Support Us

ހިޔާ ސަރަހައްދުގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައި، ގިނަ އަދަދެއްގެ ގަލާއި ކުނިބުނި ނަގައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި ހަރަކާތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހިޔާ ކޮމިއުނިޓީ އާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. މި ހަރަކާތަށް ހިތްވަރުދިނުމުގެ ގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފު ވެސް އިއްޔެގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެޗް.ޑީ.ސީން ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް މިއަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވައްސަށް މީހުން އާބާދުވަމުން އައުމާއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީގެ ފަރާތުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައިވެއެވެ.