Support Us

ހާލާއި ޙިމާރު ގޮވަނީ ކީއްވެ؟

ހާ

ހާލަށްވުރެ ބަހަވިއްޔާތުގައި މަޝްހޫރީ ކުކުޅެވެ. ހާ ކަތިލިޔަސް ކުކުޅު ކަތިލިޔަސް ބުނަނީ ކުކުޅު ކަތިލާ ވާހަކައެވެ.

އިބްނު ޙަޖަރުލްޢަސްޤަލާނީ ޞަޙީޙުލް ބުޚާރީގެ ޝަރަހައިގައި އައްދާވޫދީގެ އަރިހުން ނަޤްލުކުރައްވައިފައިވާ ގޮތުގައި ހާލުގެ ކިބައިން ފަސް ކަމެއް ދަސްވެއެވެ. އެއީ އަޑު ރީތިކަމާއި ހާރުދަމުގައި ހޭލުމާއި ޣިޔަރަތްތެރިކަމާއި ދީލަތިކަމާއި ގިނައިން ޖިމާޢުވުމެވެ.

ކުކުޅަކީ ދޫނީގެ ގިންތީގައި ހިމެނޭ ސޫތްޕެކެވެ. އެހެނަސް ކުކުޅުހާލަށް އުދުހުމުގެ ޤާބިލުކަން ލިބިފައެއް ނުވެއެވެ. އޭތީގެ ތުނބުގައި ދަތެއް ނުހުރެއެވެ. ކުކުޅުހާލަކީ ފައިދަށުލައިގެން ކައިއުޅޭ އެއްޗެއްނޫނެވެ. ކުކުޅުހާލަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި އުޅޭ އެއްޗެކެވެ.

ޙިމާރު

ޙިމާރަކީ އަސް ޢާއިލާގެ ޙައިވާނެކެވެ. އެއީ މަންމަލި ޖަނަވާރެކެވެ. ވަރަށް ޤަދީމީ ޒަމާނުއްސުރެ ޙިމާރަކީ އިންސާނުންނާ އޮޅު އިންސާނުންނާ އެކުގައި އުޅޭ ޙައިވާނެކެވެ. އިންސާނުން އެއްޗެހި އުފުލުމަށް ޓަކައި ޙިމާރު ބޭނުންކުރެއެވެ. ޙިމާރަކީ އޭތީގެ ބަރުދަނުގެ 20% އާއި 30% އާ ދެމެދުގެ ބަރުދަން ހުރި އެއްޗެހި އުފުލައިގެން ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޖަނަވާރެކެވެ. ތާރީޚު ބުނާގޮތުގައި މީގެ ބާރަ ހާސް އަހަރު ކުރިއްސުރެ އެފްރިކާ ދަޅު ސަރަޙައްދުގައި ޙިމާރު އުޅެއެވެ. މެދުއިރުމަތީގެ ޤަދީމީ ޙަޟާރަތުގައި ޙިމާރުގެ ދައުރު ވަރަށް ބޮޑެވެ. ޔޫނާނީންގެ ގާތުގައި ޙިމާރަކީ އެމީހުންގެ ރާ ކަލާނގެ ޑިޔޮނިސަސްއާ ގުޅިފައިވާ އެއްޗެކެވެ. ޤަދީމީ ރޯމަނުންނަށް ބަލާއިރު ޙިމާރަކީ މުޤައްދަސް އެއްޗެކެވެ. މި ޒަމާނަށް ބަލާއިރު އަދަބިއްޔާތުގައި ޖުޙާ ވާހަކައިގައި ޙިމާރު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައި ވެއެވެ.

މަޣްރިބުގައި "ޙިމާރުންގެ ރަޙްމަތްތެރީން" ނަމަކަށް ކިޔާ ޖަމްޢިއްޔާއެއް އޮވެއެވެ. މިއީ ސަރުކާރަށް "މަލާމާތް" ކުރުމަށް ޤާއިމުކޮށްފައިވާ ޖަމްޢިއްޔާއެކެވެ. މިޞްރުގައި "ޙިމާރުންގެ ޖަމްޢިއްޔާ" ނަމަކަށް ކިޔާ ޖަމްޢިއްޔާއެއް އޮވެއެވެ. މިއީ އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޝިޢާރުގެ ތެރޭގައި ޙިމާރު ވެއެވެ. މި ޝިޢާރު ރަމްޒުކޮށްދެނީ ކެތްތެރިކަމެވެ. ފަރަންސޭސިވިލާތުގައި ހައެއް އޮކްޓޯބަރަކީ ޙިމާރުގެ ދުވަހެވެ.

ޙިމާރުގެ ސިފަތަކުގެ ތެރޭގައި އޭގެ ގަދަ އަޑު ވެއެވެ. އިންސާނާއަށް މި އަޑު ތިން ކީލޯމީޓަރު ދުރުން އިވޭކަން ފާހަގަކޮށްފައި ވެއެވެ.

ކީރިތި ޤުރްއާނުގައި ޙިމާރު

ކީރިތި ޤުރްއާނުގައި ޙިމާރުގެ ނަން އެތައް ތަނެއްގައި ވާރިދުވެފައި ވެއެވެ. އޭގެތެރޭގައި

  • مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَاراً بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ[1] – توراة އަށް عمل ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާ އެއްގޮތަށް عمل ނުކުރި މީހުންގެ مثال އަކީ، ފޮތްތަކެއް އުފުލާ حمار ގެ مثال އެވެ. اللَّه ގެ آية ތައް ދޮގުކުރި މީހުންގެ مثال ގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.)) އަލްފަޚްރުއް ރާޒީ އެކަލޭގެފާނުގެ ތަފްސީރު ފޮތް "މަފާތީޙުލްޣައިބު" ގައި ވިދާޅުވެފައިވާ ގޮތުގައި މި އާޔަތް ބާވައިލެއްވީ ޔަހޫދީން ކައު ރަސޫލާ ފޮނުއްވުނީ ހަމައެކަނި ޢަރަބީންގެ ގާތަށް ކަމަށް ބުނުމުންނެވެ. އެމީހުންގެ މައްޗަށް މާތް ﷲ ބާވައިލެއްވި ތައުރާތުގައި ކައު ރަސޫލާގެ ވާހަކަތައް އައިސްފައި ވެއެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް ބަޔާންކުރައްވައިފައި ވެއެވެ. އެހެންކަމުން އެމީހުންނަށް ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމުތަކުގެ އެންމެތަކުންނަށް ކަން ރަނގަޅަށް އެނގޭނެއެވެ. ފަޚްރުއްރާޒީ ވިދާޅުވާ ގޮތުގައި މި އާޔަތުގައި ވާ އުފުލުމުގެ މާނައަކީ ބުރަކަށިމަތީގައި އުފުލުމެއް ނޫނެވެ. އެހެނަސް އޭގެ މާނައަކީ ޙަވާލުވުމާއި ޖާމިނުވުމެވެ. އެބައިމީހުން ނޫފުއްލަޔޭ ބުނެވުނު ބަހުގެ މާނައަކީ އެމީހުން އެ ފޮތުގެ ޙައްޤުތައް އަދާނުކުރާ ވާހަކައެވެ. މާތް ﷲ ޔަހޫދީން ސިފަކުރައްވަނީ އެމީހުން އަތުގައި ތައުރާތު އޮވެ މި ތައުރާތަށް ޢަމަލު ނުކުރުމުގައި އޭގެ ބުރިކަށިމަތީގައި ފޮތްތަކެއް އުފުލާ ޙިމާރަކާއެވެ. މި ފޮތްތަކުން އެ ޙިމާރަށް އެއްވެސް ފައިދާއެއް ނުލިބެތެވެ. ޔަހޫދީންގެ މައްޗަށް ބާވައިލެއްވި ފޮތުން އެމީހުންނަށް ލިބުނު ފައިދާއެއް ނެތެވެ. އެމީހުންނާ ދެކޮޅަށް ޙުއްޖަތް ޤާއިމުކުރުމަށް މެނުވީއެވެ.
  • وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً [2]– އަދި އަހާއި، بغل އާއި، حمار ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ.))
  •  ޙިމާރުގެ އަޑަކީ އިންސާނާ ނުރުހޭ ބަރު އަޑެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ[3] – އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.)) އައްޝައިޚު މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ ވިދާޅުވާ ގޮތުގައި ބައެއް މީހުންނަށް ވަނީ މި އާޔަތުގެ މުރާދު އޮޅިފައެވެ. އެއީ ގަބު އެއްޗެއްކަމަށް މީހުން ބުނެއެވެ. ޝައިޚު އައްޝަޢުރާވީ ވިދާޅުވާގޮތުގައި އޭގެ ޠަބީޢަތަށް ބަލައިފިނަމަ އެހެން ނޫންކަން އެނގެއެވެ. އިންސާނާ ޙިމާރުގެ މަތީގައި ހަޑިއެއްޗެހި އުފުލަތެވެ.  ހިޔާވަހިކަމެއްނެތް ތަނެއްގައި ނިދަން އޭތި ބައްވައެވެ. އެކަމާ އޭތި ދެކޮޅެއް ނަހަދައެވެ. އޭގެ މަތީގައި ދަތުރުކުރަންވީމާ އޭތި ސާފުކޮށް އަސްދާނު ގޮނޑި އަޅައެވެ. ލަގަން އަޅުވައެވެ. މި އިން އެއްވެސް ކަމަކާ އޭތި ދެކޮޅެއް ނަހަދައެވެ. ޝައިޚު އައްޝަޢުރާވީ ވިދާޅުވާގޮތުގައި އޭތީގެ އަޑު ގަދަވުމުގެ ޙިކްމަތަކީ އޭއްޗަކީ ޖަމަލާ ޚިލާފަށް ތިރި އެއްޗެކެވެ. އޭތި ގަހެއްގެ ދަށުގައި ނުވަތަ ފަރުބަދައެއް ކައިރީގައި އޮންނައިރު އޭތީގެ ސާހިބުމީހާއަށް އޭތި ނުފެނިދާނެތީ އޭތި ގަދަ އަޑުން ގޮވަނީ ސާހިބު މީހާއަށް އޭތި އޮތްތަން އެންގުމަށް ޓަކައެވެ. އެހެންކަމުން އޭތީގެ އަޑަކީ އާލަތެކެވެ. ޠަބީޢަތާ ގުޅޭ އާލަތެކެވެ. ޝައިޚު އައްޝަޢުރާވީ ވިދާޅުވާގޮތުގައި ޙިމާރުގެ އަޑަކީ ހުތުރު އަޑެއް ނޫނެވެ. ހުތުރު ވަނީ އިންސާނާ އެ އަޑު ކޮޕީކޮށް ބާރަށް ހަޅޭއްލެވީމައެވެ. އެކަމުގައި ޙިމާރުގެ ކުށެއް ނެތެވެ.

ބުނެވޭ ގޮތުގައި ޙިމާރު ހަރުއަޑުން ބާރަށް ގޮވަނީ އޭއްޗަށް ޝައިޠާނާ ފެނުމުންނެވެ. ތަޖްރިބާއިން އެނގޭގޮތުގައި ބިންހެލުމެއް އައުމުގެ ކުރިން ޖަނަވާރުންނަށް (އޭގެތެރޭގައި ޙިމާރު ވެސް ހިމެނޭ ގޮތަށް) އެ ކަން އިޙްސާސްކުރެވެއެވެ. އަދި އޭއްޗެހި ހާމަ ތަންތަނަށް ނުކުމެއެވެ. މަޣްރިބުގެ އަޣާދީރަށް އައި ބިންހެލުމުގައްޔާއި 1992ގައި މިޞްރަށް އައި ބިންހެލުމުގައި މި ކަން ވަނީ ފާހަގަ ކުރެވިފައެވެ. މިޞްރަށް އައި މި ބިންހެލުމުގެ ކުރިން މިޞްރުގެ ޙައިވާނު ބަގީޗާގައި ތިބި ޙައިވާނުތައް އާދަޔާ ޚިލާފު ގޮތަކަށް ޙަރަކާތްތެރިވެ ކޮށިން ނުކުންނާން އުޅުނެވެ.

މީގެއިތުރަށް ޙިމާރަކީ ތިބާ ގޮވައިގެން ކިތަންމެ ދިގު ރާސްތާއެއް ކަޑައްތު ކުރިއަސް ތިބާ ގޮވައިގެން ހަމަ އެމަގުން އެނބުރި އަންނަ އެއްޗެކެވެ. ތިބާ އޭއްޗަށް މަގު ދައްކާކަށް ނުޖެހޭނެއެވެ. އެހެންވީމާ ޙިމާރަކީ ގަބު އެއްޗެކޭ ބުނެވިދާނެ ބާވައެވެ! މާތް ﷲ ޙިމާރު ހެއްދެވީ އޭގެ މައްޗަށް ސަވާރުވެ ދަތުރުކުރުމަށާއި ޒީނަތަކަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً وَيَخْلُقُ مَا لاَ تَعْلَمُونَ [4]– އަދި އަހާއި، بغل އާއި، حمار ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ.))

ޢުޒައިރުގެފާނުގެ ޙިމާރުގެ ވާހަކައަކީ ޤުރްއާނުގައި އައިސްފައިވާ ޢިބްރަތްތެރި ވާހަކައެކެވެ. އެކަލޭގެފާނު މަރުގަންނަވައި އެކަލޭގެފާނު އަލުން ދިރުއްވުމާ ބެހޭ ވާހަކައިގެ ތެރެއިންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((أَوْ كَالَّذِي مَرَّ عَلَى قَرْيَةٍ وَهِيَ خَاوِيَةٌ عَلَى عُرُوشِهَا قَالَ أَنَّىَ يُحْيِـي هَـَذِهِ اللّهُ بَعْدَ مَوْتِهَا فَأَمَاتَهُ اللّهُ مِئَةَ عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْماً أَوْ بَعْضَ يَوْمٍ قَالَ بَل لَّبِثْتَ مِئَةَ عَامٍ فَانظُرْ إِلَى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ وَانظُرْ إِلَى حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ وَانظُرْ إِلَى العِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْماً فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللّهَ عَلَى كُلِّ شَيْءٍ قَدِيرٌ [5]– ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި عمارات ތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި فكر ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) اللَّه، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދެން، اللَّه، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި حياة އަށް ފޮނުއްވިއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ. ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ حمار އަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ދެން، އޭނާއަށް އެކަން بيان ވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލާނގެކަން يقين ކޮށް ދެނެގަންނަމެވެ.))

ރަސޫލާގެ ބަސްފުޅުތަކުގައި ހާ ގޮވުމާއި ޙިމާރު ގޮވުން

ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لا تسُبُّوا الدِّيكَ، فإنّه يُوقِظُ للصَّلاةِ [6]– ތިޔަބައިމީހުން ހާލަށް އެއްޗެހި ގޮވާ ނަހަދާށެވެ! ފަހެ ހަމަކަށަވަރުން އޭތި ނަމާދަށް ހޭލައްވައެވެ.)) ރޭގަނޑުގެ ވަގުތުތައް ދެނެގަތުމުގެ ބާރު ހާލުގެ ޠަބީޢަތުގައި ވެއެވެ. ފަތިސްވުމުގެ ކުރިންނާ ފަހުން ހާ ގޮވައެވެ. މި ކަމުގައި އޭއްޗަށް ކުށް ނެހެދޭކަމަށް ތަޖްރިބާއިން އެނގެއެވެ. ރޭގަނޑު ދިގުވިޔަސް ކުރުވިޔަސް ހާލަށް ފަތިސްވާ ވަގުތު އޮޅިގެން ނުދެއެވެ. މިހެންވެ ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި ހާ ގޮވުމަށް ބަލައިގެން ފަތިސް ނަމާދުގެ ވަގުތު ބެލިދާނެއެވެ.

އެއް ދުވަހަކު ހާލެއް ގޮވައިލުމުން ކީރިތި ރަސޫލާ ﷺގެ އަރިހުގައި ހުރި މީހަކު އޭއްޗަށް ލަޢުނަތް ލިއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لا تسُبُّوا الدِّيكَ فَإنّهُ يَدْعُو إلَى الصَّلاةِ[7]– ތިޔަބައިމީހުން ހާލަށް އެއްޗެހި ގޮވައި ނަހަދާށެވެ! ފަހެ ހަމަކަށަވަރުން އެއީ ނަމާދަށް ގޮވައިލާ އެއްޗެކެވެ.)) އަލްޙުލައިމީ ވިދާޅުވާ ގޮތުގައި ހާލަށް އެއްޗެހި ގޮވައިގެން ނުވާނެއެވެ.  އޭގެ ބަދަލުގައި ޖެހޭނީ އޭއްޗަށް ރަނގަޅަށް މުޢާމަލާތުކުރާށެވެ! އޭތީގެ ފިޠުރަތުގައި މާތް ﷲ ލައްވައިފައިވާ ޣަރީޒާގެ ސަބަބުން އޭތި ފަތިސް ވަގުތު ގޮވާނެތެވެ. އެއީ ނަމާދަށް ގޮވައިލުންފަދަ ކަމެކެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ فَإِنَّهَا رَأَتْ مَلَكًا وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنْ الشَّيْطَانِ فَإِنَّهُ رَأَى شَيْطَانًا ‏[8]– ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވިއްޖެނަމަ ފަހެ ﷲގެ ޙަޟްރަތުން ފަޟްލުވަންތަކަމަށް އެދޭށެވެ. ފަހެ އޭތި އެ ގޮވަނީ މަލާއިކަތަކު ފެނިގެންނެވެ. އަދި ތިޔަބައިމީހުން ޙިމާރު ގޮވާ އަޑު އިވިއްޖެނަމަ ފަހެ ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދޭށެވެ! ފަހެ އޭތި އެ ގޮވަނީ ޝައިޠާނަކު ފެނިގެންނެވެ.))

މާތް ﷲ ރަޙްމަތް ލެއްވި ޤާޟީ ޢިޔާޟު ވިދާޅުވާގޮތުގައި މި ކަމުގެ ސަބަބަކީ އޭނާގެ ދުޢާއަށް މަލާއިކަތުން އާމީން ވިދާޅުވުމަށް އެދުމެވެ. އޭނާއަށް ފާފަފުއްސަވާ ދެއްވުމަށް ދުޢާކޮށްދެއްވުމަށް އެދުމާއި އޭނާގެ އިޚްލާޞްތެރިކަމަށް އެބޭކަލުން ހެކިވެވަޑައިގަތުމަށް އެދުމެވެ.

ޙިމާރާ ބެހޭގޮތުން އޮތް ބަސްފުޅު ބުނާގޮތުން ޙިމާރު ހަޅޭއްލަވަނީ ޝައިޠާނަކު ފެނިގެންނެވެ. އެ ޙާލަތުގައި ﷲގެ މަތިން ހަނދުމަ ކުރާށެވެ! ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެން ޖެހެނީ ޝައިޠާނާގެ ވަސްވާހުންނާއި ނުބައިކަމުން ރައްކައުތެރިވާން ޖެހޭތީއެވެ. ކީރިތި ރަސޫލާ އަންގަވަނީ ޙިމާރު ގޮވަނީ ޝައިޠާނެއް ފެނިގެންނެވެ. އޭތި ގޮވާ އަޑު އިވިއްޖެނަމަ ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ. އަދި ތިމަންކަލޭގެފާނުގެ މަޗަށް ޞަލަވާތް ކިޔަވާށެވެ! މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِذَا سَمِعْتُمْ نُبَاحَ الْكِلَابِ وَنَهِيقَ الْحُمُر بِاللَّيْلِ فَتَعَوَّذُوا بِاللَّهِ، فَإِنَّهُنَّ يَرَيْنَ مَا لَا تَرَوْنَ [9]– ރޭގަނޑު ކުއްތާއެއް ނުވަތަ ޙިމާރެއް ގޮވާ އަޑު އިވިއްޖެނަމަ ފަހެ ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ!ފަހެ ހަމަކަށަވަރުން އޭއްޗެއްސަށް ތިޔަބައިމީހުންނަށް ނުފެންނަ އެއްޗެހި ފެނެއެވެ.)) ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިއީ ސުންނަތްކަމެކެވެ. ރޭގަނޑު ޚާއްޞަ ކުރައްވައިފައި ވިޔަސް އެ ބަސްފުޅުގައި ރޭގަނޑާއި ދުވާލު ހިމެނެއެވެ.

ރަސޫލާގެ ބަސްފުޅުގައި ހިމެނޭ ޒަމާނީ ޢިލްމީ އިޝާރަތް

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވި ބަސްފުޅަކީ ((‏إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ فَإِنَّهَا رَأَتْ مَلَكًا وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنْ الشَّيْطَانِ فَإِنَّهُ رَأَى شَيْطَانًا ‏[10]– ތިޔަބައިމީހުންނަށް ހާ ގޮވާ އަޑު އިވިއްޖެނަމަ ފަހެ ﷲގެ ޙަޟްރަތުން ފަޟްލުވަންތަކަމަށް އެދޭށެވެ. ފަހެ އޭތި އެ ގޮވަނީ މަލާއިކަތަކު ފެނިގެންނެވެ. އަދި ތިޔަބައިމީހުންނަށް ޙިމާރު ގޮވާ އަޑު އިވިއްޖެނަމަ ފަހެ ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުން އެދޭށެވެ! ފަހެ އޭތި އެ ގޮވަނީ ޝައިޠާނަކު ފެނިގެންނެވެ.))

މި ޙަދީސްފުޅުން އެނގޭގޮތުގައި އިންސާނާއަށް ނުފެންނަ އެއްޗެހި ފެނުމުގެ ބާރު ހާލަށާއި ޙިމާރަށް ލިބިގެން ވެއެވެ. އިންސާނާގެ ލޮލަށް ފެންނާނީ 400 އާއި 700 ނަނޯމީޓަރގެ އަލީގެ ރާޅުތަކެވެ. އަދި 300 ނަނޯމީޓަރާއި 400 ނަނޯމީޓާރުގެ ރާޅުތައް އިންސާނާގެ ލޮލަކަށް ނުފެންނާނެއެވެ. ދޫނިސޫފާސޫފީގެ ލޮލުގައި އަލީގެ ކުދި ރާޅުތައް ފެނުމުގެ ބާރު މާތްﷲ ލައްވައިފައި ވެއެވެ. ހާލަކީ ދޫނީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ހާލުގެ ލޮލުގައި ވައިލެޓު ދޯދީގެ މަތީ ދޯދިތައް ފެނުމުގެ ބާރު ވެއެވެ. މި ބާރުގެ ސަބަބުން ދޫނިސޫފާސޫތްޕަށް ކުލަތައް ވަރަށް ސާފުކޮށް ފަނޑުއަލީގައި ވެސް ވަކިކުރާން އެނގެއެވެ. އިންސާނާއާށް ފަނޑު އަލީގައި ކުލަތައް ވަކިކުރާކަށް ނޭނގެއެވެ.

ޖަޕާނުގެ ޓަކާޝީ ޔޮޝިމޯރާއާއި ޓްސުޔޯޝީ ޔޮޝިމޯރާ 2013ވަނަ އަހަރު ކުރެއްވި ދިރާސާއެއް ބުނާގޮތުގައި ހާލަކީ އޭއްޗަށް އިވޭ އަޑުތަކަށް އިޖާބަދޭ އެއްޗެކެވެ. އޭތީގެ ކޮށިތެރެއަށް މީހަކު ވަދެއްޖެނަމަ ނުވަތަ ކާރެއްގެ އަޑު އިވިއްޖެނަމަ އޭތީ ގޮވައިފާނެއެވެ.ބައެއް ފަހަރަށް އެހެން ދޫނިތަކާއެކު މުޢާމަލާތު ކުރުމަށް ޓަކައި ވެސް ދޫނި ގޮވައެވެ. ނުވަތަ އޭތި އުޅޭ ސަރަޙައްދު ހާމަކުރުމަށް ޓަކައި ވެސް ގޮވައިފާނެއެވެ.

ފެނުމުގެ ރާސްތާއަށާއި ދާއިރާއަށް ބަލާއިރު އިންސާނުންގެ ލޮލަށްވުރެ ޖަނަވާރުންނާއި ދޫނިސޫފާސޫފީގެ ފެނުމުގެ ބާރު މާ ވަރުގަދައެވެ. އިންސާނާއަށް ފެންނަނީ 180 ދަރަޖައިގެ ތެރޭގައެވެ. އެހެނަސް ކުއްތާއަށް 250 ދަރަޖައިގެ ތެރޭގައި އެއްޗެހި ފެނެއެވެ.

މާތްﷲ މާމުއި ކުޅަނދުރަށް ފެނުމާއި ވަހާއި ރަހަ ދެނެގަތުމުގެ ވަރަށް ބާރުގަދަ ޙިއްސުތަކެއް ދެއްވައިފައިވެއެވެ. އަދި ދަތުރުކުރާ މިސްރާބާއި ދުރުމިނާއި ވަގުތު ދެނެގަންނާނެ ޙަޔަވީ (ބަޔޮލޮޖިކަލް) ގަޑިއެއް ދެއްވައިފައި ވެއެވެ. މާތްﷲ މާމުއި ކުޅަނދުރަށް އާދައިގެ ތިންލޮލާއި މުރައްކަބު ލޯ ޖޯޑެއް ދެއްވައިފައިވެއެވެ. މިއިން ކޮންމެ ލޮލެއްގައި 6،300 ލެންސް ހުރެއެވެ. މާތް ﷲ އޭއްޗަށް ދެއްވައިފައިވާ މި ލޯތަކުގެ ސަބަބުން އަލީގައި ހިމެނޭ ހުރިހާ ކުލަތަކެއް ދެނެގަނެވެއެވެ. މިސާލަކަށް އިންސާނާގެ ލޮލަށް ނުފެންނަ ވައިލެޓްގެ މަތީ ދޯދި (އަލްޓްރާވައިލެޓް) ކުޅަނދުރަށް ފެނެއެވެ. އެހެންކަމުން މާމެލާމެލީގެ ކުލަތައް ވަރަށް ފުރިހަމަކޮށް ކުޅަނދުރަށް ދެނެގަނެވެއެވެ. މާތް ﷲ ކޮންމެ އެއްޗެއްވެސް ހައްދަވައިފައި ވަނީ އޭއްޗަކަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއެކުގައެވެ.

ޙިމާރަށް ރޭގަނޑު އަނދިރީގައި އެއްޗެހި ފެންނަނީ އޭތީގެ ލޮލަށް ރަތް ދޯދީގެ ތިރީ ދޯދި (އިންފްރާ ރެޑް ދޯދި) ފެންނާތީ ކަމަށް ވެދާނެއެވެ. ޢިލްމީ ދިރާސާތައް މި ކަން އަދި ސާބިތުކޮށެއް ނުދެއެވެ. މާތް ﷲ ޝައިޠާނާ ހައްދަވައިފައި ވަނީ އަލިފާނުންނެވެ. އެހެންކަމުން ރަތުގެ ތިރީ ދޯދިތައް ފެންނަ އެއްޗެއްސަށް ޖިންނި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺގެ މި ޙަދީސްފުޅުގައި އައިސްފައި މިވާ ޢިލްމީ އިޝާރާތްތަކާ ބެހޭގޮތުން އިތުރު ދިރާސާ ކުރަން ވަނީ ޖެހިފައެވެ.

މާތްﷲ މަލާއިކަތުން ހައްދަވައިފައި ވަނީ ނޫރުންނެވެ. ޝައިޠާނުން ހައްދަވައިފައި ވަނީ އަލިފާނުންނެވެ. ދޫނިސޫފާސޫތްޕަށް ވައިލެޓް ދޯދީގެ މަތީ ދޯދި ފެނެއެވެ. އިންސާނުންނަކަށް މި ދޯތްޖެއް ނުފެނެއެވެ. ރަތްދޯދީގެ ތިރީ ދޯތްޖަކީ އަލިފާނުން ފެތުރޭ ދޯތްޖެކެވެ.

މި ކައުނުގައި ހިނގަމުންދާ ކަންތައްތަކުން ޖަނަވާރުންނަށާއި ދޫނިސޫފާސޫފީގެ ސުލޫކަށާއި ޙަޔާތަށް އަސަރު ކުރެއެވެ. އެހެންކަމުން ހާލަށް މަލާއިކަތުން ފެންނަ ވާހަކައާއި ޙިމާރަށް ޝައިޠާނުން ފެންނަ ވާހަކަ ޤަބޫލު ކުރަން އެބަ ޖެހެއެވެ. ޢިލްމަށް މި ކަން ކުރެވުނަސް ނުކުރެވުނަސް އަޅުގަނޑުމެން މުސްލިމުން ރަސޫލާގެ މި ބަސްފުޅުތައް ޤަބޫލުކުރާނަމެވެ.

ސައެންސީން މަސައްކަތް ކުރަންވީ މި ފަދަ ޢިލްމީ ޙަޤީޤަތް ހޯދުމަށެވެ. ކީރިތި ޤުރްއާނާއި ކައު ކީރިތި ރަސޫލާ ﷺގެ ޙަދީސްފުޅުތައް ދޮގުކުރާކަށް ނޫނެވެ. ސައެންސަކީ އެއަށް އައްސޭރިއެއް ލިބިގެންނުވާ ސަރާސަރު ބޮޑު ކަނޑެކެވެ. ޢިލްމުގެ އަސާސީ މަޞްދަރަކީ ﷲ ތަޢާލާއެވެ. މާތް ﷲ އިންސާނާއަށް ދެއްވީ މި ޢިލްމުން ވަރަށް ކުޑަކުޑަ މިންވަރެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا[11]– އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.))

 

[1]  – سورة الجمعة : 5

[2]  –  النحل : 8

[3]  – لقمان : 19

[4]  – النحل : 8

[5]  – البقرة : 259

[6]  – أخرجه أبو داود (٥١٠١)، والنسائي في «السنن الكبرى» (١٠٧٨١) وأحمد (٢١٦٧٩)

[7]  – أخرجه أبو داود (٥١٠١) والنسائي في «السنن الكبرى» (١٠٧٨١) وأحمد (٢١٦٧٩)

[8]  – أخرجه البخارى ( 3303 )  و مسلم (2729 )

[9]  – تخريج سنن أبي داود ٥١٠٣

[10]  – أخرجه البخارى ( 3303 )  و مسلم (2729 )

[11]  – الإسراء : 85

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *