Support Us

ޢުމުރުން ދުވަސްވީ މީހުން ގިނަވަނީ، ސަމާލުވޭ!: އދ

ޢުމުރުން ދުވަސްވީ މީހުން ދުނިޔޭގައި އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އދ. އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު 2023 ވަނައަހަރުގެ ޢާލަމީ އިޖްތިމާޢީ ރިޕޯޓު ބުނާ ގޮތުން 2021 ވަނަ އަހަރު ދުނިޔޭގައި ތިބި 65 އަހަރުން މަތީ ޢުމުރުގެ މީހުންގެ ޢަދަދަކީ 761 މިލިއަނެވެ. އަދި 2050 ވަނަ އަހަރަށް ދާއިރު މި ޢަދަދު 1.6 ބިލިއަނަށް އިތުރުވާނެ ކަމަށް މި ރިޕޯޓު ނިމުތު ކުރެއެވެ.

އދ. ގެ އިޤްތިޞާދީ އަދި އިޖްތިމާޢީ އިދާރާއިން ނެރުނު މި ރިޕޯޓުގައި ދެމެހެއްޓެނިވި މުސްތަޤްބަލަކަށް ޓަކައި ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކަށާއި ފާގަތިކަމަށް ޓަކައި ގުޅިގެން ޖަމާޢީ ސިފައެއްގައި މަސައްކަތްކުރުމަށް ލާޒިމުވެފައިވާ ކަމަށް ބުނެފައި ވެއެވެ. އެއީ ދުނިޔެއާ ކުރިމަތިވަމުންދާ ތަފާތު ބާވަތްބާވަތުގެ މަސްއަލަތައް ޙައްލު ކުރުމަށްޓަކައި ކަމަށް މި ރިޕޯޓު ބުންޏެވެ. މި ގޮތުން ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ މަޢީޝަތީ އަގުތައް މައްޗަށް ދިޔުމުގެ މަސްއަލައެވެ.

"މުސްކުޅިވަމުންދާ ދުނިޔޭގައި އެކަކުވެސް ބާކީ ނުކުރުން" މި ސުރްޚީގެ ދަށުން ނެރުނު މި ރިޕޯޓު ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދުގެ ދުނިޔޭގެ ޚާއްޞަ އެއް ސިފައަކީ މުސްކުޅިކަމެވެ.

ދުނިޔެއަށް ބަލާއިރު 2021ގައި އުފަންވި ކުދިން 1950ގައި އުފަންވެފައިވާ ކުދިންނަށްވުރެ 25 އަހަރު އިތުރަށް ދުނިޔޭގައި އުޅޭނެއެވެ. މި ރިޕޯޓު ނިމުތުކުރާ ގޮތުގައި ފިރިހެނުންގެ ޢުމުރަށްވުރެ އަންހެނުންގެ ޢުމުރު ފަސް އަހަރު އިތުރުވާނެއެވެ.

ބަރޫދުތަކުގައި މުސްކުޅިކަން

މި ރިޕޯޓު ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދަހަރުގެ ތެރޭގައި މުސްކުޅީންގެ ޢަދަދު އެންމެ ބޮޑަށް އިތުރުވަމުން ދާނީ އުތުރު އެފްރިކާއާއި ހުޅަނގު އޭޝިޔާއާއި އެފްރިކާގެ ދެކުނު ޞަޙަރާ ސަރަޙައްދުތަކުގައެވެ.

މި ވަގުތަށް ބަލާއިރު އެންމެ ގިނައިން މުސްކުޅިން ތިބީ ޔޫރަޕާއި އުތުރު އެމެރިކާގައި ކަމަށް މި ރިޕޯޓުގައި އައިސްފައިވެއެވެ.

މި ރިޕޯޓު ބުނާގޮތުގައި މުސްކުޅިން އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި ޞިއްޙީ ފަރުވާ ރަނގަޅުވުމާއި ތަޢުލީމު ލިބުމުގެ ފުރްޞަތު އިތުރަށް ތަނަވަސްވުމާއި ވިޔަނަވަރު (ފަރޓިލިޓީ) ގެ ނިސްބަތް ދަށަށް ދިޔުން ވެއެވެ. ވިޔަނަވަރުގެ ނިސްބަތް ދަށަށް ދިޔައީ ދޭތެރެދުރުކުރުމުގެ ވަސީލަތްތައް އަތްފޯރާފަށަށް އައުމާއި އޭގެ އަގު ހެޔޮވުމުގެ ސަބަބުން ކަމަށް މި ރިޕޯޓުގައި އައިސްފައި ވެއެވެ.

އެހެނަސް މި ރިޕޯޓު ބުނާގޮތުގައި ޞިއްޙަތަށާއި ތަޢުލީމަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން އެންމެންނަށް ހަމަހަމަކޮށް ފައިދާ ލިބެމަކުން ނުދެއެވެ. ޢުމުރުން ދުވަސްވީ ބައެއް މީހުން ފުރިހަމަ ދުޅަހެޔޮކަމުގައި ދިރިއުޅެމުންދާއިރު ނުވަތަ އިޤްތިޞާދީ މައިދާނުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވަމުން ދާއިރު އަނެއްބައި މީހުން އުޅެމުންދަނީ ބަލިމަޑުކަމާ އެކުގައެވެ. އަތްމަތިދަތިކަމާއި ވޭނާއި ތުރާލުގެ ތެރޭގައެވެ.

މި ރިޕޯޓު ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ޤައުމުތަކެއްގައި ޢާންމު ހޭދައަށް ކަނޑައަޅައިފައިވާ ބަޖެޓުން ދިގު މުއްދަތަކަށް ބޭނުންވާ ރިޢާޔަތާއި އަޅައިލުމުގެ ޚަރަދުތައް ބެލެހެއްޓޭވަރެއް ނުވެއެވެ.

އދ ގެ އަމީން ޢާންމު އެންޓޯނިޔޯ ގުޓަރެޝް އޭނާގެ ރިޕޯޓު "އަހުރެމެންގެ ގުޅިފައިވާ ރޭވުން" ގައި ރަނގަޅު ތަޢުލީމު ދިނުމަށާއި ޞިއްޙީ އަޅައިލުން ތަނަވަސްކޮށް ދިނުމަށާއި ޢުމުރުގެ ތަފާތު ފިޔަވަހިތަކުގައި ކުރެވިދާނެ އެކަށީގެންވާ މަސައްކަތެއް އެންމެންނަށް ވެސް ތަނަވަސްކޮށްދިނުމަށް ގޮވައިލައްވައިފައި ވެއެވެ.

ރިޓަޔަރމެންޓް ނިޒާމަށް ދެމެހެއްޓެނިވި މާލިއްޔަތެއް

އދގެ މި ރިޕޯޓުގައި އިޖްތިމާޢީ ރައްކައުތެރިކަމުގެ ނިޒާމާމެދު އަލުން ވިސްނާ މުރާޖާ ކުރުމަށް ގޮވައިލައިފައި ވެއެވެ. މިއީ ޟަރޫރަތެއް ކަމަށް ވެސް މި ރިޕޯޓުގައި އައިސްފައި ވެއެވެ. މި ނިޒާމުގެ ތެރޭގައި ރިޓަޔަރމެންޓް ނިޒާމު ހިމެނެއެވެ.

ރިޓަޔަމެންޓް ނިޒާމަށް ޓަކައި ދެމެހެއްޓެނިވި މާލިއްޔަތެއް އޮންނަންޖެހޭނެ ކަމަށް މި ރިޕޯޓުގައި އައިސްފައިވެއެވެ. މި ނިޒާމު ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށް އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށް ދިނުންވެއެވެ. މަސައްކަތުގެ ރަސްމީ ބާޒާރުން ދުރަށް ލެވިފައިވާ މީހުންނަށް މުނާސަބު މަސައްކަތެއް ކުރެވޭނެ ފުރްޞަތު ތަނަވަސްކޮށްދިނުމަށް މި ރިޕޯޓު ގޮވައިލައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *