Support Us

ކޮލަމް: ދޭހަ

ކޮލަމް ދޭހަ: ކޯޅުމަށްފަހު އަލްވިދާޢުކިއޭނެބާ؟

ރާއްޖޭގައި މިހާރު އަޅުގަނޑުމެން ތަޖުރިބާކުރަމުން މިގެންދަނީ ޑެމޮކްރަސީގެ އާ ގޮތްތަކެކެވެ. އަޅުގަނޑުމެން ތަޖުރިބާކުރަމުން މިގެންދާ  ފެންވަރުގައި ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކަންތައްތައް ކޮށްފައި އޮތްކަމެއް އެނގިފައެއް ނެތެވެ. ފެނިފައެއް ނެތެވެ.

ވެރިކަން ހޯދުމަށް ބައެއް ފަހަރު ވެރިކަމަށް އައުމަށް މަސައްކަތްކުރާ ޕާޓީގެ ލީޑަރުންގެ ތެރެއިން އިސް ލީޑަރަކަށް ހުންނާނެ މީހަކާ މެދު ޕާޓީގެ އިސް ސަފުގައި ތިބޭ މީހުންގެ ޚިޔާލު ތަފާތުވެފައި ހުންނަތަން ފެނިފައިވެއެވެ. މިގޮތަށް ދިމާވާ ބައެއް ފަހަރު އެއްބަސްވުމަކަށް އާދެވެނީ ވެރިކަމުގައި ހުންނާނެ މުއްދަތަކަށް އެއްބަސްވެވިގެންނެވެ. މިސާލަކަށް ދަންނަވާނަމަ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ނުވަތަ ހަތަރު އަހަރު ކަމުގައި ވަނީނަމަ، ފުރަތަމަ ދައުރަށް ފަހު ވެރިކަމަށް އަންނަން ބޭނުންވާ ބާރުގަދަ ދެވަނަ ލީޑަރަށް ފުރުޞަތު ދިނުމެވެ. ލޭބަރ ޕާޓީގެ ވެރިކަމުގައި އިނގިރޭސިވިލާތުގައި މިގޮތަށް ދިމާވިކަމުގައި ވެއެވެ. ޓޯނީ ބުލެއަރއާ ވާދަކުރެއްވީ ގޯޑަން ބުރައުން އެވެ. ބުލެއަރ ވެރިކަމާ ކުރިމަތިލައްވައިފިނަމަ، އޭނާ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ވެރިކަން ހޯދަން ފަސޭހަވާނެ ކަމަށް ޕާޓީގެ އިސް ވަރަށް ގިނަ މީހުން ޤަބޫލު ކުރިއެވެ. އަނެއްކޮޅުން ގޯޑަން ބުރައުން އަކީ ވަރަށް ޢިލްމީ އަދި ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއްގެ ބޭފުޅެއްކަމަށް ޕާޓީ ތެރޭގައި މަޝްހޫރު ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތީ ބުލެއަރ އެވެ. ގޯޑަން ބުރައުން އިސް ވަޒީރެއްގެ ގޮތުގައި ހުންނެވިއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށް އޮތް ޚިޔާލު ތަފާތުވުމަކުން އޭނާގެ މަސައްކަތްޕުޅަށް ހިޔަންޏެއް ނޭޅެއެވެ. ބުލެއަރގެ ހަޔާތާ ބެހޭގޮތުން އޭނާ ލިއުއްވާފައި އޮތް ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ އެތެރޭގައި ބައެއް ކަހަލަ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ޚިޔާލުތަފާތުވުމެއް އޮތް ކަމުގައިވިޔަސް، އެ ޚިޔާލު ތަފާތުވުމުން، ޤާނޫނު ހެދުމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އުނިކަމެއް ނާދެއެވެ. އެކަން ހާމަކަން ބޮޑުކޮށް ޢާއްމު ރައްޔިތުންނަށް އެނގޭ ހިސާބަކަށް ނުދެއެވެ.

މިހާރު ރާއްޖޭގައި މިއޮތީ އެމް.ޑީ.ޕީ.ގެ ވެރިކަމެކެވެ. ތެދުފުޅެކެވެ. ރައީސްކަމަށް އައުމަށް އެމް.ޑީ.ޕީ އާއި އެހެން ޕާޓީތަކާ އެކު ބައިވެރިވެގެން ރިޔާސީ އިންތިޚާބާ ކުރިމަތިލިއެވެ. ޚިޔާލު އެއްގޮތް ވެގެންނެއް ނޫނެވެ. އެންމެނަށް އެއްބަސްވެވޭ ސިޔާސަތެއް އޮވެގެނެއްވެސް ނޫނެވެ. ކުޑަވެސް އިޢުތިރާޒެއް ނެތި އެއްބަސްވެވުނީ އެންމެ ކަމަކާއެވެ. އެއިރު ވެރިކަންކުރި މީހުން، އިންތިޚާބަކުން ވޯޓުލައިގެން ބަލިކުރުމެވެ. ވެރިކަމަށް އައުމުން އެހީތެރިވެދިން ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ މަޤާމްތަކުގެ "ހަދިޔާ" ބެހުނެވެ. މިނިސްޓަރުކަމާއި އަދި އޭގެ ދަށުފެންވަރުގެ މަޤާމްތަކެވެ. އެބޭފުޅުންނަށް އެ މަޤާމްތައް ލިބިވަޑައިގަތަސް އެބޭފުޅުން ތަންފީޒުކުރެއްވީ އެމް.ޑީ.ޕީ.ގެ ސިޔާސަތެވެ. އެބޭފުޅުންގެ ޕާޓީތަކުގެ ސިޔާސަތެއް ނޫނެވެ. އެެހެންނަމަވެސް މި ޙަޤީޤަތް އެމް.ޑީ.ޕީގެ އިސް ބައެއް ވެރިން ޤަބޫލުފުޅެއް ނުކުރައްވައެވެ. ޤަބޫލުކުރަމެވެ. ތާއީދުކުރުމުން "ހަދިޔާ" ބަހާ ސިޔާސަތުގެ ސަބަބުން އެމް.ޑީ.ޕީ ސަރުކާރުން "ބަލަދުއަރައިފައި ތިބި" ވެރިންތަކެއް ގެންގުޅެން ޖެހުނެވެ. ޕާޓީ ޓިކެޓުން މަޤާމް ލިބިވަޑައިގެންފައި ތިއްބެވުމާ އެކު އެބޭފުޅުންގެ މަޤާމުގެ ޒިއްމާ ރަނގަޅަށް އަދާނުކުރެއްވިޔަސް އަދި މަޤާމުގެ ނާޖާއިޒް ފައިދާ ނަންގަވާކަމުގެ ތުހުމަތުތަކެއް ކުރެވުނަސް، އެބޭފުޅުން މަޤާމުން ދުރުކުރުމަކީ މަޞްލަހަތު ހުރި ކަމަކަށް ނުވެއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ބޭއްވުނު ޢާއްމު އިންތިޚާބުގައި އެމް.ޑީ.ޕީ.އަށް ރައްޔިތުންގެ މަޖިލީހުގައި ބޭނުން ގޮތަކަށް ޤާނޫނުތަކާއި ޤާނޫނުއަސާސީ ބަދަލުކުރެވޭނެހާ ބޮޑު އަޣްލަބިއްޔަތެއް ލިބުނެވެ. ސަރުކާރަށް ތާއީދު ނުކުރާ ޕާޓީތަކަށް ލިބުނީ މަޖިލީހުގެ މަދު ގޮނޑިއެކެވެ. އެހެންނަމަވެސް އެމް.ޑީ.ޕީ.އަށް މި ބޮޑު އަޣްލަބިއްޔަތުގެ ބޮޑު ފައިދާ ނުނެގުނެވެ. އެމް.ޑީ.ޕީއާ ކުރިމަތިލާންޖެހުނީ މާ އުނދަގޫ އިދިކޮޅު ފަރާތަކާއެވެ. އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދުގެ ފާޑުކިއުންތަކާ އެވެ. މިކަމުގައި ސަރުކާރަށް އެންމެ އުނދަގޫވާނެ ކަމަށް ފެނުނީ ރައީސް ނަޝީދުގެ އަތްޕުޅުގައި ތިން ނުފޫޒު އެއްވެފައި އޮތުމުންނެވެ. ޕާޓީގެ ލީޑަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމެވެ. އަދި މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމަނިކުފާނުގެ ޕާޓީގެ ބޮޑު އަޣްލަބިއްޔަތެވެ. މިކަމުގެ ފައިދާ ނަޝީދު ނެންގެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިންގެވީ އެމަނިކުފާނުގެ އަމިއްލަ ކުލަބެއްގެ ޖަލްސާތައް ހިންގާ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ވެސް ރައްޔިތުންގެ މަޖިލިހުގެ ޤަވައިދާ ޚިލާފް ބައިވަރު ކަންތައް ކުރައްވައެވެ. ބައެއް ފަހަރު އިދިކޮޅު ޕާޓީތަކުން އެ މައްސަލަ ނަގައެވެ. އެމީހުން ހިމޭންކޮށްލަނީ ގިނަފަހަރަށް މަޖިލީހުގެ ޤަވައިދާ ޚިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ބަސްމަގު ހުންނަނީ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ބަސްމަގު ހުންނަންވާ ގޮތަކަށެއް ނޫނެވެ. އެމަނިކުފާނު ޖަލްސާގައި އިންނަވާއިރު އެ މަނިކުފާނު ހިތްޕުޅު ހަމަނުޖެހޭ ގޮތަށް ސަރުކާރުން ކަމެއްކުރާ ނަމަ އެކަމަކަށް އެމަނިކުފާނު ފާޑުވިދާޅުވެއެވެ. އެމަނިކުފާނުގެ ޚިޔާލު ދެއްވައެވެ. ވަޒީރުންނާ ކުރެވޭ ސުވާލުގެ ޖަވާބާ ބެހޭގޮތުން ވާހަކަ ދައްކަވައެވެ. ސުވާލުގައި އެބުނާ އެއްޗެއްގެ މާނަ ވިދާޅުވެދެއްވައެވެ. ވަޒީރު ދެއްވާ ޖަވާބު ރަނގަޅު ނޫންކަމަށްވެސް ވިދާޅުވެއެވެ. މީއި މަޖިލީހުގެ ޤަވައިދު ބުނާގޮތުން ރައީސަށް ކުރެއްވޭނެ ކަމެއް ނޫނެވެ. މަސީޙު ނުވަތަ ޝާހިދު ކަހަލަ ރައީސަކު އިންނަވައިގެން އެކަހަލަ ކަމެއް ކުރައްވަން އުޅުއްވިނަމަ، މެމްބަރުން އެބޭފުޅުން މާލަމުން ނުކުމެވަޑައިގަންނަވާވަރު ކުރެއްވީސް އެވެ.

ރައީސް ނަޝީދަކީ ޕާޓީ އުފައްދައިގެން ޑެމޮކްރަސީ ގެނައުމަށް ވަރަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ މަރުޙޫމް ކަޅުހުރާގޭ ލަތީފްއާ ގުޅިވަޑައިގެންނެވެ. އެއިރު އަޅުގަނޑުމެންނަށް ވިސްނުނީ ނަޝީދު އުޅުއްވީ ޙަޤީޤަތުގައިވެސް ރާއްޖޭގައި ޑެމޮކްރަސީ ގެންނަވައި ޑެމޮކްރަސީ ހަރުދަނާ ކުރައްވަންކަމަށެވެ. ނަޝީދު ބޭނުންފުޅުވީ ނަޝީދުގެ ސްޓައިލަށް ޚުދުމުޚްތާރު ވެރިކަމެއް ކުރައްވަންކަން އެނގުނީ ނަޝީދަށް ވެރިކަމުގެ އިސް ބާރުތައް ލިބިވަޑައިގަތުމުންނެވެ.

މިހާރު ރައީސް ނަޝީދު ހުންނެވީ ރައީސްކަމާ ކުރިމަތިލެއްވުމަށް ޕާޓީގެ ލީޑަރަކަށް ވެވަޑައިގަތުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ ވާދަ ކުރައްވަން ޕާޓީގެ އެތެރޭގެ އިންތިޚާބާ ކުރިމަތިލައްވައިގެންނެވެ. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް މިއަދު ނުކުތަސް އަޅުގަނޑުމެންނަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ޑެމޮކްރަސީގެ އުޞޫލުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު އަމިއްލަފުޅަށް ދުރުވެވަޑައިގަތުމެވެ. ޑެމޮކްރަސީގެ އާދަކާދަ އޮންނަ ގޮތުން ބޮޑުވަޒީރާއި ނުވަތަ ރައީސާ ޚިޔާލު ތަފާތުވުމުން ވެސް އެބޭފުޅަކު ހުންނެވި މަޤާމުން އިސްތިޢުފާ ދެއްވައެވެ. ބޮޑުވަޒީރު ނުވަތަ ރައީސްއާ އިންތިޚާބެއްގައި ވާދަކުރައްވާނަމަ ވެސް ވާދަކުރައްވަނީ ހުންނެވި މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާ އަށް ޚިޔާލު ކޮށްލައްވަބައްލަވާށެވެ. ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ. ރައީސް ޞޯލިޙް ރިޔާސީ ބަޔާން އިއްވަވާއިރުގައެވެ. އޫފް!