Support Us

މި އަހަރުގެ ރަމަޟާން މަސް ފެށުން… ކޮން އިރަކު؟

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ މާރިޗު މަހުގެ 23 ވާ ބުރާސްފަތި ދުވަހުގައެވެ. ރަމަޟާން މަހަށް ހަނދުބެލުން އޮންނާނީ ޝަޢުބާން މަހުގެ 29 ވާ އަންގާރަ ދުވަހުގެ އިރުއޮއްސުމުންނެވެ. އެއީ ބުދަވިލޭރެއެވެ.

ހަނދުބެލުން

ފަލަކީ ހިސާބުތައް ދައްކާ ގޮތުގައި އަންގާރަ ދުވަހު އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެއެވެ. ޢަރަބި ދުނިޔޭގެ އެއްވެސް ޤައުމަކަށް އަދި ދިވެހިރާއްޖެއަށް ބުދަވިލޭރޭ ހަނދު ފެނުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން މެދުއިރުމަތީގެ ޤައުމުތަކަށާއި ދިވެހިރާއްޖެއަށް ބުދަދުވަސް ވާނީ ޝަޢުބާން މަހުގެ 30ވަނަ ދުވަހަށެވެ.

މިޞްރުގެ ފަލަކީ ދިރާސާތަކާ ބެހޭ ޤައުމީ މައުހަދު ބުނާގޮތުގައި މިޞަރަށްވެސް އަދި އެއްވެސް ޢަރަބި ޤައުމަކަށް ބުދަވިލޭރޭ ހަނދު ނުފެންނާނެތީ ބުދަ ދުވަސް ވާނީ ޝަޢުބާން މަހުގެ 30ވަނަ ދުވަހަށެވެ. އެހެންކަމުން މުލަރޯދަ ދުވަހަށް ވާނީ ބުރާސްފަތި ދުވަހެވެ. ރަމަޟާން މަހުގެ ހަނދު އިޤްތިރާން ވާނީ ބުދަވިލޭރޭ މިޞްރު ގަޑިން 7:24 ގައެވެ. އެއީ ހަނދުބަލާ ރެއެވެ.

ސައެންސާއި ފަންނިއްޔަތު ކުރިއެރުމުގެ ސަބަބުން ހަނދު ސާބިތުކުރުމުގައި ފަލަކީ ހިސާބުގެ މައްޗަށް ބުރަވުމަށް އިސްލާމީ ފިޤްހު ވިދާރާތަކުން ވަނީ ގޮވައިލައި ނިންމައިފައެވެ. އެހެނަސް މިއަދުވެސް މުސްލިމުން ރޯދަ ހިފަން ފަށަނީ ފަތުވާ މަޖިލިސްތަކުންނާއި އިސްލާމީ ޤައުމުތަކުގެ ރަސްމީ އިދާރާތަކުން ހަނދާ ބެހޭގޮތުން ނިންމާ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ރަސްމީ ފަރާތްތަކުގެ ނިންމުންތަކަކީ މުސްލިމުން އެކަމަށް ބަލައި ނިންމުންތަކެކެވެ.

ސުޢޫދީ ޢަރަބިއްޔާގައި ހަނދުބެލުން

މުސްލިމުންގެ ޤިބްލަކަމުގައިވާ ގެފުޅު ސުޢޫދީ ޢަރަބިއްޔާގެ މައްކާގައި ހުންނާތީއާއި ކީރިތި ރަސޫލާގެ މަދީނާގައި އަލްމަސްޖިދުއްނަބަވީ ހުންނާތީ ރަމަޟާން މަސް ފެށުމާއި ޝައްވާލު މަސް ފެށުމުގައްޔާއި ޢަރަފާތު ދުވަސް ކަނޑައެޅުމުގައި ސުޢޫދީ ޢަރަބިއްޔާއަކީ މުހިއްމު ބަހާއެކެވެ. ހުޅަނގުގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުން ރަމަޟާން މަސް ކަނޑައެޅުމުގައި ސުޢޫދީ ޢަރަބިއްޔާއަށް ބުރަވާތަން ފެނެއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ބުނާގޮތުގައި އެ ޤައުމުގައި ރަމަޟާން މަހުގެ ހަނދުބެލުމުގެ ރަސްމިއްޔާތު ބުދަވިލޭރޭ އޮންނާނެއެވެ. ސުޢޫދީ ޝަރްޢީ ހައި ކޯޓުން ހަނދު ސާބިތު ކުރުމަށް ޓަކައި ހެކިވެރީންގެ ހެކިބަހުގެ އިތުރަށް އެންމެ ޒަމާނީ ފަލަކީ ވަސީލަތްތަކާއި އޮބްޒަރވޭޓަރީތައް މިއަދު ބޭނުންކުރެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ކަލަންޑަރު ބުނާގޮތުގައި މި އަހަރުގެ މުލަ ރޯދަ ދުވަހަށް ވާނީ ބުރާސްފަތި ދުވަހެވެ.

މި އަހަރުގެ ރަމަޟާން މަހުގައި ކިތައް ދުވަސް

ފަލަކީ ޙިސާބުތައް ކަށަވަރުކޮށްދޭ ގޮތުގައި އަދި ރާއްޖޭގެ ކަލަންޑަރު ބުނާގޮތުގައި މި އަހަރުގެ ރަމަޟާން މަހުގައި އޮންނާނީ 29 ދުވަހެވެ. އެހެންކަމުން ފިޠުރު ޢީދު ދުވަހަށް ވާނީ އެޕްރީލް މަހުގެ 21 ވާ ހުކުރު ދުވަހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *