުބައްތިތަކަކަށް ވާނޭކަމަށް އިޢުލާނުކުރެވުނު ވާހަކައެވެ. އިވުމުން މަޙްރޫމުވެފައިވާ މީހުންނާއި، ވާހަކަނުދެއްކޭ މީހުންނާއި، ލޮލުގެ ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށްވެސް އެހެން މީހެއްގެ އެހީޔަކާނުލައި އެމަގުގައި ހިނގާބިނގާވެ އުޅެވޭނޭކަމަށް އިޢުލާނުކުރެވުނު ވާހަކައެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް އެ މަގު މާ ފަސޭހަވެފައި އެމީހުން ދާން ބޭނުން ތާކަށް ހަމަ ބަސްބުނާހިނދުން ޓަސްލައިފައި ދެވޭނެޔޭ ކިޔައިގެން ދެކެވުނު ވާހަކައެވެ. އަދި އޭގެ އިތުރުންވެސް މަގުގައި ކަރަންޓާއި، ފެނާއި، ނަރުދަމާޔާއި، ފޯނާއި، ގޭހާއި، އިންޓަނެޓާއި، ކޭބަލާއި، ދެންވެސް އެކަހަލަ އެތައް ވަޞީލަތެއް، ފަހުން އިރުއިރުކޮޅާ ކޮނެނަގައިގެން އިޞްލާޙުކުރާން ނުޖެހޭ ގޮތަށް ޤާއިމުވާނެޔޭ ބުނެވުނު ކަމެވެ. އަދި މިއިން ކޮންމެ ޢާންމު ޚިދުމަތަކީ އެ ޚިދުމަތެއްގެ އެންމެ ސާފުޠާހިރުކަމާއެކު ބައިނަލް އަޤްވާމީ ފެންވަރުގައި ފޯރުކޮށްދެވޭނޭ ޚިދުމަތަކަށް ވާނެޔޭ ބުނެވުނު ވާހަކަވެސް މެއެވެ.

މަގުގެ މަސައްކަތް ފެށިގެން ކުރިޔަށް ދިޔައީ ވަރަށް ފޯރީގައެވެ. އެހެން ނަމަވެސް، މަސައްކަތް ފެށުނުތާ ހަފުތާއެއްހައި ދުވަސްވީއިރު، މަސައްކަތް ފެށިއިރު މަސައްކަތު ތާވަލެއް ނުވަތަ ރޭވުމެއްގެ ކަރުދާހެއްހައި ހިސާބުވެސް އެކުލަވައިލައިފައި އޮތިއްޔާ، އެ ތާވަލާއި ދެންވެސް އޮތް ކަރުދާހަކާ ގެއްލިއްޖެކަމަށް ފެންނާން ފަށައިފިއެވެ. ބައު މަގުގައި އަޅައިފައި ހުރި އެކި ޒާތުގެ ހޮޅިޔާއި ނަރާއި ކޭބަލުގެ ޗާޓު އެއީ އެއްވެސް މީހަކު ދުށް އެއްޗަކަށް ނުވާހެން ހީވާން ފަށައިފިއެވެ. ބުރަ މަސައްކަތް ކުރާން ކަރައިން ބޭރުން ގެނެސްފައި ތިބި ބިދޭސީންނަކީ މަސައްކަތު ދާއިރާއިން އަމުރުކުރާން ތިބި މީހުންގެ ކިޔަމަނުގައި ތިބޭ ބަޔަކަށް ނުވަމުން ގޮސް އެކަން ބޮއްސުންލައިފިހެން ހީވާން ފަށައިފިއެވެ. އެކަން އެހެން އެ ދިމާވީ، މަސައްކަތް ހިނގާނުހިނގާ ގޮތް އެންމެ ގާތުން ބަލާން ތިބި މީހުންނަކީ މުސާރަ ދީގެން ކޮންމެހެން ގެންގުޅެންޖެހޭ އެކްޓިވިސްޓުންނަށް ވާތީއެކޭ ދެންނެވޭކަށް އެކަމަކު ނެތެވެ. އެއީ މި ދަންނަވާ ކަރައިގައި ހިނގާކަމެއް ނޫނޯލައެވެ. އެހެން ވީމައެވެ.

މަގުގެ މަސައްކަތް ލަސްވަމުން ދިޔަވަރަކަށް މަގަށް ބޭނުންވާ ތަފާތު އެކި ބާވަތްތައް 'ވަގުތީ ދާއިމީ' ކޮށް ރައްކާކުރާ ގުދަނަކަށްވެސް މަގު ވެއްޖެއެވެ. ވާނީވެސް އެހެންނޫންތޯއޭ، އިހު ހުރި ވިޔުގަތައް ނަގައި، ފަހުން އަތުރައި ގަތާންޖެހޭ ވިޔުގަ އަތުރައި ގަތާން ވަކި ރޭވުމެއްގެ ދަށުން އެއް ކޮނުމުން ކޮނެވެން އޮތް މަގުން އެއް ދުވަހު ކޮނެގެން ނެގި ހޮޅީގެ ބައެއް ކޮނުނު ވަޅުގަނޑުގެ ގާތުގައި ބާއްވައި، ފަހުން އަޅަން ޖެހޭ ހޮޅީގެ ހަމަ އެ ދިގުމިން އެތަނަށް ލައި ފަސްއަޅައި ފޮރުވައިލަފާނެއެވެ. އަނެއްކާ އަނެއްދުވަހު މި އެނގެނީ، އެތަނަށް އަދި އެހެން ހޮޅިޔެއްވެސް ލާން ޖެހޭކަމެވެ. އެނގެނީ ބިދޭސީ މަސައްކަތްތެރިޔަކަށެވެ. ދެން އަނެއްކާ އެވީ ފަސްލީތަން ކޮންނާށެވެ. އެކަމަކު އެއީ، މިޒަމާނުގެ އައު ޓެކްނޯލޮޖީގައި ކަންކުރާންޖެހޭ ގޮތޭ، އަހަރުމެންނަށް ހަމަ ނޭނގެނީއޭ ހީކޮށްލައިގެން ހިންދިރުވައިލައިގެން ތައްބައްދައިގެން ތިބި މީހުންނަކީ މަސައްކަތާ ނުބެހޭ، މަސައްކަތް ކުރާން ތިބި މީހުންގެ ނަޒަރުގައި ނަމަވެސް، އަނދޮޅުންނެވެ. ގަބިޔާއިންނެވެ. ބޭރު މީހުންނެވެ. ކުރީން ދެންނެވި ވާހަކައިގައި ވާހެން، ރަސްގެފާނުންގެ ހެދުންކޮޅު ތިމަންމެނަށް ނުފެންނަނީ ކަމަށް އެކި ވަކި ސަބަބަށްޓަކައި ބަލާންޖެހޭ، އެކަމަކު ތަޞައްރުފު ފުދޭކަމަށް ކިޔައިގެން އުޅޭ މީހުންނެވެ.

ކޮންމެއަކަސް މިޒާތަކަށް ކުރަމުން ދިޔަ މަސައްކަތުގައި، މަގުމަތީގައި ގާތްގާތުގައްޔާއި ކައިރިކައިރީގައި ވަގުތީ ގުދަންކުރުމަކުން ގުދަންކުރެވެމުން ދިޔަ ހޮޅިތަކުގެ ތެރޭގައި ކޮނެގެން ނެގި ހޮޅިޔާއި ބަދަލުގައި އަލަށް އަޅަން ގެނައި ހޮޅިވެސް އެކުލެވެމުން، މަސްހުނިވަމުން، ހިމެނެމުން ދިޔައެވެ. ސާފު، ބޯންވެސް ކަމުދާކަމަށް ބުނާ ފެން ދޫކުރާން ބޭނުންކުރެވުނު ހޮޅިޔާއި ބޭނުންކުރާންހުރި ހޮޅި މިލްޖުލްވެ، ހިމެނެމުން ދިޔައެވެ. ނަރުދަމާއިން ނެގުނު ހޮޅިޔާއި އަލަށް އަޅާ ނަރުދަމާ ހޮޅިވެސް ދޯސްތީގެ ގެތުމެއްގައި ހިމެނެމުން ދިޔައެވެ. އަދި މިގޮތަށް ހެދެމުން ދިޔަ ފުނިފުނިވަރުގެ ތެރެއިން 'ގޯހެއް' ހިނގައިފާނެޔޭ ބުނަން ކެރޭ، ބޮޑެތިމީހުންގެ ތެރޭގައި ހިމެނޭ މީހަކު އެތަނާ ގާތްވިކަމެއް އަޅުގަނޑަކު ވާ ނުދެނަހުރީމެވެ.

ހަ މަސްދުވަހުގެ މަސައްކަތް ކުރެވެމުންދިޔަ ސައިންޓިފިކް ގޮތްތަކުގެ ސަބަބުން، އަދި މަސައްކަތް ބަލަހައްޓާ މީހުންނާއި ބިދޭސީ މަސައްކަތުމީހުން އެކީ ޖޯލިފަތީ ތިބެގެން މަޖާކޮށް އަޗާތަޅާފައި، ސިޔާސީ ވާހަކަވެސް އޮލަކޮށްލައިފައި، ރަނގަޅަށް ހަކުރު އަޅައިގެން ފޮނިކޮށް ކޮފީ ބޮއިލައި ހެދުމުގެ އުފާވެރިކަމާވެސް އެކު، މަސައްކަތް ކުރިޔަށް ދިޔައީ ރަނގަޅަށް ކަމަށް ބަލަމާތޯއެވެ! އަދި 'ވަގުތީ ގުދަނުގައި' މަގުމަތީގައި ހުންނަ ހޮޅިތަކަށް ވާރެޔާ ހިޔާވެލައި، ގައިހަދައިލައި، ޙައްމާމުކޮށްލަން ވަދެ އުޅުނު ބުޅާތައްވެސް އުޅުނީ ހަމަ އެބީދައިން އެހައި އުފާވެރިކަމުގައި ކަމަށް ބަލަމާތޯއެވެ! އަދި މިއިން ކަމެއް އެ ދުވަސްވަރު ބޮޑު މީހަކަށް ފެންނާނީ ކިހިނަކުންތޯއޭ، މަސައްކަތްކުރަން ފަހުން ނިންމީ ކުރިން ބުނި ހަ މަސްދުވަހަށް ވުރެވެސް އަވަހަށް މަސައްކަތް ނިންމަން ހިފައިގެން ރެޔާދުވާލު ހުއްޓައިނުލައި ވިއްޔާއެވެ. ހިސާބުގަނޑުގައި ދިރިއުޅެމުންދިޔަ މީހުންނަކީ ދުވާކު އަލިކަމާލައިގެން މަސައްކަތްކޮށްގެން އާމްދަނީ ހޯދައިގެން އުޅުނު މީހުން ކަމަށް ވާތީ، މަގުމަތީގައި ބޭނުންކުރެވެމުންދިޔަ މެޝިނުތަކުގެ އަޑުފަށްގަނޑާއި، ބިދޭސީންގެ އަޑުގަދަ ހަޅޭކާ ހެދި ރޭނިދިކޮޅު ގެއްލި ގަމާރުވެފައި ތިބެގެން ވަޒީފާޔަށް ގޮސްފައި އައިސް އެ މީހުން ގެޔަށް ވަދެއުޅެން ޖެހުނީ ވަޅަކަށް ނުވެއްޓިވޭތޯ ބަލައިގެން، ކޮންމެވެސް ޗަކަގަނޑެއްގައި ބަކަ ތަޅައިފައި، ހޮޅިފުންޏެއްގެ މަތީން ފުންމައިގެން ކަމަށް ވާތީ، އެމީހުންނަށް ހަމަ ގައިމުވެސް އެ ބުޅާތަކެއް އެއިރަކުވެސް އަދި ފަހުންވެސް ނުފެންނާނެއެވެ.

ކަން މިހެން އޮއްވައި، އެއްދުވަހަކު އެއްކަލަ ކަހަލަ މަޢުޞޫމު ކުޑަ ކުއްޖަކަށް އެއްރެޔަކު ނިދިފިޔައެއް ނުޖެހިގެން ބޮލުގައި ރިއްސާތީ އިސްކޯލަށް ނުގޮސް ހުރެފައި އޭނާގެ މަންމަޔާ ސުވާލުތަކެއް ކުރަން ފެށިއެވެ.

"މަންމާ، މިތާ މަގުމަތީގައި މަޑުފެހިކުލައިގައި މިހުންނަނީ ސާފު ބޯފެން ފޯރުކޮށްދޭން އަޅަން ގެނެސްފައި ހުރި ހޮޅި ދެއްތޯ؟" އޭނާ މަންމަ ގާތު އަހައިލިއެވެ.

"ލައްބަ، ދަރިފުޅާ! މަންމަޔަށް ހީވަނީ އެހެން!" މަންމަ ބުނެލިއެވެ.

"އެކަމަކު ބައްލަވަ މަންމާ! ގެނެސްފައި އެހުރި އާ ހޮޅިތަކުގެ ތެރޭގައި ބާއޮކަލޯ އެބައުޅެޔޭ! ދެން އެ ހޮޅި ގުޅީމައި އެއިން އަންނަ ފެން ބޯން ރަނގަޅުވާނެތޯ؟ އަނެއްކާ، ބާވެގެން ނަގައިފައި ހުރި ފާޚާނާ ހޮޅި ބުރިބުރިވެސް އެހެރީ އެތާނގަޔޭ. އެއް ބުޅާ އެހޮޅިޔަށް ވަދެފައި ހަމަ އެބުޅާ އާ ހޮޅިޔަކަށްވެސް ވަދެދާނެ ދެއްތޯ؟" ދަރިފުޅު އަހައިލިއެވެ.

"ދަރިފުޅާ، އެމީހުން މަސައްކަތް އެ ކުރަނީ އެންމެ މިހާރުގެ ސައިންޓިފިކް ބެލުންތައް ބަލައިގެންނޭ! އެކަން ބަލަން ފޮނުވައިފައި އިން މީހާ އޭނދީނު، ޖޯލިފަތީގައި ކޮފީ ތަށްޓަކާ ސިނގިރެޓަކާ ހިފައިގެން ފޯނާ ކުޅެން! އޭނާ ވަރަށް ރަނގަޅަށް ބަލާނޭ ހޮޅި ބޭނުންކުރުމުގެ ކުރިން!" މަންމަ ބުނެލިއެވެ. ހިތާހިތާ ކުޑަކޮށް ފަކުރުގެންފައި ހުއްޓަސް ކޮންމެވެސް ކަމަކާ ބިރުން، ނޫނީ އެބުނާ މަޞްލަޙަތަށްޓަކައި ނަމަވެސް، މަންމަ ބުނެލިއެވެ.

"އެކަމަކު، މަންމާ!" ދަރިފުޅު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އަޅުގަނޑު މިހިސާބުން އެ ދެމައިންނާ ވަކިވެލާނަމެވެ. އަދި ރަސްގެފާނުންގެ އައު ހެދުންކޮޅާއި، ދަރަޒީއާއި، ދެންވެސް އެހެން އެހުންނަ، މިޒަމާނުގެ މޮޅުމީހުން ބޭކާރުކަމަށް ކިޔާ އެކަހަލަ އެންމެހައި ވާހަކަޔެއް މާޒީޔަށް ދޫކޮށްލައިފައި، ފަށަމުން މިދެންނެވި ޤައުމާއި އެޤައުމުގައި ހިނގާ އެކަހަލަ ކަންކަންވެސް ގަޔާ ދުރަށް ލައިފައި އަޅުގަނޑުމެންގެ ރާއްޖެޔަށް ރުޖޫޢަވެލާނަމެވެ.

އަޅުގަނޑުމެންގެ ރާއްޖެޔަކު ރަސްގެފާނުންގެ އައުހެދުންކޮޅުގެ ކަމެއް ނުހިނގާނެއެވެ. އަޅުގަނޑުމެންގެ ރާއްޖެޔަކީ ވާހަކައިގައި އެކިޔާ ގޮތަށް އޮތް އެޒަމާނެއްގެ ރަސްކަމެއްވެސް ނޫންވިއްޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. I love this guy’s style of writing.
    . Want to see more of this.
    The sarcastic way of shallowing the bitter truth, is entertaining as well, it forces me to think more on every word you have written.
    Bravo brother.
    After a long long looooooooooonnnnngggg time, I read a dhivehi writing that didn’t bore me or have mistakes in punctuation and literature.
    You are a gem.
    Hope you keep writing.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.