Support Us

ކޮލަމް: ލަގަން

ކޮލަމް ލަގަން: މާއެނބޫދޫގައިވާ ނާއިބު ތުއްތުގެ މަޒާރަށް އަވަސްކަޅިއެއް…

ދ. މާއެނބޫދޫ މީހުން އިހުއްސުރެ "ތުއްތު ބިސްތާނަ" އޭ ކިޔާ ތަން މިހާރު ހުރީ ވަށައިގެން ޒަމާނީގޮތަށް ފާރުލައި ފަރުމާނެރެ، ދޮރުކަނޑައި މަޒާރަކަށް ހަދައިފައެވެ. މާއެނބޫދޫއާއި މުޅި ދިވެހިޤައުމު ފަޚުރުވެރިވާ ޢިލްމުވެރި ޚިދުމަތްތެރި ބޭފުޅަކަށް ނިސްބަތްވާ މުހިންމު ތަރިކައެއްކަން ދޭހަވާގޮތަށެވެ. ނާއިބުތުއްތު މަޒާރުގެ ތެރެއަށް ނަޒަރު ހިންގައިލާއިރު އެތަނުގައި ހަތަރު ބޭފުޅެއްގެ މަހާނަ އެބަވެއެވެ. ތިން ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެއްގެ މަހާނައެވެ. އެތަނުން އެއް މަހާނައަކީ ހައިބަތު ބޮޑުކޮށް ވަށައިގެން ހިރިގަލުން ބިސްތާނައަޅައި ބޮޑު ދެކީލަ ހުންނަ މަހާނައެކެވެ. މި މަހާނައަށް ބަލައިލާފައި އެއީ ނާއިބުތުއްތުގެ މަހާނަކަމަށް ގިނަ ބޭފުޅުންނަށް ހީފުޅުކުރެއްވޭ ގޮތްވެއެވެ. ސަބަބަކީ ނައިބުތުއްތުއަށް ނިސްބަތްވާ މަޒާރުގައި އެންމެ ބޮޑުކޮށް ހުރީ އެމަހާނަކަމަށް ވާތީ ކަމަށްވެދާނެއެވެ. ކޮންމެއަކަސް އެމަހާނައަކީ ألشيخ المرحوم محمّد جمال الدين بن الناءب عيسى الملكىّ ނާއިބުތުއްތުގެ މަހާނަކަމަށް ގިނަ ބޭފުޅުންނަށް ހީފުޅުކުރެއްވޭ ކަމަށް އެނގިފައިވެއެވެ. ކަން އޮތްގޮތް ބަލައިލަމާތޯއެވެ؟

އަލްޤާޟީ އިބްރާހިމް ސިރާޖުއްދީންގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުމަނިކުފާނު ކަމަކާ ނުރުއްސަވައިގެން ފަނޑިޔާރުކަން ދޫކޮށްލައްވައިގެން ހުންނެވި 10 އަހަރު ދުވަހުގައި ފަނޑިޔާރަކަށް ހުންނެވީ ފަނޑިޔާރު މަނިކުފާނާ އެއްބަފާ އައްނާއިބު އަޙުމަދު ބިން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނެވެ. އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ފަނޑިޔާރުމަނިކުފާނުންގެ ދަރިކަލުން އަޙުމަދު ބަންޑާރަނާއިބު މަނިކުފާނު މަޝްހޫރުވެފައިވަނީ ދަނބުގަސްދޮށުގޭ އަޙުމަދުދީދީގެ ގޮތުގައެވެ. ދިވެހި ތާރީޚުގައި ބަޔާންވެގެންވާ ގޮތުން ދަނބުގަސްދޮށުގޭ އަޙުމަދުދީދީ އަކީ ރާއްޖެބަލީގެ އާލާސްކަންފުޅު ޖެހިވަޑައިގެން ނުހިންގެވޭ ބޭފުޅެކެވެ. އަވާހަރަވީ ހިޖުރައިން 1281 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 28 ވަނަ ދުވަހު މާއެނބޫދޫގައެވެ. މީލާދީ ގޮތުން ބަލާނަމަ އެއީ 1864 ވަނަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހެވެ. ނާއިބުތުއްތު މަޒާރުގެ ގޮތުގައި ވަށައިފާރު ރާނައި ހަދާފައިވާ ތަނުގެ އެތެރޭގައިވާ ހިރިގަލު ބިސްތާނައިގައި އޮންނަވާ ބޭފުޅަކީ މިއީއެވެ. އެމަނިކުފާނަކީ ހައްދުންމަތީ ގަމު އަލްފަޤީހު މަޙުމޫދުގެ އަލްޤާޟީ ޙަސަންތާޖުއްދީންގެ އަލްޚަޠީބު އަޙުމަދު މުޙްޔުއްދީންގެ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީންގެ އަލްޤާޟީ އަޙުމަދު ދީދީ ބަންޑާރަނާއިބު މަނިކުފާނެވެ. (މިމަނިކުފާނުގެ މަންމާފުޅަކީ ކޮބައިކަމެއް ހޯދިފައިނުވެއެވެ. މާއެނބޫދޫއާ އޮތް ގުޅުމަކީ އެއީ ކަމަށްވުންވެސް އެކަށީގެންވެއެވެ. އިތުރު ދިރާސާއަކުން އެއަށް އަލިކަމެއް ފޯރާނޭކަމަށް ދެކެމެވެ.)

ނާއިބުތުއްތުގެ ދާދި ޅަފުރައިގައި ނާއިބުތުއްތުގެ ބައްޕަ މުލަކު އެޅަތޮށިގޭ މުޙައްމަދު ތަކުރުފާނުންގެ ޢީސާ ނާއިބުތަކުރުފާނު ނިޔައުވުމުން ނާއިބު ތުއްތުގެ މަންމަ މާލޭ ފުއްލާގޭ މަރިޔަމްފުޅާ ދެން ކައިވެނި ބެއްލެވީ ބަންޑާރަ ނާއިބު އަޙުމަދު ދީދީ އެވެ. ނާއިބު ތުއްތު ބޮޑުފުޅުވީ މިއަޙުމަދު ދީދީ ބަންޑާރަ ނާއިބު މަނިކުފާނުންގެ އަރިހުގައި ހުންނަވައިގެން ކަމަށްވާތީ މިއީ ތުއްތުގެ ބަފައިކަލެއް ފަދަ ބޭކަލެކެވެ. އެހެންކަމުން ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ފަދައިން ޢުމުރުފުޅުން 62 އަހަރުފުޅު ފުރި 63 އަހަރުފުޅަށް އޮއްވާ 23 ރަމަޟާން 1325 ގައި މާއެނބޫދޫގައި ތުއްތު އަވަހާރަވުމުން ފަސްދާނުލެވުނީ މިބޭކަލެއްގެ އަރިހުގައެވެ.

މުސްކުޅި ބަންޑާރައިންގެ ނަމުގައި މަޝްހޫރު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން-4 ކައިވެނި ބައްލަވައިގެންނެވި ދަނބުގަސްދޮށުގޭ މަރިޔަމް ދީދީ އަކީ ދަނބުގަސްދޮށުގޭ އަޙުމަދުދީދީގެ ދަރިކަނބަލެކެވެ. މިކަމަނާގެ މަޝްހޫރު ނަމަކީ ދަނބުގޭދޮންދީދީއެވެ. މިކަމަނާ އަވަހާރަވީ 4 ޖުމާދިލްއާޚިރާ 1306 (6 ޖަނަވަރީ 1889) ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރުމިސްކިތު ޤަބުރުސްތާނުގައެވެ.

އިސްވެ ދެންނެވުނު ފަދައިން ދަނބުގަސްދޮށުގޭ އަޙުމަދުދީދީ ބަންޑާރަ ނާއިބު މަނިކުފާނު އަވަހާރަވީއިރު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެނދަލިކުރައްވަމުން ގެންދެވި މުސްކުޅި ބަންޑާރައިންނާ ކައިވެނި ބައްލަވައިގެން އަޙުމަދު ދީދީގެ ދަރިކަނބަލުން ދަނބުގޭ ދޮންދީދީ "ދެކުނުގެކޮޅުގައި" އިންނެވިއެވެ. މުސްކުޅި ބަންޑާރައިން އަވާހަރަވިއިރު އިންނެވި އަނބިކަނބަލަކީވެސް މިއީއެވެ. ބޭފުޅަކު ނުލިބެއެވެ. އެއިރުގެ ސަޤާފަތާއެއްގޮތަށް އެކަމަނާގެ ބައްޕާފުޅުގެ ބިސްތާނަ އެޒަމާނާ އެންމެ އެކަށީގެންވާ ފެންވަރަށް ހައްދަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ނާއިބުތުއްތުގެ މަހާނައިގައި އެޒަމާނުގެ ސަޤާފަތާ އެއްގޮތަށް އެފެންވަރުގެ ބޮޑުންގެ މަހާނަފަދައިން ބިސްތާނަ ނުހުރުމަކުން ހައިރާންކަމެއް ނުލިބެއެވެ. ސަބަބަކީ އެމަނިކުފާނަކީ ކިތަންމެ ބޮޑު ޤައުމީ ޚިދުމަތްތެރިއެއްކަމުގައިވިޔަސް އޭރު ހުންނެވީ މާއެނބޫދޫއަށް އަރުވާލައިފައިކަމެވެ. ތުއްތު ވިދާޅުވާ ފަދައިން "ކަރުތާފެނަށް އެރެވިފައި" އަރުވާލައްވާފައި ހުންނެވި ބޭފުޅެއްގެ ބިސްތާނު ހަދާން އުޅުމަކީވެސް ކުށަކަށް ނުވާނެބާވައެވެ. އެހެނަސް މަހާނައިގައި ހިރިގަލު ކީލައެއް ޖަހާފައި އެވަނީ ނާއިބުތުއްތުގެ އަރިހުން ޢިލްމު ޙާޞިލްކުރައްވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ދަރިވަރުންނާއި ތުއްތުގެ އަރިހުގައި އެރަށުގައި އޭރު ތިއްބެވި ތިމާގެ ބޭފުޅުންގެ އިސްނެގުމަށް ކަމަށް އެކަށީގެންވެއެވެ. ވަކީން ޚާއްޞަކޮށް އެމަނިކުފާނުގެ އިސްދަރިވަރު ދަރަވަންދޫގޭ ތުއްތުދީދީ ނުވަތަ ބަންޑާރަ ނާއިބު ފަޟީލަތުއްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ބައިވެރިވެވަޑައިގަތުން އެކަމުގައި އޮންނާނެކަމުގައި ދެކެމެވެ.

ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ގޮތުގައި "ނާއިބު ތުއްތު ނިޔައުވީ އިރު އަރިހުގައި ތިބީ އޭނާގެ އެއްބަނޑު ދޮންތުއްތު އާއި، ފުވައްމުލަކު އެޅަތޮށިގޭ މުޙައްމަދުދީދީގެ ތުއްތުދީދީ އާއި އަދި މާއެނބޫދޫގެ ދެތިން މީހަކާއެވެ. ވަރަށް ރީތިކޮށް ހެއިހުރެގެން ވާހަކަ ދައްކަވައި، ވަޞިއްޔަތްކުރައްވައި، ޝަހާދަތް ކިޔުއްވަމުން ކަމުގައި އެމީހުން ބުނޫއެވެ. ދުނިޔޭގެ ވާހަކަޔަކުން އެންމެ ފަހުން ބުނުއްވި ބަހަކީ، އަހަރެން މަރުވީމައި، އަހަރެންގެ ލިޔާ ގަލަންދާނާއި ދަވާދާ ގެންގޮސް ދަރަވަންދޫގޭ ތުއްތުދީދީގެ އަތްޕުޅަށް އަރުވާށޭ، މިހެން ކަމުގައި އެތާގައި ތިބި މީހުން ބުނޫއެވެ. މިހާރު މިލިޔާ އަކުރުތަކަކީ ވެސް އެދަވާދުން ލިޔެވޭ އަކުރުތަކެކެވެ."

ނާއިބުތުއްތުގެ އަތުކުރެހުމެއްގެ ގޮތުގައި ފާހަގަކުރެވޭ ފޮޓޯއެއް 2015 ވަނަ އަހަރުގައި އަޅުގަނޑަށް ލިބުނެވެ. މާލޭގެ މަޝްހޫރު ބޭފުޅެއްގެ ބުކްޝޮޕަކުންނެވެ. އޭގައި ކުރެހުންތެރިޔާގެ ރަމްޒަކަށް އޮތީ މަޝްހޫރު ފަންނާނު ޗިޅިޔާ މޫސާމަނިކުގެ ރަމްޒީ ސޮއި "ޗިޅިޔާ" އަޅާފައެވެ. މިފޮޓޯ ޙިއްސާކުރުމުން އަޅުގަނޑުގެ އުސްތާޛު އަލްމަރްޙޫމް މުޙައްމަދު ވަަޙީދު ނަދުވީ ވިދާޅުވީ "ނާއިބު ތުއްތު ލައްވަނީ ތިކަހަލަ ހެދުމެއް ނޫން" ކަމުގައެވެ. ނާއިބުތުއްތުގެ ޤަލަމީ ތަސްވީރެއްގެ ގޮތުގައި ޞަލާޙުއްދީން ވިދާޅުވެފައިވާ އަންނަނިވި ލިޔުންކޮޅަށް ވިސްނައިލައިފި ކޮންމެ ބޭފުޅަކަށްވެސް ނަދުވީ އެވިދާޅުވީ ތެދުކަން އެނގިވަޑައިގަންނަވާނެއެވެ.

"ނާއިބުތުއްތުއަކީ، ހެދިހުރި ހަށިގަނޑު މެދުމިން، އިސްކޮޅު ތެދު، އުނަގަނޑަށް ހިމަ، ހިމަތޮޅި، ބައިމަތިފުޅައު، އަތްފައިރީތި، ކުލަދޮން، ކަޅިރަވަ ތޫނު، ތުނބުޅި ތުނި މީހެކެވެ. ތުނބުޅި ހުންނަނީ ދިގު ކުރައްވައިފައެވެ. އުނަގަނޑު މަތީ ސާލު ރުމާލެއް ބަންނަވައިފައި ހުރެއެވެ. އަޑު މަޚްރަޖު ރީތި މީހެކެވެ. ވަރަށް ނިދި މަދު، ކެއިން ބެއްލެވުން މަދު މީހެކެވެ. ފައިސާ އެއްކުޅައުމަކާއި، ގެދޮރު ބިނާ ކުޅައުމެއް ނެތެވެ. ބަސްގަދަ، ޒުވާބުގަދަ، ބުނުއްވާންވެއްޖެ ބަހެއް ބުނުއްވުމުގައި ޖެހިލުމެއް ނެތް، ތޫނުފިލި މީހެކެވެ. ދާދި ޒުވާން އިރުއްސުރެ ޚަފްޤާން ބައްޔޭ ކިޔޭ ޒާތުގެ ބައްޔެއް ހުރެއެވެ. އެކަމެއް ފޮށެނީ ދެތިން އަހަރުން އެއް ފަހަރަކުގައެވެ."

މިލިޔުމުގައި ބަޔާންވެގެންވާ އެންމެހައި މަރްޙޫމުންނަށް ފުއްސެވުމާއި ރުއްސެވުުން ދެއްވާށިއެވެ. އާމީން. ލިޔުމުގައި ކުށެއް ނުވަތަ އިތުރުކޮށްލާންޖެހޭ ތަންކޮޅެއް ފާހަގަވާނަމަ ޙިއްޞާކޮށްލެއްވުން އެދެމެވެ.

މައުލޫމާތުގެ މަސްދަރުތައް:

ދިވެހިތާރީޚް

ޙުސައިން ޞަލާޙުއްދީންގެ ލިޔުއްވުމެއް

މުޙައްމަދު ޖަމީލު ދީދީގެ ލިޔުއްވުމެއް / "ޢުލޫމުގެ ޤުލްޝަން 1985

ފޮޓޯތައް: މުހައްމަދު ނާޖިހު (ތާރީޚު: 10 އޮކްޓޯބަރު 2019)

ޢިމާދު ލަޠީފް (3 މާރިޗު 2023މ.)

#MaldivesHistory

Maldives Heritage Society