Support Us

ކޮލަމް މާޒީ: ފަޞާޙަތާއި ބަލާޣަތަކީ ކޮބައިތޯއެވެ؟

ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމުގެ ވާހަކައަކީ ވަރަށް ކުރީއްސުރެ ދިވެހި އަދަބިއްޔާތުން ފެނި އިވިފައިވާ ދެ ލަފުޒެވެ. ނަމަވެސް މި ދުވަސްކޮޅު މި ކަމާ ބެހޭ ގޮތުން އެކި ބޭބޭފުޅުން އަޅުގަނޑާ ސުވާލުކުރުން އިތުރުވެފައިވާތީ މި މައުޟޫޢުގައި އެއްޗެއް ލިޔެލާ ހިތް ވީއެވެ. މި މައުޟޫޢު މި ދުވަސްވަރު މާ ޢާންމުވެގެން މި އުޅޭ ސަބަބެއްކަމަށް އަޅުގަނޑަށް އެނގިފައިވަނީ މި މަހު 12ގައި ފަށާން ހަމަޖެހިފައިވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި މި ދާއިރާއިން އަދަބިއްޔާތުގެ ބައެއް މައުޟޫޢުތައް ހިމެނިފައިވާތީއެވެ.

ފަޞާޙަތާއި ބަލާޣާތަކީ ފައިސާ ފޮއްޗެއްގެ ދެ ފުށް ވަކި ނުކުރެވޭނެ ފަދައިން އެކަތި އަނެކައްޗާ ވަކި ނުކުރެވޭނެ މުހިންމު ދެ ހުނަރެވެ. ދެ ފަންނެކެވެ. ނުވަތަ ދެ ޢިލްމެވެ. މިއީ ވަރަށް ފުން، އަދި އެހާމެ ތަނަވަސް ޢިލްމެއްކަމަށް ވާތީ އެ ޢިލްމުގެ ތަފުޞީލުތައް މަދު ފޮޅުވަތްތަކެއްގައި ބަޔާންކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް އަދަބީ ދެ ހުނަރުގެ ގޮތުގައި ކޮންމެވެސް ވަރަކަށް ފަޞާހަތާއި ބަލާޣާތް އޮޅުންފިލުވައިދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ. އެއީ އަޅުގަނޑާ މި ސުވާލުކުރައްވާ ކޮންމެ ބޭފުޅަކަށް މި ލިޔުމުގެ ލިންކު ވެދުމަށް އެރުވުމަށް ޓަކައެވެ.

އެންމެ ފުރަތަމަ ފަޞާޙާތްތެރިކަމުގެ ބައްޗަށް ބަލައިލާނަމެވެ. މި ލަފުޒު ކިތަންމެ ގިނައިން ބޭނުންކުރިކަމުގައި ވިޔަސް ދިވެހިބަހުގެ ރަދީފަކުން މި ލަފުޒެއް އަދި ފެންނާކަށް ނެތެވެ. އެހެންކަމުން ބަހުގައި އެ ލަފުޒު އިސްތިޢުމާލުކުރާ ގޮތުގެ މައްޗަށް ބަލައިގެން އޮޅުންފިލުވައިދޭނަމެވެ.

ފަޞާޙާތްތެރިކަމަކީ އެންމެ އާދައިގެ ސާދާ އިބާރާތަކުން ދަންނަވާ ނަމަ، އެއީ ގަލަމާއި ދުލުގެ ފަސޭހަކަމެވެ. އަޅައިގަތުމެއް ނެތި އޮމާންކޮށް ޢިބާރާތްކުރުމުގެ ކުޅަދާނަކަމާއި ފަސޭހަކަމާއެކު ހުށަހަޅައިދިނުމުގެ ޤާބިލުކަމެވެ. ފަޞާޙާތްތެރިކަމާ އެންމެ ގުޅޭ އިނގިރޭސި ލަފުޒެއްކަމަށް އަޅުގަނޑަށް ފެނުނީ eloquence މި ލަފުޒެވެ. އޭގެ މާނައަކީ ފަސޭހަކަމާއި އޮމާންކަމާއެކު އަނެކާއަށް ވިސްނޭ ފަދަ ޢިބާރާތަކުން ހުށަހަޅައިދިނުމެވެ. އަނގަބަހުން ވިޔަސް ނުވަތަ ލިޔުމުން ވިޔަސްމެއެވެ. އެހެންވީމާ ކުރުކޮށް ދަންނަވާނަމަ ފަޞާޙާތްތެރިކަމަކީ ފަސޭހަކަމާއި އޮމާންކަމާއެކު އަޅައިގަތުމެއް ނެތި، އެހެން މީހުންނަށް ފަސޭހައިން ދޭހަވާނޭހެން އެއްވެސް އުނދަގޫކަމެއް ނެތި ހުށަހަޅައިދިނުމުގެ ޤާބިލުކަމަށް ކިޔާ ނަމެކެވެ. މި ޒަމާޏުގެ ކުދީންނަށް ފަސޭހަވާނޭ ޢިބާރާތަކުން ދަންނަވާން އެންމެ ރަނގަޅު އެއް ލަފުޒަކީ ފްލޫއެންސީކަމަށް ވެދާނެއެވެ. ވާހަކަދައްކާ މީހުން މި ގޮތަށް ވާހަކަދެއްކުމަކީ "ދޫފަސޭހަކަން" ކަމަށް ވެސް ކިޔައި އުޅެއެވެ. އޭނާއަކީ ވަރަށް ދޫ ފަސޭހަމީހެވެ. ބުނަނީ ފަސޭހަކަމާއެކު ހުށަހަޅައިދޭ ހުށަހަޅައިދިނުމަށެވެ.

ކުރީން ވެސް ދަންނަވައިލި ފަދައިން ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމަކީ ގުޅި ލައިމެހިފައިވާ ދެ ހުނަރެވެ. ބަލާޣާތްތެރިކަމެއް ނެތް ލިޔުމެއް ނަމަ، ފަޞާޙާތްތެރިކަމާއެކު ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ރޯދަމަހަކު އަޅުގަނޑުމެން އަޑުއަހާ "ސީރަތުއްނަބަވިއްޔާ"ގެ އަޑު އަހައި ފޫހިނުވަނީ ހާޖަރާގޭ ތައުފީޤު (ރަޙިމަހުﷲ) އެ ހުށަހަޅުއްވައިދެއްވާލެއް ފަޞާޙާތްތެރިކަމުންނެވެ. އަދި އެހާ ފަޞާޙާތްތެރިކަމާއެކު އެ ހުށަހެޅުއްވުނީ ޢިބާރާތްތަކުގައި ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަން ހުރީތީއެވެ. އަޅުގަނޑުމެންގެ ކުރަކި ޢިބާރާތެއް އެ ގޮތަށް އޭނާއަކަށް ވެސް ހުށަހެޅުއްވުމަކީ ކުރެއްވޭނެ ކަމެއް ނޫނެވެ.

ދެން ބަލާޣާތްތެރިކަމަށް ބަލައިލަމާތޯއެވެ! އާދޭހެވެ! މި ލަފުޒު ދިވެހިބަހުގެ ރަދީފުގައި ވެސް އެބަ އޮތެވެ. މާނައެއްކަމަށް އޮންނަނީ "އަސަރުކުރާ ގޮތަށް ބާޔަންކުރުމުގެ އަދަބީ ކުޅަދާނަކަން ލިބިގެން ހުރިކަން"ކަމުގައެވެ. އަދި އެއީ "ފާޅުކުރާން އެދޭ ޝުޢޫރުތަކާއި ޖަޒުބާތުތައް، މަޤާމާއި ޙާލަތާ ގުޅޭ ގޮތަށް ހާމަކުރުމުގެ ކުޅަދާނަކަން ހުރިކަން"ކަމަށް ވެސް އޮވެއެވެ. ހަގީގަތުގައި ބަލާޣާ މި ލަފުޒުން ދޭހަވާ މާނައަކީ ފޯރުކޮށްދިނުމުގެ މާނައެވެ. ތިމާ ބޭނުންވާ މެސެޖެއް އަނެކަކަށް ބޭނުންވާ ގޮތަށް، އޮޅުން ނާރާ ގޮތަށް، ފަސޭހަކަމާއެކު ދޭހަކޮށްގަނެވޭ ފަދައަކުން ފޯރުކޮށްދިނުމުގެ ހުނަރެވެ. އަޑުއަހާ މީހާއަށް ނުވަތަ ކިޔާމީހާއާ ހަމައަށް ފޯރުކޮށްދޭން ބޭނުންވި މާނައިގައި އެ އަސަރުގައި ތިމާ ބޭނުންވާ މެސެޖެއް ފޯރުކޮށްދިނުމުގެ ކުޅަދާނަކަމެވެ. ނުވަތަ ހުނަރުވެރިކަމެވެ. މި ކަންކަން އުނގަންނައިދޭ ޢިލްމަކީ ޢިލްމުލްބަލާޣާއެވެ.

އެހެންވީމާ ބަލާޣަތްތެރިކަމުގެ އިޞްޠިލާޙީ މާނައަކީ ވާހަކަދައްކާއިރު، ނުވަތަ ލިޔާއިރު، ލަފުޒުތައް ރަނގަޅަށް ބޭނުންކުރުމުގެ ފަންނުކަމަށް ދެންނެވިދާނެއެވެ. މި މާނައިގައި އިނގިރޭސިބަހުން ބޭނުންކުރާ އެންމެ ގުޅޭ ލަފުޒެއްކަމަށް އަޅުގަނޑަށް ފެންނަނީ Rhetoric މި ލަފުޒެވެ.  އެހެން ގޮތަކަށް ދަންނަވާ ނަމަ، އެއީ ޢިބާރާތައި ފުރޭފުތައް މަޤުބޫލު ގޮތެއްގައި، މީޔާރު ގޮތެއްގައި، އުފެއްދުމުގެ ހުނަރާއި ފަންނެވެ. އެ ކަމުގެ ޢިލްމެވެ. ތަންކޮޅެއް ތަފުޞީލުކޮށް ދަންނަވާ ނަމަ، ބަލާޣާތްތެރިކަމަކީ ހާޒިރީންނަށް ފުން އަސަރުކުރުވައި، އެ މީހުންގެ ރުހުމާއި މަޤުބޫލުކަން ޙާޞިލުވަނިވި ގޮތަށް ހުށަހެޅުމުގެ ހުނަރެވެ. މި ހުނަރު ދަސްކޮށްދޭ ޢިލްމަކީ ބަލާޣާތުގެ ޢިލްމެވެ. ނުވަތަ ޢިލްމުލް ބަލާޣާއެވެ.

މީހެއްގެ ޢިބާރާތެއް އެއީ ނަސްރެއްކަމަށް ވިޔަސް ނުވަތަ ނަޒުމެއް ކަމަށް ވިޔަސް އަދި ނުވަތަ އަނގަބަހުގެ ނޫނީ ލިޔުމުން ހުށަހަޅާ ޢިބާރާތެއްކަމަށްވިޔަސް އޭގައި ބަލާޣަތައި ފަޞާޙަތް އެކުލެވޭނީ އެ ޢިބާރާތެއްގައި ނުވަތަ އެ ފުރޭފެއްގައި އަދަބީ ޢުންޞުރު ހިމަނައިގެންނެވެ. އަދަބީ އުންސުރަކީ އެކި ޢިބާރާތްތަކުގައި ލިޔުންތެރިޔާ ބަޔާންކުރާ ވާހަކައެއް ކިޔާ މީހާގެ ލޮލަށް ލިޔުމުން ސިފަކޮށްދިނުމަށް ޓަކައި ލިޔުންތެރިޔާ ބޭނުންކުރާ އަދަބީ ބައިތަކެވެ. އެ ލިޔުމެއްގެ އަސަރުގަދަކޮށް ޢިބާރާތް ފަށުވިކުރުމަށް ޓަކައި ބޭނުންކުރާ ލަފުޒުތަކާއި، އަދަބީ ޢިބާރާތްތަކެވެ. އަދަބީ ޢުންޞުރުތަކުގެ ތެރޭގައި ވިއްސަށްވުރެ ގިނަ ބާވަތް ހިމެނޭކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ ތެރޭގައި، ހަރުބަހާއި މަޖާޒާއި މަޖާޒީމިސާލާއި، ސިފަކޮށްދޭ ނަންއިތުރުތަކާއި އެއްފަދަކުރުމާއި އަޅައިކިޔުމާއި ހަމަބަހާއި ފުނަބަހާއި އިދިބަހާއި ކަންބޮޑުކުރުމާއި ދިރުން ނެތް ތަކެއްޗަށް ދިރުން ދިނުމާއި މި ފަދަ ވަރަށް ގިނަ ބައިތައް ހިމެނޭނެއެވެ. މިއީ ޢިބާރާތްތައް ޢަސަރުގަދަކުރުމަށް ޓަކައި، ފަށުވިކުރުމަށް ޓަކައި، ބާލާޣާތްތެރިކުރުމަށް ޓަކައި ލިޔުންތެރީން ބޭނުންކޮށްފައި ހުންނަ އުކުޅުތަކެވެ. ނުވަތަ ހުނަރުތަކެވެ. މި ހުނަރު ލިބިގެން ނޫނީ ބަލާޣާތްތެރި ގޮތެއްގައި ލިޔުމެއް ހުށައެއް ނޭޅޭނެއެވެ.

ފާހަގަކޮށްލުން އެކަށީގެންވާ ފަދައިން މި ހުރިހާ ޢުންޞުރުތަކަކީ ކޮންމެ ލިޔުމެއްގައި ކޮންމެ ޙާލަތެއްގައި އަދި ކޮންމެ ބާވަތެއްގެ ލިޔުމެއްގައި ހިމެނޭނެ ޢުންޞުރުތަކެއް ނޫނެވެ. ޙާލަތާއި ވަގުތާއި އެ ލިޔުމެއްގެ ބާވަތުން ލިޔުމުގައި ބޭނުންކުރެވޭނެ ޢުންޞުރުތައް ތަފާތުވާނެއެވެ.

ވީމާ، ބަލާޣަތާއި ފަޞާޙަތްތެރި ޢިބާރާތްތައް ދިވެހި އަދަބިއްޔާތުގައި ވެސް އެބަ ހުރިކަން އަޅުގަނޑު ފާހަގަކުރަމެވެ. މިސާލަކަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ)ގެ މި ބަޔާންކުރާ ޢިބާރާތަށް ނަޒަރެއް ދެމާތޯއެވެ! "އަޅުގަނޑު މި މުދައު އެއްކުޅަ ގޮތް ދެނެ ހުންނެވީމު ތޯއެވެ. އެ އެއްކުޅައީ އަރާމެއްނެތި މަސައްކަތް ކޮށްގެން ވަރުބަލިވާހައި ތަދުބީރުކޮށްގެން އަބުރުދާހައި މަކަރުހަދައިގެން ކަށްވަޅު އަނދިރިވާހައި ދޮގުހަދައިގެން ބަނޑުފެޅޭހައި ސޫދުކައިގެން ކުޅުހިކި ލަގޮނޑީގައި ނާށިލާހައި ދަހިވެގެން ހަލާކުވާހައި ޚަރަދު ކުޑަކޮށްގެންނެވެ. އެ މުދައު ގިނަވި ގިނަވިހެން އަޅުގަނޑުގެ ހިތުން ދިޔައީ މައިބަފައިކަމުގެ ކުލުނުވެރިކަމާއި، ގާތްތިމާގެ ކަމުގެ އޯގާވެރިކަމާއި، އިންސާންކަމުގެ އަބުރުވެރިކަމާއި މަރުވަމުންނެވެ. ދެން މުދައު ގިނަވެ ތަނަވަސްވެ މީހުންގެ ލޯތައް މަށާ ދިމާޔަށް ހުއްޓި މީހުން އަބަދުވެ އެބަހަރަވެއެވެ. އެހެން ވީވީހެން އަޅުގަނޑުގެ ހިތްދަނީ މީހުންގެ މައްޗަށް ކުޑައިވަމުން ފައުނުގެ މައްޗަށް ބޮޑާވަމުންނެވެ. މިކަހަލަ މުއްސަނދި ކަމަކުން ސުވަރުގެއާއި ބާއްޖަވެރިކަން ލިބޭނޭ ކަމަށްހޭ، އީމާންކަމަކާ ލަފާކަމެއް އަންނާނޭ ކަމަށްހޭ، ތިޔަހެން ނަމަވާ ޤާރޫނުގެ ތަޅުދަނޑިފަތި މޫސާގެފާނުންގެ ޢަޞާކޮޅަށްވުރެ މޮޅުވީސްތާއެވެ."

މި ފަދަ ކިތަންމެކިތަންމެ ޢިބާރާތެއް އެކި ލިޔުންތެރީންގެ ލިޔުއްވުންތަކުން ފެންނާން އެބަ ހުށްޓެވެ. ދިގުވެދާނެކަމަށް ޓަކައި މި ފަދަ އިތުރު ޢިބާރާތްތައް ނަކަލު ނުކުރިޔަސް ތަފާތު އުސްލޫބަށް ލިޔުއްވައިފައިވާ ލިޔުއްވުންތަކުން ފެންނާން އެބަހުށްޓެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީން (ރަޙިމަހުﷲ)އާއި ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނު (ރަޙިމަހުﷲ)އާއި އައްޝައިޚުލް އުސްތާޛު މުޙަންމަދު ޖަމީލު ދީދީ (ރަޙިމަހުﷲ)ގެ ނަންފުޅު މި ތާނގައި ފާހަގަކޮށްލުމަކީ އެހެން ލިޔުންތެރީންނަށް ކުރެވޭ ބޭ އިންސާފެއް ނޫނެވެ. މި ތިން ބޭފުޅުންގެ ވާހަކަ މި ފާހަގަކޮށްލީ ތަފާތު އުސްލޫބުތަކުން ޖުމުލަތައް ތަފާތު ކުރު-ދިގުމިނުގައި ލިޔެފައި ހުއްޓަސް ފަޞާޙަތާއި ބަލާޣާ ހުރެދާނެކަން ފާހަގަކޮށްލުމަށް ޓަކައެވެ. އަދި ޅެންވެރިކަމުގައި ވެސް މި ކަން ފެންނާންހުރެއެވެ. އައްޝައިޚުލްއުސްތާޛު މުޙަންމަދު ޖަމީލު ދީދީ (ރަޙިމަހުﷲ)އާއި ޔޫސުފު މުޙަންމަދުފުޅު(ރަޙިމަހުﷲ)ގެ ޅެންތަކާއި އަލްއަޚު އާދަމް ނަޞީރު އިބްރާހީމްގެ ޅެންތަކުން ފަޞާހަތާއި ބަލާޣާ ފެންނާން އެބަ ހުރި ވާހަކަ ދަންނަވައިލަމެވެ. ކުއްލިއަކަށް ހިތްމައްޗަށް އައި ބޭފުޅުންކޮޅެއްގެ ނަންފުޅުތައް ހިމަނައިލެވުނަސް އެކި ބޭފުޅުންގެ އެކި ލިޔުންތަކުން އެކި ވަރަށް ފަޞާޙަތާއި ބަލާޣާތް ފެންނާން ހުރެއެވެ. އިބްރާހީމް ޙުސައިން މަނިކުގެ ކުރުވާހަކަތަކާއި މަޑުލު މުޙަންމަދު މަޙީދުގެ ކުރުވާހަކަތަކާއި ޢަބްދުﷲ ޞާދިޤު (ނޢޢވ)ގެ ބައެއް ލިޔުއްވުންތަކުންނާއި އަލްއުސްތާޒު އިބްރާހީމް ޝިހާބާއި އަލްއުސްތާޒު މުޙަންމަދު ނަޝީދުގެ ތަޤުރީރުތަކުގެ ތެރޭގައި މި ފަދަ ޢިބާރާތްތައް އެބަހުށްޓެވެ.

މަޢާފުކުރެއްވުން އެދެމެވެ. އަޅުގަނޑަށް މި ފުންމައިލެވުނީ ފުންމިން ނޭނގޭ ފުން ކަނޑަކަށެވެ. ކިތަންމެ ބަޑިއެއް ތަޅަތަޅައި އޮތަސް މި ކަނޑުގެ އަޑިއާ ހަމައަކަށް އަޅުގަނޑަކަށް ނުދެވޭނެއެވެ. މިއީ ކުރެވުނު މޮޔަ ކަމެއްކަން އިޙުސާސްކުރެވުނު ހިނދު މި ކަނޑުން މި ވަގުތު އެރޭތޯ މަސައްކަތްކޮށްލާނަމެވެ. ނަމަވެސް ދިވެހި އަދަބުގެ ފުންމިން ނޭނގޭ މި ފުންކަނޑުގައި ހުރި ކިތަންމެ ލިޔުމަކުން މި ބަލާޣާތާއި ފަޞާޙާތް ފެންނާން ހުރި ވާހަކަ ދަންނަވައިލަމުންނެވެ. މަޢާފުކުރެއްވުން އެދެމެވެ.