އެޗްޑީސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 ބައިވެރިން ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފިއެވެ.
އެޗްޑީސީން ބުނީ ހަތަރު މަސް ދުވަހަށް ހިންގި މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ޒުވާނުން ތަމްރީންކޮށްފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ ހެވީ ވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް، ބިލްޑިންގ މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.
"ރާއްޖޭގައި ތަފާތު ގިނަ ދާއިރާތަކުން ފަންނީ، ހުނަރުވެރި، ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކަމަށް މަގުފަހިކޮށްދިނުމަކީ އެޗްޑީސީން ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ދެވޭ ރަނުގެ ފުރުސަތެކެވެ." އެޗްޑީސީގެ ބަޔާނެއްގައި ބުނެފައިވެއެވެ. "މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ."

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗް.ޑީ.ސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ އެކު ސޮއިކޮށްފައިވާ ފަހުމްނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުގައެވެ. އަދި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމް.އައި.ޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ.
"ތިން ހާސް ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީން ކުރާނެކަމުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި 2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައިވަނީ މި ކޯޕަރޭޝަނުންކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ." އެޗްޑީސީގެ ބަޔާނުގައި ވެއެވެ.



advertisment

