Support Us

ކޮލަމް ކަލާވެހި: އިންތިޚާބަށް ފައުޅުގައި ނުފޫޒު ފޯރުވާތޯ ބަލަން އަޅުގަނޑު ގެންގުޅޭނޭ އާދައިގެ ކުޑަކުޑަ ޓެސްޓެއް!

އަޅުގަނޑަށް ހަމަ ކުޑައިރުކޮޅަކަށް މަޢާފުކުރައްވާށެވެ! މިއުޅެނީ ހަމަ ދާދި ދެންމެއަކު މިތަނަށް އައި ކުރަތްޕަކަށް ޖަހައިފައި މިތާ ބެހެއްޓި އިސްޕިރޭ ފުޅި ނުފެނިގެންނެވެ. ހިނި އަންނަ ވަރުންނެވެ. މާގިނައިންނެވެ. އެކަމަކު… ދައްކަން އޮތް ވާހަކަޔެއް ދައްކާންވެސް ވާނެ، އެހެންނޫންތޯއެވެ؟

ދައްކަން އޮތް ވާހަކަޔަކީ އިންތިޚާބަށް ނުފޫޒު ފޯރުވާ ވާހަކައެވެ! އެކި ފަރާތްފަރާތުންނޯލައެވެ. އަނެއްކާ ކޮން ފަރާތްތަކަކުން ބާވައެވެ؟

އެންމެ ފުރަތަމަ، ޕާޓީތަކުގެ އެންމެ އިސް ބޭފުޅުންނަށް ބަލައިލަމާތޯއެވެ!

އިނގިރޭސި ބަހުން ޕާޓީޔަށް ކިތަންމެ ރީތި ނަމެއް އަދި ކިޔަސް، ފައިސާވެރި، ނުފޫޒުވެރި، ނުވަތަ ދެންވެސް އެހެން ކޮންމެވެސް ގޮތަކުން ވެރި ކޮންމެވެސް ޢިއްޒަތްތެރި ބޭފުޅެއްގެ ނަންފުޅަކުން ޢާންމުންގެ ތެރޭގައި މަޝްހޫރު ކޮންމެ ޕާޓީޔެއްގެ ވެރިޔަކަށްވެސް އިންތިޚާބާ ގުޅިގެން ވިދާޅުވެވެން އުޅުއްވެނީ އެކައްޗެކެވެ. ނުވަތަ ދެތިން އެއްޗެކެވެ. އެއީ، އަހަރެންގެ ޕާޓީން އިންތިޚާބަށް ނުފޫޒު ނުފޯރުވިޔަސް، އެއުޅޭ މިވެނި މީހާގެ ޕާޓީން އިންތިޚާބަށް އެބަ ނުފޫޒު ފޯރުވަޔޭއެވެ. ނުވަތަ ފޯރުވާނެޔޭއެވެ. ނުވަތަ ފޯރުވުން ގާތޭއެވެ. އާދައިގެ ގޮތަކަށްވެސް ނޫނޭއެވެ. ހެސް ކިޔާފައޭއެވެ. އަތްމަތީގައި ހުރި ބާރުތަކުގެ ބޭނުން ނާޖާއިޒުކޮށް ވެސް ހިފައިގެންނޯލައެވެ. ކަލޭމެން ނިކަން ބަލައިބަލާށޭ، އަހަރެން ނޫން އެންމެން މިހައިރު ވެސް އެތިބީ އަންނަން އޮތް އިންތިޚާބަށް ނުފޫޒު ފޯރުވާ ޙާލަތުގައްޔޭއެވެ. އެބޭބޭފުޅުންނަށް މިހެން އެ ވިދާޅުވެވެނީ ސަބަބުތަކެއް ވެސް ނެތި ނޫންކަން ނޫސްތަކުގައި ހުންނަ ލިޔުންތަކުންނާއި ސޯޝަލް މީޑިޔާއިންވެސް އެހުރީ ފެންނާށެވެ. އެކަމަކު، އެ ބޭބޭފުޅުން އިންތިޚާބަށް ނުފޫޒު ފޯރުއްވެވިޔަސް، ނޫނަސް، އެއީ އަޅުގަނޑު މިދަންނަވާ އާދައިގެ ޓެސްޓުގެ ބަޔަކަށް ނުވާތީ އެކަމާ އަޅުގަނޑު ދަންނަވާނޭ އެއްޗެއް އަދި ނެތެވެ.

ދެން ތިއްބަވާނީ ޕާޓީތަކުގެ މަތިފަޑިމަތީގައި ތިއްބެވި އިސް ބޭފުޅުން ނޫންތޯއެވެ!

މިފަދަ މަތިފަޑިމަތީ ބޭބޭފުޅުންނަކީ ތަބަކަކަށް ލައްވައިފައި އިސް މަޤާމުތައް އެރުވުނު ބޭފުޅުން ކަމުގައި ނުވާނޭކަމަށް ގިނަ ބޭފުޅުން އިޢުލާނުކުރެއްވާނެއެވެ. އާޚިރުގައި އެ ބޭބޭފުޅުންނަށް ގިނައިން އަދިވެސް އެ ތިއްބެވެނީ އެ ބޭފުޅުން ގައިކޮޅާވާ ބީދައިން ހެދުންކޮޅު ފައްސަވައިފައި ތަބަކެއްގައި އަތްޕުޅަށް އެރުވީމައި އެ ހެދުންކޮޅު ތުރުކުރައްވައިގެން  ކަމަށް ވިޔަސް ހެވެވެ. ތާޖިރު ކަމާއި، މަހުޖަނުކަމާއި، ޢާއިލާގެ އެތެރެކޮއިލުކަމާއި، މިކަންކަމުގެ ތެރެއިން ކަމެއް ގައިކޮޅުގައި ހުރުމުގެ ޝަރުޠު އިއްތިފާޤުންނަމަވެސް ފުރިހަމަވެގެން ވަޑައިގެން ތިއްބެވި ބޭބޭފުޅުންނަށް ވިޔަސް ވެސް ހަމަ އެންމެރަނގަޅެވެ. އެ ބޭބޭފުޅުންނަށް ވެސް އެ ވިދާޅުވެވެނީ ހަމަ އެކައްޗެކެވެ. އެއީ، އަހަރުމެން ނޫން އެންމެން އެތިބެނީ އިންތިޚާބަށް މިހައިރު ނުފޫޒު ނުފޯރުވޭނަމަ، އެކަން ކުރާނޭ ފުރުޞަތުތަކެއް ލިބޭތޯ ބަލަބަލައޭއެވެ. ނުވަތަ ކޮށްކޮށޭއެވެ. އެކަމަކު އަހަރުމެންނެއް އެކަމެއް ނުކުރާނަމޭއެވެ. ސިޔާސީ އެކި ފަޅިފަޅީގައި ނަމަވެސް، ފަޅަން އޮތް ބޯކިބަލުގެ ފަޅިފަޅީގެ އިންތިޒާރުގެ ގަޑިތައް ގުނުއްވަން ނަމަވެސް، އެ ތިއްބެވި މަދު ކޮންމެ ބޭފުޅަކަށް ވެސް ހަމަ އެކައްޗެއް ހަމަ އެގޮތަށް އެ ވިދާޅުވެވެނީ… އެކަމަކު އެޔަކާވެސް އަޅުގަނޑު ދަންނަވާން މިއުޅޭ ކުޑަކުޑަ ޓެސްޓަކާ މާކަބޮޑު ގުޅުމެއް ނެތެވެ!

ދެން ތިބޭނީ ޕާޓީތަކުގެ އާދައިގެ މެންބަރުން ނޫންތޯއެވެ!

މި ދަންނަވަނީ، ޕާޓީތަކުގެ އެތެރެވަރީގެ ނިންމުންތައް ނިންމުމުގައި ހަމަ ކުޑައިވެސް ކަންފުޅެއް ނުވާ، ޚަބަރެއް ނުވާ މީހުންގެ ވާހަކައެވެ. ޙަޤީޤަތުގައި ބަސް ވެސް މާނަހުރި ގޮތެއްގައި ނުވިކޭ ވަރަށް އާދައިގެ މީހުންގެ ވާހަކައެވެ. ބޯގިނަކުރާ ޖަލްސާޔަކަށްވިއްޔާ ވައިބަރުން ތަކުރާރުކޮށް ދަޢުވަތު ލިބޭ، އެ ނޫން ޖަސްލާތަކަށް އެވަރުވެސް ނުވާ، އެކަމަކު ހާހުން ހަމަކުރަން ޖެހިއްޖިއްޔާ އެގޮތުން ގުނޭ، އާދައިގެ މެންބަރުންގެ ވާހަކައެވެ. ޕޯޑިޔަމަށް އަރުއްވާ ކޮންމެވެސް އިސް ބޭފުޅަކު އާނ މިއީ އަހަރުމެންގެ ރޫޙޭ، ވިންދޭ، ޚިޔާލޭ، އަލިވިލޭނީ މި ފިކުރަށޭ، ޤައުމަށްޓަކައޭ، ސަގާފަތޭ، ސައިފަތޭ ވިދާޅުވީމައި، އަހަރުމެންގެ ރައުޔަކީ އެޔޭ ބުނާން އަނގަހުޅުވައިލުމުގެ ޙައްޤު އޮންނަ އާދައިގެ މެންބަރުންގެ ވާހަކައެވެ. ލޭ ކައްކުވައިލީމައި ފަސްޖެހުމެއް ނެތި ލޭ ކެކޭން ތިބި، މަގަކުން ހިނގާން ދެއްކީމައި އެމަގުން ހިނގާން ތިބި ކިޔަމަންތެރި މެންބަރުންގެ ވާހަކައެވެ. މިފަހަރު ގެޔަށް ވަންނާނީ މިކަން ނިންމައިފަޔޭ ގޮވަމުން ދުވާ ޒާތުގެ އާދައިގެ އުދާސްވެރި މީހުންގެ ވާހަކައެވެ. މިރުސް ދުމާ މޫނާ ބައްދަލުވިޔަސް ވަރިހަމަޔޭ، އާނދޮގޭޔޭ ކިޔައިފައި ނިކުންނާން ވެސް ހޭވައްލާ ތައްޔާރަށް އެ ތިބޭ ޒާތުގެ މީހުންގެ ވާހަކައެވެ. އެމީހުން ވެސް އެ ކިޔަނީ ހަމަ އެއް ލަވަޔެކެވެ. އެއީ، އިންތިޚާބު ބޭއްވުމުގެ ކަންކަން އިސްކޮށް ބަލަހައްޓާން ރައްޔިތުންގެ މާލިއްޔަތުން ބޮޑު މުސާރަޔާއި މުޅި ޢާއިލާޔަށް ރާއްޖޭން ބޭރުން މޮޅު ބޭސް ކޮށްދިނުމުގެ ތަނަވަސްކަން ދީފައި އެ ތިބޭ މީސްމީހުންނަށް ވެސް އަހަރުމެން ނޫން އެންމެން  ނުފޫޒު ފޯރުވަނިއްޔޭއެވެ. އިންތިޚާބުން ބަލިވާ ކޮންމެ ބަޔަކު އެ މީސްމީހުންގެ ނަންތައް ތޫލި އަޑުތަކުން ދިގު ފިލި މައްދަށް ދަމައިފައި ޒުވާން ފުރައިގެ އަންހެންކުދީން ހާމަ ތަންތަނުގައި އެގޮވަނީ އެހެންވީމައިތާއޭއެވެ. ކޮންމެއަކަސް، ނުފޫޒޭ މިކިޔާ އެއްޗެއްގައި ވެސް، ނުވަތަ ވަނާޖުބޭސައިގައި ހުރި ބާރަށް ވުރެވެސް ގަދަ ބާރެއް އިންތިޚާބުގެ މައްޗަށް އެބަ ހުރި، އެހެން ނޫންތޯއެވެ؟ އެހެންނަމަވެސް، އެއީވެސް މިދަންނަވާ އަޅުގަނޑު މިދަންނަވާ ސާދާ ޓެސްޓުގެ ބަހާއެއް ނޫނެވެ!

ދެން އެހެންވިއްޔާ، ދެން ތިބޭނީ ކޮން ބައެއްތޯއެވެ؟ އިންތިޚާބު ހިންގައި ބަލަހައްޓަން ތިބޭ މީހުންތޯއެވެ؟

އިންތިޚާބު ހިންގަވައި ބަލަހައްޓަވަން ތިއްބަވާ ބޭފުޅުން އެ ވިދާޅުވަނިއްޔޭ، ބަޔަކު އިހަށް މަކަރު ހަދައިފައި އޮތަސް، އަހަރުމެންނަކު އެހެނެއް ހަމަ ހިލާ ނޫޅޭނަމޭ، އަހަރުމެންނަށް އިތުބާރުކުރާށޭއެވެ. މިރާއްޖޭގައި އިންތިޚާބު ބާއްވަން ބޭނުންކުރާ ހުރިހާ އެއްޗިއްސަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ މަތީ ފެންވަރުގެ ތަކެއްޗޭއެވެ. ބަޔަކު މީގެ ކުރީން ކަރުދާސް އެންދީމައި އެއީ ގޯހެކޭ، ނުވަތަ ގޯހެއް ކަމަށް ބަޔަކު ދުށީތާއޭ، އަހަރުމެން އެކަމެއް ވެސް ނުކުރާނަމޭއެވެ. އެ ބޭފުޅުން އެހެން ވިދާޅުވީމައި އެ ބޭފުޅުނަށް އަޅުގަނޑުމެން އިތުބާރުކުރާން ވާނެއެވެ. އިހަށް ތިބީ އެހެން ބައެކެވެ. މިހާރު އެ ތިއްބެވީ މުޅީން އައު ބޭފުޅުން ނޫންތޯއެވެ! އެކަމަކު ކަމަޅިމަތީ އައު ބޭފުޅުންނަށް ވެސް ވިދާޅުވެވޭ ކަމަށް ނޫހުން ފެންނަނީ ކޮންމެވެސް ފަރާތަކުން އިންތިޚާބަށް ނުފޫޒު ފޯރުވަޔޭއެވެ. ދެން އެ ނުފޫޒު އަޅުގަނޑުމެން ޞައްޙަ މަގަކުން ވަޒަންކުރާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު އެއީވެސް އަޅުގަނޑު މިދަންނަވާ އާދައިގެ، ސާދާ، ކުޑަކުޑަ ޓެސްޓުގެ ބައެއް ނޫނެވެ!

އެހެންވިއްޔާ، ދެން އެ ކުޑަކުޑަ ޓެސްޓަކީ ކޮބައިތޯއެވެ؟ އައްސަވާށެވެ!

އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒާ ހަމަޔަށް ދާނޭ އުޅަނދެއް އަތުގައި ނެތި، ނުވަތަ ވޯޓުލާ މަރުކަޒާ ހަމަޔަށް ހިނގައިލައިފައި ދެވޭނޭ ހަކަތައެއް ގައިގައި ނެތް މީހުންނަށް އެހީވާން އެ ދަނީ ކޮން ބައެއްތޯއެވެ؟ ނުވަތަ ހިނގަން ދަތިވެ އެ ދިމާޔަށް ނުދެވި ތިބި މީހުންނަށް ހެޔޮކަމެއް ކޮށްދިނުމުގެ ގޮތުން، އެފަދަ މީސްމީހުން އުޅޭ ތަންތަނަށް ކާރުގައި ގޮސް އެހީ އެ ވަނީ ހަމަ ހެޔޮހިތުން ތޯއެވެ؟ ސިޔާސީ ނިޒާމުގެ މައްޗަށް ކުރެވުނު އިތުބާރު ގެއްލި، ނުވަތަ ފޫހިވެގެން ނަމަވެސް ވޯޓުލާން ނުދާން ނިންމައިގެން ތިބޭ މީހުންގެ އިޖްތިމާޢީ ޒިންމާގެ މަތީން ހަނދާންކޮށްދީ، އެ ޒިންމާ އަދާކުރުމުގައި ބޭނުންކުރާނޭ ކާރު ހިފައިގެން ގޭގޭދޮށަށް ގޮސް ނަސޭހަތް ދޭން އެ ދަނީ ކޮންބައެއްތޯއެވެ؟ އެ ބަޔަކު ދާއިރު ދަނީ ހުސްއަތާ ތޯއެވެ؟ ނުވަތަ ކޮންމެވެސް ތާކުން ކޮންމެވެސް ގޮތަކުން ހޯދި ލިސްޓެއް އޮންނަ ފައިލެއް އަތަށް ލައިގެންތޯއެވެ؟ އެ ބަޔަކު އެ ކާރުތަކުގައި އެ އުޅޭ ކާރުތަކަކީ އެ ނޫން ދުވަސްދުވަހު ޓެކްސީ ދަތުރުކުރުމުގައި ސެންޓަރުތަކުގައި ރަޖިސްޓަރީވެފައި ހުންނަ ކާރުތޯއެވެ؟ މި ސުވާލުތަކަކީ އަޅުގަނޑު މިދަންނަވާ ކުޑަކުޑަ ޓެސްޓުގެ މުހިންމު ބައެކެވެ!

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި، އިންތިޚާބު އޮންނަ ދުވަހު މިދެންނެވި ގޮތަށް ކާރު ހިފައިގެން ގޭގޭ ދޮށަށް ގޮސް މީސްމީހުންނަށް 'ވިސްނައިދިނުމަކީ' ކޮންމެވެސް ގޮތަކުން މަނާ ކަމެކެވެ. މިކަމާ ބެހޭ ގޮތުން ކޮންމެވެސް ކަހަލަ ދެންނެވުމެއް އިންތިޚާބުގެ ހިންގުންތެރި އިސް ފަރާތުން ޓެކްސީ ސެންޓަރުތަކަށް ތަންކޮޅެއް ކުރީގައި ނަމަވެސް އަންގަވައި ވެސް އުޅުއްވިޔޯލައެވެ. އެހެން ކަމަށް ވާނަމަ، މިފަހަރު ވެސް މި ދެންނެވި ފަދަ އެންގެވުންތައް ކުލީ ކާރު ގެންގުޅޭ އެންމެހައި ފަރާތްތަކަށް އަންގަވައި، އެކަން ޢާންމުންނަށް ވެސް އެނގޭ ވަރަށް ހާމަކޮށްލައްވައިފިއްޔާ، އަޅުގަނޑުގެ އާދައިގެ ޓެސްޓުގެ އިމްތިޙާނު ކަރުދާހުގެ ފުރަތަމަ ބައި އެ ފުރިހަމަވީއެވެ.

ދެން އޮތީ ނުފޫޒުގެ ޓެސްޓުން ފާސްވަނީ ކޮން ބައެއްތޯ ބެލުމެވެ. އަދި ފޭލިވަނީ ވެސް ކޮންކޮން ބައެއްތޯ ބެލުމެވެ. އެ ކަން ވެސް އަޅުގަނޑު މިދަންނަވާ މަގުން ހަމަ އެންމެނަށް ވެސް ބެލޭނެއެވެ. އެކަމަކު އެކަން ވާނީ، ކުރީން މިދެންނެވި އެންގެވުން ކުލީކާރު ގެންގުޅޭ ފަރާތްތަކަށް އެންގެވިކަން އެންމެނަށް ޔަޤީންވާ ހިސާބުންނެވެ!

މިދެންނެވި ޔަޤީންކަން ލިބިވަޑައިގެންފިނަމަ، އިންތިޚާބު އޮންނަ ދުވަހު ހަމަ އެއްކަލަ ގޮތަށް ފައިލު ހިފައިގެން ތިބޭ ބަޔަކު ގޭގޭ ދޮށަށް ގޮސް، އާދަޔާ ޚިލާފު ހިތްހެޔޮކަމަކާ އެކު ވޯޓުލާން ދާން ދަޢުވަތު ދެމުން ގެންދާ ނަމަ، ދާ މަގުމަތީގައި 'ސިއްރުސިއްރުން' ނަމަވެސް ވަކި ޕާޓީއެއް ނުވަތަ މީހެއްގެ ހެޔޮކަމާއި މޮޅުކަމުގެ ވާހަކަ އިޝާރާތުން ނަމަވެސް ދައްކަމުން ގެންދާނަމަ، ކޮންމެވެސް ބަޔަކު ޓެސްޓުން ފޭލިވީ ކަމުގައި ބައްލަވާށެވެ. ވިއްސާރަ ދުވަހަކު ބަލިވެގެން ހޮސްޕިޓަލަށް ގޮސްލަން ފޯނުކޮށް، އާދޭސް ކޮށްގެން ވެސް ނުފޮނުވީމައި، މަގުމައްޗަށް ނިކުމެ ފެހި ބޯޑުގެ ފަންސާސް ބޯޑަށް ސަލާންޖަހާއިރު ވެސް މަޑުނުކުރާ ކާރު، އިންތިޚާބު އޮންނަ ދުވަހު ހަމަ ހެޔޮ ހިތުން، ކާރަކަށް އެދި ނުވެސް ގުޅަނީސް ގޭދޮށަށް އައިސް އެ އޮންނަނީ ހަމަ ދަރުމަޔަށްތޯއެވެ؟ ނޫނެކެވެ!

ދެން އެހެންވިއްޔާ، އެ ޙާލަތް ކުރިމަތިވީމައި ނުފޫޒުގެ ޓެސްޓުން ފޭލި އެވަނީ ކޮން ބައެއްތޯއެވެ؟

ކުލީ ކާރު ކުއްޔަށް ހިފައި، ސެންޓަރުން ދުވަހު ކުލީ ވާދަޔަށް ކީ ބޮޑު ކުލި ދައްކައިގެން ނަމަވެސް ކާރު ހިފާން އަންގާ އިސް ލީޑަރުންތޯއެވެ؟ ކުލީ ކާރު ފޮނުވުމުގެ ރޭވުން ހިންގަން އެ ކަން ކުރުވާ މަރުކަޒެއްގައި ތިބޭ މޭސްތިރީންތޯއެވެ؟ ކާރުގައި ފައިލު ހިފައިފައި އެ ތިބޭ އިސް މީހުންތޯއެވެ؟ ކާރު އައިމައި ކާރުގެ ބޭނުންކުރާ މީހުންތޯއެވެ؟ ކާރު ކުއްޔަށް ދޫކުރާ ފަރާތްތައް ތޯއެވެ؟ އެފަދަ ކާރުތައް ނިކުމެ އުޅޭ ކަން އެނގިމެ، 'މީހަކު ރިޕޯޓު ނުކުރަންޏާ ނޭނގޭނެ ނޫންހޭ' ބުނެފައި އެކަމާ އަޅައިނުލައި ބަޔަކު ތިބޭނަމަ އެ މީހުންތޯއެވެ؟ ނުވަތަ އެންމެން ތޯއެވެ؟ އެކަމަކު އެ ގޮތަށް ފައިލު ހިފައިގެން ގޭގޭ ދޮށަށް ދިޔުމަކީ ނުފޫޒަކަށް ހަމަ ނުވޭތޯއެވެ؟ އަޅުގަނޑަކަށް ނޭނގެއެވެ!

އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެ ފެންވަރުން އެންމެ ކަމެކެވެ. އެއީ، އަޅުގަނޑުގެ މި ކުޑަކުޑަ އިމްތިޙާނު ބާއްވާ ދުވަހު އެއްކަލަ ކާރުތައް ނިކުމެގެން ފާޅުގައި އުޅެންޏާ، ޓެސްޓުގެ ނަތީޖާ ހަދަން އަޅުގަނޑަށް އެނގޭނޭ ކަމެވެ. ދިމާޔަށް ހިނގާ އެއް ގޯސް ނުފެންނަންޏާ ބަތާނަ ފުށުގައި ހުރި އެތައް ގޯހެއް ނުފެނިވެސް ހުރެދާނޭ ބުނުމުގެ ޖާގަ އޮތްކަމެވެ. އަޅުގަނޑުމެން ހިސާބުގައި ބޯޅަ މެޗެއް ކުޅެގެން ބަލިވާ ޓީމުން ބަލިވުމުގެ އެންމެހައި ސަބަބެއް ރެފުރީގެ ބޮލުގައި އަޅުވާ ގޮތަށް، ތޫލި އަޑުތަކުން މީސްމީހުންގެ ނަމާއި ވަނަން ގޮވާނޭ ދޮރު އެ ހިސާބުންވެސް އެ ހުޅުވުނީ ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
27

One Response

  1. މިއުޅެނީ ޕީ،ޕީ،އެމްގެ އިންތިޙާބެއް އަންނާކަށް ނޫނެވެ. ކަލޭމެން ސިޔާސީނުވެ ކަލޭމެންގެ ގޮތުތުގަ ތިބެބަލަ. މި ރާއްޖޭގަ އެމް،ޑީ،ޕީ ނޫނީ ވާދަވެރި ސިޔާސީ ޕާޓީއެއް ނޯންނާނެ… ޕީ،ޕީ،އެމްގަ ޔާމިނާ އެކު އެހެން މީހަކު ކުރިމަތިލުންވެސް މަނާ… ކޮންމެ ގޮތެއްވިޔަސް ޔާމިނުގެ ނަމެއް 2023 ގެ ވޯޓު ކަރުދާސްކޮޅުގަ ނޯންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *