Support Us

ކޮލަމް ކަލާވެހި: މޫސުމީ ވަޢުދުގެ މޫސުން

އައްސިދަ ނަކަތް ލައިގެންފިއްޔާ ބޮޑުއަށިދޮށުގައި އޮންނަ ކުރުކުރުންވެސް ކުރިފަޅާނެޔޭ އެ ބުނާ ބުނުން އެއީ މޫސުމީ ވަޢުދެއް ނޫނެވެ. އެއީ މިވެނި ނަކަތަކާ ގުޅިގެން ކަން ހިނގާ ގޮތޭ ބުނަން މުސްކުޅިން ބުނެ އުޅުނު އެއްޗެކެވެ. އެޔާ ޚިލާފަށް، މޫސުމީ ވަޢުދަކީ އަދި އެކަހަލަ އެއްޗެއް ނޫނެވެ! މޫސުމީ ވަޢުދަކީ މުޅިން އެހެން އެއްޗެކެވެ. އެއީ 'މޫސުން' މި ލަފުޒަށް އިޞްޠިލާޙީ ހަވާދުކޮޅެއް އަޅައިލުމާއެކު، 'ވަޢުދު' މި ލަފުޒުގެ ލުޣަވީ މާނަޔަށްވެސް ގިރި ލޮނު ފޮދެއް ޖަހައިލައިގެން ހެދޭ ޒަމާނީ ހެދިކާއެކެވެ.

އަޅުގަނޑު މި ދެންނެވި ޒަމާނީ މޫސުންތަކުގެ ތެރޭގައި އާދައިގެ ޚަރީފަކާއި ރަބީޢެއް ނުހިމެނެއެވެ. އޭގެ ބަދަލުގައި، އެ މޫސުންތަކުގެ ތެރޭގައި ފިސާރި ރަނގަޅަށް މި ހިމެނެނީ ތަފާތު ތަންތަނުގައި، ތަފާތު އެކި މަޤްޞަދުތައް ކުރިޔަށް ނެރެގެން، ތަފާތު ގޮތްގޮތަށް ފަރުމާކޮށް، ތަފާތު އެކި ވަޑާންގެ ތަކުގައި ޖަހައިގެން އެ ނެރޭ ގޮނޑިތަކުގެ މޫސުންތަކެވެ. ތަފާތު ބާރުތަކާއި އިމްތިޔާޒުތަކުން ފާލީސް ކޮށްގެން ނެރެ، ހައިބަތުން ބޮޑު ތަންތަނުގައި ބަހައްޓައި، އަދި އެޔާއެކު އެކިވަކި ގޮތްގޮތުން ޢިއްޒަތްތެރިވެގެންވާ ގޮނޑިތަކުގެ މޫސުންތަކެވެ. އަދި އެ ގޮނޑިތަކުގެ މޫސުންތައް އައުމާ ވިދިގެން އެ ގޮނޑިޔެއްގެ މޫސުމަކާ ގުޅިގެން ޖައްވުގައި ބުރުއަޅަން އެ ފަށާ އުންމީދީ ލެބުރާއި ދޮންދޫނި އެކި ވަރުގެ ކިރުއިލޮށީގައި ޖެހެމުންދާ މޫސުމެވެ. މޫސުމީ އެތަކެއް ޖަޑާ އެކި ވައްތަރުގެ ވަޅަށް ފައިބާވެސް މޫސުމެވެ. އަދި އެ ދޫނިތަކުގެ އަވައިގައި ޖެހިގެން ރޯނާޔަށް ނިކުންނަ ރައްޔިތުން ހޭވައްޓައިލައިފައި ރަށް ކުޑަޔަށްލައި ދުވާ މޫސުންވެސް މެއެވެ.

މިއިން ކޮންމެ މޫސުމެއް އަޔަސް، އެ މޫސުމަކާ ގުޅޭ ތަފާތު އެކި ވަޢުދުތައް ވުމުގައި ދޫފަރިތަކަމުގެ ލާމަސީލު އެތަކެއް މިސާލު ރަށުތެރެޔަށް ފެތުރިގެން ދެއެވެ. އަދި މޫސުމުގައި ހިމެނޭ ތަފާތު އެކި ނަކަތް ލައިގަތީމައި އެ ނަކަތަކާ ގުޅޭ ވަޢުދެއް ފޮށިންނަގައި، ނުވަތަ އަލުން ފައްސައިގެން ނަމަވެސް ގަޔަށް މަހައިގެން ގަމުތެރެޔަށް ނިކުމެ، އެމީހުންގެ އެ ފަރިތަ ދޫތަކުގެ ކުރީގައި އެ ހުންނަ ހުސްބުޅީގައި ކަންނެލި ގަނޭތޯ ބަލަން ދުވާ ސިޔާސީ އެތައް ތާޖިރުންނަކާއި އެ ތާޖިރުންގެ ޚިދުމަތުގާރުން އުދުހެން ފަށައެވެ. އަދި އެ ބަޔަކަށް ދަލާލުންނޭ ކިޔަން ހެޔޮނުވިޔަސް، ސިޔާސީ މަދަދުގާރުންނޭ ކީމައި އެންމެ ރަނގަޅުވާނޭ ކަހަލަ ބަޔަކުވެސް އެ ބީދައިން އުދުހި ނަގަންފަށައެވެ. އަދި މި ގިންތި ތަކުގެ ކޮންމެ މީހެއްގެމެ އެންމެ ފުރަތަމަ އަދި އިސް މަސްއޫލިއްޔަތެއް ކަމުގައި ވެފައި އޮންނަކަމަށް މި ފެންނަނީ މޫސުމީ ވަޢުދަކަށް ފަހު މޫސުމީ ވަޢުދެއް ވުމެވެ. އެ މޫސުމަކާ ގުޅޭ ވަޢުދުތަކުން ޖައްވުގައި ލެވުނުހައި ހުވަނދެއް ލުމެވެ. އެކަކު ލައިދީފައި ދާ އަތަރުގައި ހުނގުވަސް ދުވާވަރު ކޮށްލައިގައި، އެޔަށްވުރެ މޮޅު ހުވަނދެއް ތިމާ މީހާ ލައިދޭ ވަޢުދުގައި ކަވައިދެވޭތޯ ބެލުމެވެ.

އަސްތާ! މޫސުން އަންނަނީ ގޮނޑީގެ ބާވަތުން ކަމަށް ވަންޏާ، މޫސުމުގެ ނަކަތްތައް ހުންނަނީ ދެ ބާވަތަކަށެވެ. އެއީ ދާއިމަށް ހިނގާ ނަކަތްތަކަކާއި ވަގުތީ، އެކަމަކު ޚުޠޫރަތްތެރި ނަންތަކެއް ކިޔާ، ތުނި ފަށުއީގެ ނަކަތްތަކެކެވެ. ދާއިމީ ނަކަތްތަކުގެ ތެރޭގައި ހިމެނެނީ، ބޯހިޔާވަހިކަން، މުސާރަ ބޮޑުވުން، ކުލިން މިންޖުވުން، މަގުމަތީގެ އަމާންކަން، އެދުރުބެޔަށް ހިތްޙަލާލު ދޭން ނުޖެހުން، އޮޅުދޫ ކަރައިން ގިލަނަށް ހޭހަންކުރުން، މިކަހަލަ ނަކަތްތަކެކެވެ. ވަގުތީ ނަކަތްތަކުގެ ތެރޭގައި ހިމެނެނީ ފުރާޅަށް ދަގަނޑު ވެއްޓުން، ސައިކަލު އޭގެ ރޭސްމުށްގަނޑަށް ކިޔަމަންނުވުން، މިކަހަލަ ނަކަތްތަކެކެވެ. މި ނަކަތްތަކުގެ ނަންތަކަށްވުރެ މުހިންމުވަނީ ނަކަތް ލައިގަންނަ ދުވަސްވަރެވެ. ކުޑައިކޮށް ތަފްޞީލުކޮށްލާނަން، އިނގޭތޯއެވެ!

ދެންމެ މިދެންނެވި ދާއިމީ ނަކަތްތަކަކީ އިސްވެ ދެންނެވި މޫސުމެއް ހަމަ ލައިގަތުމާ ހަމައިން އެ މޫސުމެއް ނިމެންދެން ހިނގަހިނގައި ހުންނަ ނަކަތްތަކެވެ. އަދި އެއީ އެކުއެކުގައި ހިނގާ ނަކަތްތަކެއް މެއެވެ. ބޯހިޔާވަހިކަމުގެ ނަކަތާއި، މުސާރަ ބޮޑުވުމުގެ ނަކަތާއި، ކުލިން މިންޖުވުމުގެ ނަކަތް އެކުގައި ހިނގާ މޭރުމުންނެވެ. އެހެންކަމާއެކު، މޫސުމީ ގޮނޑިތަކުގެ އުންމީދުވާރުން ވާ މޫސުމީ ވަޢުދުތަކުގައި އެ ހުރިހައި ނަކަތްތަކުގެ ކުލަޔާއި ރަހަޔާއި ވަސް މަސްހުނިވެގެން ހިމެނުމަކީވެސް ލާޒިމު ކަމެކެވެ. އެއީ މިކަހަލަ މޫސުންތަކާމެދު ވިސްނައި، ހޭލައި ތިބޭ މީހުންނާއި، ކުޑައިކޮށް ދެބަދޭތެރެ ވެލައިފައި ތިބޭ އެންމެނަށްވެސް ހަމަ ކޮންމެހެން އެނގެންޖެހޭ ކަމެކެވެ. އަދި މޫސުމުގެ ދޫނިތަކާ ދިމާޔަށް އެ ހޫރުވޭ ރޯނާގެ ކިރުއިލޮށިތަކުގައި ނުޖެހިވޭތޯ ބަލައި، ހޭ ހުރި މީހުން އެޔަށް ސަމާލުވެ ތިބެން ޖެހޭ ކަމެއް މެއެވެ.

ދެން މިއޮތީ ވަގުތީ މޫސުންތަކުގެ ވާހަކައެވެ. އެއީ، އެ ނަކަތްތަކުގެ ބާވަތުންވެސް ވަކި ވަކީން އަންނަ ނަކަތްތަކެކެވެ. މިސާލެއް ދަންނަވާ ކަމަށް ވަންޏާ، ފުރާޅަށް ދަނގަޑުވެއްޓޭ ނަކަތުގައި ވެއްޓޭނީ ދަގަނޑެވެ. އެ ނަކަތް ހަމަ އައުމާއެކު، މުޅި މޫސުމުގައި އެ ނަކަތުގެ ކުލަ ހިފައި، އިސްވެ ދެންނެވި ޒާތުގެ އެންމެހައި އުންމީދުވާރުންގެ އަރުތެރެއިން ބޭރުވާ ކޮންމެ މުތީއަކުން އަރާ އަޞްލީ އޮފާއި ނަޤްލީ އޮފުދާރުކަން ހުންނާނީ ދަގަނޑު ވިޓަމިންގެ ބައިން ލޮނުހެޔޮވަރު ވަރަށްވުރެ ތަންފުކެއް ލޮނުގަދަ ބަޔަށެވެ. ހަލިމަގުގައި ހުރި ހޮޅިދަނޑިޔަށް ރާބާލަން ނަމަވެސް ކާރު އަރާ ނަކަތޭ ގޮވައިލެވޭ ތާކު އުންމީދުވާރުން ކިޔާ ލަވަތަކުގެ ފުނަޔަކަށް ޖަހާނީ އިނގިރޭސި ބީޓެކެވެ. އިސްޕީޑުގަނޭ ޓޭޒަރޭ ކިޔޭ ބީޓެއް ތޯއްޗެކެވެ. އަޅުގަނޑަށް ނޭނގެއެވެ. އެހެން އެވަނީ، އެ ނަކަތް ލައިގެންފިއްޔާ އަޅުގަނޑާ ހަލިމަގާ އެއްތަންނުވެވޭތޯ ބަލާތީވެސް ކަންނޭނގެއެވެ. އެކަމަކުވެސް އެ ބާބުންވެސް މޫސުމީ ވަޢުދުގެ ކިރުއިލޮށްޓަށް ސަމާލުވުން އެންމެންގެ މައްޗަށް ހުއްޓެވެ.

އެއީ ކީއްވެތޯއެވެ؟ އައްސަވާށެވެ!

މޫސުމީ ވަޢުދަކީ އިރުއޮއްސި މޫނުއަނދިރިކަން ލައިގަންނަ ގަޑީގައި ކިރުއިލޮށި ހިފައިގެން ލެބުރު ހިފަން ނިކުތް، ލޮލު ޙާލު ތަންކޮޅެއް ދެރަވަރުގެ ދެވަންފުރައިގެ މީހަކަށް ވީވަރުވެސް ނުވާ އެއްޗެކެވެ. މީގައިވެސް މޫސުމީ ވަޢުދުގެ ދެވައްތަރުގެ ނަކަތާމެދު ކަންހިނގާ ގޮތް  ތަފާތެވެ. އައްސަވާށެވެ!

މޫސުމީ ދާއިމީ ވަޢުދު އެހެންނޫންތޯއެވެ؟ އާދެ! އެ ބާވަތުގެ ވަޢުދެއްގެ ޢުމުރަކީ ވަރަށް ކުރު ޢުމުރެކެވެ. އެއީ،  ފަށަމުން ދެންނެވި ޒާތުގެ ގޮނޑިޔެއް ވަޢުދު ވާ މީހާގެ މިލްކިއްޔާތަށް އަޔަސް، އަދި ނަޔަސް، ގޮނޑީގެ ނީލަން ނިމޭ ހިސާބުން ފެށިގެން އެ ވަޢުދު ވާ މީހާގެ ހަނދާނުން ވަޢުދު ފޮހެވިގެން ދާ އެއްޗެކެވެ. ނީލަމުގެ ކަން ހިނގާގޮތް ބަލަން ދުރުގައި ހުންނަ މީހާޔަށް ފެންނާނީ، ގޮނޑިތަކުގެ ނީލަމުން ކުރިލިބޭ މީހުންނާ ގޮނޑި ޙަވާލުވުމާ، މޫސުމީ ވަޢުދުތައް އައިތާކަށް ގޮސް ޣައިބުވާ ތަނާއެވެ. އިރުވައި މޫސުން ފެށޭ މުލަ ނަކަތް ނިމުނީމައި ވައިމައްޗަށް ބަލައިލާއިރު ލޮލަށް ފެންނަ ހަމައިގައި ބަބުރުލޯފިނދެއްހައި ސޫތްޕެއްވެސް ނުއުޅޭ ފަދައިންނެވެ. ދެން އެންމެނަށްވެސް ޖެހޭނީ ކިރުއިލޮށި ވެއްޔަށް ލައި، މޫސުމީ ވަޢުދާ ކަނޑުގައި އެޅި ރޮނގާ ޙަވާލުކޮށްފައި، އެމީހެއްގެ ހަރަށް އެމީހަކު އިސްޖަހައިގެން ގޮސް ބަސްއަހައިގެން ވަންނާށެވެ.

މޫސުމީ ވަޤުތީ ވަޢުދު އަދި އެޔަށްވުރެވެސް ދެރަވަރެވެ. އެއީ، އެ ޒާތުގެ ވަޢުދުގެ މުއްދަތަކީ ނަކަތް ބަދަލުވާން ނަގާ މުއްދަތެވެ. ފުރާޅަށް ދަގަނޑު ވެއްޓޭ ނަކަތް ލައިގަތީމައި އޭގެ ކުރީން އައި، ފަންސަހައްޓި އަހަރު ނުފުރޭ ބަލި ޢަޖޫޒުންގެ އަނގަޔާ އަތާ ދިމާކޮށްދިނުމުގެ ނަކަތް އެ ނިމުނީއެވެ. ދެން ވަޢުދުވީ މީހުންނަށް އެ ވަޢުދުގެ ބޭނުން އެ ކެނޑުނީއެވެ. އެއީވެސް ހަލިމަގުގެ ބޮކިދަނޑިޔަކުން ރާބާލަން ކޮންމެވެސް އުޅަނދެއް އަރާ ނަކަތް ލައިގަންނަންދެނެވެ. އެކަމަކު އެވަރުންވެސް އެ ނަކަތްތަކުގައިވެސް ރޯނާޔަށް ނިކުމެ، ލެބުރެއް އަތުޖެހޭތޯ ބަލާނޭ ރައްޔިތުން ވޭ ވިއްޔާ، އެހެންނޫންތޯއެވެ؟ ދިވެހީންގެ ކަނޑުތަކުގައި ހުސްބުޅީގައި ގޮދާ ގަންނަ ބީދައިން، އެހެންނޫންތޯއެވެ؟

އާދެ! މިހާރު މިއޮތީ އެއްކަލަ ކަހަލަ ދެ މޫސުން އެއްފަހަރާ ކަހަލަ ގޮތަކަށް އަންނަ ދުވަސްވަރަކާ ލައިގެންފައެވެ. ކަވާކިބުގެ އިޤްތިރާނާއި، ގުރުސް ފެންމަތިވުމާ މަޖާޒީ ޖައްވެއްގައި ނަމަވެސް ދިމާވާ ދުވަސް އެހެރަ އަންނަނީއެވެ. ޢިއްޒަތްތެރި ގޮނޑިތައް އެހެރަ ޖެހެވެނީއެވެ. ގޮނޑިތަކާއެކު ބަނދެވިގެން އެ ގޮނޑިތަކުގެ ފޮށިތަންމަތި ކަމުގައިވާ ޝާނާއި، ޝައުކަތާއި، ޢިއްޒަތާއި، ލައްޒަތާއި، ޘަރުވަތު އެހެރަގެން ގެނެވެނީއެވެ. ހުވަފެންތަކުގެ ފޮނިކަން މާމުޔަށްވުރެ ފޮނިވެފައި، ހިތްތަކަށް ލިބޭނޭ ފިނިކަން ގަނޑުފެނަށްވުރެ ފިނިވާނޭކަން ޔަޤީންވަނީއެވެ. އުފަލުގެ ކޮޅަށް އުފާ ހުންނާނެޔޭ ހަމަ ކޮންމެ ޖަލްސާ ކޮޓަރިޔެއްގައި ގަދަ އަޑުން ގޮވެނީއެވެ. މޫސުމީ ވަޢުދުގެ މޫސުން ލައިގަތީއެވެ!

ކަވަރ ފޮޓޯ: އާޓް އޮފް ސިރު/އެފް.ބީ