Support Us

ކޮލަމް: ދޭހަ

ކޮލަމް ދޭހަ: ރަތް ރޮނގު ދަމާލެވޭ ހިސާބު ނެތުމުން ފަހުން ގެއްލުންވާނެ!

ރާއްޖޭގައި ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު ގިނަފަހަރު ކަންތައްތައް ކުރެވެނީ ހަމައެކަނި ނަމަކަށޭ ހީވާކަހަލަ ގޮތްތައް ފެނެއެވެ. ނުވަތަ ކޮންމެވެސް އިންތިޚާބެއްގައި ވޯޓުލާ މީހުންގެ ރުހުން ލިބޭނޭ ގޮތެއް މެދުވެރިވުމަށް ކަމެއްކޮށްލަނީއޭ ހީވާ ފަހަރުވެސް އާދެއެވެ.

އަތޮޅުތަކާއި ރަށްރަށަށް އިމެއް ނެތް ގޮތަށް ބާރު ދިނުމަކީ އެންމެ ރަގަޅު ގޮތް ކަމަށް ޤަބޫލުކުރަން އަޅުގަނޑަށް އުނދަގުލެވެ. އެއީ މިހާރު ވެރިކަންކުރާ ޕާޓީން ނިންމި ނިންމުމަކަށް ވިޔަސް ނުވަތަ ކުރިން ވެރިކަން ކުރި ޕާޓީން ނިންމި ނިންމުމަކަށް ވިޔަސްއެވެ. ރައްޔިތުންނަށް ފައިދާ އާއި ރައްކާތެރިކަން އޮތް ޤައުމީ ސިޔާސަތެއް ނެތި، ހަމައެކަނި ވޯޓު ހޯދުމަށް ވެރިކަންކުރުމަކީ، ނުވަތަ ވެރިކަން ހޯދަން އުޅުމަކީ އަޅުގަނޑުގެ ނަޒަރުގައި ޤައުމަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. އެކަން ކުރަން އުޅޭ މީހުންނަށް ފައިދާހުރި ކަމަކަށް ވެސް ވެދާނެއެވެ. ބައެއް މީހުން ފައިދާކަމަށް ބަލަނީ ލިބޭ ފައިސާއިންނެވެ. އަނެއްބަޔަކު ފައިދާ ކަމަށް ބަލަނީ ލިބޭ ބާރުންނެވެ. އަނެއްބަޔަކު ފައިދާ ކަމަށް ބަލަނީ ލިބޭ މަޝްހޫރުކަމުންނެވެ. އަބަދުވެސް ނޫހުގެ ފުރަތަމަ ސަފްޙާގެ ފަލަ ސުރުޚީގައި އޮންނަގޮތް މެދުވެރިވުމުންނެވެ. މިހުރިހާ ގޮތްތައް ޝާމިލުވުމުން ފައިދާވާ ކަމަށް ޤަބޫލުކުރާ މީހުންވެސް އުޅެއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އެއްޗަކީ ބިމެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ އެއިރުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިއަކު އޭނާ އަށް ބައެއް ކަންކަމުގައި އެހީތެރިވެދިން މީހެއްގެ ކައިރީގައި ވިދާޅުވި ކަމުގައި ވަނީ ވޯރާ ވިޔަފާރިވެރިންގެ ޒަމާނުގައި އޭނާގެ އަރިހުގައި ނާނަބަހައި ކިޔާ ވިޔާފާރި ވެރިއަކު ބުންޏެވެ. އޭނާގެ ނަމުން ކިޔާފައި "އެގޭ ހެއްޔެވެ. މީގެ ވިއްސަކަށް އަހަރު ފަހުން ރާއްޖޭގައި އެންމެ އަގުބޮޑު އެއްޗަކަށްވާނީ ބިމެވެ." ރަނަށް ވުރެ ބިމުގެ އަގު ބޮޑުވާނެއެވެ. މިވާހަކަ ނާނަބަހައި ބުނިކަމުގައި ވަނީ ފަންސާހުގެ އަހަރުތަކުގެ ފަހުކޮޅުގައި ނުވަތަ ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މި ދެންނެވި ވިޔަފާރިވެރިއަކީ މާލޭގައި ބޮޑު ބިންވެރިއެކެވެ. ފަހުން އޭނާގެ ވަރަށް ގިނަ ބިން ވިއްކަވާލެއްވިއެެވެ. ބޭނުންފުޅުނުވެގެން ނުވަތަ ހާލުގައި ޖެހިގެނެއް ނޫނެވެ. އޭނާގެ އަރިސްމީހަކު ބުނި ގޮތުގައި ބައެއް ބިންތައް ވިއްކަވަން އޭނާ އަށް ހާލަތު މަޖުބޫރުކުރުވީ، ބައެއް ބިން ގަންނަން އައި މީހުންނަށް އެ ބިން ނުވިއްކަވައިފި ނަމަ އޭނާ އަށް ލިބިދާނެ މާލީ ގެއްލުން މާ ބޮޑުވާނެކަމަށް ހީފުޅުވެގެންނެވެ.

އަހަރުތަކެއް ކުރިން ފުވައްމުލަކުގައި ގޯތި ދޫކުރަން ނިންމާފައި އޮތް ދުވަސްވަރެއްގައި މި ލިއުން ލިޔާ މީހާއަށް އެރަށަށް ދެވުނެވެ. ގޯތީގެ ދޫކުރާ ބޮޑުމިނަކީ ކޮބައިތޯ ސުވާލުކުރުމުން ލިބުނު ޖަވާބަކީ ހަތަރު ހާސް އަކަފޫޓުވެ. އެ މިނަށް ގޯތި ދޫކޮށްގެން މުސްތަޤްބަލުގެ ޖީލަށް ގޯތި ހުންނާނެތޯ ސުވާލު ކުުރުމުން ލިބުނު ޖަވާބަކީ "މިރަށުގައި ބިން ތިބޭނެ. އެ ހުހެއްނުވާނެ" އަހަރު ތަކެއްް ފަހުންނެވެ. އެހެން ދަތުރެކެވެ. ރަށުގައި ގޯއްޗަށް ބޭނުންވެފައި ތިބި ބައިވަރު މީހުންނަށް ގޯތިނުލިބުމުގެ ހިތް ހަމަނުޖެހުމެއް އޮތްކަން އެނގުނެވެ. ކުރިން ވާހަކަ ދެއްކި މީހާގެ ކައިރީގައި އެވާހަކަ ބުނުމުން އޭނާ ދިން ޖަވާބަކީ "އަލަށް ކައިވެނިކުރުމާއި އެކު ގޯއްޗެއް ހޯދަން އެދެއެވެ. ދަރިއަކު ލިބުމާއި އެކު ދަރިފުޅަށް ގޯއްޗެއް ހޯދަން އެދެއެވެ. މިއީ ނިމުމެއް އޮތްކަމެއް ނޫނެވެ."

ސަރުކާރުގެ ބިމާ ބެހޭ ޤައުމީ ސިޔާސަތެއް އޮންނަން އެބަޖެހެއެވެ. އެ ސިޔާސަތުގައި ރަށަަކުން ގެދޮރު އެޅުމަށް އަމިއްލަ ބޭނުމަށް ގޯތި ދޫކުރެވޭނެ އެންމެ ބޮޑު މިން އޮންނަން ޖެހެއެވެ. އެ ރަށަކީ ބިން ބޮޑު ރަށަކަށް ވިޔަސް ނުވަތަ ބިން ކުޑަ ރަށަކަށްވިޔަސް އެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކަން ޤާނޫނަކުން ކަނޑައެޅުމެވެ. އެއަށް ބަދަލު ގެންނަން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނުން އެބަދަލު ގެނެވިދާނެއެވެ. ކުރީ ޒަމާނުގައި އަތޮޅުތަކުގައި ވެސް އަދި މާލޭގައި ވެސް ބޮޑެތި ގޯތި، މައިގަނޑު ގޮތެއްގައި ބޭނުންވީ ގިފިއްޔާއި، ހަނޑަސްބުރިއާއި ވަޅުކޮޓަރި ފަދަ ތަންތަން ހެދުމަށް ޖާގަ ހޯދާށެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ދުވަހުން ދުވަހަށް ގެއަށް ބޭނުންވާ ގޮވާން ނުވަތަ ތަރުކާރީ ހައްދާށެވެ. މި ޒަމާނަކީ އަލަށް ހަދާ ގޭގޭގައި ފާޚާނާ ބަހައްޓާ ޒަމާނެވެ.

ބިން ނެތް ރަށްރަށުގައި ސަރުކާރުން ބިން ހިއްކަނީ އެވެ. އާދޭހެވެ. ތެލުންނެވެ. ބޮޑު ޚަރަދެއްކޮށްގެންނެވެ. މިގޮތަށް ބިން ހިއްކާއިރުވެސް ގޯއްޗަށް ބޭނުންވާ އެންމެނަށް ގޯތި ލިބޭވަރަށް ބިމެއް ނުހިއްކެ އެވެ. ހިއްކާނެ ބިމެއް ވެސް ބައެއް ރަށްރަށުގެ ފަޅުން ނުލިބެނީއެވެ. ބިން ހިއްކުން ފަދަ މަޝްރޫޢުތަކަށް ސަރުކާރުން ފައިސާ ހޯދަނީ އަޅުގަނޑުމެންގެ އަތުން ނަގާ ޓެކުހުންނެވެ. ފައިސާ ޗާޕުކޮށްގެންނެވެ. އަވައްޓެރި ޤައުމުތަކުގެ ސަރުކާރުތަކުގެ ނުފޫޒުގައި އެ ޤައުމުތަކުގެ ބޭންކް ތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެގޮތަށް ދަރަންޏަށް ނެގޭ ފައިސާ ވެސް ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެން ދައްކަންޖެހެއެވެ. އަނެއްކާ ވެސް ބާރުކުރަނީ އަޅުގަނޑުމެންގެ ޖީބަށެވެ. ޓެކްސް ބޮޑުކޮށްގެންނެވެ. ނުވަތަ އިތުުރު ޓެކްސްތައް ނަގައިގެންނެވެ. ވޯޓު ހޯދަން އުޅޭ ސިޔާސީ ބައެއް މީހުން ބުނަނީ ޓެކްސް ކުޑަކުރާނެކަމަށެވެ. ހަމައެއާއި އެކު ބުނަނީ އެޕާޓްމެންޓު ތަކަށް ކުލި ނުދެއްކޭ މީހުން ނުވަތަ ކުލި ނުދައްކާ މީހުންނަށް ކުލި ދެއްކުމަށް ފައިސާގެ ގޮތުން ސަރުކާރުން އެހީވާނެ ކަމަށެވެ. އެ ފައިސާ ހޯދަނީ ކޮންތާކުންތޯއެވެ؟

ބިންއޮތް ބޮޑުރަށެއް ކަމަށް މިހާރު ފެންނަން އޮތް ރަށަކުން ގޯތިދޫކުރަން އެ ރަށުގެ ކައުންސިލުން ދާދިފަހުން ނިންމިއެވެ. ގޯއްޗެއްގެ ބޮޑު މިނަކީ ތިން ހާސް އަކަފޫޓެވެ. އެހެން ރަށެއްގައި ހިއްކާފައި އޮތް ބިމަކުން ގޯތި ދޫކުރަން އެރަށުގެ ކައުންސިލުން ނިންމީ ގޯއްޗެއްގެ ބޮޑުމިނަކަށް ދެހާސް އަކަފޫޓެވެ. އެހެން ނަމަވެސް ފަހުން ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ގޯއްޗެއްގެ ބޮޑުމިން 2،500 އަކަފޫޓަށް ބަދަލު ކުރިއެވެ. މާލެއިން ހިއްކި ބިމުން ގޯތި ދޫކޮށްފައިވަނީ ބާރަ ސަތޭކަ އަކަފޫޓާއި ފަނަރަ ސަތޭކަ އަކަފޫޓާ ދެމެދުގެ އަދަދަކަށެވެ.

ރަށް ބޮޑަސް ނުވަތަ ކުޑަޔަސް ރަށްރަށުން ދިރިއުޅުމަށް ގޯތި ދޫކުރެވޭނެ ޤައުމީ މިނެއް އޮންނަން ވެއްޖެއެވެ. ދިރިއުޅުމަށޭ ކިޔާފައި ދޫކުރެވޭ ވަރަށް ގިނަ ގޯތިތަކުގައި ދިރިނުއުޅޭ ތަންވެސް ފެނެއެވެ. އެ ބިން ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރަނީ އެވެ. މާލެއިން ބޯހިޔާވަހިކަމެއް ނެތިގެން ފުލެޓް ދޫކުރި މީހުންގެ ތެރެއިން އެތައް ސަތޭކަ މީހުނެއް ވަނީ އެމީހުންގެ ފުލެޓް ކުއްޔަށް ދޫކޮށްފައެވެ. ފުލެޓް ކުއްޔަށް ދިނުމުގައި ބައެއް މީހުންގެ މަޖުބޫރީ ޙާލަތެއް ވެސް އޮވެދާނެއެވެ. އެހެންވިޔަސް އެފަދަ މީހުން ވެސް ބޯހިޔާވަހިކަމެއް ނެތް މީހުންގެ ގިންތީގައި ހިމެނުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުން ވިސްނަވާތަން މި ފެންނަނީ މިއަދު ވެރިކަމުގައި ތިއްބެވޭނެ ގޮތެކެވެ. އިތުރުފުޅު ހައްދަވައިގެން، މަގުފުރައްދަވައިގެން ވެސް ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތެކެވެ. ރާއްޖޭގެ މާދަމާގެ ރައްޔިތުން އުފުއްލާނެ ބުރައަކާއި، ކުރިމަތިވާނެ އުނދަގުލަކާ މެދު ވިސްނަވާހެން ދައްކަވާ ވާހަކަތަކަކުން ދޭހައެއް ނުވެއެވެ. ރާއްޖެއާ ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތަކާ މެދު ޚިޔާލުކުރައްވާހެން ވެސް ހިއެއްނުވެއެވެ.

ވަގުތު ފާއިތުނުވަނީސް ގޯތި ދޫކުރުމުގެ ބޮޑުމިނާ މެދު ސަރުކާރުން ގޮތެއް ނިންމަން އެބަޖެހެއެވެ. ރާއްޖޭގެ ކޮންމެ ބިމެއްގައި ވެސް ބަންޑާރަ ގޯތި ދޫކުރެވޭނެ މިނެކެވެ. އެއް މިނަކަށެވެ.