Support Us

"ކެފޭ ތާސީރު" ހިންގަނީ އެގްރީމެންޓާ ޚިލާފަށް ކަމަށް ބުނެ އެ ހޮޓާ ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި

މާލޭ ބޮޑުތަކުރުފާނު މަގުގައި "ކެފޭ ތާސީރު" ހިންގަނީ އެގްރީމެންޓާ ޚިލާފަށް ކަމަށް ބުނެ އެ ހޮޓާ ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ދެކުނު ފަރާތު ވިލާގޭސް ގުދަނާ އިންވެގެން ހުރި ފާޚާނާބަރީގައި ހިންގަމުންދާ "ކެފޭ ތާސީރު" އަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދީފައިވާ ތަނެއް ނަމަވެސް އެގްރީމެންޓާ ޚިލާފްވެ ޕޭ ޓޮއިލެޓް ހިންގައިފައިނުވާ ކަމަށެވެ.

"މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައި އޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އަސްލު މައްސަލައަކީ އެ ބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދީފައިވާ ތަނެއް ނަމަވެސް އެގްރީމެންޓާ ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާ އެއްކޮޅަށް ނިމިފައިވާ ކަމަށެވެ." މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައިވެއެވެ.

"ކެފޭ ތާސީރު"ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އޮތުމުން ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

"މިކަން ހުއްޓުވަން ނިންމީ ކެފޭ ތާސީރު ބަދިގެ އަކީ ގިނަ އަދަދެއްގެ ގޭސްފުޅި ގުދަންކުރެވިފައި ހުންނަ ތަނަކާއި އިންވެގެން ހުންނަ ބަދިގެއެއް ކަމުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތުމުން،" މުޢިއްޒު ވިދާޅުވިއެވެ. "މޭޔަރު ވިދާޅުވީ ދާދި ފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގައި ރޯވެގެން ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރި ތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެން ގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާ ގުޅިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ."

މޭޔަރު އަދިވެސް ވިދާޅުވެފައިވެއެވެ. "އެއީ މި ކެފޭއާ ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވް ގޭސްގެ ގޭސްފުޅިތައް، އަދި މާ ދުރު ނޫން ހިސާބުގައި ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއް ނޫން. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ."

ސިޓީ ކައުންސިލުން ބުނީ  އެތަން ހުސްކުރަން ދާދި ފަހުންވެސް ކައުންސިލުން ދިޔަ ނަމަވެސް، އެފަރާތުން ވަނީ ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށާއި އެހެން ނަމަވެސް ކޯޓުން ކައުންސިލާ ދެކޮޅަށް އެ އަމުރު ނެރެދީފައެއްނުވާ ކަމަށެވެ.

"މޭޔަރު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުން ކަމަށެވެ."