...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިންސާނާ ހީވެސް ނުކުރާ ގޮތްގޮތަށް އޭނާއަށް ރިޒުގު ދެއްވަތެވެ.

ވަޒީފާއެއް ނެތި ހުރި މީހަކަށް، ބޮޑު މަސް ކާރުޚާނާއެއްގެ ހުސް ވަޒީފާއެއް އޮތްކަން ނޫހުން ފެނުނެވެ. އާދެ، އެ ކާރުޚާނާއަށް 'ފާޚާނާ ސާފުކުރާ މީހެއް' ބޭނުންވެގެން ކޮށްފައިވާ އިއުލާނެކެވެ.

ދެން އޭނާ އެ ވަޒީފާއަށް އެދި ސިޓީލިއެވެ. އަދި، އޭނާއާ އިންޓަވިޔު ކުރެވި، ވަޒީފާ ލިބުނެވެ. އަދި، އެ ކުންފުނީގެ މެނޭޖަރު އޭނާ ގާތު ބުންޏެވެ. "ކަލޭގެ އީމެއިލް އެޑުރެސް ދޭށެވެ! ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް ފޮނުވާލުމަށްޓަކައެވެ."

ދެން އޭނާ ބުންޏެވެ. "އަހަރެންގެ އަތުގައި އީމޭލް އެޑްރެހެއް ނެތެވެ. އަދި ކޮމްޕިޔުޓަރެއް ވެސް ނެތެވެ."

ދެން މެނޭޖަރު ބުންޏެވެ. "މި އަދުގެ ދުނިޔޭގައި، ކޮމްޕިޔުޓަރެއް، އީމޭލު އެޑްރެހެއް ނެތް މީހަކު މަސައްކަތްކުރާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ވެސް ހިތާމައާއެކު އަހަންނަށް ބުނަން މަޖުބޫރުވަނީ ކަލެއަށް ވަޒީފާ ލިބިފައިމެ، ކަލޭ އަތުން ވަޒީފާ ބީވެ ދިޔަ ވާހަކައެވެ. އީމޭލް އެޑުރެހެއް ނެތުމުގެ ސަބަބުންނެވެ. ދެން ފަހަރަކުން، ވަޒީފާއަކަށް ހުށަހެޅުމުގެ ކުރިން އީމޭލު އެޑުރެހެއް ހޯދައްޗެވެ."

ކޮންމެއަކަސް އަޅުގަނޑުމެންގެ ބޭކާރީ، ވަރަށް ދެރަވެ، އެ އޮފީހުން ނިކުމެގެން ދިޔައެވެ. އޭނާ ގޮސް އޭނަގެ ދަބަސް ބަލާލިއިރު އެ ދަބަހުގައި ވިއްސަކަށް ރުފިޔާ އޮތެވެ. ދެން، ހިތަށް އެރިއެވެ. ބާޒާރަށް ގޮސް، ކޮންމެ ވެސް އެއްޗެއް ގަނެގެން ރަށުތެރޭގައި ހިނގައި އެ އެއްޗެއް ވިއްކޭތޯ ބަލަންވީއެވެ.

ކޮންމެއަކަސް ބާޒާރަށް ގޮސް މޭވާކޮޅެއް ގަނެގެން ރަށުތެރޭ އެ މޭވާކޮޅު ވިއްކާލިއެވެ. އަދި، ފަސްވަރަކަށް ރުފިޔާ ފައިދާވިކަން އޭނާއަށް ފާހަގަކުރެވުނެވެ. ދެން މިގޮތުގެ މަތިން ގަނެ ވިއްކުމުގައި ދުވަސްތަކެއް ހޭދަކޮށްލިއެވެ.

އޭގެ އަހަރުތަކެއް ފަހެވެ. އަޅުގަނޑުމެންގެ ބޭކާރީއަކީ މިހާރު ބޮޑު ވިޔަފާރިވެރިއެވެ. މޭވާއާއި ތަރުކާރީ އެތެރެކޮށް، އެހެން ފިހާރަތަކަށް ބަހާ ހަދައި އުޅޭ މުއްސަނދި ބޮޑު ވިޔަފާރިވެރިއެކެވެ. ރަށުގައި މި ވިޔަފާރި އެންމެ ފުޅާ ގޮތެއްގައި ކުރާ ވިޔަފާރިވެރިޔާއެވެ.

ދުނިޔޭގެ އެތައް މިތަނުން ތަރުކާރީއާއި މޭވާ އެތެރެކުރަން ޖެހޭތީ މިހާރު އޭނާއަށް އެ އެއްޗެތި ތައުމީނުކުރަން ޖެހެއެވެ. އެހެންވެ، އެކަން ކުރުމަށްޓަކައި ރަށުގެ އެންމެ މަޝްހޫރު ތައުމީނު ކުންފުންޏަށް ދިޔައެވެ. އަދި، އެކަން ހަމަޖައްސައި ނިންމިއެވެ. ދެން، ތައުމީނު ކުންފުނީގެ މެނޭޖަރު ބުންޏެވެ. "ކަމާ ބެހޭ ހުރިހާ ލިޔުންތައް ފޮނުވާލުމަށްޓަކައި އީމޭލް އެޑްރެސް ދޭންވީ ނޫން ހެއްޔެވެ؟"

ޖަވާބުގައި އަޅުގަނޑުމެންގެ ބޭކާރީ، އާދެ، މިހާރުގެ ބޮޑު މަހުޖަނު ބުންޏެވެ. "އަދި އަހަރެންގެ އީމޭލު އެޑުރެހެއް ނެތެވެ!"

ތައުމީނު ކުންފުނީގެ މެނޭޖަރު ހައިރާންވެގެން ބުންޏެވެ. "އީމޭލު އެޑުރެހެއްނެތި، ތިހާ ކާމިޔާބު ވިޔަފާރިވެރިޔަކަށް ވެވުނު އިރު، އީމޭލު އެޑުރެހެއް އޮތް ނަމަ، ދެން ހާސިލުކުރެވޭ ކަންތައްތަކަކީ ކޮބައިބާވައޭ ހިތަށް އަރައެވެ!؟"

ވިސްނާލާފައި އަޅުގަނޑުމެންގެ ބޭކާރީ ބުންޏެވެ. "މީގެ ފަންސަވީސް އަހަރު ކުރިން އަހަރެންގެ އަތުގައި އީމޭލު އެޑުރެހެއް އޮތް ނަމަ، އަހަރެން އުޅެން ޖެހުނީހީ މަސް ކާރުޚާނާއެެއްގެ ފާޚާނާ ސާފުކުރާ މީހަކަށެވެ!"

އާދެ، ރިޒުގުގެ ދޮރު ބަންދެއް ނުވާނެއެވެ. އެއް ދޮރު ބަންދުވާއިރަށް އަނެއް ދޮރު ހުޅުވިދެއެވެ! އިންސާނާއަށް އޮތީ، ހުއްޓާނުލައި، އެފަދަ ދޮރުތަކުގައި ޓަކިޖަހައި މަސައްކަތްކުރުމެވެ. އޭރުން، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ، އޭނާ ހީވެސް ނުކުރާ ގޮތް ގޮތަށް އޭނާއަށް އެކަލާނގެ ރިޒުގުދެއްވާނެތެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.