Support Us

ފަގީރުންގެ ޑޮކްޓަރު މި ދުނިޔެ ދޫކުރެއްވުން

އޭނާ ބަލި މީހަކު ބައްލަވަން ނެންގެވި ފީއަކީ ދިވެހި ރުފިޔާއިން ނަމަ، އެންމެ ނުވަ ރުފިޔާއެވެ. އެފަދަވެސް ދެވެން ނެތް ފަގީރުމީހާ އަތުން އެއްވެސް ފީއެއް ނުނަންގަވައެވެ. އަދި ކިއެއްތަ؟ ބޭސް ގަންނަން މާލީ ފޯރުންތެރިކަމެއް ނެތް ކޮންމެ ނިކަމެއްޗަކަށް އޭނާގެ ޖީބުން އެ ޚަރަދު ކޮށްދެއްވިއެވެ.

މިއީ، މިދިޔަ ޖުލައި 28 ވަނަ ދުވަހު ޢުމުރުފުޅުން 76 އަހަރުގައި ދުނިޔެ ދޫކުރެއްވި މިޞްރުގެ މަޝްހޫރު ޑޮކްޓަރު މުޙައްމަދު ޢަބްދުލްޣައްފާރު މަޝާލީގެ ވާހަކައެވެ. ޑޮކްޓަރެއްގެ ގޮތުގައި ބައިގަރުނަށްވުރެ ގިނަ ދުވަސް އޭނާ ހޭދަކުރެއްވީ "ފަގީރުންގެ ޑޮކްޓަރު"ގެ ލަގަބާއެކުއެވެ. މަރުދުވަހާ ހަމަޔަށްވެސް ކޮންމެ ދުވަހަކު 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ބަލިމީހުންނަށް ފަރުވާކުރައްވައި ހޭހަންކުރެއްވުމުގައި ވަރުބަލިކަމެއްނެތި ވޭތުކުރެއްވިއެވެ.

ޑޮކްޓަރު މުޙައްމަދު ޢަބްދުލްޣައްފާރު މަޝާލީ

ޑރ. މަޝާލީ ވިދާޅުވެފައިވާ ގޮތުގައި، ޞިއްޙީ ޚިދުމަތަށް ނުކުންނެވިތާ ވަރަށް ކުރީކޮޅު، ހަކުރުބަލި ހުރި ކުޑަކުއްޖަކަށް ފަރުވާ ދިނުމަށް ބޭނުންވާ އިންޖެކްޝަން ކަށްޓެއް ގަންނާނެ ފަދަ ނެތިގެން، އެ ކުއްޖާފުޅު މިދުނިޔެ ދޫކުރި ޙާދިސާ އޭނާގެ މުޅި ވިސްނުން ބަދަލުކޮށްލިއެވެ. އެ ދުވަހު އެ ކުއްޖާފުޅުގެ ހަގު ކޮއްކޮ ހައިހޫނުކަން ފިލުވާލާނެ ކާއެތިކޮޅެއް ގަތުމަށްފަހު އިތުރު އެހެން ޚަރަދެއް ކުރާނެ އެންމެ ރުފިޔާ ފޮއްޗެއްވެސް މައިންބަފައިން އަތުގައި ނެތީއެވެ.

ޑރ. މަޝާލީ އުޅުއްވީ ވަރަށް އާދައިގެ ގެއެއްގައި، ސާދާ ދިރިއުޅުއްވުމެކެވެ. އޭނާގެ އޯގާތެރި ޚިދުމަތުގެ އަގު ވަޒަންކޮށް މިލިއަން ޑޮލަރުން ހުށަހެޅުނު އިނާމުތައް ގަބޫލެއް ނުކުރެއްވިއެވެ.

"އަހަރެންމީ ފަގީރެއްގެ ދަރިއެކެވެ. ބޮޑެތި ކާރާއި ފައިސާގެ އަގުބޮޑެތި އިނާމުތަކެއް ބޭނުމެއް ނޫނެވެ. ތިޔަ ތަކެތި ބޭނުން ޖެހިފައިވާ ފަގީރުންނަށް ހޭދަކުރާށެވެ. ދުނިޔެއިން އަހަރެން އުންމީދުކުރި ވަރަށް ވުރެ މާ ގިނައިން ﷲ އަހަރެންނަށް ދެއްވައިފިއެވެ." މިއީ މި ނިޔަނެތި ސަހަރޯވެރިޔާގެ އިހުބަހާއި ފަހުބަހެވެ.

ހިތްތިރި ހިތްހެޔޮ އިންސާނެކެވެ. އޭނާ ރޭގަނޑާއި ދުވާލު ހޭދަކުރެއްވީ މީސްތަކުންނަށް އިޙްސާންތެރިކަން ފޯރުކޮށްދެއްވުމުގައެވެ. މިއީ މަދުން ނޫނީ ދުނިޔެ ނުދެކޭނެ ނަމޫނާއެކެވެ.