Support Us

ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް ތިލަފުށީ ފޭސް ދޭއްގެ ބިން ހިއްކަން ފަށައިފި

ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށް، ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކަން ފަށައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާކޮށްވިފައިވާ މި ޕްރޮޖެކްޓުގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ވެލިން، ބޭރު ތޮއްޓެއް ހެދުމުގެ މަސަކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު މި ވަނީ ކުރިމަތިވެފައެވެ. މިގޮތުން މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިންގުމަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއަރހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް ވަނީ މިހާރު އާއްމުވެފައެވެ. އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު މިކަމަށް ހާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާ އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްޤީ ކުރުން މިވަނީ ނުހަނު މުހިއްމު ކަމަކަށްވެފައެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައިވެއެވެ.

"މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާ ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެކެވެ."