Support Us

ކޮލަމް: ލަގަން

ކޮލަމް ލަގަން: ވީދިފައިވަނީ ކޯޓެއްނޫނެވެ.

ޤައުމުގެ ޙާލަތު އޮތީ ހާދަ ދަށު ދަރަޖަައެއްގައިކަން އިއްޔެ އިޙްސާސްވިއެވެ. ޢާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާވެސް ވެގެންދަނީ ވަރަށް ހަޑިހުތުރު މަންޒަރަކަށެވެ. ދިވެހި ޤައުމަކީ ތިމަންނާމެން ނޫން ބަޔެއްގެ ތަނެއް ނޫނޭ ހިތްޕުޅަށް އަރައިވަޑައިގަންނަވައޭ ހީވާ ބޭފުޅުންގެ ގޮތެއްފޮތެއްނެތްކަން ދޭހަކޮށްދޭ ބާޒާރެއް ފަދަ ތަނެއްގެ ގޮތުގައި މަޖިލީސް ސިފަވެއެވެ. އެތާނގެ ތަޅުމުގައި ހިނގާ ކަންކަމަކީ ކުޑަކުދީންނަށް ދައްކަން ހެޔޮވާވަރު ނަމޫނާއެއް ފެންނާނެ ތަނެއްކަމަށް ޤަބޫލުކުރާ ދިވެހީން މަދުވާނެކަން ޔަޤީނެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ދައުލަތުގެ ތިން ބާރުގެ ވެރިންގެ ހާޒިރުގައި އިއްޔެ އެތަނުން ފެނިގެންދިޔައީ އަންހެނުންގެ ޤަދަރާއި ކަރާމާތް ވެއްޔާ މޮޑެވިގެންދިޔަ މަންޒަރެކެވެ. މިއީ ކަނބަލުންތަކެއް ކުރިޔަށް ނެރުއްވައި ހިންގެވި ޖަރީމާއެއްގެ ގޮތުގައި ސިފަވެއެވެ. ވަރަށް ބޮޑު ގޯހެކެވެ.

ރިޔާސީ ބަޔާނަށް އިހުތިޖާޖުކުރުމަށް ފެށުނީއްސުރެ މަޖިލީހުގެ މެމްބަރުން އެއުޅުއްވާ ގޮތަކީ ވަރަށް ހުތުރު ގޮތެކެވެ. އެނޫން ގޮތަކަށް އިހުތިޖާޖު ކުރެވެން ނެތީތޯ ސުވާލު އުފެދެއެވެ. އަޅުގަނޑު ރިޔާސީ ބަޔާން އަޑުއެހީ ރޭޑިޔޯއިންނެވެ. ދަރިންނާއެކު ސިޓިންގ ރޫމްގައި އިއްޔެގެ މަޖިލީސް ބެލުމަކީ ސަހަލުކަމަކަށް ނުވާނެކަން ވިސްނޭތީ ރޭޑިއޯ ހިފައިގެން ނުކުތީ ބޭރަށެވެ. ފަހުން މީސްމީޑިއާއިންނާއި ޓީވީން އެ މަންޒަރުތައް ފެނުމުން ސަހަރޯހީވިއެވެ. ތަފާތު ޝުޢޫރުތައް ވެރިވިއެވެ. ޤައުމުގެ ތިންބާރުގެ ވެރީންނާއި ދައުލަތުގެ ވަޒީރުން ތިބެމެ އެ ބޭފުޅުންނަށް މިކަންކަން އަބަދުވެސް "ނޯމަލް" ކަމަކަށް ވެފައި އޮތްކަން ކިތަންމެ ރަނގަޅަށް ވެސް ފާހަގަވިއެވެ. އެންމެ ދެރަވީ އެ ތާނގައި ހިނގާ މިހުރިހާ ދަށުދަރަޖައިގެ ކަންކަން ދައްކަން، އިއްވަން ޔުނިފޯމު އަޅުވާފައި އިސްކޫލު ކުދީން ބައިތިއްބާފައި ތިބީމައެވެ. އަދ ިމަންޒަރުތައް ބައްލަވަން ހިނިފުޅުވެޑުވިވެޑުވި ތައުލީމީ ވަޒީރު އިންނެވީމައެވެ.

އެފަދަ ތަނަކަށް އިސްކޫލުކުދީން ފޮނުވިކަމީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމުގައި ދެކެމެވެ. އެހެން މިދެންނެވީ ޒިންމާ ނަންގަވަންޖެހޭ ބޭފުޅުންގެ ދުރުވިސްނެވުމުގެ ދާއިރާ ހަނިކަން ފާހަގަކުރެވިގެންނެވެ. އެތާނގައި އެސަކަރާތެއް މިގޮތަށް އިއްޔެ ހިނގާނެކަން އެއީ ބޮލުގައި ތެތްކަމެއް ހުރި މީހެއްނަމަ ވިސްނައިގަންނާކަށް އުނދަގޫ ކަމެއް ނޫނެވެ. އެކަން ހިނގީ ބޭރު ޤައުމެއްގައިނަމަ ޒިންމާވާންޖެހޭ ރައީސަކަސް، ވަޒީރަކަސް، ނާޒިރަކަސް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެން އިސްތިޢުފާދެއްވާނެކަމީ ޝަައްކެއް އޮތްކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެން އަބަދުވެސް މިކިޔަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ މަހަލްދީބު ވަރަށް ތަފާތުވާނެއޭ ނޫންތޯއެވެ. މިދަންނަވާ އެއްޗެއް އިވުނަސް ނީވުނަސް ހެވެވެ.

ކުރިމަގުގައި މަޖިލީހުގެ ޖަލްސާތަކަށް ސްކޫލްކުދީން ނުގެންދިޔުމަށް އަޅުގަނޑު ހަރު އަޑުން ގޮވައިލަމެވެ. ކުޑަކުދީންގެ ކަރާމާތް ވެސް ނަގާލައިގެން ނުވާނެއެވެ. އަންހެނުންގެ ކަރާމާތް ވެސް ނަގާލައިގެންނުވާނެއެވެ. މެމްބަރުން ލައިގެން ތިއްބަވާ ފޭރާން ކުދިކުދިކޮށްލިޔަސް ޤައުމުގެ އިޖުތިމާޢީ ފޭރާމާއި ކަރާމާތް ވީދައި ކުދިކުދިކޮށްލިޔަދީގެން ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. ކޮބާ މަގުމަތީގަ ހިގާފައި ދާ ކުއްޖާ ގެ ހައްގު..ރައީސް އަކަށް އިހުތަރާމު ކުރާކަން ނޭނގޭނެ މިހާރު ބޮޑުވާ ކުދިންނަށް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *