Support Us

އާމްދަނީއެއް ނުލިބޭ އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރަން ސްޓެލްކޯއިން ނިންމައިފި

ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާޢީ ކެޓަގަރީ" އިތުރުކޮށް، އާމްދަނީއެއް ނުލިބޭ ފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ އާއްމު އިޖުތިމާޢީ ހިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިން ކަމަށާއި ވިޔަފާރި ޓެރިފަކީ، ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެއް ކަމަށެވެ. އެހެންކަމުން އާއްމު ހިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ޓެކްނޮލޮޖީ މިނިސްޓްރީއާ މަޝްވަރާކޮށްގެން އެ ބަދަލު ވަރަށް އަވަހަށް ގެނައުމަށް ސްޓެލްކޯއިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި މަގުތައް އަލިކުރުން ފަދަ ކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫން ކަމުގައި ޝަރީފު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ތަންތަނަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް އަދި ގެސްޓް ހައުސް ފަދަ ވިޔަފާރިތަކާ އެއް ހަމައެއްގައި އަގު ނަގާ ތަންތަން ކަމަށް ވާތީ އެ ދާއިރާތަކަށް ޚާއްސަކޮށް "އިޖުތިމާއީ ކެޓަގަރީ" އުފެއްދުމަށް ނިންމެވީ ކަމުގައި އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީގައި ވިޔަފާރިތަކުގެ ކަރަންޓު ބޭންޑުގެ 300 ޔުނިޓުން ފެށިގެން 10،000 ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާ ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް ހަ ރުފިޔާ ނަގައެވެ.