Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ނަޖުމީގެ ގަލަމުން 2: "ކަލެއަށް މޯލްޑިވްސްގެ ޕްރެޒިޑެންޓުގެ ފޮޓޯގްރާފަރަކަށް ވެވިދާނެ"

އޭރު RAF Gan ގައި ހުރި އަހަރެންގެ ޓްރޭނަރ، ސްޓޭޝަން ފޮޓޯގްރާފަރު އަދިވެސް ދޭތެރެދޭތެރެއިން އަހަންނާ ޗެޓްކޮށް ހަދައެވެ. އިއްޔެ އޭނާ އަހަންނަށް ފޮނުވި ލިޔުމެއްގައި ވާގޮތުން، އޭނާއަށް އަހަރެންގެ ކިބައިން ޝައުގުވެރިކަން ފެނުނު ނަމަވެސް އަހަރެންނަށް އެއާރފޯސްގައި ޕްރޮފެޝަނަލް ފޮޓޯގްރަފާރެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ކަމާ މެދު އޭނާ އަށް ޝައްކުވިއެވެ. އެއީ އަހަރެންގެ އުމުރު ހަގުކަމާއި ފޮޓޯގްރަފީގެ ދާއިރާއިން މާބޮޑު ތަޖުރިބާއެއް ލިބިފައި ނުވާތީއާއި އަހަންނަށް "އެއްކަމަކަށް ކޮންސެންޓްރޭޓް ކޮށްގެން އެއް ރޫޓިންއެއްގައި ހިފަހައްޓައިގެން" ނޫޅެވޭތީއެވެ. އެހެންވެ ކިތަންމެ ފަހަރަކު އޭނާއަށް ސްޓްރެސްވާން ވެސް ޖެހުނެވެ. އެކަމަކު އަހަރެންގެ ކިބައިގައި ކަންކަން ނަގައިގަނެ ވިސްނައިގަތުމުގެ ކުޅަދާނަކަން ހުރި ކަމަށް އޭނާ ބުންޏެވެ.

މިހުރިހާ ގޮންޖެހުންތަކާ އެކުވެސް، އޭނާ އަހަންނާ މެދު ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ހެޔޮ ބަސްތަކެކެވެ. އޭނާ ސިފަކުރި ގޮތުގައި އަހަންނާއެއެކު ހޭދަކުރި ވަގުތުތަކަކީ ހިތްގައިމު ވަގުތުތަކެކެވެ. ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ ކިބައިން އެއްޗެހިތަކެއް ދަސްވި ކަމަށެވެ. އެހެންނަމަވެސް އަދިވެސް އަހަރެން ދަސްކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުއްޓަސް ޒުވާން ފޮޓޯގްރާފަރެއްގެ ކިބައިގައި ހުންނާނެ ސިފަތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

ފަހަތަށް އެނބުރި ބަލާއިރު، މިފަދަ ތަޖުރިބާކާރު އަދި ހުނަރުވެރި ފޮޓޯގްރާފަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން އަހަރެން ޝުކުރުވެރިވެ އުފާކުރީމެވެ. އޭރު އަހަރެންނަކީ އާދައިގެ ފުރާވަރުގެ ކުއްޖެއް ނަމަވެސް، އަހަރެންނަށް ދުވަހުން ދުވަހަށް ކުރިއެރުން ލިބެމުން ދިޔައެވެ. އަދި އެ ފޮޓޯގްރާފަރުންގެ އެހީގައި އަހަރެންގެ ހުނަރު ތަރައްގީކޮށް ފޮޓޯގްރަފީއަށް އަހަރެންގެ ކިބައިގައި ހުރި ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

ގަމުގައި މަސައްކަތްކުރި ދުވަސްވަރު ވަރަށް މުހިއްމު އިވެންޓްތަކުގެ ފޮޓޯ ނެގުމުގެ ގިނަ ފުރުސަތުތަކެއް އަހަންނަށް ލިބުނެވެ. އެންމެ މުހިންމު މުނާސަބާތަކަކީ ކޮމާންޑިން އޮފިސަރު އެހެނިހެން އޮފިސަރުންނަށް ދެއްވާ ކުރެޑެންޝަލްތައް ހަވާލުކުރަން ބާއްވާ މުނާސަބާތަކެވެ. އެކަންތައް ފުރިހަމައަށް ކުރެވިއްޖެ ނަމަ އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބެއެވެ. އެއީ އަހަރެން ކަހަލަ ކުއްޖަކަށް އެހާ މަދު ތަޖްރިބާއަކާއެކު ކުރަން ޖެހިލުންވި ކަމެއްވެސް މެއެވެ. އިނގިރޭސިވިލާތުގެ މަތީ ފަންތީގެ އޮފިޝަލުންނާއެކު މިފަދަ މުހިންމު މަގާމެއްގައި މަސައްކަތްކުރާ ހަމުގެ ކުލަ މުށި ޒުވާން ކުއްޖަކު ފެނުމަކީ ހަމަ ޔަގީނުންވެސް އާދަޔާ ހިލާފު މަންޒަރެކެވެ.

އަނެއް ފަހަރަކު ދިވެހިރާއްޖޭގެ ބޮޑުވަޒީރު އޮނަރަބަލް އަހުމަދު ޒަކީ ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ގަމަށް ވަޑައިގެންނެވި ފަހަރުވެސް ކޮމާންޑިންގ އޮފިސަރާއި އިސް އެހެން އޮފިސަރެއްތަކެއް މަރުހަބާ ދަންނަވަން ވަޑައިގެންނެވި އިރުވެސް އެފޮޓޯތައް ނަގަން ދިޔައީ އަހަންނެވެ. އޭރު ސްޓޭޝަންގައި ހުރި ހަމައެކަނި ފޮޓޯގްރާފަރަކީ އަހަންނެވެ. އެއީ އަހަރެން ވަރަށް ހާސްކުރުވި އިވެންޓެއް ނަމަވެސް، އެ އިވެންޓް ކެޕްޗާކޮށް، އެ ޒިޔާރަތުގެ ފޮޓޯތައް ނަގައި ފިލްމުތައް އަމިއްލަޔަށް ސާފުކޮށް ޕްރިންޓްކޮށް އެކި ފަރާތްތަކަށް ފޮނުވާލެވުމުގައި ކާމިޔާބު ހާސިލް ކުރެވުނެވެ.

މިކަހަލަ މަތީ ޕްރޮފައިލް އިވެންޓްތަކުގެ އިތުރުން، ހަނގުރާމައިގެ މަތިންދާބޯޓުތަކާ ގުޅިގެން ހިނގާ އެކިކަންކަމާއި، އެކްސިޑެންޓްތަކާއި ގެއްލުންތައް ފަދަ އިމާޖެންސީ ހާލަތްތަކުގެ ފޮޓޯ ނެގުމަށް ވެސް އަހަންނަށް އަންގައެވެ. އެއީ ގޮންޖެހުން ބޮޑު އަދި ޑިމާންޑް ބޮޑު ވަޒީފާއެއް ނަމަވެސް އަހަރެން އަބަދުވެސް ހުރީ އެ މަސައްކަތަށް ތައްޔާރަށެވެ.

ގަމުގައި އުޅުނު ދުވަސްވަރު، އެތަނަށް އަހަރަކު އެއްފަހަރު ތަފާތު ފޮޓޮގްރާފަރުން އައިސް ބަދަލުވަމުން ދެއެވެ. އެއީވެސް އިނގިރޭސިވިލާތުގެ ޒުވާން ރޯޔަލް އެއާފޯރސްގެ ފޮޓޯގްރާފަރުންނެވެ. މިގޮތުން ތަފާތު ހަތަރުވަރަކަށް ފޮޓޯގްރާފަރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަހަންނަށް ލިބުނެވެ. އެއްދުވަހަކު އޭގެ ތެރެއިން ފޮޓޯގްރާފަރަކު ސަމާސާއަކަށް، "ކަލެއަށް މޯލްޑިވްސްގެ ޕްރެޒިޑެންޓުގެ ފޮޓޯގްރާފަރަކަށް ވެވިދާނެ" ކަމަށް ބުނެ "ޖެއްސުން" ކުރިއެވެ. އޭރަކު އެވާހަކަ ހަގީގަތަކަށް ވެދާނެ ކަމަކަށް ކުޑަކޮށްވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އެހެން ނަމަވެސް ތަޤްދީރު ރޭވިގެން އައީ ވަރަށް ވެސް ހައިރާންވާ ފަދަ ގޮތަކަށެވެ.

(ނުނިމޭ)