ސިޓީ ކައުންސިލުން ބިން ނުދީގެން މާލޭގައި ތިން ޓްރާންސްފޯމަރެއް ނުބެހެއްޓި ދިގުލަމުންދާ ކަމަށާއި އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯ އިން މިއަދު ބުނެފިއެވެ. ނަމަވެސް އެދިފައިވާ ގޮތަށް ސްޓެލްކޯ އަށް ބިން ދޫކޮށްފައިވާ ކަމަށް މާލޭ މޭޔަރު ޑރ. މުއިއްޒު މިއަދު ވިދާޅުވިއެވެ.
"މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން ވަނީ އެދިފައި. އެ ތިން ސަބްސްޓޭޝަނަކީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި، މަޖީދިއްޔާ ސްކޫލު ކުރިމައްޗަށް ވާގޮތަށް ހުރި ޕާކިންޒޯނާ ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރުން، ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން،" ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. "މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމާއި، މި ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ވަނީ ހިއްސާ ކުރެވިފައި. އަދި ކުރިއަށް މިއޮތް ދުވަސްތަކަކީ ހޫނު މޫސުމުގެ ދުވަސްތައް ކަމުގައިވާތީ އާއި، އަދި ރޯދަ މަހު މި ޓްރާންސްފޯމަރުތައް އޯވާލޯޑްވެ، ކަރަންޓު ކެނޑުން ފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް މި ކުންފުނިން ބޭނުންވޭ. އަދި މިކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި، އެހެނިހެން އާލާތްތައްވެސް މި ކުންފުނީގައި މިހާރު ހުރިކަން ފާހަގަކޮށްލަން."
މި ކަމާ ގުޅިގެން ޑރ. މުއިއްޒު "އަދިވެސް" އަށް ވިދާޅުވީ ސްޓެލްކޯ އިން އެދުނު ގޮތަށް އެ ތިން ސަރަހައްދުން ވެސް ބިން ހަމަޖައްސައިދީފައިވާނެ ކަމަށާއި ސްޓެލްކޯ އިން ވާހަކަ ފުރޮޅާލަނީ ކަމަށެވެ.
"އެ ތިން ސަރަހައްދުން ވެސް ބިން ދޫކޮށް ސްޓެލްކޯ އަށް ވާނީ އަންގައިފައި. ނަމަވެސް ސްޓެލްކޯ އިން ބޭނުންވެގެން އުޅެނީ އެ ބިންތައް ސްޓެލްކޯ އަށް ރަޖިސްޓްރީކުރަން. އެކަން ނުކޮށްދީގެން ވާހަކަ ޓްވިސްޓްކޮށްލައިގެން އުޅެނީ. މިހާރު ވެސް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ސްޓެލްކޯގެ ސަބް ސްޓޭޝަންތައް ހުންނާނެ. ބައެއް ތަންތަން ދެބުރިއަށް ވެސް ހަދައިފައި ހުރީ. އެއިން އެއްވެސް ބިމަކީ ސްޓެލްކޯއަށް ރަޖިސްޓަރީކޮށްދީފައި ހުރި ތަންތަނެއް ނޫން. ބިންތައް ރަޖިސްޓްރީކުރެވޭނީ އެކަމާ ބެހޭ އިޖުރާއަތުތައް ފުރިހަމަކޮށްގެން،" ޑރ. މުއިއްޒު ވަރަށް ކުރުކޮށް ވިދާޅުވިއެވެ.
ސްޓެލްކޯ އިން އަދި ބުނީ އެ ތިން ސަބްސްޓޭޝަނަށް ބިން ހޯދަން އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްގެން ވެސް އެކަން ވެފައި ނެތް އިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ "ހ. ދޫވެހި" އަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް އާޓިފިޝަލް ބީޗްގެ ވޮލީކޯޓާ އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅައި، މީގެ ތިން މަސް ކުރިން ސިޓީ ކައުންސިލުން ސިޓީ ފޮނުވައިފައިވާ ކަމަށެވެ.
"މި ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާ ގޮތަށް ބިން ހަމަޖައްސައިނުދީފިނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލްކުރަން ޖެހިދާނެކަން ބަޔާންކޮށް މި ކުންފުނިން މިކަންކަމާ ގުޅިގެން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، މާލޭ ސިޓީކައުންސިލްގެ އިސް ނެންގެވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާ ކަމަށް ބުނެ، އާޓިފިޝަލް ބީޗްގައިވާ ވޮލީކޯޓާ އިންވެގެން އޮތް ސަރަހައްދުން ކަނޑައަޅުއްވައި 24 އޮކްޓޯބަރ 2022 ގައި ސިޓީ ކައުންސިލްގެ ސިޓީއެއް މި ކުންފުންޏަށް ވަނީ ލިބިފައި. އެހެން ނަމަވެސް އެ ސަރަހައްދުން ކަރަންޓަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކަށް ކަރަންޓު މި ކުންފުނިން ނުދެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްލެވޭ."
ސްޓެލްކޯ އިން އަދި ބުނީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް އެ ކުންފުންޏަށް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެ ކަމަށެވެ.
"މިކަން މިހެން އޮތް އިރު އަޅުގަނޑުމެންގެ އެދުމަކީ، ރައްޔިތުންނަށް މިކުންފުނިން ދެމުންގެންދާ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި މެދު ނުކެނޑި ފޯރުވައިދިނުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވާ، ޒިންމާދާރުކަމާއެކު، މި ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތް ކުރުން."
ސަރުކާރުގެ މައި އިންޖީނުގެ- ސްޓެލްކޯ އާއި އިދިކޮޅުގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލާ ދެމެދު އަބަދުވެސް ހޫނު ޒުވާބުތައް ބަދަލުކުރަމުން ދެއެވެ. މިގޮތުން މާލޭގެ މަގުތައް ކޮނުމަށް ނަގާ ފީ ސިޓީ ކައުންސިލުން މި ފަހަކުން ބޮޑުކުރި މައްސަލަ ސްޓެލްކޯ އިން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. އަދި އިންޖީނުތަކުގެ ބޭނުމަށް ބަންދުކޮށްފައި ހުރި މާލޭގެ ބައެއް ގޯޅިތައް، ސިޓީ ކައުންސިލުން އެދުނު ނަމަވެސް ހުޅުވެން ނެތް ކަމަށް ސްޓެލްކޯ އިން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ.



advertisment


One Response
Thiya council vejjenu bodu dhuppaanakah! Muiz hithun meena ah miulhenee raeesul jumhooriyyaa kan libigenney! Thiya council uvaalaa!