ދެހާސް ހަތްސަތޭކަ މީހުންނާއެކު އިޓަލީގެ ފަސެންޖަރުލައިނަރެއް މާލޭގައި މިއަދު ހެނދުނު ބަނދަރުކޮށްފިއެވެ.
"ކޮސްޓާ ޑެލިޒިއޯސާ" ނަމަކަށް ކިޔާ ބިޔަ ބޮޑު މި ފަސެންޖަރުލައިނަރު ޖަނަވަރީ ހަ ވަނަ ދުވަހު އިޓަލީގެ ޓްރިއެސްޓޭ އިން ފުރައިގެން ކުރާ މި ދަތުރުގައި ދުނިޔޭގެ ހަތަރު ބައްރެއްގެ 52 މަންޒިލަކަށް 128 ދުވަހުގެ ތެރޭގައި ދާނެއެވެ. ދުނިޔެ ވަށާ ބުރެއް ޖެހުމުގެ މި ދަތުރުގައި މެޑިޓެރޭނިއަން ކަނޑުން ފެށިގެން އަރަބި ޕެނިންސުލާއާ ހަމައަށް އިރުމައްޗަށް ދަތުރުކޮށް "ކޮސްޓާ ޑެލިޒިއޯސާ" ރާއްޖެ މި އައީ އިންޑިއާގައި މަޑުކޮށްފައެވެ. އޭގެ ކުރިން ވަނީ ސައިޕްރަސް، އިސްރާއީލް އަދި ޖޯޑަންގައި މަޑުކޮށްފައެވެ. ދެން ދާނީ ގްކެބަރހާ/ޕޯޓް އެލިޒަބަތު އަދި ކޭޕް ޓައުން (ދެކުނު އެފްރިކާ)، ރިއޯ ޑި ޖެނީރޯ (ބްރެޒިލް)، ބުއެނަސް އައިރެސް އަދި އުޝުއާޔާ (އާޖެންޓީނާ)، ސަންޓިއާގޯ ޑި ޗިލީ، ކޮލޮން (ޕެނަމާ)، ނިއުޔޯކް (އެމެރިކާ) އަށެވެ. އަދި މޭ 13 ވަނަ ދުވަހު ދަތުރު ނިންމާލުމުގެ ކުރިން ޕޯޗުގަލްގެ ލިސްބަން އަދި އަޒޯރސް އައިލެންޑްސް އަށް ދާނެއެވެ.
"ކޮސްޓާ ޑެލިޒިއޯސާ"ގެ ގިނަ ގެސްޓުންތަކެއް މިއަދު ވަނީ މާލެ ފައިބައި އަދި ބައެއް ރިސޯޓުތަކަށާއި ރަށްރަށަށް ވެސް ގޮސްފައެވެ. މި އުޅަނދު މާލެއިން ފުރާނީ މާދަމާ ހަވީރުއެވެ.

ދިގުމިނުގައި 958 ފޫޓު އަދި އުސްމިނުގައި 106 ފޫޓު ހުރި، 12 ބުރީގެ "ކޮސްޓާ ޑެލިޒިއޯސާ"ގައި ދަތުރުކުރާ 2،712 ގެސްޓުންނަކީ ތަފާތު 40 ގައުމަކަށް ނިސްބަތްވާ މީހުންނެވެ. ގިނައީ ފްރާންސް (ގާތްގަނޑަކަށް 500)، އިޓަލީ އަދި ޖަރުމަނު (ގާތްގަނޑަކަށް 360 އަދި 340)، ސްވިސް (ގާތްގަނޑަކަށް 160)، ސްޕެނިޝް (ގާތްގަނޑަކަށް 140) އަދި އޮސްޓްރިއާ (100 އަށް ވުރެ މަދު) މީހުންނެވެ. މި ފަހަރުގެ ދަތުރުގައި ބައިވެރިވާ އެންމެ ދުވަސްވީ މީހަކީ 94 އަހަރުގެ ފްރާންސް މީހެކެވެ. އެންމެ ހަގީ އޮސްޓްރިއާގެ ހަ އަހަރުގެ ކުއްޖެކެވެ.

"ކޮސްޓާ ޑެލިޒިއޯސާ"ގައި 1050 ފަޅުވެރިން ދަތުރުކުރެއެވެ.
ބޭރުގެ ނުވަ ފަސެންޖަރުލައިނަރެއް މިއަހަރު ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިގޮތުން "ކޮސްޓާ ޑެލިޒިއޯސާ" މިއީ މި އަހަރު މިހައިތަނަށް އައި ހަތަރު ވަނަ ފަސެންޖަރުލައިނަރެވެ. މި ނުވަ ފަސެންޖަރުލައިނަރުގައި 12 ހާހަށްވުރެ ގިނަ ގެސްޓުން ދަތުރުކުރާނެއެވެ. ބައެއް ފަސެންޖަރުލައިންތައް ދާނީ ސީދާ އައްޑޫ އާއި ތިލަދުންމައްޗަށެވެ.



advertisment

