Support Us

ގަވާއިދާ ހިލާފުވާ ހިޔާ ފުލެޓުތައް ޖޫރިމަނާކޮށް ފިޔަވަޅުއަޅަނީ

ގަވާއިދާ ހިލާފުވާ ހިޔާ ފުލެޓުތައް ޖޫރިމަނާކޮށް ފިޔަވަޅުއަޅަމުން އަންނަ ކަމުގައި އެޗް.ޑީ.ސީން ބުނެފިއެވެ.

އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި އުސޫލުތަކާއި ޤަވައިދުތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުމާއި ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުމާއި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައެވެ. އަދި މިހާރުވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެއެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.

"ހުޅުމާލެ ފޭސް ދޭއް ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދެވެ. އެހެންކަމުން، މި ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ޤަވައިދުތަކެއް މި ކޯޕަރޭޝަންގެ ފަރާތުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. އިމާރާތުގެ ސްޓަރަކްޗަރއަށް ގެއްލުންވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައެވެ. އަދި ހަމަ އެފަދައިން އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް ވަނީ އުސޫލުތަކެއް ހެދިފައެވެ. މިގޮތުން، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯރ ކަނޑައެޅިފައިވެއެވެ."

އެޗް.ޑީ.ސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުން ކަމަށާއި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމު ކަމަށެވެ.