މިއަދަކީ އަންހެނުންގެ ޢާލަމީ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް އދ ން ނިންމީ 1975 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމަށް އދން ކަނޑައެޅީ އަންހެނުން ތަފާތު މައިދާންތަކުގައި ޙާޞިލުކުރަމުންގެންދާ އަރުތަތަކުގެ އަގު ވަޒަންކުރުމަށާއި އެމީހުންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމަށް ޓަކައެވެ.
އަންހެނުންގެ ދުވަސް ފުރަތަފަހަރަށް ފާހަގަކުރެވުނީ ނިވްޔޯރކުގައި 28 ފެބްރުވަރީ 1909 ގައެވެ. އެ ދުވަހަށް އަންހެނުންގެ ޤައުމީ ދުވަހުގެ ނަން ދެވިފައި ވެއެވެ. މި ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް އިންތިޒާމުކޮށް ހިންގައިފައި ވަނީ އެމެރިކާގެ ސޯޝަލިސްޓް ޕާޓިންނެވެ.
އޮގަސްޓް 1910 ގައި ކޮޕަންހޭގަންގައި އަންހެނުންނާ ބެހޭ ބައިނަލްއަޤްވާމީ އިޝްތިރާކީ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ކޮންމެ އަހަރު ވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެއްބަސްވިއެވެ. އެހެނަސް މި ދުވަސް ބާއްވާނެ ވަކި ދުވަހެއް ކަނޑައެއް ނާޅައެވެ. ޖުމްލަ 17 ޤައުމެއް ތަމްސީލުކުރި 100 ބައިވެރިން މި ދުވަސް ފާހަގަކުރަން ނިންމީ ޙައްޤުތަކުގައި މިންތީގެ ތަފާތުކަން ނައްތައިލުމަށް ޓަކައެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ވޯޓުލުމުގެ ޙައްޤުތަކުގެ ވާހަކައެވެ.
ފެބްރުވަރީ 23، 1917ގައި ރޫސީވިލާތުގެ ސޭން ޕެޓްރިސްބަރގްގައި (ޕާނާއި ޞުލްޙަ) އަށް ގޮވައިލަމުން ކާރުޚާނާތަކުގައި މަސައްކަތްކުރާ އަންހެނުން ބޮޑު މުޒާހަރާއެއް ބޭއްވިއެވެ. ރަޝިޔާގައި އޮތް ޒާރުގެ ވެރިކަން ނިމުމުގެ ފެށުމަކަށް ވީ މި މުޒާހަރާއެވެ.
ރަޝިޔާގެ އިންޤިލާބީ ޒަޢީމެއްކަމުގައިވާ ޓޮލްސްޓްވީ ވިދާޅުވިއެވެ. "ފެބްރުވަރީ 23ގައި އަންހެނުންގެ ޢާލަމީ ދުވަސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެނަސް "އަންހެނުންގެ ދުވަހު"ގައި އިންޤިލާބުގެ ހުޅުގަނޑު ރޯވެގެންދާނެ ކަމަކަށް އަހުރެން އުންމީދެއް ނުކުރަމެވެ."
ސޮވިއެޓް ޔުނިއަންގެ ބާނީ ވްލެޑްމީރު ލެނިން އަންހެނުންގެ ޢާލަމީ ދުވަސް ރަސްމީ ބަންދުދުވަހެއް ކަމުގައި ހަމަޖެއްސެވީ މިހެންވެގެންނެވެ. ކޮމްޔުނިސްޓް ދައުލަތް ޤާއިމުކުރުމުގައި އަންހެނުން އަދާކުރި މުހިންމު ދައުރުގެ އަގުވަޒަންކުރުމަށް ޓަކައެވެ. ވަޠަނީ ހަނގުރާމައިގައި އަންހެނުން އަދާކުރި ދައުރާއި ދެއްކި ހިތްވަރުގެ ޒިކުރާ ދެމެހެއްޓުމަށް ޓަކައެވެ.
މިއަދު ޔުނެސްކޯ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން އަންހެނުން ތަރައްޤީކުރުމަށާއި އަންހެނުންނަށް ޙައްޤުތައް ޖާމިނުކޮށް ދިނުމަށާއި އެއްވެސް ބާވަތެއްގެ ޙައްޤެއްގައި ތަފާތު ކުރުމުގެ އެއްވެސް މިންގަނޑެއް ނުގެންގުޅުމަށް ވަނީ ގޮވައިލައިފައެވެ. އެ ހިސާބުން ފެށިގެން އދ ން ދަނީ އަންހެނުންގެ ތަރައްޤީއާއި ހަމަހަމަކަމާއި މިންތީގެ އިންސާފު ޤާއިމުކޮށް ދެމެހެއްޓުމަށް ޓަކައި އިސްތިރާތީޖީތަކާއި މީޔާރުތަކާއި ލަނޑުދަނޑިތައް ކަނޑައަޅަމުންނެވެ. ފިރިހެނުންނށއި އަންހެނުންގެ ހަމަހަމަކަން ވަނީ ކަށަވަރުކޮށްދީފައެވެ. މިންތީގެ ސަބަބުން އެއްވެސް ތަފާތެއް ނުކުރުމަށް ވަނީ ގޮވައިލައިފައެވެ.
ކުލަ
ޢާލަމީ އަންހެންގެ ދުވަހުގެ ކުލައަކީ ވައިލެޓް ކުލައެވެ. ނުވަތަ ބިލިމަގު މަލުގެ ކުލައެވެ. މީގެއިތުރަށް މި ދުވަސް ފާހަކުރުމުގައި ތިން ކުލައެއް ބޭނުންކުރެވެއެވެ. އެއީ ވައިލެޓް ކުލައާއި ފެހިކުލައާއި ހުދު ކުލައެވެ. މި ތިން ކުލަ އެއްކޮށްގެން އުފެއްދޭ ކުލަ އިނގިރޭސިވިލާތުގެ އަންހެނުންނާ ބެހޭ ސިޔާސީ އަދި އިޖްތިމާޢީ އިއްތިޙާދުން 1908 ގައި އަންހެނުންގެ ދުވަހުގެ ކުލައަކަށް ހެދީ އަންހެނުންނާ ފިރިހެނުން ހަމަހަމަވެގެންވާ ކަން ރަމްޒުކޮށް ދިނުމަށެވެ. ވައިލެޓް ކުލަ ރަމްޒުކޮށްދެނީ ޢަދްލުވެރިކަމަށާއި ކަރާމަތްތެރިކަމަށެވެ. ފެހިކުލަ ރަމްޒުކޮށްދެނީ އުންމީދަށެވެ. ހުދުކުލަ ރަމްޒުކޮށްދެނީ ސާފުކަމަށާއި ޠާހިރުކަމަށެވެ.
އިސްލާންދީން އަންހެނާއަށް ހުރިހާ ޙައްޤުތަކެއް ދީފައިވޭ
ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ޤައުމު ބިނާކުރުމާއި ޤައުމު ތަރައްޤީކުރުމުގެ ތަފާތު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. މިއީ އިސްލާމްދީން އެކަމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ! މިއީ އެ ދީން އެކަމަށް މަރްޙަބާ ވެސް ކިޔާ ކަމެކެވެ. ޢާންމު ޙަޔާތުގެ ތަފާތު މައިދާންތަކުގައި އަންހެނާ އޭނާގެ އަޚު ފިރިހެނާއާއެކު ބައިވެރިވުމަކީ ދީން އެކަމަށް ތަރްޙީބުދޭ ކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ "وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ- މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮ ކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ނުބައި ކަންތައް ނަހީކުރެތެވެ.] ކީރިތި ރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ " إِنَّمَا النِّسَاءُ شَقَائِقُ الرِّجَالِ- ހަމަކަށަވަރުން އަންހެނުންނަކީ ފިރިހެނުންގެ އެއްބަނޑު އެއްބަފާ ބަޔެކެވެ." އަންހެނުންނާއި ފިރިހެނުންނަކީ އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔެއްކަން ކީރިތި ޤުރްއާނުން އެނގެއެވެ. މާތްﷲ ވަޙީކުރައްވަނީ "فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ بَعْضُكُم مِّن بَعْضٍ- ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، ޢަމަލު ކުރާ މީހެއްގެ ޢަމަލު، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ." މި އާޔަތުން އެނގޭގޮތުގައި އަންހެނަކު އުފެދެނީ ފިރިހެނަކުންނެވެ. އަދި ފިރިހެނަކު އުފެދެނީ އަންހެނަކުންނެވެ. އެއިން ކޮންމެ މީހަކު އަނެއްމީހާ ފުރިހަމަ ކޮށްދެއެވެ. އެއިން އެއްވެސް މީހަކަށް އަނެކާއާ ނުލައި ފުދުންތެރިއެއް ނުވެވޭނެއެވެ. ދުނިޔޭގެ ބައެއް ފަލްސަފާތަކާއި ދީންތައް ބުނާ ފަދައިން އެދެމީހުންގެ ދެމެދުގައި ޢަދާވަތްތެރިކަމެއް ދެކޮޅުވެރިކަމެއް ނެތެވެ.
ކީރިތި ރަސޫލާގެ ރިސާލަތުގައި އަންހެނުންނަށް ބަލައިލާއިރު އަންހެންމީހާ ފުރަތަމަ ދުވަހުވެސް ފިރިހެންމީހާއާއެކު ތެދުވެފައި ވެއެވެ. މުޙައްމަދުގެފާނުގެ ރިސާލަތަށް ތާއީދުކުރި އެންމެ ފުރަތަމަ އަޑަކީ ފިރިހެނެއްގެ އަޑެއް ނޫނެވެ. އެކަމަކު އަންހެނެއްގެ އަޑެވެ. އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނުގެ އަޑުފުޅެވެ. އިސްލާމްދީނަށްޓަކައި އޮހޮރިގެންދިޔަ އެންމެ ފުރަތަމަ ލެއަކީ ފިރިހެނެއްގެ ލެއެއް ނޫނެވެ. އިސްލާމްދީނަށްޓަކައި ޝަހީދުވި އެންމެ ފުރަތަމަ މީހަކީ ފިރިހެނެއް ނޫނެވެ. އެކަމަކު އަންހެނެކެވެ. ޢައްމާރު ބްނު ޔާސިރުގެ މަންމާފުޅު ސުމައްޔާއެވެ.
އިސްލާމީ ތާރީޚު ފެށުނު ދުވަހުން ފަށައިގެން އަންހެނުން އެކަނބަލުންގެ ދައުރު އަދާކުރަން ފަށައިފިއެވެ. އިސްލާމީ ދަޢުވަތަށް ނަޞްރު ދިނުމުގައްޔާއި އިސްލާމީ ޙަޟާރަތު ބިނާކުރުމުގައި މުސްލިމު އަންހެނުން މުސްލިމު ފިރިހެނުންނާއެކު ބައިވެރިވެފައިވެއެވެ. އަންހެނުން އެކަނބަލުންގެ ފިރިންނާއެކު ޙަބަޝާއަށް ހިޖްރަކުރިއެވެ.
ކީރިތި ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވުމުގެ ކުރިން އެކަލޭގެފާނަށް ބައިޢަތު ހިފި މީހުންގެ ތެރޭގައި މަދީނާގެ އަންހެނުން ވެސް ހިމެނެއެވެ. ހިޖްރައަށް ފަހު އިސްލާމްދީނަށްޓަކައި ކުރެވުނު ހަނގުރާމަތަކުގައި ރަސޫލުﷲގެފާނުގެ އަރިހުގައި އަންހެނުން ހަނގުރާމަ ކޮށްފައިވެއެވެ. ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނާއި ޞަޙާބިއްޔާތުންގެ ތެރެއިން ހަނގުރާމަތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަނބަލުންގެ ވާހަކަ ބުޚާރީގައި ވަކި ބާބެއްގައި އައިސްފައި ވެއެވެ. ނުސައިބާ ބިންތު ކަޢުބަކީ ހަނގުރާމައިގެ މައިދާނުގައި މަޝްހޫރު ޞަޙާބިއްޔާއެކެވެ.
ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި އަންހެނުންނާ ބެހޭގޮތުން ވަޙީގެ ބަސްފުޅު އައިސްފައިވެއެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތަކަށް އަންހެން ބޭކަނބަލުންގެ ނަމުން ނަންދެވިފައިވެއެވެ. މިސާލަކަށް މަރްޔަމު ސޫރަތާއި މުޖާދަލާ ސޫރަތާއި މުމްތަޙިނާ ސޫރަތް ނެގިދާނެއެވެ. އަދި އަންހެނުން (النساء) މިނަންކިޔާ ސޫރަތެއް ކީރިތި ޤުރްއާނުގައި ވެއެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ عليه الصلاة والسلام އަކީ ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް ލިބިގެންވާ އެންމެ ރަގަނޅު ނަމޫނާއެވެ. އެކަލޭގެފާނަކީ އެންމެ ރަނގަޅު ނަމޫނާ ބައްޕައެވެ. އެންމެ ރަނގަޅު ނަމޫނާ ފިރިމީހާއެވެ. އެންމެ ރަނގަޅު ނަމޫނާ ރަޙްމަތްތެރިއާއެވެ. އެންމެރަނގަޅު ނަމޫނާ އަވަށްޓެރިއާއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "اللَّهُمَّ إِنِّي أُحَرِّجُ حَقَّ الضَّعِيفَيْنِ الْيَتِيمِ وَالْمَرْأَةِ- ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން ދެ ނިކަމެތިން ކަމުގައިވާ ޔަތީމުންނާއި އަންހެނުންގެ ޙައްޤުތައް އަދާކުރުމުގައި ތިމަންކަލޭގެފާނު ބުރައެއް ނުކުރައްވަމުއެވެ." މި ބަސްފުޅުގައި އަންހެނުންގެ ޙައްޤުތައް އަދާކުރުމަށް ބާރުއަޅުއްވާފައިވާ މިންވަރު ކިހާ ބޮޑުތޯއެވެ؟ އީމާންކަމާ އަންހެނުންނަށް އަޅައިލުމާ ދެމެދުގައިވާ ގުޅުން ހާމަކޮށްދެއްވަމުން ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނީ "أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لأَهْلِهِ -މުއުމިނުންގެ ތެރެއިން އީމާންކަމުގައި އެންމެ ފުރިހަމަ މުއުމިނަކީ، ޚުލްޤު ހެޔޮކަމުގައި އެންމެ ރަނގަޅު މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އޭނާގެ އަނބިމީހާއަށް އެންމެ ހެޔޮމީހާއެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެންމެ ފަހު ވަޞިއްޔަތްތަކުގެ ތެރޭގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވުން ވެއެވެ. ޚުޠުބަތުލް ވަދާޢުގައި އިންސާނީ ޙައްޤުތަކާ ބެހޭ އިސްލާމީ ޗާޓަރު އިޢުލާންކުރައްވަމުން ޙަދީޘް ކުރައްވަނީ "فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ- ފަހެ ތިޔަބައިމީހުން އަންހެނުންނާ މެދު ﷲއަށް ތަޤްވާވެރިވާށެވެ.ފަހެ ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައި ވަނީ ﷲގެ އަމާނަތެއްގެ ގޮތުގައެވެ." އަމާނަތަކީ ރައްކައުތެރިވާން ޖެހޭނެ އެއްޗެކެވެ. އެންމެ ބޮޑަށް ރައްކައުތެރިވާން ޖެހޭނީ ﷲގެ އަމާނަތަށެވެ. އޭރުން މާތްﷲ އަޅުގަނޑުމެންގެ އަމާނަތްތައް ރައްކައުތެރިކޮށް ދެއްވާނެއެވެ.
މާތް ﷲ ވަޙީ ކުރައްވަނީ "وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً- ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." އަންހެނުންނަށް ގޯނާކޮށްގެން މި ހިތްހަމަޖެހުން ލިބޭނެތޯއެވެ. އަންހެނުންނަށް އަޅައި ނުލައި މި ލޯތްބާއި އޯގާވެރިކަން ލިބޭނެތޯއެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަންހެންކުއްޖާ އޭނާގެ އަހްލުންނަށް ފަޚްރެއްކަމުގައި، އޭނާގެ ޤައުމަށް ކަންޒެއް ކަމުގައި ވާނީ އޭނާގެ ދީނަށާއި އޭނާގެ އަޚްލާޤަށާއި އޭނާގެ ގިޔަމުތަކަށް ރައްކައުތެރިވެވިގެންނެވެ. އެ ކަންތައްތައް ރައްކައުތެރިކޮށްދެވިގެންނެވެ. މިއީ މިއަދުގެ އެންމެހާ މުސްލިމުންގެ ވާޖިބެކެވެ. އެންމެހާ މުސްލިމުންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އަންހެނުނގެ ދުވަހުގައި ކސށަވެތިވާން ޖެހޭ ކަމެކެވެ.
އިސްލާމްދީން ވަނީ ޖާހިލިއްޔަތުގެ އެންމެހާ ކަންތައްތައް ވަޅުލައިފައެވެ. އަންހެނާގެ ތާރީޚުގެ ކަޅު ޞަފްޙާތައް ނައްތާލައި، އަލުން އޭނާ ދުނިޔެއަށް އުފަންކުރުވައިފައެވެ. އޭނާ އުފަންކުރުވާފައިވަނީ ޠާހިރު މަޚްލޫޤެއްގެ ގޮތުގައެވެ. އޭނާގެ އިންސާނިއްޔަތާއި ކަރާމަތް ރައްކައުތެއރިކޮށްދީފައެވެ.
އިސްލާމްދީނުގައި އަންހެނާއަކީ އަގުހުރި ޖަވާހިރެކެވެ. އެއީ ރައްކައުތެރިކަންލިބިފައިވާ ރަން މުތީއެކެވެ. އެއީ ލޮބުވެތި ޢިއްޒަތްތެރި މަޚްލޫޤެކެވެ. އެކަނބަލުންނަކީ ބަޠަލުންތައް އުފައްދާ ކާރުޚާނާތަކެވެ. ފަހުލަވާނުންނާއި ޢިލްމުވެރިން ދަސްވެނިކުރުވާ މަދްރަސާތަކެވެ. އެއީ ތަޤްވާވެރިންގެ މައިންނެވެ. ޙަކީމުންގެ މުރައްބީންނެވެ. ކޮންމެ މޮޅުމީހެއްގެ ފަހަތުގައި އެއަށް ވުރެ މޮޅު އަންހެނަކުވެއެވެ. އަންހެނަކާ ނުލައި ދުނިޔެއިން ރާޙަތެއް ވެސް ނުމެ ލިބޭނެމެއެވެ.




advertisment